ރާއްޖޭގައި ބާއްވާ ކަނޑުއުޅަނދުފަހަރާއި ގުޅޭ އެންމެ ބޮޑު އެކްސްޕޯ " މޯލްޑިވްސް މެރިން އެކްސްޕޯ" ގެ 8 ވަނަ އެޑިޝަން ބާއްވަން ހަމަޖެހިފައި ވަނީ މިއަންނަ މާރިޗް މަހުގެ 15 އިން 18 އަށެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިފަހަރުގެ މެރިން އެކްސްޕޯގައި ކުރީ އަހަރު ތަކަށްވުރެ އިތުރު ބައިތަކެއް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ފުރަތަމަ އެޑެކްސް މޯލްޑިވްސް ޗެޕްޓަރ ޚާއްސަ ކޮށްފައިވަނީ ޑައިވިން އިންޑަސްޓްރީ އަށެވެ.
" އާއުފެއްދުންތައް ބާޒާރަށް ނެރޭއިރު މިހާރު ހުރި އުފެއްދުންތައް ވެސް ދައްކާލުމަށް ވަނީ ހަމަޖެހިފަ. މިގޮތުން ދޯނިފަހަރާއި އިންޖީނުތަކާއި އިތުރު އިކުއިޕްމެންޓްތައް ދައްކާލުމަށް ވަކި ސަރަހައްދެއް ކަނޑައެޅިފައިވާނެ. މެރިން އެކްސްޕޯގައި މިފަހަރު ވެސް އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައި".
މެރިން އެކްސްޕޯ އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދޭގޮތުގައި ބޯޓެއް ބިލްޑްކުރަން ބޭނުންވާ ފަރާތްތަކާއި އަދި ބޯޓަށް ބޭނުންވާ އިތުރު ސާމާނު ބޭނުންވާ ފަރާތްތަކަށް މެރިން އެކްސްޕޯ އިން ހުރިހާ މައުލޫމާތަކާއި އެތަކެތި ލިބޭނެ އިންތިޒާމް ހަމަޖެހޭނެއެވެ.
" މެރިން އެކްސްޕޯގެ އެގްޒިބިޓަރ އަކަށް ވީމަ އެބަލިބޭ އެއްފަހަރާ ގިނަ ބަޔަކާ ބައްދަލުކުރުމުގެ ފުރުސަތު. ޕެނަލް ޑިސްކަޝަން ވެސް ކުރިއަށްދާނެ. އެހެންވީމަ ތަފާތު ޚިދުމަތްދޭ ފަރާތްތަކާއި އެއްތަނަކުން ބައްދަލުވުމުން މިއީ ލިބޭ ވަރަށް ބޮޑު ފުރުސަތެއް އަދި ފަސޭހައެއް".
މިދާއިރާގެ ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން މި އެކްސްޕޯގައި ބައިވެރިވާއިރު، ކައިރި ގައުމުތަކުން ވިޔަފާރިވެރިން ބައިވެރިކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން މި ދާއިރާގައި ރާއްޖޭގައި ދިމާވަމުންދާ ދަތިތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ދަތިތައް ދިމާވާ ދިމަދިމާލުން އެގްޒިބިޓަރސް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
އަލްޝާލީ މެރިން މޯލްޑިވްސް އަކީ ކަނޑުއުޅަނދުފަހަރު އުފެއްދުމުގެ ދާއިރާގައި ރާއްޖޭގައި ފާހަގަކުރެވޭ ކުންފުންޏެކެވެ. މެރިން އެކްސްޕޯ އާއި ގުޅޭގޮތުން ޓީވީއެމްގެ ހެނދުނުހެނދުނާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މި ކުންފުނީގެ ޖެނެރަލް މެނޭޖަރ އިސްމާއީލް ޝަރީފް ވިދާޅުވީ މެރިން އެކްސްޕޯ އަކީ މި އިންޑަސްޓްރީގެ ކުރިއެރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.
" މި އިންޑަސްޓްރީގައި ހަރަކާތްތެރިވާ އެންމެންނާ އެއްތަނަކުން ބައްދަލުވުމަކީ މީގެ ބައިވެރިންނަށާއި ޒިޔާރަތްކުރާ މީހުންނަށް ލިބޭނެ ރަނގަޅު ފުރުސަތެއް. އެހެންނޫނީ މި ނެޓްވޯކް މިއޮންނަނީ ކޮންމެވެސް ހިސާބަކުން ޑިސްކަނެކްޓްވެފަ. ބޭނުންވާ ޕްރޮޑަކްޓް ތަކަކީ ކޮބައިތޯ ބަލަންވެއްޖެ ހާލަތެއްގައި ބިލްޑަރ އެއް ކައިރިއަށް ގޮސް ނޫނީ ޕްރޮޑަކްޓްތައް ބަލާފަ މައުލޫމާތު ހޯދަން ޖެހެނީ. ނޫނީ އެ ބޭފުޅުންގެ ޕްރޮފައިލް އިން މައުލޫމާތު ހޯދަން ޖެހެނީ. އޭގެ ބަދަލުގައި މެރިން އެކްސްޕޯއަށް ޒިޔާރަތްކުރީމަ އެ ޝޯގެ ތެރެއިން ހުރިހާކަމެއް ފަހިވެގެން މިދަނީ. ޕްރޮޑަކްޓްގެ ހުރިހާ މައުލޫމާތެއްގެ އިތުރުން ހުރިހާ ސަރވިސްއެއް އަދި އެއާއި ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުގެ މައުލޫމާތުވެސް ލިބިގެންދޭ". ޝަރީފު ވިދާޅުވިއެވެ.
އަލްޝާލީގެ މިއުޅަނދަށް "ބެސްޓް ފައިބަރ ވެސެލް' 15-45 އެވަރޑް ލިބިފައިވޭ
ކޮންމެ އަހަރަކުވެސް އެކެއް ނުވަތަ ދެ އުޅަނދު މާކެޓަށް ނެރެމުންދާ އަލްޝާލީ އިން ދަނީ މިފަހަރުގެ އެކްސްޕޯ ގައި ވެސް ތަފާތު އުޅަނދެއް ނެރުމަށް މަސައްކަތް ކުރަމުންނެވެ. މެރިން އެކްސްޕޯ މިފަހަރު ބާއްވާ ތަނަކީ ބޮޑެތި އުޅަނދު ދައްކާލުމަށް ގެންދެވޭނެ ތަނަކަށް ނުވާތީ މިކުންފުނިން ތައްޔާރު ކުރާ އުޅަނދު އާންމުކޮށް ދައްކާލަން އެކްސްޕޯ ބާއްވާ ތަނުގައި ބެހެއްޓުމަކީ ދިމާވެފައިވާ ގޮންޖެހުމެކެވެ.
މޯލްޑިވްސް މެރިން އެކްސްޕޯގައި މިފަހަރު އެގްޒިބިޓަރސް ގޮތުގައި 36 ފަރާތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އޮފިޝަލް ޕާޓްނަރސް ގޮތުގައި 15 ފަރާތަކުން ބައިވެރިވާއިރު، ސްޕޮންސަރސް ގޮތުގައި 7 ފަރާތަކުން ބައިވެރިވެއެވެ.