November 23, 2024 12:53
Advertisement

-Advertisement-

ދިރިއުޅުމަކީވެސް ޒާތެއްގެ ކަމެކެވެ!

ދިރިއުޅުމާއި ހަޔާތުގައި ދިމާވާ ގިނަ ކަންކަމަކީ ނިކަން މަޖާ ކަންކަމެވެ. މިތަނުގައި އަހަރެން "މަޖާ" މާނަ މިކުރީ, ހަޔާތުގައި ދިމާވެފައިވާ އަދި ދިމާވަމުންދާ ކަންކަމަކީ އެކަންކަމާއިމެދު އެމީހަކު ވިސްނި ގޮތަކަށް އެމީހަކަށް ފެންނާނެ ކަންކަމެވެ. ކުރުގޮތަކަށް ބުނަނީނަމަ ހަޔާތުގައި ދިމާވާ ކަންކަމަކީ އެމީހަކު މާނަ ކުރިގޮތުގަކަށް ހިނގައިފައިވާ, ހިނގަމުންދާ އަދި ހިނގާނެ ކަންކަމެވެ. މިބުނީ ދޮގެއްތޯ ޓެސްޓްކޮށްލަން ހިނގާށެވެ.

މިއަދު ދިމާވެގެން މިއުޅޭ ކަމަކީ މެންދުރު ކައްކަން މަސް ގަންނަން މާރުކޭޓަށް ދިޔައިރު އެތަނަކު ކަނޑުމަހެއް ކަންނެއްޔެއް ނެތެވެ. ހުރީ ފަރުމަސް އެކަންޏެވެ. ދެން މިކަމާއި އަހަރެން އަންނާންވީ ރުޅި ހެއްޔެވެ. އެތަނުގައި އަހަރެން ބޭނުންވާ ބާވަތުގެ މަސް ނެތިގެން ރުޅި އަންނާން އެއީ އަހަރެންގެ ބަފައިބެ އަހަރެންނަށް ހަދައިދީފައި އަހަރެން ބޭނުން ކޮންމެ ގަޑިޔަކު ދިޔަޔަސް ބޭނުންކަހަލަ މަހެއް ލިބޭނޭކަމަށް ވަސިއްޔަތްކޮށްފައި ހުރި ތަނަކީ ހެއްޔެވެ. ދެން އެކަމާއި އަހަރެން ވާންވީ ދެރަ ހެއްޔެވެ. އެކަމާއި އަހަރެން ދެރަވާން އަހަރެން މިވެނި ގަޑިއެއްގައި މަސް ގަންނާން އަންނާނަމޭ ބުނެފައި އަހަރެން އައިއިރު ކެޔޮޅުބެ އޭނާގެ އަހުދާއި ވައުދަށް ބޭވަފާތެރިވީނަމަ ނޫންހެއްޔެވެ. ހަގީގަތަކީ މިއެވެ. އަހަރެން ކޮންމެ ކަހަލަ އިހުސާސެއް ކުރިކަމުގައި ވިޔަސްވެސް މާރުކޭޓުގައި ހުންނަ މަސްމަހާއި އެމަސްތަކުގެ އަގުތަކާއި ބާވަތްތަކާއި އަދި އެވިއްކަން ތިބޭ މީހުންނަކީ އަހަރެންގެ ބާރުހިނގާ ހިސާބުން ބޭރުގައި ހުރިކަންކަންކަމެވެ. އެހެންކަމުން އަހަރެން ނިންމީ މިކަމުގައި އަހަރެން ހަދާނެ ގޮތަކީ ހޭނީ ކަމަށެވެ. އެހެންކަމުން ހެމުން ހެމުން ގޮސް މާރުކޭޓުން ހެޔޮވަރު ވަރުގެ ދެތިން ފަރުމަހެއް ގަނެގެން ގޮސް އެމަސް ކަނޑަންހުރި ބޭބެއަށް އެކަމަށްވާ އަގު ދީފައި އަހަރެން ހެމުންހެމުން އައީ ގެޔަށެވެ.

