November 24, 2024 06:23
Advertisement

-Advertisement-

ބިރުވެރި ވާހަކަ: އެރެއަށްފަހު (ބާވީސްވަނަބައި)

ނަމަވެސް އެ ފިނި ވައިރޯޅިތަކަށް ކެތްކުރަމުންވެސް އެކިޔެވެލި ހުއްޓާލާ ޚިޔާލެއް ރަޝީދު ނުކުރިއެވެ. އޭނަގެ ގާތުގައި ބިލާލް އޮވެގެން ތެޅި ފޮޅެނީއެވެ. އުދުހެމުންދާ ވާލާއި ކާޅުގެ އަޑުން މުޅިތަން ގުގުމަމުން ދިޔަޔަސް އެކަމަށް އެއްވެސް ފަރުވާލެއް ނެތް ކަހަލައެވެ. ވަށައިގެންވާ ގަސްތަށްވެސް ހީވަނީ ދެންމެ ދެންމެ ބިންމައްޗައް ތިރިވެދާނެހެންނެވެ. ކައިރީގައި ތިބި މީހުން އެންމެފަހުން ކެތް ނުކުރެވިގެން ތެދުވެގެން ދުއްވައިގަތެވެ. މަދު ބަޔަކު ރަޝީދާއި އެކު ހިތްވަރު ކުރަމުން ދިޔައެވެ. ގަޑިން ނުވަގަޑިބައިވާން އުޅެނިކޮށް ކިޔެވެލި ހުއްޓައިލުމާއިއެކު އުޑުމަތި އަމާންވެ ޖެހެމުން ދިޔަ ވައިރޯޅިވެސް ހުއްޓުނެވެ. ރަޝީދުގެ ގާތުގައި ބަނދެފައި އޮތް ބިލާލް މޮހައިލީ ރަޝީދެވެ. ބިލާލް މިނިވަން ވުމާއި އެކު ފުރަތަމަ ހަމަލާވެސް އެރީ ރަޝީދުގެ މޫނަމައްޗަށެވެ. ކައިރީގައި ތިބި މީހުން ދުވެފައި އައިސް ބިލާލް ހިފެހެއްޓިއެވެ. ނަމަވެސް ބިލާލް ދޫކޮއްލަން ރަޝީދު އެންގީ އެއްވެސް ޖެހިލުމެއް ނެތިއެވެ. ބިލާލް ދޫކޮއްލުމުން މިފަހަރު އެއްވެސް ކަމެއް ނުކޮށް އިސްދަށަށް ޖަހާލައިގެން އެމީހުންނާއި ދުރަށް ދާން ހިނގައިގަތެވެ. ކިޔެވެލި ކިޔަވަން ތިބި މީހުންވެސް އެމީހުންގެ މަސައްކަތް ނިންމާލުމަށްފަހު ރަޝީދު ދީފައިވާ ލަފަޔާ އެއްގޮތަށް ގެއަށް ދާން ހިނގައިގަތެވެ.

ބިލާލަށް ގެއަށް އާދެވުނުއިރު މުޅި ގޭތެރެ އޮތީ އަނދިރިކޮއްލާފައެވެ. އެއްވެސް ދިމާލަކުން އަލިކަމެއް ފެންނާކަށް ނެތެވެ. ބިލާލްގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ރީޝާއަށް ވީގޮތެއް ނޭނގޭތީއެވެ. އެމީހުން ކުރިންވެސް އެކަހަލަ ކަމެއް ކުރުމުގެ ސަބަބުން ރީޝާއަށް ވަނީ އަނިޔާ ތަކެއްވެފައެވެ.

"ރީޝާ" ބީލާލް ބާރަށް ގޮވައިލިއެވެ.

Advertisement

ގޭތެރެއަށް ވަންނަމުން ސްވިޗްތައް އޮން ކޮއްލިއެވެ. ފެންނަ ހިސާބެއްގައިވެސް ރީޝާއެއް ނެތެވެ. ބިލާލް ހާސްވެފައި ހުރެ ރީޝާއަށް ގޮވަމުން ވަށައިގެން ހޯދަމުން ދިޔައެވެ. ރީޝާގެ ކުކުރުމުގެ އަޑު އިވިގެން ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ކޮޓަރީގެ ކަނެއްގައި ރީޝާ ވެއްޓިފައި އޮތެވެ. ބިލާލް ދުވެފައި ގޮސް ރީޝާގެ ގައިގައި އޮޅުލައިގަތެވެ. މޫނުމަތިން ޒަޚަމްތައް ފެންނަން ހުއްޓެވެ. އަދި ހަށިގަނޑުގެ އެއްފަޅީގެ ވާގި ނެތް ކަމުގެ އިހުސާސް ބިލާލަށް ކުރެވުނެވެ. ލަސްނުކޮށް ރީޝާ ނަގައި އެނދުމަތީގައި ބޭއްވިއެވެ.

"ހާދަހާ އަނިޔާވެރިބައެކޭ އެމީހުންނަކީ" ރީޝާގެ އަނގައިން ވޭނީ އަޑެއް ނިކުތެވެ.

ބިލާލްގެ ޓީޝާޓް ބާލައި ރީޝާގެ މޫނުމަތީގައި އެޅީ ފައިބަމުންދާ ލޭ މަނާކުރެވޭތޯއެވެ. އެއިރު ބިލާލްގެ ލޮލުން ކަރުނަ ފާއްދާލިއެވެ.

"ދެން ކިހިނެއް ހަދާނީ. ޑޮކްޓަރަކަށްވެސް ނުގެންދެވޭނެތާ" ބިލާލަށް ރޮވެން ފެށުނެވެ.

"އެއްވެސް ތާކަށް ގެންދާނެ ކަމެއްނެތް. ރަނގަޅުވެދާނެ. ނަމަވެސް އަހަރެންގެ އާއިލާގެ އެތައް ބަޔަކު މިރޭ މަރުވެގެން އެދިޔައީ. އޭގެ ބަދަލު ފެންނާނެ އަދި" ރީޝާ ހިތްވަރާއި އެކު ކޮޅަށް ތެދުވިއެވެ. ރީޝާއަކީ ޖިންނިއަކަށް ވާތީ އިންސާނުންނާއި ތަފާތު ވާނެކަމަށް ބިލާލް ގަބޫލު ކުރާތީ ކޮންމެ ކަމެއް ކުރުމަށްވެސް ދޫކޮއްލިއެވެ. ރީޝާ ތެދުވެގެން ގޮސް ވަނީ ގިފިއްޔަށެވެ. ނަމަވެސް ބިލާލްގެ ހިތުގައި ބިރުވެރިކަން އުފެދުނީ ގިފިއްޔަށްދާ ގަޑީގައި ރަށުގެ މީހުން ފާރައަށް ތިބެއްޖެއްޔާ އެމީހުންނަށް ފެނިދާނެތީއެވެ. ރީޝާ ދިއުމާއި އެކު ބިލާލް އޮށޯތީ ވެފައިވާ ވަރުބަލިންނެވެ. ރީޝާ އައުމުން ލިބިފައިވާ ޒަޚަމަށް ބޭހެއް ކޮލެވޭނީވެސް އެއިރުންތާއެވެ. ބިލާލަށް ހޭލެވުނީ ދޮރުގައި ބާރަށް މީހަކު ތަޅައިގަތް އަޑަށެވެ. ދެލޯ ހުޅުވާލައި ވަށައިގެން ހޯދައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ރީޝާވެސް ކޮޓަރީގައި ނެތުމުން ބިލާލްގެ ހިތުގައި ބިރުވެރިކަން އިންތިހާއަށް ދިޔައެވެ. އަވަހަށް ތެދުވެ ބޭރަށް ނިކުންނަން ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ސިޓިންގ ރޫމްގައި ރީޝާ ހުއްޓާ ފެނުމުން ބިލާލަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

"ކާކު ދޮރުގައި ތަޅަނީ" ބިލާލް ސުވާލުކޮއްލިއެވެ. ބިލާލް އެސުވާލު ކޮއްލުމާއި އެކު ރީޝާ އަނގައިންވެސް ނުބުނެ ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހުރީ ނައުފަލެވެ. ކޮންމެވެސް ކަމަކާއި ހާސްވެފައިހުރިހެން ހީވެއެވެ.

"ރީމާގެ ބައްޕައަށް ހަމަލަ ދީފި. މިހާރު އެއްފަޅީގައި ވާގިވެސް ނެތް. އެންމެން ރޮނީ" ނައުފަލް ހުރީ ވަރަށް ހާސްވެ ކަންބޮޑުވެފައެވެ.

"ކާކު ހަމަލަ ދިނީ" ބިލާލް އަނެއްކާވެސް ސުވާލު ކުރިއެވެ.

"އަހަރެންގެ އާއިލާގެ މީހުން. ފަހަރަކު މީހަކު ދުއްވާލާނަން. އަދި މޮޅުކޮއްލަން އެ ތަވީދެކޭ ކިޔާ އެއްޗެއްވެސް އަޅައިގެންނޭ ނިދަން އޮތީ. މޮޅެއް ވެއްޖެއެއްނު" ނައުފަލް ވާހަކަ ދެއްކުމުގެ ކުރިން ރީޝާ ވާހަކަ ދައްކަން ފެށިއެވެ. ތެދެކެވެ. ރަޝީދުވެސް އެވާހަކަ އޮތީ ބުނެފައެވެ. މިފަހަރު ގިނަ ޖިންނީންނާއި ކުރިމަތިލާން ޖެހޭނެ ވާހަކައެވެ.

"މިހާރު ކޮބާ ބައްޕަ" ބިލާލް އިތުރަށް އޮޅުން ފިލުވަން ބޭނުންވިއެވެ.

"އެބައޮތް ގޭގައި. އެއްވެސް ހަރަކާތެއް ނުކުރެވޭ" ނައުފަލަށް ރޮވެން ފެށުނެވެ.

"ކޮބާ އޭނަ އަތުގައި ހުރި ފައިސާ. އޭނަ ހީކުރި ފައިސާއިން ހުރިހާ ކަމެއް ކުރެވޭނެކަމަށް. އަދި އެވެސް ހިނގައިދާނެ" ރީޝާގެ އަޑުގައި ހުރީ ހަރުކަށިކަމެވެ. އެއިރުވެސް ރީޝާގެ މޫނު މަތިން ފެންނަން ހުރި ޒަޚަމުން ލޭ އަންނަމުން ދިޔައެވެ.

"ނޫން. ދެން އިތުރަށް ކަމެއް ނުކުރާތި" ނައުފަލް އާދޭސް ކުރަން ފެށިއެވެ.

"އަހަރެންގެ ހަށިގަނޑަށް ބަލާބަލަ. މިހިރީ ކިހިނެތް ވެފައި. ކަލޭމެން އިންސާނުންނަކީ ވަރަށް އެދުން ބޮޑު ބައެއް. އެކަމަކު ދެނެއް ދުލެއް ނުދޭނަން. އަވަހަށް މިތަނުންދޭ. އެހެން ނޫނިއްޔާ އަމިއްލައަށް މިތާ ކައްވަޅު ކޮންނަން ފަށާ" ރީޝާ ރުޅިވެރިކަމާއިއެކު އިންޒާރު ދެމުން ދިޔައެވެ. ރީޝާއަށް ލިބުނު އަނިޔާގެ ބަދަލުގައި މިފަހަރު ދޫދޭކަށް ބޭނުމެއް ނުވެއެވެ. ރީޝާ އެހެން ބުނެލުމާއިއެކު ނައުފަލް ބާރަށް ދުއްވައިގަތެވެ. އެމީހުންގެ ގެއާއި ދިމާލަށެވެ. ރީމާގެ ބައްޕަ އަށް ވާނުވާ ބަލާށެވެ. އަދި އެއާއިލާގެ އެހެން މީހަކަށްވެސް ކަމެއް ވޭތޯ ބެލުމަށެވެ.

"އަހަރެން ހުރި ހާލު މިއީ. އަދި އެމީހުންނާއި ދޭތެރޭގައި ވިސްނަންވީ. ވަރަށް ހެއްވާ. ދެން މިފެށުނީ ކުޅިގަނޑު" ބިލާލް ރީޝާގެ އަތުގައި ހިފައިގެން ކޮޓަރިއަށް ދާން ހިނގައިގަތުމުން ރީޝާގެ ހިތުގެ އުދާސްތައް ބޭރުކޮއްލިއެވެ.

"އަހަރެން މަރުވިޔަސް ބިލާލަށް ކަމެއް ވިޔަކަ ނުދޭނަން" ރީޝާ ބިލާލްގެ އުނަގަނޑުގައި ބާރަށް ބައްދައިލިއެވެ.

"އެއީ ކިހިނެއް" ބިލާލް ސުވާލު ކުރިއެވެ.

"އެއީ ސިއްރެއް. އަދި ހުރިހާ ކަމެއް ހާމަވާނެ. ކެތްކޮއްލާ. މިހާރު ކުރިމަތިލާންވީ ރަޝީދުގެ ކުޅިގަނޑާއި" ރީޝާ ބިލާލަށް ޖަވާބު ދިނެވެ.

އެ ޒަޚަމްތަކާއި އެކު ރީޝާއަށް ރަށުތެރެއަށް ނިކުތުން އެއީ ރައްކާތެރިކަމަކަށް ނުވާތީ އަބަދުވެސް އުޅެންޖެހުނީ ގޭ ބަންދު ވެގެންނެވެ. އަދި އެކަން އެނގުނު ދުވަހުން ފެށިގެން އެގެއަށް އެއްވެސް މީހަކުވެސް ނުވަދެއެވެ. ބިލާލާއި ރީޝާ ދެމީހުން ތިބީ އެކަހެރިވެފައެވެ. ހަށިގަނޑަށް ލިބިފައިވާ ޒަޚަމުން ކެތް ކުރަން ރީޝާ އަށް އުނދަގުލެވެ. އެމީހުންނާއި އަނގައިން ބުނެލާނެ މީހަކުވެސް މިހާރަކު ނުވެއެވެ. މުޅި ރަށުތެރޭން ފެންނަނީ ހަމަހިމޭން ކަމާއި ބިރުވެރި ކަމެވެ. ކުރިން ރަށުގައި އޮތް އުފާވެރިކަން ގެއްލި ނާމާންކަމަށް ވަނީ ބަދަލުވެފައެވެ. އެހުރިހާ ކަމެއްގެ ޒިންމާ މިހާރު ވަނީ ރަޝީދު އާއި ހަވާލު ކޮއްފައެވެ.

އެންމެ ސިކުންތެއްވެސް މި މަސައްކަތުން ދުރަށް ޖެހިލަން ރަޝީދު ބޭނުން ނުވާތީ ރަށުން ހޮވައިލި ޒުވާން ގްރޫޕާއި އެކު ދުވާލު ގަޑީގައިވެސް  އެކި މަސައްކަތް ކުރަމުން ދިޔައެވެ. މިކަމަށް ހުރަސް އެޅެން އޮތް ކޮންމެ ކަމަކަށް އެމީހުން ތިބީ ތައްޔާރު ވެގެންނެވެ. އެކަމަށް ޚަރަދު ކުރަން ހުރި ރީމާގެ ބައްޕަ ފުރަތަމަ ރޭގައިވެސް ވަނީ ބޮޑުގެއްލުމެއް ލިބިފައެވެ. އެހެން އެގޮތަށް ވެދާނެތީ ރަޝީދު އަބަދުވެސް އެމީހުންނަށް ކަންތައް ކުރަންވީ ގޮތް ބުނެދެއެވެ. ކުރީ ފަހަރުވެސް ބަޔަކު މީހުން މަރުވުމުގެ އަސްލަކަށް ވަނީ ރަޝީދު ބުނާ ގޮތުން އެނާގެ ބަސް އެމީހުން ނޭހުމުންނެވެ. ނަމަވެސް އެކަންތައް ރަނގަޅު ކުރާނެ ކަމަށް ކުރި އުންމީދުވެސް މިފަހަރު ފެނަށް ދާކަށް ބޭނުމެއް ނުވެއެވެ. ރީމާގެ ބައްޕައަށް އެވީ ގޮތުން ކޮންމެވެސް ކަހަލަ ހީނަރު ކަމެއް ލިބުނަސް ހިތްވަރު ކުރުމަށް ތަކުރާރުކޮށް ރަޝީދު ދިޔައީ އެދެމުންނެވެ. ރަށުތެރޭން ގަސްތައް އުފުރައިގެން ގޮސް އެމީހުން ތައްޔާރު ކޮއްފައިވާ ތަނުގައި އިންދަމުން ދިޔައެވެ. އަދި ހުދު ފޮތިން މުޅި ހިސާބުގަނޑު ވަނީ ފުރާލާފައެވެ.

އަސްރުން ފޭބުމާއި އެކު  ރަށުގެ ފިރިހެންވެރިން ހޭލަމޭލައަށް އުޅެގަތީ ކިޔެވެލި ކިޔަވަން ތައްޔާރު ކޮއްފައިވާ ތަނަށް ދިއުމަށެވެ. އެތަން އެންމެ ފުރިހަމައަށް ތައްޔާރު ކުރުމަށެވެ. ރަޝީދު އަންގާފައިވާ ގަޑިއަށް އެތަނަށް ކޮންމެހެންވެސް ދާންޖެހޭނެއެވެ. އަދި ކޮންމެ މީހަކަށްވެސް ރައްކާތެރި ކަމުގެ ގޮތުން އަތުގައި އަޅަން ދީފައިވާ ތަވީދު ހަނދާންކޮށް އަބަދުވެސް އަޅައިގެން އުޅުމަށް ރަޝީދު ވަނީ ނަސޭހަތްތެރިވެފައެވެ. އެއީ ހަމަލަ އެއް އަންނާނީ ކޮން ގަޑިއެއްކަމެއް ނޭނގޭތީއެވެ. ފުރަތަމަ ރޭވެސް ރީމާގެ ބައްޕަ އަށް ހަމަލައެއް ދިނުމުގެ ސަބަބުން އޭނާ ވަނީ މިހާރު ނުކުޅެދޭ މީހަކަށް ބަދަލުވެފައެވެ. އިރު އޮއްސެން ގާތްވި ވަރަކަށް އެސަރަހައްދަށް ޖަމާވަމުން ދިޔަ މީހުން ދިޔައީ ގިނަވަމުންނެވެ. ވަށައިގެންވާ މާހައުލު އަނދިރިވަމުން ދިޔައިރު އެމީހުންގެ ހިތް އަވަސްވަމުން ދިޔައެވެ. މަޢުރިބު ނަމާދަށް ބަންގި ގޮވަން ފެށުމާއި އެކު އެތަނުން އެއްބަޔަކު މަޑުކޮއްލާފައި އެހެން މީހުން ހިނގައިގަތީ މިސްކިތާއި ދިމާލަށެވެ. އެއްބަޔަކު މަޑުކޮއްލީ އެތަނަށް ގެއްލުމެއް ލިބުނަ ނުދޭށެވެ. ނަމާދަށް މީހުން ދިޔަތާ އިރުކޮޅެއް ނުވަނީސް އެދިމާލުން އަޑު ގަދަވާން ފެށިއެވެ. އެންމެންގެ ސަމާލުކަން ހުއްޓުނީ އެދިމާލަށެވެ.

"ރޯވަނީ. އަނދާ ހުލިވަނީ" މީހުންގެ ހަޅޭކުގެ އަޑަށް އެންމެން ދުއްވައިގަތީ އެދިމާލަށެވެ.

ތެދެކެވެ. މުޅި ހިސާބު ވަނީ ދުމުން ފުރިފައެވެ. އެއީ ރީމާގެ ބައްޕަގެ ފިހާރައިގައި ރޯވެފައިވާ އަލިފާންގަނޑެވެ. ރަށުގެ ރައްޔިތުން ނިކުމެ އެމީހަކަށްވީ ކަމެއް ކުރަމުން ދިޔައީ އަލިފާން ކޮންޓްރޯ ކުރުމަށެވެ. ނަމަވެސް އެމީހުން ކުރަމުން ދިޔަ މަސައްކަތަށް އެއްވެސް ކަހަލަ ކުރިއެރުމެއް ނުލިބި މުޅި ފިހާރަ އަނދާ އަޅިޔަށްވީ ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ހުރިހާ މުދަލެއް ނެތި ދިޔައީއެވެ. ކުރިމަތިލާން ޖެހޭކަންތައް ހައްތާވެސް އުނދަގޫތަކާއި ބިރުވެރިކަމުގެ ބޮޅެއް އިތުރުވީއެވެ. ކުރިއަށް ދާން އޮތް މަގު ދިގުވަމުން ދަނީއެވެ.

= ނުނިމޭ=  

ނޯޓް: މިވާހަކަ ޕަބްލިޝް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު ދުވަހަކުއެވެ.

+1
0
+1
7
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް