ވޭތުވެދިޔަ 3 އަހަރު އެންމެ ގިނަ މީހުން ދައްކާ އެއްވާހަކައަކީ ރޯގާ ޖެހުމަށްފަހު ރަނގަޅުވާން ގިނަ ދުވަސް ހޭދަވާ ވާހަކައެވެ. އަދި އަވަސް އަވަހަށް ރޯގާ ޖެހޭއިރު ކުޑަކުދިންވެސް އަބަދުކަހަލަ ގޮތަކަށް ރޯގާ ޖެހިގެން ރަނގަޅު ނުވާ ވާހަކަ ވަރަށް ގިނަ މީހުން ބުނެއެވެ.
ކުޑަކުދިންގެ ޑޮކްޓަރަކު ފާހަގަކުރި ގޮތުގައި އަބަދު ރޯގާޖެހި ރަނގަޅުވާން ވަގުތު ހޭދަވަނީ ކޮވިޑަށްފަހު ދިފާއީ ބާރު ދަށްވުމުން ކަމަށްވެސް ވެދާނެއެވެ. އެހެންވުމުން ގިނައިން ދިޔާއެއްޗެހި ދިނުމަށްފަހު ހަށިގަނޑަށް ފައިދާހުރި ކާނާ ދިނުން ވަރަށް މުހިންމެވެ.
ފަހަކަށް އައިސް ފެތުރެމުން އަންނަ ވަރުގަދަ ރޯގާގެ އަލާމާތްތައް
- ނޭފަތް ބެދި ނޭވާލާން އުދަގޫވުުން
- ރޯގާއާއެކު ލޭއައުން
- ރަނގަޅު ނުވެ މަހަކަށްވުރެ ގިނަ ދުވަސް ހޭދަވުން
- އާދަޔާޚިލާފަށް ކެއްސާ ނިދަން އުދަގޫވުން
- ކެއްސާއިރު ހޮޑުލެވޭވަރުވުން
- ވާހަކަ ދައްކަން އުދަގޫވެ ކަރުތެރޭގައި ރިއްސާ ކަރުތެރެ ރަތްވުން
- ކަރުތެރެ ދުޅަވުން
- ވަރުބަލިވެ އަބަދު އޮށޯންނަން ބޭނުންވުން
- ހުން އައުން
- ލޯ ރަތްވުން
ގިނަ މީހުންނަށް މި ރޯގާ ފުރަތަމަ ޖެހެނީ ކަރުތެރެއަށެވެ. ވާހަކަ ދައްކަން އުދަގޫވެ އަޑު ވަރަށް ބޮޑަށް ބަދަލުވެ ކަރުގައި ރިއްސައެވެ. ހަފްތާއެއްހާ ދުވަހަށް މިގޮތަށް ދެމިގެންދާއިރު ރޯގާ އަންނަނީ ކަރުތެރެއިންނެވެ. އެއަށްފަހު އެކީގައި ރަނގަޅު ނުވެ އަނެއްކާ ރޯގާ ނޭފަތުން އަންނަން ފަށައެވެ. ގިނަ އަދަދަކަށް ނޭފަތުން ރޯގާ އަންނަން ފެށުމުން ބައެއް މީހުންގެ ނޭފަތް ކަނޑައިގެން ގޮސް ރޯގާއާއެކު ހަފްތާއެއްހާ ދުވަހަށް ލޭވެސް އައި ކަމަށް ޒީޓައިމްސް އާއި މައުލޫމާތު ހިއްސާކުރި މީހުން ވަނީ ބުނެފައެވެ.
މި ރޯގާގެ އެންމެ އުދަގޫ ކަމަކީ 10 ދުވަސް ވާއިރުވެސް ނޭފަތުން ރޯގާ އައުން ނުހުއްޓި ދިގުދެމިގެން ދިއުމެވެ. އަދި ނޭފަތް ބެދި ނޭވާލާން އުދަގޫވެ އާދަޔާޚިލާފަށް ކެއްސާކަން ފާހަގަވެއެވެ. މި ވަރުގަދަ ރޯގާ ޖެހިގެން އުޅޭއިރު ބައެއް މީހުންނަށް ލޮލު ރޯގާވެސް ޖެހެއެވެ. އަނެއްބައި މީހުންގެ ލޯ ރަތްވެ ބޮލުގައި ރިއްސާ ވަރުބަލިވެ ހުންވެސް އާދެއެވެ.
ޑޮކްޓަރަށް ދެއްކުމުގެ އިތުރަށް ގޭގައި ދެވިދާނެ ފަރުވާ
މިއީ މިހާތަނަށް ތަޖުރިބާކުރި އެންމެ ތަފާތު ވޭންބޮޑު ރޯގާ ކަމަށް މި ރޯގާޖެހުނު މީހުން ބުނެއެވެ. ޑޮކްޓަރަށް ދެއްކުމުގެ އިތުރަށް ތިރީގައިވާ ފަރުވާތައް ގޭގައި ދެވިދާނެއެވެ.
- ކަރު ދޮވުން
ތާފެނާ ފެނަށް ލޮނުކޮޅެއް އެޅުމަށްފަހު ހެނދުނާއި ރޭގަނޑު ކަރުތެރެ ދޮވެލާށެވެ.
- އޮރެންޖް ހޫނުކޮށްފަ ދިނުން
އޮރެންޖްގެ ތޮށި މެށުމަށްފަހު އޭގެ ޖޫސް ތެއްޔަކަށް އެޅުމަށްފަހު ހޫނު ކޮށްލާށެވެ. ކުޑަކޮށް ހޫނުކޮށް ހުންނައިރު ކުޑަކުދިން އަދި ބޮޑެތި މީހުންނަށްވެސް ބޭނުންކުރެވިދާނެ އެވެ. މިއީ ކެއްސުމަށް ވަރަށް ރަނގަޅު ފަރުވާއެކެވެ.
- ފެން ކެއްކުން
ކަރަންފޫ، އަސޭމިރުސް، ކާފޫރުތޮޅި އަޅާފަ ފެން ކައްކާލާށެވެ. އެއަށްފަހު ފުރާނާލައިގެން އެ ފެން ބޮޑެތި މީހުންނަށް ބޮވިދާނެއެވެ.
- އިނގުރު ކެއުން
މާބޮޑަށް ކެއްސާ ކަރަށް އުދަގޫވާނަމަ އިނގުރު ފޮއްޗެއް އަނގައިގަ ގިނައިރުވަންދެން ބާއްވާށެވެ. އެއަށްފަހު ހަފައިގެން ކާށެވެ. ފުރަތަމަ ވަރަށް ކުޅިހެން ހީވާނެއެވެ. އެކަމަކު މިގޮތަށް ކާން ފެށުމުން ފަރިތަވެދާނެއެވެ. މިއީ ކެއްސުމަށް ފަރުވާއެކެވެ.
- ލުނބޯ މާމުއި
ލުނބޯޖޫސް އަދި މާމުއި އެއްކޮށްގެން ބޯށެވެ. މިއީވެސް ރޯގާ އަށް ފަރުވާއެކެވެ.