September 20, 2024 13:40
Advertisement

-Advertisement-

އީލާއުކުރުން: މިގޮތަށް ހުވާކުރުމުން އަންހެންމީހާ އަށް ލިބެންޖެހޭ ހައްޤުތައް އުނިވެގެންދޭ!

އީލާއު ކުރުމަކީ އަނބިމީހާއާއެކު ރޭ ނުކުރުމަށް ހުވާކުރުމެވެ. ޖާހިލިއްޔަ ޒަމާނުގައި އަންހެނުން ވަރިކުރުމަށް، ނުވަތަ އަންހެން މީހާއަށް އަނިޔާވެރިވުމަށްޓަކައި އީލާއުކޮށް އުޅުނެވެ. އެ ޒަމާނުގައި ވަރަށް ދިގު މުއްދަތަކަށް އީލާއުކޮށް އުޅުނެވެ. އެއް އަހަރު، ނުވަތަ ދެއަހަރު، ނުވަތަ އެއަށްވުރެ ގިނަ މުއްދަތަކަށް އަނބިމީހާއާއެކު ރޭ ނުކޮށް ހުރުމަށް ހުވާކޮށް އުޅުނެވެ. މިކަމުގެ ސަބަބުން އަންހެން މީހާއަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބެމުން ދިޔައެވެ. ޒަވާޖީ ޙަޔާތުގެ އުފާވެރިކަން ގެއްލިގެން ދެއެވެ. އަންހެން މީހާއަށް ލިބެންޖެހޭ ހައްޤުތައް އުނިވެގެން ދިޔައެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ގެއްލުން ލިބުނެވެ. ޖާހިލިއްޔަ ޒަމާނުގައި އީލާއުގެ މުއްދަތު ހަމަވުމުގެ ކުރިން އަނބިމީހާއާއެކު ރޭ ނުކުރެވެއެވެ. އަދި އެކަމަށް އެއްވެސް ޙުކުމެއް ކަނޑައެޅިފައިނެތެވެ.

އިސްލާމްދީން އައުމަށްފަހު އަންހެނުންގެ ޙައްޤުތައް ރައްކާތެރި ކުރެވުނެވެ. އެގޮތުގެ މަތިން މިކަމަށްވެސް ޙުކުމެއް ކަނޑަ އެޅުއްވިއެވެ. ވަކި އުޞޫލްތަކަކާއި، ވަކި ގޮތްތަކެއް ކަނޑައެޅުއްވިއެވެ. މީގެ ތެރޭގައި އީލާއުއަށް ވަކި މުއްދަތެއް ކަނޑައެޅުއްވިއެވެ. އެމުއްދަތަކީ ހަތަރުމަސްދުވަހެވެ. އަދި ހަތަރުމަސް ކުރިން އަނބުރާ އެބަސް ގެނައުމަށް އެދޭ މީހާއަށް ކައްފާރާއަކާއެކު އެކަން ކުރުމުގެ ޙުއްދަ ދެއްވިއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ: "لِلَّذِينَ يُؤْلُونَ مِنْ نِسَائِهِمْ تَرَبُّصُ أَرْبَعَةِ أَشْهُرٍ فَإِنْ فَاءُوا فَإِنَّ اللَّهَ غَفُورٌ رَحِيمٌ " (البقرة:226). މާނައީ: "އެއުރެންގެ އަނބިންނާއިމެދު (جماع ނުވުމަށް) ހުވާކުރާ މީހުންނަށް އިންތިޒާރު ކުރުންވަނީ، ހަތަރު މަސްދުވަހަށެވެ. ފަހެ، އެއުރެން (جماعވުމަށް) އެނބުރި  رجوع ވެއްޖެނަމަ، ހަމަކަށަވަރުން، ﷲއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ." މިއާޔަތުން އީލާއުކުރުމަކީ ކޮބައިކަމާއި އެކަމުގެ ޙުކުމް ވަރަށް ރަނގަޅަށް ބަޔާންވެގެން ހިނގައްޖެއެވެ.