އައިސް ގެއަށް ވަންތަނާ ކަމަކުދާކަށް ނެތެވެ. އަނބިގޮއްޔެ އަހަރެން ކުދިކޮށް ކޮށާފައި ކުޅިމަސް ހަދާނުލީ ހަމަ ކިރިޔާއެވެ. އަޅެ މާރުކޭޓުގައި ކަނޑުމަސް ނެތުމުގައި އަހަރެންގެ އޮތީ ކޮން ކުށެއްހެއްޔެވެ. ބަފައިބެއާއި މައިދައިތަ ނޫން އެހެން މީހުންނަށް ފަރުމަސް ނުކެވުމުގެ ޒިންމާވެސް ނަގާންވީ އަހަރެންހެއްޔެވެ. ވަޒީފާ ދޫކޮށްލާފައި މަހަށް ދާންވީއޭވެސް ހިތަށްއެރިއެވެ. އެއިރުން ހަމަގައިމުވެސް ކަނޑުމަސް ހުސްނުވެ ލިބޭނެއެވެ. ދެން ހިތަށްއެރީ އަދި މާ ނުލަފާ އެއްޗެކެވެ. ކޮންމެކަހަލަ މަހެއްވެސް ކާލެވޭނެ އަންބެއް ހޯދުނުނަމަ ކިހާ ބޮލަށް ފަސޭހަވީސްހެއްޔެވެ. މިޚިޔާލާއިއެކު މޫނުމައްޗަށް ވެރިވި ނުލަފާ ޒާތުގެ ހިނިވަރުން އަނބިގޮއްޔެ މަސްކޮތަޅުން ނުޖެހީ ކިރިޔާއެވެ. މިދިމާވެގެން އުޅޭ ކަމުގައި އެންމެ އުފާ ކުރީ ބަފައިބެއާއި މައިދައިތައެވެ. ބަފައިބެއަށް ދޮށި އުކަން ދެވޭވަރަށްވުރެން މުސްކުޅިވެ ގައިބާރުދެރަވީފަހުން ކާލާނެ ފަރުމަސްކޮޅެއް ނުލިބޭތީ މިދެމީހުންވެސް ތިބެނީ ޒާތަކަށެވެ. އެންމެފަހުން މިއަދު ހެނދުނު ކޮންމެވެސް މީހަކު ބާނައިގެން ގެނައި ތާޒާ ގިނި މަސްކޮޅަކާއި ކިރުޅިޔާކޮޅަކާއި ތެލުލާނެ ފަރުތޮޅިއެއްވެސް ލިބުނީއެވެ. ދެމީހުންގެ މޫނުމަތީގެ އުފާވެރިކަމުން ހީވަނީ ކައިގެން އަނެއްކާ ހަނީމޫނަށް ފުރަން އުޅޭހެންނެވެ. ދެން އިނީ މަގޭ ދަރިއެވެ. މިއީ އަދި މާ ކަންޖޫސްކަން ބޮޑު ސޮރެކެވެ. އަހަނ, މަންމަ ފަރުމަސް ނުކަންޏާ މަންމައަށް "ކެވޭނެ ކަހަލަ" ސަބްމެރީނެއް ނޫނީ ހެލިކޮޕްޓަރެއްވިޔަސް ގެނެސްފިއްޔާ އެސޮރަށްވެސް ލިބޭނެކަން މާކުރިންވެސް އެނގޭތީވެ އައިސް "ބައްޕާ, މަންމަ މިއަދު މާ ރުޅި ގަދަވެގެން އުޅެނީ ދޮންނަ މެޝިނު އަދިވެސް ނުހެދޭތީހޭ އަހާލާފައި, އެހެން ކަމެއް ވެގެން އުޅޭކަން ނުވެސް ދެނަހުރިކަމަށް ހަދާލާފައި އެދިޔައިއީއެވެ.

Advertisement

މިދިމާވީ އެއްކަމެކެވެ. ހަމަ އެންމެ ކަމެކެވެ. މަސްމާރުކޭޓުގައި އެހެންޏާ ވިއްކަން ހުންނަ ފިނިކުރި ކުނިވެފައިހުންނަ ކަނޑުމަސް މިއަދު ނެތީއެވެ. ލައިގެން ކާނެ އެއްޗެއް ކޮންމެހެންވެސް ހޯދާނަމޭ ހިތައި ދެތިން ފަރުމަހެއް ގަނެވުނީއެވެ. މިކަމާއިވިދިގެން އެކި މީހުންގެ އިހުސާސްތައް ހުރީ އެހެން މިހެންނެވެ. ދޮންނަ މެޝިނުގެ ވާހަކަވެސް އަދި ކިޔައިދޭނަމެވެ. އެކަމަކު ހަގީގަތުގައިވެސް ދިރިއުޅުމަކީ އެމީހަކު އެކަމާއިމެދު ވިސްނައި, އަމިއްލަޔަށް ޖަޒުބާތުކުރި ގޮތަކަށް ހިނގަމުންދާނޭ ކަމެއްކަން ކަށަވަރެވެ. މިހާރު މިވިސްނަނީ ކުރިންވެސް ދޮންނަމެޝިނު ހަދަން ގެނައި ބަންގުލަދޭޝްގެ ޑަކުޓަރު މިފަހަރުވެސް ގެންނާނީތޯ, ނޫނީ އެއްކަލަކަހަލަ ބެޓެރީ ސައިކަލެއް ގަންނާން އެއްކުރަމުން އަންނަ ފައިސާކޮޅުން ހަބީބާއަށް އައު މެޝިނެއް ގަނެފައި މިރޭ ނިދާލެވޭނެވަރު ކޮށްލާނީތޯއެވެ.  

+1
1
+1
7
+1
1
+1
44
+1
2
+1
2
+1
1

Advertisement

ޖުމްލަ 5 ކިޔުންތެރިންގެ ހިޔާލު

    1. އެކުވެރި ތަސްނީފުގެ ލިޔުމުގެ ހުނަރު އެބަހުރި. އުންމީދަކީ މިފަދަ މޮޅެތި ލިޔުންތައް ވީހާވެސް ގިނަކޮށް ކިއުންތެރިންނާއި ހަމައަށް ގެނެސް ދިނުމެވެ.

      1
      1

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް