ބުރަމަސައްކަތްކޮށްގެން އާމްދަނީ ހޯދަނީ ވަރަށް ގިނަ ބޭނުންތަކަކަށްޓަކައެވެ. ބައެއްމީހުން އަނބިންނާއި ދަރިންގެ ދިރިއުޅުމުގެ ޚަރަދުތައް ބެލެހެއްޓުމަށެވެ. އަނެއްބަޔަކު ފައިސާ ހޯދަނީ އަރާމު ދިރިއުޅުމެއް އުޅުމަށެވެ. މިހެންގޮސް އެކިމީހުން ފައިސާ ހޯދާ މަގުސަދުވެސް ތަފާތެވެ. އަނެއްބަޔަކު ފައިސާ ހޯދަނީ އަގުބޮޑެތި އެއްޗެހި ގަތުމަށެވެ. ނޫނީ ފަހަށް ފައިސާ ރައްކާކުރުމުގެ މަގުސަދުގައިވެސް ފައިސާ ހޯދާ މީހުން އުޅެއެވެ. ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް ފައިސާއަކީ ކޮންމެހެން ބޭނުންވާ އެކައްޗެވެ. ބުރަ މަސައްކަތުގައި އޮފީހުގައި އުޅެފައި އައިސް އިތުރު މަސައްކަތްތަކަށްވެސް މީހުންދެއެވެ. އެހާ ބުރަކޮށް މަސައްކަތްކޮށް އުޅުމަށްފަހު ތިމާގެ އަމިއްލަ ހިތްހަމަޖެހުމަށް ކުރަނީ ކޮންކަމެއްބާއެވެ؟
ދުވާލާއި ރޭގަނޑު ބުރަކޮށް މަސައްކަތްކޮށް ފައިސާ ހޯދުމަށްފަހު ރެސްޓޯރެންޓަކަށް ކާލަން ނުގޮސް އަގުބޮޑު ރީތި އެއްޗެއް ނުގަނެވެސް އުޅޭ މީހުން އުޅެއެވެ. އަސްލު ހަގީގަތުގައި ފައިސާ ހޯދުމުގައި މުހިއްމު ދެކަމެއް އޮންނަންވާނެއެވެ. ދިރިއުޅުމުގެ ޚަރަދުތައް ބެލެހެއްޓުމަށާއި އަމިއްލަ އުފަލާއި ހިތްހަމަޖެހުމަށްވެސް ކޮންމެވެސް ކަމެއް ކޮށްލުން މުހިއްމެވެ. ގިނަ ފަހަރަށް ބޭނުންވާ ކޮންމެވެސް އަގުބޮޑު އެއްޗެއް އޮވެއެވެ. އެހެންނަމަވެސް އެއީ ކޮންމެހެން އެހާމުހިއްމު އެއްޗަކަށް ނުވާތީ އެކަހަލަ މީހުން ބަލާނީ ފިއްތާލައިގެން އުޅެވޭތޯއެވެ. އެއެއްޗަކީ ކޮންމެހެން ބޭނުންވާ އެއްޗަކަށް ނުވާނަމަ އޭގެ ފަހަތުން ނުދުވާނެއެވެ. އެކަމަކުވެސް ބައެއްފަހަރު އަގުބޮޑަސް ތިމާގެ ހިތްހަމަޖެހުމަށް އެއެއްޗެއް ގަނެލުމުން ހިތަށް އެލިބޭ ހިތްހަމަޖެހުންވެސް އޮންނާނެތާއެވެ. ބައެއްމީހުންގެ ދިރިއުޅުމުގައި މިކަހަލަ އެތައްކަމެއް އެބަހުއްޓެވެ. އަމިއްލަ ނަފުސު ހިތްހަމަޖައްސައިދިނުމަކީ ކިހާމުހިއްމު ކަމެއްކަން އެނގެނީ ކިތައްމީހުންނަށްބާވައެވެ. އެއީ ސިއްހީ ގޮތުންވެސް ތިމާއަށް އެތައް ފައިދާ ކުރުވަނިވި ކަމެކެވެ.
ތިމާއަށް އުފާވެރިކަމެއް ލިބޭނަމަ އެކަމަށް ޝުކުރުވެރިވާށެވެ. ތިމާގެ އަމިއްލަ ހަޔާތުގައި ނުވަތަ ވަޒީފާގެ ދާއިރާގައި އުފާވެރިކަމެއް ލިބޭނަމަ އެކަންކަން އެހެން މީހުންނާއި ހިއްސާ ނުކުރާށެވެ. ނުވަތަ ތިމާ އަމިއްލައަށް ނިންމާ ނިންމުންތަކުގައި އެހެން މީހުންގެ ޚިޔާލު ނުހޯދާށެވެ. އަބަދުވެސް ވިސްނާށެވެ. ތިމާއަށް އުފާވެރިކަމެއް ލިބޭނަމަ އެއުފާވެރިކަމުގެ ހައްގުވެރިއަކަށް ވާނީ ހަމަ ޚުދު ތިމާއެވެ. ގިނަފަހަރަށް އެކަހަލަ އުފަލެއް ލިބޭނަމަ އެހެންމީހުން ބޭނުންވާނީ އެއުފާވެރިކަމުން ތިމާ މަހުރޫމު ކޮށްލާށެވެ. ލިބޭ ކޮންމެ އުފަލަކަށް ޝުކުރުކުރަމުން އެހެންމީހުންގެ ހަޔާތުން ކަންކަން ނަގައިގެން އެހެންމީހުންނާ އަޅާ ނުކިޔާށެވެ. އެއީ ގޯހެކެވެ. ތިމާ އަމިއްލައަށް ހިތްހަމަޖެހޭ ކަންކަންކޮށްލުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ.
ހުރިހާވެސް އެއްޗަކީ ފައިސާ ކަމުގައިވެސް ނުހަދާށެވެ. ފައިސާ ހޯދަނީ ދިރިއުޅުމުގެ އުފަލާ ހިތްހަމަޖެހުމަށް ކަމަށްވާއިރު ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދާލައިގެން އުޅުމުން އެއީ ދިރިއުޅުން އުފާކުރެވުނީއެއް ނޫނެވެ. ތިމާގެ އަމިއްލަ ހިތްހަމަޖެހުމަށް ކުރަން ބޭނުންވާ ކަންކަން ނުކޮށް ނުހުންނާށެވެ. އާއިލާ މީހުންނާއި ރައްޓެހިންނާއެކު ބޭރަށް ދިއުމާއި ދަތުރު ދިއުންފަދަ ކަންކަންވެސް ރާވާލާށެވެ. ދިރިއުޅުމުގައި ބުރަކޮށްއުޅެ ފައިސާ ހޯދައިގެން އެކަމުގެ އަރާމުވެސް ހޯދުން މުހިއްމުކަން ދެކޭށެވެ.