އީލާއުކުރާ ފިރިހެންމީހާ އެބުނި ބަސް އަނބުރާ ގެނެސްފިނަމަ ކައްފާރާ އަދާކުރަންޖެހޭނެއެވެ. މިކައްފާރާ އަކީ كفارة اليمين އެވެ. އެއީ ކަމެއް ވަކިގޮތަކަށް ކުރުމަށް ހުވާ ކުރުމަށްފަހު، އެކަން އަދާނުކުރެވޭ ހާލަތުގައި އަދާކުރަންޖެހޭ ކައްފާރާއެވެ. އީލާއުގައިވެސް އަދާކުރަންޖެހެނީ ހަމަ މިކައްފާރާއެވެ. އީލާއުކުރުމަކީވެސް ކަމަކަށް ހުވާކުރުން ކަމުގައިވާތީއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "لا يُؤَاخِذُكُمْ اللَّهُ بِاللَّغْوِ فِي أَيْمَانِكُمْ وَلَكِنْ يُؤَاخِذُكُمْ بِمَا عَقَّدْتُمْ الأَيْمَانَ فَكَفَّارَتُهُ إِطْعَامُ عَشَرَةِ مَسَاكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ فَمَنْ لَمْ يَجِدْ فَصِيَامُ ثَلاثَةِ أَيَّامٍ ذَلِكَ كَفَّارَةُ أَيْمَانِكُمْ إِذَا حَلَفْتُمْ وَاحْفَظُوا أَيْمَانَكُمْ كَذَلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَشْكُرُونَ "(المائدة 89). މާނައީ: " قصد އަކާނުލައި، ތިޔަބައިމީހުން ކުރާ ހުވާތަކަށް، ﷲ، ތިޔަބައިމީހުންނަށް عقوبات އެއް ނުދެއްވާނެތެވެ. (އެބަހީ: އާދައިގައި ވާހަކަ ދައްކާ އުޅޭއިރު، ހުވާކުރުމުގެ قصد އެއްނެތި، ހުވާގެ ގޮތުގައި ބުނެވޭ ބަހެއް ބޭނުންކުރުމަކީ ކުށެއް ނޫނެވެ.) އެހެނެއްކަމަކު، قصد ކޮށްގެން ކުރާ ހުވާތަކާމެދު، އެކަލާނގެ ތިޔަބައިމީހުންނަށް ޖަޒާ ދެއްވާނެތެވެ. ފަހެ ހުވާގެ كفّأرة އަކީ، ތިޔަބައިމީހުންގެ އަނބިދަރިންނަށް ކާންދީ އުޅޭ މެދުމިނުން، ދިހަ مسكينންނަށް ކާންދިނުމެވެ. ނުވަތަ އެއުރެންނަށް އަންނައުނު ދިނުމެވެ. ނުވަތަ އަޅަކު މިނިވަންކުރުމެވެ. ފަހެ، (އެއިންކަމެއް ކުރަން ނުލިބުނުމީހާ، ތިންދުވަހު ރޯދަޔަށް ހުރުމެވެ. އެއީ ތިޔަބައިމީހުން ހުވާކޮށްފި ހިނދެއްގައި (އެބަހީ: ހުވާކޮށް، އެ ހުވަޔާ خلاف ވެއްޖެ ހިނދެއްގައި) ތިޔަބައިމީހުންގެ ހުވާގެ كفّارة އެވެ. އަދި ތިޔަބައިމީހުންގެ ހުވާތަކަށް ރައްކާތެރިވާށެވެ! ތިޔަބައިމީހުން  شكر ކުރުމަށްޓަކައި، ﷲ، އެކަލާނގެ އާޔަތްތައް ތިޔަބައިމީހުންނަށް އެފަދައިން ބަޔާންކޮށްދެއްވަތެވެ."

Advertisement

ހުވާ އުވާލުމުގެ ސަބަބުން ކައްފާރާ އަދާކުރަން ޖެހުނު ނަމަވެސް، މީގައި އެންމެ ރަނގަޅު ގޮތަކީ ބުނި ބަސް ރުޖޫޢަކުރުމެވެ. އަދި އަނބިމީހާއަށް ދޭންޖެހޭ ޙައްޤު އޭގެ އެންމެ ފުރިހަމަ ގޮތުގައި ދިނުމެވެ. އެހެނީ އެދެގޮތުންކުރެ އިޚްތިޔާރު ކުރުން އެންމެ ހެޔޮގޮތަކީ އެއީކަމަށްވާތީއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. "من حلف على يمين، فرأى غيرها خيراً منها، فليأتها، وليكفر عن يمينه" (رواه مسلم). މާނައީ: "މީހަކު ކަމަކަށް ހުވާކުރުމަށްފަހު، އެއަށްވުރެ ރަނގަޅު ގޮތެއް ފެނިއްޖެނަމަ އެހުވައެއް އުވާލުމަށްފަހު ކައްފާރާ އަދާކުރާށެވެ."

އީލާއުކުރީ ހަތަރުމަހަށްވުރެ ގިނަ މުއްދަތަކަށްނަމަ، ހަތަރުމަހުގެ މުއްދަތު ހަމަވުމުން އެމުއްދަތު ނިމިގެންދާނެއެވެ. އަދި ފިރިހެން މީހާއަށް އޮތީ އެކު އުޅެން ބޭނުންނަމަ ބުނިބަސް ރުޖޫޢަކުރުމެވެ. ނުވަތަ އަނބިމީހާއަށް އަނިޔާއެއްނުދީ ހެޔޮގޮތުގައި ދޫކުރުމެވެ. އެއްވެސް ޙާލެއްގައި އަނބިމީހާއަށް އަނިޔާވާފަދަ ކަމެއްކުރުން ހުއްދަވެގެން ނުވެއެވެ. އަނބިމީހާއަށް ހެޔޮކޮށް ހިތުން ފިރިހެންމީހާގެ މައްޗައް ވާޖިބުވެގެންވެއެވެ. "فَإِمْسَاكٌ بِمَعْرُوفٍ أَوْ تَسْرِيحٌ بِإِحْسَانٍ" (البقرو 229).  މާނައީ: "ވަރިކުރުން އޮތީ ދެފަހަރުއެވެ. ދެން އޮތީ ހެޔޮގޮތުގައި (އެކަނބަލުންނާ) އިނދެގެން އުޅުމެވެ. ނުވަތަ ހެޔޮކޮށް ހިތުމާއިއެކު (އެކަނބަލުން) ދޫކޮށްލުމެވެ."

 

ނޯޓް: މިލިޔުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ނެރުނު 'ހިދާޔަތުގެ އަލި' މަޖައްލާގައި ޝާއިޢުކޮށްފައެވެ. ޒީޓައިމްސްގައި އަލުން މިލިޔުން ޝާއިޢުކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތުތަކެއް ގެނެސްދިނުމެވެ. 

+1
1
+1
2
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް