November 24, 2024 07:28
Advertisement

-Advertisement-

ބިރުވެރި ވާހަކަ: އެރެއަށްފަހު (އެކާވީސްވަނަބައި)

އެވިސްނުމުގައި ހުރެ ގޯތިތެރެއަށް ވަދެގެން މާދުރަކަށް ނުދެވެނީސް ފަހަތުން ރީމާގެ ބައްޕަ ގޮވައިލިއެވެ. ނައުފަލް އެނބުރި ފަހަތަށް ބަލައިލިއެވެ. ރީމާގެ ބައްޕައާއި މަންމަ ޖޯލީފަތީގައި ކޮންމެވެސް ވާހަކައެއް ދައްކަން ތިއްބެވެ. ނައުފަލް ގޮސް އެމީހުންގެ ގާތަށް ހުއްޓުމާއިއެކު ޖޯލިފަތީގައި އިށީނުމަށް އެދުނެވެ. ހިތްހަމަ ނުޖެހިފައި ހުރެ ނަމަވެސް ގާތުގައި އިށީނެވެ. އެމީހުން ދައްކަން އުޅޭ ވާހަކަ ނައުފަލަށް އެނގެއެވެ. ނަމަވެސް ރީމާގެ މައިންބަފައިންނަށް ވާތީ ނުރުހުމުގެ މޫނެއް ދައްކާކަށް ނުކެރުނެވެ.

"ދަރިފުޅާ. މާދަމާ މިއުޅެނީ އެއުޅޭ ރަޝީދު ގެންނަން" ރީމާގެ ބައްޕަ ވާހަކަ ފެށިއެވެ.

"އެއީ ކީއްކުރަން. އެއީ ވަރަށް ބޮޑު މަކަރުވެރި މީހެއް. އަބަދު ލާރިއަށް ކިޔާމީހެއް" ރަޝީދު ގެނައުމާއި ދެކޮޅުކަން ނައުފަލް ބުނެލިއެވެ.

Advertisement

"އެކަމަކު ގެނައިމަތާ އެނގޭނީ ދެންވާނެއެއްޗެއް" ރީމާގެ ބައްޕަގެ ޚިޔާލު ބަދަލުވިހެން ހިއެއް ނުވެއެވެ.

"ދަރިފުޅާ. ބައްޕަ ނުދޭނެ ގޯސް ނަސޭހަތެއް" އެންމެފަހުން ރީމާގެ މަންމަވެސް އެވާހަކައިގެ ތެރެއަށް ވަނެވެ.

އެވާހަކަތައް އަޑުއަހަން ނައުފަލް ކެތްތެރި ކަމާއިއެކު އިންއިރު އެތެރެއިން ހުޅުފަޅައިގެންދެއެވެ. ރީމާގެ މައިންބައިން ދައްކާނެ ހުރިހާ ވާހަކައެއް ދައްކާ ނިމެންދެން މަޑުކޮއްލުމަށްފަހު ނައުފަލް ހިނގައިގަތީ ގޭތެރެއަށް ވަނުމަށެވެ. ދަރިފުޅާއި އަނބިމީހާ އާއި ބައްދަލު ކޮއްލުމަށެވެ. ގޭތެރެއަށް ވަނުމާއި އެކު ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ނީނާގެ އުނގުގައި އިން ދަރިފުޅެވެ. ނައުފަލް ފެނުމާއި އެކު ދަރިފުޅު ނަށަން ފެށިއެވެ. ނައުފަލް ބާރު ބާރަށް އައިސް ދަރިފުޅު ނަގައި އުރައިލިއެވެ. އެތެރެހަށީގައި އަނދަމުން ދިޔަ އަލިފާނަށް ހީވަނީ ފެން އަޅައިލިހެންނެވެ. ވަގުތުން މީހާ ފިނިވެ ހަމައަކަށް އެޅުނެވެ.

"ކޮބާ ރީމާ" ނީނާގެ ގާތުގައި ނައުފަލް އަހައިލީ ރީމާ ފެންނަ ހިސާބެއްގައި ނެތުމުންނެވެ.

"ކޮޓަރީގައި އެބައުޅޭ" ނީނާ އެހެން ބުނެފައި ބޭރަށް ދާން ހިނގައިގަތެވެ.

ނައުފަލް ގޮސް ކޮޓަރިއަށް ވަންއިރު ރީމާ އެނދުގައި އިނީ ފޮތެއް ހިފައިގެންނެވެ. ނައުފަލް ފެނުމާއި އެކ ތެދުވެގެން އައިސް ނައުފަލްގެ ގާތަށް ހުއްޓުނެވެ. ރީމާ ވަރަށް ގިނަ ވާހަކަ ދައްކަން ބޭނުންހެން އޭނަގެ ހަރަކާތުން އެނގުނެވެ.

"ކޮންތާކުން ތިއައީ. ހާދަ ލަސްވެއްޖޭ. މިތާ ހުރެފައި ދިޔަ ތަނެއްވެސް ނޭނގި ގެއްލިއްޖެ" ރީމާ ސުވާލު ކުރަން ފެށިއެވެ.

"ބޭރަށް ގޮސްލާފައި މިއައީ" ނައުފަލް ދިނީ ކުރު ޖަވާބެކެވެ.

"ބިލާލްމެންގެ ގެއަށް ދޯ ތިޔަ ދިޔައީ" ރީމާ ޝައްކުގެ ނަޒަރުން ސުވާލު ކުރިއެވެ.

"ކީއްކުރަން ދާންވީ" ނައުފަލް އެއްވެސް ކަމެއް ދެނަހުރިކަމަކަށް ވެސް ނުހެދިއެވެ.

"މާދަމާ ރަޝީދު އަންނާނެ މިރަށަށް. އެކަމުގައި އިސްކޮށް އުޅޭނީ ބައްޕަ" ރީމާ ވާހަކަ ދެއްކުން ހުއްޓުމަކަށް ނައެވެ.

"ކީއްކުރަން ކުރާކަމެއް. ފައިސާ ގިނަވީތަ. އެކަމުން އަހަރެމެންނަށް ވަނީ ކޮންފައިދާއެއް. ވިއްޔާ ވާނީ ގެއްލުން. އަހަރެމެންނަށްވެސް ކޮންމެފަދަ ގެއްލުމެއްވެސް ވެދާނެ" ނައުފަލް އެއް ނޭވާއިން ހުރިހާ އެއްޗެއް ބުނެލިއެވެ.

ނަމަވެސް ރީމާވެސް ހުރީ އޭނަގެ ބައްޕަމެން ގޮތަށް ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. ކިތަންމެ ވަރަކަށް ވިސްނައިދިނަސް އެކަމެއް އެމީހުން ގަބޫލެއް ނުކުރާނެއެވެ. ނައުފަލަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރިއެވެ. ނަމަވެސް އެއްވެސް މަސައްކަތަކަށް އެއްވެސް ވަރަކަށް ކުރިއެރުމެއް ނުލިބި މާޔޫސްކަން ލިބުނެވެ. މިއަދު ރަށުގެ އެއްވެސް ބަޔަކު ޖިންނި ނޫޅޭ ބުންޏަސް އެކަމެއް ގަބޫލެއް ނުކުރާނެއެވެ. އެއީ އެމީހުންނަށް މީގެ ކުރިން އެމަންޒަރު ފެނިފައި ވާތީއެވެ. ކޮންމެ ގޮތެއްވިޔަސް މިކަމާއި ކުރިމަތިލުން ނޫން އެހެން ގޮތެއް ނައުފަލަކަށް ނެތެވެ. އަދި މިކަމުގެ ހުރިހާ ހަގީގަތެއް ރީމާމެންނަށް ކިޔައިދީފިއްޔާ ނައުފަލްމެންގެ ދިރިއުޅުން ވިއްސިވިހާލިވާނެއެވެ. ނައުފަލް ގޭތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އެކަމާއި ދެރަވެގެން ނުވަތަ ނައުފަލަށް އެއްބާރުލުން ދޭން ރީމާ އެއްވެސް މަސައްކަތެއް ނުކުރެއެވެ. ރީމާ ބޭނުންވަނީ މިހާރުން މިހާރަށް މިކަން ނިންމާލާށެވެ. އެނޫން އެއްވެސް ގޮތެއް އެމީހުން ބޭނުން ނުވާނެކަން ނައުފަލަށްވެސް އެނގެއެވެ. ނައުފަލް ގޮސް އެނދުގައި އިށީނެވެ. ގާތުގައި ރީމާ އިށީނީ ދަރިފުޅުވެސް ގޮވައިގެންނެވެ.

އިރުއެރިއިރު މުޅިރަށުތެރޭގައި އޮތީ އެވާހަކައެވެ. ރަށުގައި ޖިންނި ކުއްޖަކު އުޅޭވާހަކައެވެ. ނަމަވެސް އެއީ ކާކު ކޮންތާކު ކަމެއް އެއްވެސް މީހަކަށް ނޭނގެއެވެ. ކުރިން ރަށަށް ދިމާވެފައިވާ ބިރުވެރިކަން ދެވަނަ ފަހަރަށް ތަކުރާރުވާން ބޭނުން ނުވާކަމަށް ގިނަ މީހުން ދިޔައީ ބުނަމުންނެވެ. އަބަދު މިކަންތަކުގައި ނޫޅެ މުޅިން މިކަމުން ސަލާމަތްވާން ބޭނުމެވެ. ނަމަވެސް މިފަހަރު އެމީހުން ބޭނުންވަނީ މިކަން ވަރުގަދަކޮށް ޖައްސާށެވެ. އަބަދު މިކަން ކުރުމުގެ ބަދަލުގައި މިފަހަރަކީ އެންމެ ފަހު ފަހަރުކަމަށް ހަދާށެވެ. ނަމަވެސް މިފަހަރު އިސްކޮށް އުޅެން ހަމަޖެހިވަނީ ރީމާގެ ބައްޕައެވެ. މިކަމަށް ފައިސާ ޚަރަދު ކުރުމަށްވެސް ރީމާގެ ބައްޕަ ހުރީ ތައްޔާރަށެވެ.

ރަށުގެ އެކި ހިސާބަށް ދޮންވެލިލައި ރަށުގެ ގިނަ ހިސާބުތައް ރަޝީދު އަންނަންވާއިރަށް ވަނީ ނިންމާފައެވެ. އެކަމުގައި ހަރަކާތްތެރިވާނެ މީހުންވެސް ރަޝީދުގެ އިރުޝާދުގެ ދަށުން ވަނީ ތަމްރީން ކޮއްފައެވެ. އަދި ބޭނުން ޖެހިއްޖެ ހާލަތެއްގައި އިތުރު ބަޔަކުވެސް ވަނީ އެންމެ ފުރިހަމައަށް ތައްޔާރުވެފައެވެ. ކޮންމެ މީހަކަށް ރަނގަޅު އެލަވަންސަކާއި އެހެނިހެން އިނާޔަތްތައް ދީފައިވަނީ މިކަން ރަނގަޅަށް ކުރުމަށެވެ. އެމީހުންނަކީ ހަށިގަނޑުން ވަރުހުރި ރަށުން ހޮވައިލެވޭ ބަޔެކެވެ.

ހަވީރުގެ ފިނީގެ އަސަރު މުޅި ރަށުތެރެއަށް ވަނީ ފެތުރިފައެވެ. ހުކުރު ދުވަހަށް ވުމާއި އެކު ރަށުގެ ހުރިހާ ފިރިހެނުން ތިބީ ރަށުގައެވެ. އަދި އަމުދުން މިއަދަކީ ރަޝީދު މިރަށަށް އަންނަ ދުވަހެވެ. އަތިރިމަތީގައި މީހުން އެތުރިފައި ތިބީ ރަޝީދުގެ އިންތިޒާރުގައެވެ. ގިނަ އިރަކު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ރަށުގެ ފަޅަށް ވަދެގެން އައީ ރަޝީދު ގޮވައިގެން އައި ޑިންގީއެވެ. ކުޑަ އެ ޑިންގީ ރަޝީދު ރަށަށް ބޭލުމަށްފަހު ފުރައިގެން ދިޔައީއެވެ. ރަޝީދު ރަށުތެރެއަށް އަރައިގެން ދިޔައީ ވަރަށް ހަމަޖެހިލައިގެންނެވެ. މީގެ ކުރިންވެސް މިރަށަށް އެތައް ފަހަރަކު އައިސްފައިވުމުން ރަށުގެ ހުރިހާ ކަމެއް އޭނައަށް އެނގެއެވެ. ރަށުގެ ގިނަމީހުންނާއި ރަޝީދުގެ ގުޅުންވެސް ރަނގަޅެވެ. ހިނގާފައި ގޮސް ރަޝީދު މަޑުކޮއްލީ އޭނާ ހުންނަން ހަމަޖެހިފައިވާ ބޯކަށިކެޔޮމާގޭގައެވެ. ރަށުގެ ދެކުނު ފަރާތުގައި ހުންނަ އެގެއަކީ މީހުން އަބަދުވެސް އުޅޭ ހިސާބެކެވެ. ގެ ކައިރީގައި ހުންނަ ހޮޅުއަށީގައި އަބަދުވެސް މީހުން އަނގަތަޅަން ތިބެއެވެ. ރަޝީދު ގެއަށް ވަނުމުން ދެތިން މީހަކު އެ ގޭ ކައިރީގައި މަޑުކޮއްލުމަށްފަހު ދެންތިބި މީހުން ހިނގައިގަތީ އެމީހެއްގެ ގެއާއި ދިމާލަށެވެ. ރަޝީދު މަސައްކަތް މިރޭ ފަށާތީވެ އެކަމަށް އެމީހުން ތައްޔާރު ވާން ބޭނުންވާތީއެވެ. 

ރަޝީދު އެންމެ ސިކުންތެއްވެސް ބޭކާރު ކޮއްލާކަށް ބޭނުމެއް ނުވިއެވެ. އެމީހުންނަށް ގަޑި ކިޔާފައި އޮތީ ދެނަމާދު ދޭތެރެއެވެ. ނަމަވެސް އެކަމަށް ގިނަ ބަޔަކު ދެކޮޅު ހަދަމުން ދިޔަޔަސް ރަޝީދުގެ ގޮތް ދޫނުކުރުމާއި ގުޅިގެން މަދު ބަޔަކު އެގަޑިއަށް އެއްބަސްވިއެވެ. ގިނަ މީހުން ބޭނުންވީ އިޝާ ނަމާދަށް ބުރޫ ނާރާ ގޮތަށް އެކަންތައް ކުރާށެވެ. ނަމާދު ކޮއްލައިގެން ނޫނިއްޔާ އެކަން ކުރަން ބޭނުން ނުވަނީއެވެ. ނަމަވެސް ހަމަޖެހިފައިވާ ގަޑިއަށް އެކަމަށް އެއްބަސްވި އަދި އެކަމަށް ތައްޔާރު ކޮއްފައިވާ ޒުވާނުން އެތަނަށް ހާޒިރުވެ ތިއްބެވެ. ރަށު މެދުތެރޭގައި ތައްޔާރުކޮއްފައިވާ ގެގަނޑު ތެރޭގައި ރަޝީދުގެ އިންތިޒާރުގައި އެންމެން ތިބީ ހުދުކުލައިގެ ހެދުމެއް ލައިގެންނެވެ. މަޢުރިބު ނަމާދަށް ގޮވިތާ ފަސްވަރަކަށް މިނިޓްވެސް ނުވަނީސް ރަޝީދުވެސް އައިސް އެ ގެ ގަނޑުތެރޭގައި އިށީނެވެ. ކައިރީގައި ގޮނޑިތައް އަތުރާފައި ހުއްޓަސް ރަޝީދު ބޭނުންވީ ބިންމަތީގައި އެންމެން ތިބުމަށެވެ. ފުރަތަމަވެސް އައިސް އެންމެންގެ އަތުގެ މުލައްދަނޑީގައި އެޅުވީ ތަވީދެކެވެ. އެއްވެސް މީހަކު އެކަމަށް ދެކޮޅު ނުހަދާ ތިބީ ރަޝީދު ކުރާ އެއްވެސް ކަމަކަށް އެއްޗެކޭ ބުނެފިއްޔާ މިކަންތައް ހުއްޓާލާފައި އޭނަ ހިނގައިދާނެތީއެވެ. އެންމެންގެ އަތުގައި ތަވީދު އެޅުވުމަށްފަހު ވަށް ބުރަކަށް ރަޝީދު ވަށައިގެން އިށީނުމަށް އިރުޝާދު ދިނެވެ. އެމަންޒަރު ބަލަން ދުރުގައި ރީމާގެ ބައްޕަ ހުއްޓެވެ. ނަމަވެސް މިކަމުގައި ނައުފަލް ބައިވެރި ނުވީ ރީމާ އެކަނި ގޭގައި އިންނަން ޖެހޭތީ ކަމަށް ބުނެއެވެ. ނަމަވެސް މިކަމުގައި އިސްކޮށް ރީމާގެ ބައްޕަ އުޅެމުން ދާތީ ރަޝީދުވެސް ބޭނުންވީ ހުރިހާ ކަމެއްގައި އަމަލީ ގޮތުންވެސް ރަޝީދުވެސް ބައިވެރިވުމަށެވެ.

ފުރަތަވެސް ދެލޯ މަރާލުމަށްފަހު ރަޝީދު ކިޔަވަން ފަށައިފިއެވެ. އަދި ފަހަތުން އެހެން މީހުންވެސް ރަޝީދު ކިޔަވާ އެއްޗެއް ކިޔަވަމުން ދިޔައެވެ. އަދި ކިޔަވަމުން ކުރިއަށް ދާ ގަޑީގައި އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަން ރަޝީދު ދިނީ އޭނާ އެޅުވި ތަވީދު އެމީހުންގެ އަތުގައި އޮތުމުންނެވެ. ރަޝީދުގެ ކިޔެވުން މެދުކެނޑުނީ އެތަނަށް ނައުފަލާއި ބިލާލް އައުމުންނެވެ. ބިލާލް ބަލާކަށް ނުހުރެ ދުއްވައިގަތީ ރަޝީދު އާއި ދިމާލަށެވެ. އެކަންތައް ހުއްޓުވުމަށެވެ. ނަމަވެސް އެތާގައި ތިބި މީހުން އެއަށްވުރެ މާ ހުށިޔާރެވެ. އެންމެން ވެގެން ބިލާލް ހުއްޓުވިއެވެ. އަދި ބިލާލްގެ އަތާއި ފައި ބަނދެފައި ރަޝީދުގެ ގާތުގައި ބޭންދިއެވެ. އެމަންޒަރު ބަލަން ދުރުގައި ހުރި ނައުފަލަކަށް ކެތެއް ނުކުރެވުނެވެ. ބިލާލް ސަލާމަތް ކުރަން ނައުފަލް ދުއްވައިގަތުމުން އޭނާ ހިފެހެއްޓީ ރީމާގެ ބައްޕައެވެ. ރީމާގެ ބައްޕަ ނައުފަލް ހިފެހެއްޓުމުން އެކަމަށް ދެކޮޅު ހަދާކަށް ނައުފަލަކަށް ނުކެރުނެވެ. ނައުފަލް އަތުގައި ހިފަހައްޓައިގެން ރީމާގެ ބައްޕަ ހުރިއިރު އުޑުމަތި ބަނަވެ ވައި ގަދަވާން ފެށީ ކުއްލިއަކަށެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅިތައް އެމީހުންގެ ހަށިގަނޑު ތޮރުފާ ލައިހެންނެވެ. ނަމަވެސް ރަޝީދުގެ އެންގުމާއި ޚިލާފް ވާކަށް އެއްވެސް މީހަކަށް ނުކެރުނެވެ. އެގަދަ ފިންޏަށް ކެތް ނުކުރެވިގެން ފުރަތަމަވެސް ދާން ހިނގައިގަތީ ރީމާގެ ބައްޕައެވެ. އަދި ދިޔައީވެސް ނައުފަލްވެސް ގޮވައިގެންނެވެ. ރީމާ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ބައްޕަގެ އެއްވެސް ނިންމުމަކަށް ދެކޮޅު ހަދާކަށް ދުވަހަކުވެސް ނައުފަލަށް ނުކެރުމަކީ އޭނަގެ ބަލިފައެވެ. ކިޔެވެލި ކިޔަވަން ތިބި މީހުންގެ ތެރެއިން ފަހަރަކު މީހަކު ކޮޅަށް ތެދުވާން ފެށިއެވެ. ނަމަވެސް އެކަން އެހެން ނުކޮށް ހިތްވަރު ކުރުމަށް ރަޝީދު ތަކުރާރުކޮށް އެދެމުން ދިޔައެވެ. ނަމަވެސް އެމީހުންނަށް އެފިނީގައި ކެތް ކުރެވޭ ކަމަކަށް ނުވިއެވެ. ގިނައިރު ވާ ވަރަކަށް ފެންނަ ކަންތައްވެސް ދިޔައީ އިތުރު ވަމުންނެވެ. ދޫންޏާއި ވާލުގެ އަޑުން މުޅި ހިސާބު ވަނީ ގުގުމާލައިފައެވެ. ބައެއްފަހަރު އެދޫނިތައް ވަރަށް ތިރިން އުދުހޭ ތަންވެސް ފެނެއެވެ. ނަމަވެސް އެއީ އެއްވެސް މީހެއްގެ އަތް ފޯރާ ފަށަކުންނެއް ނޫނެވެ. އެހާ ފިނިގަދަވަމުން ދިޔައިރު ވެސް ރަޝީދުގެ މަސައްކަތަކަށް ކުޑަވެސް ހުއްޓުމެއް ނާދެއެވެ. ރަޝީދުގެ ހަރަކާތަށް އެހެން މީހުން ކޮޅަށް ތިބީ މިރެއަށް އެކަން ހުއްޓާލާނެ ވަގުތަކަށް އިންތިޒާރުގައެވެ.

= ނުނިމޭ =

ނޯޓް: މިވާހަކަ ޕަބްލިޝް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު ދުވަހަކުއެވެ.

+1
0
+1
3
+1
5
+1
1
+1
2
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް