November 23, 2024 12:33
Advertisement

-Advertisement-

ފޮޓޯ: ހައިޖިން ޔޫކޭ

މަސައްކަތުގެ މާހައުލުގައި އުޅޭއިރު ބްރޭކް ނުނަގާނަމަ ދިމާވާ މައްސަލަތައް!

ދުވާލުގެ ގިނަ ވަގުތު މަސައްކަތުގައި އުޅޭއިރު މަސައްކަތުން ހުސްވަގުތެއް (ބްރޭކް) ނަގާލަން ވިސްނާލަނީ ކިތައް މީހުން ބާއެވެ؟. ބުރަކޮށް މަސައްކަތުގައި އުޅޭއިރު، 'ބްރޭކް' ނެގުމަކީ މަސައްކަތަށް އޮންނަ ވަގުތު މަދުވެދާނެ ކަމެއްގެ ގޮތުގައި ނުދެކޭށެވެ. 'ބްރޭކް' ނުނަގާ މަސައްކަތް ކުރަން ފަށައިފިނަމަ މީހާގެ ސިކުނޑިއަށް ބާރުބޮޑުވާން ފަށައެވެ. މިގޮތަށް ދިމާވާން ފެށުމުން ސިއްހަތަށް ގެއްލުންވުން ފަދަ ކަންކަން ދިމާވާން ފަށައެވެ. އަދި މާބޮޑަށް ފިކުރުގިނަވެ ރުޅިއަންނަލެއް އަވަސްވެގެން ދެއެވެ.

ބައެއް މީހުންނަކީ މަސައްކަތުގައި އުޅޭއިރު ކާންވެސް ހަނދާން ނުހުންނަ މީހުންނެވެ. ހެނދުނުން ފެށިގެން އޮފީހަށްގޮސް ގޮނޑީގައި އިށީންނަ ގޮތަށް އެހެން އިށީދެ އެތައް ގަޑިއިރެއް ހޭދަކުރެއެވެ. އަބަދު އިށީދެ އިނުމުންވެސް މީހާގެ ހަށިގަނޑަށް ސިއްހީގޮތުން ގެއްލުންވެއެވެ. މިގޮތަށް އިށީންނަ އިނުމުގައި 'ބްރޭކް' ނަގާލައިގެން ކެއުމުގެ ބަދަލުގައި ކޮފީއެއް ބޮއެގެން މުޅިދުވަސް ހޭދަކުރާ މީހުންވެސް އުޅެއެވެ. މިކަންކަން މިގޮތަށް ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

ނޯތް އެމެރިކާގައި ކުރި ރިސާޗަކުން ދައްކާގޮތުގައި 20 ޕަސެންޓް މީހުން ދެކެނީ 'ބްރޭކް' ނެގުމުން އެމީހުންނަކީ ބުރަކޮށް މަސައްކަތްކުރާ ބައެއް ނޫން ކަމަށެވެ. 13 ޕަސެންޓް މީހުންނަކީ އެގޮތަށް 'ބްރޭކް' ނެގުމުން ދެން އެކުގައި މަސައްކަތް ކުރާ މީހުން އެމީހުންނާއި މެދު ދެކޭނެ ގޮތަކާމެދު ވިސްނާ މީހުންނެވެ. 38 ޕަސެންޓް މީހުން މެންދުރުގެ ނާސްތާއަށް ބްރޭކް ނަގާކަށް އެހާ އެއްބާރުލުން ދޭން ބޭނުން ނުވެއެވެ. 22 ޕަސެންޓްގެ ވެރިން ދެކެނީ 'ބްރޭކް' ނެގުމަކީ ދަށްކޮށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައެވެ. ގިނަ ރިސާޗްތަކުން ދައްކާގޮތުގައި 'ބްރޭކް' ނަގާނަމަ މަސައްކަތުގައި ކުރިއަށް ދިއުމަށް ފަސޭހަވެ ކުރާ މަސައްކަތުގެ ފެންވަރު ރަނގަޅުވެގެން ދެއެވެ.

Advertisement

މަސައްކަތުގެ މާހައުލުން ބްރޭކް ނެގުމުގެ ފައިދާ:

މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށް ހިތްވަރެއް ލިބުން

ގިނަ ވަގުތު މަސައްކަތް ކުރާނަމަ މީހާގެ ސިކުނޑިއަށް ބާރުބޮޑުވެ ވިސްނަން ޖެހޭވަރަށް ނުވިސްނި މީހާގެ ސިކުނޑިއަށް ބުރަވާން ފަށައެވެ. މަސައްކަތަށް ދޭންވާ އަހައްމިއްޔަތުކަން ނުދެވި މަސައްކަތުގެ ފެންވަރުދަށްވެއެވެ. އިންސާނާގެ ސިކުނޑި އަކީ ހުސްވަގުތު ދޭންޖެހޭ އެއްޗެކެވެ. އެހެންނޫންނަމަ މީހާ އަށް ލިބޭ ގެއްލުން ވަރަށް ބޮޑެވެ. 10 ވަރަކަށް މިނިޓް ހިނގާލުމުން މަސައްކަތުގައި ހިތްވަރު އާވެ ހަށިގަނޑުގައި ހަކަތަ އިތުރުވެގެންދެއެވެ.

މެންޓަލް ހެލްތް ރަނގަޅުވެގެން ދިއުން

މާބޮޑަށް މަސައްކަތުގައި ބުރަކޮށް އުޅުމުން ބައެއް މީހުންނަށް ސިކުނޑީގެ ބަލިތަކާއި ކުރިމަތިލާންޖެހެއެވެ. ނުވަތަ މާބޮޑަށް ފިކުރުބޮޑުވެ ބަލިވާން ފަށައެވެ. ޑިޕްރެޝަން އާއި އެންޒައިޓީފަދަ ބަލިތައް ތަހައްމަލު ކުރަންޖެހޭ މިންވަރު ގިނަވެ އެކަހަލަ ބަލިތަކަށް ފަރުވާ ކުރަންޖެހޭ މީހުންވެސް ގިނަވަނީ މިކަހަލަ ސަބަބުތަކަށްޓަކައި ކަމުގައިވެސް ވެގެންދެއެވެ.

ލޮލުގެ މައްސަލަތަކަށް ލުއި ލިބުން 

ގިނަވަގުތު ކޮމްޕިއުޓަރ ނުވަތަ ފޯނަށް ބަލާނަމަ ލޮލުގައި ރިއްސާ، ލޯ ރަތްވެ ލޮލުން ފެން އާދެއެވެ. ޚާއްސަކޮށް ކޮވިޑަށްފަހު ގިނަ މަސައްކަތަކީ އޮންލައިންކޮށް ކުރާ މަސައްކަތަށްވެފައި ގިނަ ބައްދަލުވުންތައް އޮންލައިންކޮށް ބާއްވާއިރު ކޮމްޕިއުޓަރ ނުވަތަ ފޯނުގައި ހޭދަކުރާ ވަގުތު ކުރިއަށްވުރެ އިތުރުވެގެންދެއެވެ. މިގޮތަށް ގިނަވަގުތު މަސައްކަތްކުރާނަމަ ލޮލުގައި ރިހުމުގެ އިތުރަށް ބޮލުގައި ރިހުމުގެ މައްސަލަވެސް ދިމާވެއެވެ. ބައެއް މީހުންނަށް ލޮލުގެ ފެނުމަށްވެސް މައްސަލަ ދިމާވެއެވެ. މިސަބަބަށްޓަކައިވެސް 'ބްރޭކް' ނަގާލުމުން ލުއި ލިބިގެންދެއެވެ.

ކަރުގައި ރިހުން އަދި ބުރަކަށީގައި ރިހޭ ރިހުމަށް ލުއި ލިބުން

ގިނަވަގުތު އިށީދެ އިންނަނަމަ ކަނދުރާގައި ރިހުންފަދަ ކަންކަން ދިމާވެއެވެ. އިށީދެ އިންނައިރު ފޫކޮޅުގެ މަސްގަނޑު ފިތިފައި އިންނައިރު މަސްގަނޑުގައި ރިއްސާ އަދި ގިނަ ދުވަސްވާރަކަށް އެތަދު ބޮޑުވެގެންދެއެވެ. ގިނައިން އިށީދެ ހަރަކާތް މަދުވާނަމަ ލޭ ދައުރުވުމަށް މައްސަލަވެސް ދިމާވުމަށް މެދުވެރިވެއެވެ. ކަނދުރާގައި ރިހުން ބުރަކަށީގައި ރިހުން ކަހަލަ މައްސަލަތަކީ މީގެ ސަބަބުން ދިމާވެދާނެ ކަންކަމެވެ. މީގެ އިތުރުން މީހާ ފަލަވާންވެސް ފަށައެވެ. ކޮންމެ 1 ގަޑި އިރަކުން ތެދުވެލާ ކުޑަކޮށް ހިނގާލެވިދާނެއެވެ. އަދި ދުވާލަކު އެއްފަހަރު ކަސްރަތުކޮށް ސްޓްރެޗިން ހަދާލުން ވަރަށް މުހިންމެވެ. އެހެންނޫންނަމަ ވާންވެފައި ހުންނަ ނާރުތަކުގައި ގޮށްޖެހި ނާރުތަކުގައި މައްސަލަތައް ދިމާވުންވެސް އެކަށީގެންވެއެވެ. 

6 ގަޑިއިރު ނުވަތަ 8 ގަޑިއިރު އޮފީހުގެ މަސައްކަތުގައި އުޅޭއިރު ހުސްވަގުތު ނަގާލައިގެން ކޮންމެވެސް މަޖާކަމެއް ނުވަތަ ހިތްހަމަޖެހޭ ކަމެއްގައި 1 ގަޑި އިރު ނުވަތަ 30 މިނިޓް ނަމަވެސް ހޭދަކޮށްލާށެވެ. އޭރުން މީހާ ތާޒާކަމަށްވެސް ދައްކާނެއެވެ.

މައުލޫމާތު: ރޭސްޓުއަކުއަރ/ ޔޫޓިއުބް

+1
0
+1
0
+1
6
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް