November 24, 2024 06:34
Advertisement

-Advertisement-

ބިރުވެރި ވާހަކަ: އެރެއަށްފަހު (ވިހިވަނަބައި)

ދެފަރާތުގެ ޚިޔާލުވެސް ވަރަށް ތަފާތެވެ. އެކަކު ބޭނުންވަނީ ރަޝީދު މަރާލާށެވެ. ނަމަވެސް އެކަން އެގޮތަށް ކޮއްފިއްޔާ ދެން ކުރިމަތިލާން ޖެހޭނެ ކަންތަކަށްވެސް ވިސްނަން ވާނެއެވެ. ނަމަވެސް ރީޝާ ސަލާމަތް ކުރުމަށް ބިލާލް ބޭނުންވެއެވެ.

އިރުއޮއްސިގެން އައި ވަގުތަކީ ރީމާ އާއި ނީނާ ދަރިފުޅުގެ ކަންތަކާއިގެން އުޅުނު ވަގުތެވެ. ކާން ދިނުމާއި ރީތި ކުރުމުގައެވެ. އަބަދުވެސް ރީމާ އަށް އެހީތެރިވުމުގައި ނީނާ އުޅެއެވެ. ނައުފަލް ވެސް ރީމާ އަށް އެހީތެރިވުމުގެ ގޮތުން ގޮސް ދަރިފުޅު އުރައިލިއެވެ. އެއިރުވެސް ރީމާގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ ކުލަވަރު ފެނުނެވެ. އެހެން ނޫނިއްޔާ ރީމާ އަކީ ބިލާލް ފެންނަ އިރަށް ގާތަށް އައިސް އިސްވެ ވާހަކަ ދައްކާ މީހެކެވެ. ނަމަވެސް މިއަދު އެއާ ޚިލާފެވެ.

"ރީމާ ކިހިނެއްވެފައި ތިހުރީ މިއަދު" ނައުފަލަށް ކެތް ނުވެގެން އެންމެފަހުން އަހައިލިއެވެ.

Advertisement

"ވާހަކައެއް އަޑުއިވިއްޖެ" ރީމާގެ މޫނު ކުނިކޮއްލިއެވެ.

"ކޮން ވާހަކައެއް. ޔަގީނުންވެސް އަހަންނެއް އެހެން އަންހެނެއް ގާތަށް ނުދަން" ރީމާ ހިތްހަމަ ނުޖެހިފައި ހުރުމުން އޭނާގެ މޫޑު ރަނގަޅު ކުރެވޭތޯ ނައުފަލް މަސައްކަތް ކުރަމުން ދިޔައެވެ.

"މިބުނީ ބިލާލްގެ އަނބިމީހާ އަކީ ޖިންނިއެކޭ" ރީމާ ސީދާ ސީދާ ބުނެލިއެވެ.

"ޖިންނިއެކޭ. މަވެސް ބިރުގަނެއްޖެ" ނައުފަލް ނޫން ކަމަށް ހެދުނެވެ.

ނަމަވެސް މިކަން ރީމާއަށް އެނގުނީތީ ނައުފަލް ހުރީ ވަރަށް ބިރުންނެވެ. ދެން ބިލާލް މެންނަށް މިގެއަކަށް ނާދެވޭނެއެވެ. އަދި ބިލާލްގެ އަންހެނުންގެ ކިބައިން މިރަށް ސަލާމަތް ކުރަން އަނެއްކާވެސް މަސައްކަތް ފަށައިފާނެއެވެ.

"ތިއީ ކާކު ބުނި އެއްޗެއް. ހުސްދޮގު" ސަލާމަތް ވުމުގެ ގޮތުން ނައުފަލް ބުނެލިއެވެ.

"ރަޝީދު ރަޝީދު. އޭނާ ނީނާއަށް ގުޅީ. ދެން އޮތީ އެ ޖިންނި ރީޝާގެ ކިބައިން ސަލާމަތްވުން" ރީމާ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.

މިހާރު އެވީ ގޮތުން އެވާހަކަ ބިލާލްގެ ގާތުގައި ބުނަން އެ ގެއަށްވެސް ނުދެވޭނެއެވެ. ނަމަވެސް މިފަހަރު މިކަން މި އެނގުނީ ނައުފަލްގެ ފަރާތަކުން ނޫންކަމަށް ވުމީ އެއީ ނައުފަލަށް ލިބުނު ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެކެވެ. ރީމާގެ ވިސްނުން ހުރީ އެ ޖިންނިގެ ކިބައިން ސަލާމަތް ވުމަށެވެ. އަދި އެޖިންނި އާއި ބައްދަލުވެފައިވާތީވެ ރީމާ ހުރީ ވަރަށް ބިރުންނެވެ. އަދި ރީމާގެ ދަރިފުޅު އުރާލަން ދިނުމަކީ ރީމާއަށް ކުރެވުނު މޮޔަ ކަމެއް ކަމަށް ދެކުނެވެ.

"އަހަރެން ބައްޕަގެ ގާތުގައި އެދޭނަން މިކަން ކޮއްލަދޭން. މިބުނީ މިކަމުން ސަލާމަތްވާން ކުރަންޖެހުނު ކޮންމެ ޚަރަދެއްވެސް ކޮއްލަދޭން" ރީމާގެ ނިންމުން ހާމަކުރިއެވެ.

"ނޫން އަދި މަޑުކޮއްލާ. ވަރަށް ވިސްނާފައި ނޫނީ ކަމެއް ކޮއްގެން ނުވާނެ. ފަހުން ލިބޭ ގެއްލުން ބޮޑުވެދާނެ" ރީމާ އަށް ވިސްނައިދެވޭތޯ ނައުފަލް މަސައްކަތް ކުރަމުން ދިޔައެވެ.

"ޖިންނި އުޅޭއިރުވެސް ތި ބުނަނީ މަޑުކޮއްލާށޭ. ބަލަ އަހަންނާއިއޭ އެޖިންނި ދިމާވީ. މިގެއިން. އަދި މަގޭ ދަރި އުރާވެސްލި" ރީމާގެ ހިތުގައިވާ ބިރުވެރިކަން ބަންޑުން ކޮއްލިއެވެ.

"ތިވެދާނެ ރަޝީދުގެ ރޭވުމެއް ކަމަށް ވެސް. އޭނާ އެއުޅެނީ ފައިސާގެ ދަހިވެތި ކަމުގައި. އެކަން ރީމާއަށްވެސް އެނގެއެއްނު" ރީމާއަށް އިތުރަށް ވިސްނައިދެވޭތޯ ނައުފަލް މަސައްކަތް ކުރަމުން ދިޔައެވެ.

"އެހެންވިޔަސް އޯކޭ. މަސައްކަތް ކުރީމަ ވާގޮތް ބަލަންތިބެމާ. ރަޝީދަށް ނުވެއްޖެއްޔާ އެހެން މީހަކު ވެސް ހޯދާނީ. އެކަމަށް ޚަރަދުކޮއްލަދޭން ބައްޕަ ގާތުގައި އެދޭނަން" ރީމާ ހުރީ ގޮތް ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ.

"ކީއްވެތަ ރީމާ ތިވަރަކުން ތިއުޅެނީ" ނައުފަލަށް ކުރިއެރުން ނުލިބިދާނެހެން ހީވާތީ ބުނެލިއެވެ.

"ބަލަ އެޖިންނި އަހަރެންގެ ދަރިވެސް އުރައިލި. އެދަރިފުޅަށް ކޮންމެ ގޮތެއްވެސް ހަދާފާނެ. އެކަމާއި ވަރަށް ބިރުގަނޭ" ރީމާ ހުރީ ރޮވެން ގާތްވެފައެވެ. ރީމާ ބިރުގަންނަނީ އެޖިންނިއާއި ބައްދަލުވެ ވާހަކަދެކެވިފައިވާތީއެވެ.

ނައުފަލް މިކަމާއި ވަރަށް ވިސްނިއެވެ. ވީހާވެސް އަވަހަކަށް އެވާހަކަ ބިލާލަށް އަންގަން ބޭނުންވިއެވެ. އެހެން ނުނީ ބިލާލަށް އަދި ރީޝާއަށްވެސް ވާނުވާ ނޭނގޭނެއެވެ. ރީމާ ގޭތެރެއަށް ވަންވަގުތު ބަލާފައި ގޯތީގެ ވަލުދޮރާށިން ނިކުމެގެން ގޮސް މިސްރާބު ޖެހީ ބިލާލްމެންގެ ގެއާއި ދިމާލަށެވެ. ނަމަވެސް މަގުގެ ވަކި ހިސާބަކަށް ނުދެވެނީސް ރީމާގެ ބައްޕަ އާއި ބައްދަލުވެ ނައުފަލް ހުއްޓުން އެރިއެވެ.

"ކޮންތާކަށް ތި ދަނީ" ރީމާގެ ބައްޕަ ފުރަތަމަވެސް ކުރީ ސުވާލެވެ. ކުރިން ރީމާގެ ބައްޕައަކީ އެގޮތަށް ކަންތަކާއި ބެހޭ މީހެއް ނޫނެވެ. ނަމަވެސް މިއަދު އެގޮތަށް ސުވާލު ކުރުމުން ނައުފަލް ހުރީ ބިރުންނެވެ. ދޭނެ ޖަވާބެއް ނޭނގި ހުއްޓުން އަރާފައި ހުއްޓެވެ.

"އެނގޭދޯ މިރަށުގައި މިހާރު ވެގެން މިއުޅޭ ކަންތައް" ނައުފަލް ހުއްޓުމާއި އެކު ރީމާގެ ބައްޕަ ބުނެލިއެވެ. ޖަވާބުގައި ނޭނގޭ ކަމަށް ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ޖިންނި އުޅެނީ. ވަރަށް ވިސްނައިގެން އުޅޭތި. ބައްޕަވެސް މިއުޅެނީ އެކަމަށް ހައްލެއް ލިބޭތޯ. ރަނގަޅު ފަންޑިތަވެރިއެއް ލިބޭތޯ" ރީމާގެ ބައްޕަ ވާހަކަ ހުރި ގޮތުން އެކަން ލަސްކުރާކަށް ބޭނުން ނުވާކަހަލައެވެ.

"ރަޝީދު ނުގެންނާތި. އެއީ ވަރަށް ފޭކް މީހެއް. ދޭތެރެޖައްސާ އަދި އެއްވެސް އެއްޗެއް އެނގޭ މީހެއްވެސް ނޫން" ނައުފަލްގެ ޚިޔާލު ހުށަހެޅީ ރަޝީދު ނުގެނައުމުގެ ބޭނުމުގައެވެ.

"ދެންކާކު ހުރީ. ބައްޕަ ބޭނުން ކިތަންމެ ބޮޑު ޚަރަދެއް ކޮއްގެންވެސް މިކަން ކުރަން. ބައްޕަ ގާތުގައި މިވާހަކަ ވަރަށް ތަފްސީލްކޮށް ނީނާ ކިޔައި ދީފި" ރީމާގެ ބައްޕަ ތަފްސީލް ކޮއްލަ ދިނެވެ.

"ކޮންމެ ކަމަކަށް ފަންޑިތަ. އެނޫން އެއްޗެއް ނެތީތަ. ހިނގާބަލަ މިސްކިތަށް އަރައި ދުޢާއެއް ކޮލަން ތިފަންޑިތަ ނުހަދާ" ފަންޑިތަ ހެދުމާއި ނައުފަލް ދެކޮޅުކަން ހާމަކުރުމުގެ ގޮތުން ބުނެލިއެވެ. ނަމަވެސް ރީމާގެ ބައްޕަވެސް ހުރީ އޭނަގެ ގޮތް ދޫކޮއްލާ ގޮތަކަށް ނޫނެވެ.

ރީމާގެ ބައްޕަގެ ކިބައިން ސަލާމަށްވެގެން ކުރިއަށް ހިނގައިގަނެވުނީ ވަރަށް މަސައްކަތުންނެވެ. މީހަކަށް ފެނިދާނެތީ ވަށައިގެން ހޯދަމުން ގޮސް ބިލާލްމެންގެ ގޯތި ތެރެއަށް ވަދެވުނީ ހަމަކިރިޔާއެވެ. ނައުފަލްގެ ހިތްތެޅެމުން ދިޔައީ ދެން ކަންތައް ވާނެ ގޮތެއް ނޭނގޭތީއެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް މިހާރު މިއޮތީ އެހުރިހާ ކަންތަކާއި ކުރިމަތިލާން ޖެހިފައެވެ. ބާރު ބާރަށް ގޮސް ބިލާލްމެންގެ ގޭދޮރުގައި ތަޅައިގެންފިއެވެ.

"ފަޅާ އަރައިފި. ފަންޑިތަ. ފަންޑިތަ. ސަމާލުވޭ. ރައްކާތެރިވޭ" ނައުފަލް މާނޭވާ ލަމުން ވާހަކަ ދައްކަމުން ދިޔައިރު އޭނާ އެކިޔާ އެއްޗެއް ތަފްސީލްކޮށް ބިލާލަކަށް ނޭނގެއެވެ. ނަމަވެސް ކޮންމެވެސް ކަހަލަ ގޯހެއް އުޅޭކަން އެނގިގެން ނައުފަލް ގޭތެރެއަށް ވެއްދިއެވެ.

"މާދަމާތަ ރަޝީދު އަންނަނީ" ކޮޓަރިން ނިކުންނަމުން ރީޝާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

"ނޭނގެ" ނައުފަލް ކުރުކޮށް ބުނެލިއެވެ.

"އަހަންނަށް އެނގޭ މާދަމާކަން އޭނަ އަންނަނީ. މިފަހަރު ކުޅިސަމާ ދައްކާލާނަން. ބަލަން ތިބޭތި ކާކުތޯ ގަދަވާނީ" ރީޝާ ވަރަށް އިތުބާރާއި އެކީ ބުނެލިއެވެ.

"އާނ. ރަޝީދު އެންމެންގެ ގާތުގައި އެވާހަކަ ބުނެފި. އެކަމުގައި އިސްކޮށް އުޅޭނީ އަހަރެންގެ ބަފައިބެ. އެކަމަކު އޭނައަށް އެއްވެސް ގެއްލުމެއް ނުދޭތި" ނައުފަލް އެދުނީ ބަފައިބެގެ ރައްކާތެރިކަމަށެވެ.

"އެއްވެސް ބަފައިބެއެއް ނޯންނާނެ. މިތަން ސަހަރާއަކަށް ހަދާލާނަން. އަހަންނާ އެކީ އެހެން މީހުންވެސް މަރުވާން ވާނެ. އެންމެންވެސް ވަޅުލެވެންވާނީ މިފަސްގަނޑުގައި. އެއިރުން މިފަސްގަނޑު ޝަރަފްވެރި ތަނަކަށް ވާނީ" ރީޝާ މަލާމާތުގެ ރާގަކަށް ބުނަމުން ދިޔައީ ވަރަށް އިތުބާރާއި އެކީއެވެ. ރީޝާގެ ވާހަކަ ހުރި ގޮތުން މިފަހަރު އެކަމާއި ކުރިމަތިލާނީ ހަމައެކަނި ރީޝާއެއް ނޫނެވެ. އެހެން ޖިންނިތައް ވެސް ބައިވެރި ވާނެ ކަމުގެ ސިގްނަލް ރީޝާގެ ވާހަކައިން ދޭހަވިއެވެ.

"ސަހަރާއޭ. ދެން އަހަރެންނާއި ދަރި އަދި އަނބިމީހާ" ނައުފަލް ބިރުން ހުރެ ވާހަކަ ދެއްކީ އެއްވެސް މީހަކަށް ރައްކާތެރިކަން ނެތްކަން ރީޝާގެ ވާހަކައިން ދޭހަވުމުންނެވެ.

"ކަންތައް ވާނެ ގޮތް އެނގޭނީ ތިކަން ފެށީމަ. އެންމެންވެސް ތިބޭތި ކަފުން ތައްޔާރުކޮށްލައިގެން" އެހެން ބުނެފައި ރީޝާ ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ.

"ބިލާލް ކަލޭގެ އަންހެނުން ގާތުގައި ބުނެދޭތި އެންމެން މަރާލިޔަސް އަހަރެންގެ އާއިލާ ސަލާމަތް ކޮއްލަދޭން" ނައުފަލް ބިލާލްގެ ގާތުން އާދޭސް ކުރަމުން ދިޔައީ ވަރަށް ބިރުން ހުރެއެވެ.

"ބަލަ އަހަރެމެން މަރުވެގެންދާއިރުވެސް އަދިވެސް ބަލަންވީ ކަލޭގެ ބަފައިބެ އާއި އާއިލާ ސަލާމަތް ކުރަންދޯ. ހާދަހާ އެދުން ބޮޑޭ. އަހަރެމެންނާއި ކަލޭގެ އާއިލާވެސް ވަޅުލެވެން ޖެހޭނެ. އަދި އެވެސް އެއްވަޅެއްގައި" ބިލާލްގެ ޖަވާބު ވަރަށް ހަރުކައްޓެވެ.

ނައުފަލް ބިރުން ތުރުތުރުއަޅާލަ އަޅާލާ އިނެވެ. ދެލޮލުން ކަރުނަ ފައިބަމުން ދިޔައިރު އެއްވެސް ރަހުމެއްނެތި އެމަންޒަރު ބަލަން ބިލާލް ލޯއަޅައިގެން އިނެވެ. މިހާރު މިވީ ގޮތުން ރީޝާ ހުއްޓުވޭކަށް ނެތެވެ. ބަފައިބެވެސް އަމުދުން ނުހުއްޓުވޭނެއެވެ. އެހެނޭ ކިޔާފައި ރީމާ އާއި ދަރިފުޅު ދޫކޮއްލާކަށް ނުކެރޭނެއެވެ. އަދި އަމުދުން އެމީހުން އަނިޔާވެރި ގޮތަކަށް މަރުވެގެންދާ މަންޒަރު ބަލާކަށް ނައުފަލަކަށް ނުކެރޭނެއެވެ. ރޮވިފައިވާ ހާލު ނައުފަލް އެގެއިން ނިކުމެގެން ދިޔައީވެސް އެހާމެ އުދަގުލުންނެވެ. އެހެން މީހަކަށް ފެނިދާނެތީއެވެ. ހަތަރު އުދަރެސް ފެނުޖެހިފައިވާ ހާލު މަގުގެ އެއްފަރާތަކުން މަޑު ހިނގުމެއްގައި މިސްރާބު ޖެހީ އަނބިމީހާ އާއި ދަރިފުޅުގެ ގާތަށެވެ. ކުރިމަތިވަމުންދާ ތޫފާނާއި ކުރިމަތިލާނެ އެއްވެސް ގޮތެއް ނައުފަލްގެ ސިކުނޑިއަކަށް ނާދެއެވެ.

= ނުނިމޭ =

ނޯޓް: މިވާހަކަ ޕަބްލިޝް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު ދުވަހަކުއެވެ.

+1
0
+1
2
+1
3
+1
0
+1
0
+1
0
+1
3

Advertisement

ގުޅުންހުރި ލިޔުންތައް