ހ) އާއްމުކޮށް ޙައިޟުވާ މުއްދަތަށްވުރެ ޙައިޟުގެ މުއްދަތު އިތުރުވާނަމަ ރޯދަ ހިފުމުގެ ޙުކުމް؟
ޖަވާބު: ކުރިންސުރެ ޙައިޟުވުން ކޮންމެ މަހަކުވެސް ވަކި އިންތިޒާމަކުން ކަނޑައެޅިގެން އެނގިފައިވުމަށްފަހު، އެ މުއްދަތަށްވުރެ އިތުރަށް ލެއި އަންނަންފެށުން؛ ކުރީންސުރެ ކޮންމެ މަހަކުވެސް ޙައިޟުވުން ވަކި ނިޒާމަކުން ހިނގަމުން ދިއުމަށްފަހު، އެ މުއްދަތަށްވުރެ އިތުރަށް ލެއި އަންނަ އަންހެނުން ޙައިޟުގެ މުއްދަތު ކަމުގައި ބަލާނީ, ކުރިން އޭނާގެ ޙައިޟުގެ ކަންތައް ހަމަޖެހިފައި އޮތް ގޮތެވެ.
ކުރިން އާދައެއް ނެތިފަ ލެއިގެ ކުލައާއި ޞިފައިން އެއީ ޙައިޟުގެ ލެއިކަން ދެނެގަންނަން އެނގޭ އަންހެނުން؛ މިފަދަ ހާލަތުގައި ޙައިޟުގެ ލެއިގެ ޞިފަތަކުގައި އަންނަ ލެއި އެއީ ހައިޟުގެ ލެއެވެ. އަދި އިސްތިޙާޟާގެ ޞިފަތަކުގައި އަންނަ ލެއަކީ އިސްތިޙާޟާއެވެ.
ކުރިން އާދައެއްނެތް އަދި ކުލައިންވެސް ވަކިކުރަން ނޭނގޭ މީހުން؛ އޭނާއާ އެންމެ ގާތް މީހުން ޙައިޟުވާ މުއްދަތު ބަލާނީއެވެ. މިސާލަކަށް އޭނާގެ މަންމަ ޙައިޟުވަނީ ކިތަށް ދުވަސްތޯއެވެ. އެ މުއްދަތު އެއީ ޙައިޟުގެ މުއްދަތުކަމަށް ބަލާނީއެވެ. ތިމާގެ މީހުންގެ މުއްދަތު އެއީ އޭނާގެވެސް މުއްދަތުކަމަށް ބަލާނީއެވެ. އެ މުއްދަތު ބަލައި ޙައިޟުގެ ދުވަސްވަރާއި އިސްތިޙާޟާގެ ދުވަސްތައް ދެނެގަންނާނީއެވެ. ޙައިޟުގެ ބުރު ޖެހޭ ދުވަސްތައް ބަލާނީ މިފަދައިންނެވެ. މިސާލަކަށް ޢާއިލާގެ މީހުން ޙައިޟުގެ ބުރުޖެހެނީ 25 ދުވަހުން ވެއްޖިއްޔާ، ބަލާނީ ކޮންމެ 25 ދުވަހަކުންނެވެ.
އެ އަންހެނަކު ޙައިޟުވުމުގައި ކުރިންސުރެ ޙައިޟުގެ ވަކިމުއްދަތެއް ކަނޑައެޅިގެން އެނގިފައި ނުވިނަމަވެސް، އަންނަ ލެއިން ޙައިޟުގެ ލެޔަކީ، އަދި އިސްތިޙާޟާގެ ލެޔަކީ ކޮބައިކަން ވަކިކުރަން އެނގުން.
މި ޙާލަތުގައި ލޭ ގެ ކުލަ ދެނެގަންނާނީ އިސްތިޙާޟާއާއި އަދި ޙައިޟުގެ ލޭގެ ފަރަޤު ދެނެގަނެގެންނެވެ. ކަޅުކުލައިގެ ލޭ އައުން، ވަރަށް ބޯކޮށް ލޭ އައުން، ނުބައިވަސްދުވުން، މި ސިފަތައް ހުރެ އަންނަ ލެއަކީ ޙައިޟެވެ. އެދުވަސްތައް ގުނާނީ ޙައިޟުގެ ގޮތުގައެވެ. ނަމަވެސް ރަތްކުލައިގަ ވަރަށް ތުނިކޮށް އަދި އެ ލޭ ގައި އެއްވެސް ނުބައިވަހެއް ނެތްނަމަ، އެއީ އިސްތިޙާޟާއެވެ. މިދުވަސްތަކުގައި ހިނގާނީ އިސްތިޙާޟާގެ ހުކުމެވެ. އެމީހަކު ހިނައި ޠާހިރުވެ ނަމާދުކުރުމާއި އެހެނިހެން އަޅުކަންކުރުން ވާޖިބުވާނެއެވެ.
ށ) ރޯދަ ވީއްލިއިރު ޙައިޟުވެފައި ހުރިކަމަށް ޝައްކުވެއްޖެނަމަ ޢަމަލުކުރާނީ ކިހިނެތް؟
ޖަވާބު: ޙައިޟުވިކަން ޝައްކުވެއްޖެ ހާލަތުގައި ޢަމަލު ކުރާނީ އަންނަނިވި ގޮތަށެވެ.
ފުރަތަމައީ: ރޯދައަށް ހުއްޓާ އިރޮއޮއްސުމުގެ ކުރިން ޙައިޟު ވުމުގެ އުނދަގޫ އިޙްސާސްވިނަމަވެސް، އެދުވަހު އިރޮއޮއްސުމުގެ ކުރިން ޙައިޟުނުވާނަމަ އެދުވަހުގެ ރޯދަ ޞައްޙަވާނެއެވެ.
ދެވަނައީ: އަންހެނާއަށް ޙައިޟުގެ ލޭ ފެނި، ޙައިޟުވީ އިރު އޮއްސުމުގެ ކުރިންކަން ވަރަށް ބޮޑަށް ހީވާ ކަމުގައި ވަނީ ނަމަ، އެދުވަހުގެ ރޯދަ ޞައްޙައެއްނުވާނެއެވެ. އަދި އެރޯދަ ޤަޟާ ކުރަން ޖެހޭނެއެވެ.
ތިންވަނައީ: އަންހެނާގެ ފަރުޖުން ނިކުތް ޙައިޟުގެ ލޭ ހުރީ ތާޒާކޮށް ކަމާއި ލޭ އައީ އިރު އޮއްސުމުގެ ފަހުން ކަމުގައި އޭނާ އަށް ވަރަށް ބޮޑަށް ހީވާ ކަމުގައި ވަނީނަމަ، އެރޯދަ ޞައްޙަވާނެއެވެ. އަދި ހިނައި ޠާހިރު ވުމުން މަޣްރިބު ނަމާދު ޤަޟާ ކުރަން ޖެހޭނެއެވެ. އެހެނީ އޭނާ އެ ޙައިޟުވީ މަޣްރިބް ނަމާދުގެ ވަޤުތު ވީފަހުންނެވެ. ނަމާދު ވަޤުތުވީފަހުން ޙައިޟުވެއްޖެނަމަ އެ ނަމާދު ޤަޟާކުރަން ޖެހޭނެކަމަށް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެއެވެ.
ހަތަރުވަނައީ: ޙައިޟުވެފައި ހުރިކަން އެނގުނީ އިރުއޮއްސުމުގެ ފަހުންކަމުގައިވެފައި ޙައިޟުވީ އިރޮއޮއްސުމުގެ ކުރިންކަން ނުވަތަ ފަހުންކަން ނޭނގޭ އަންހެނުންނަށް އެދުވަހުގެ ރޯދަ ޞައްޙަވާނެއެވެ. ސަބަބަކީ އިރޮއޮއްސުމުގެ ކުރިން ޙައިޟުވިކަން ޔަޤީންނުވުމެވެ. މިސާލަކަށް ރޯދައަށް ހުރި އަންހެނަކު، ރޯދަ ވީއްލުމަށްފަހު މަޣްރިބް ނަމާދުކުރަން ދިޔައިރު ހުރީ ޕީރިއަޑުވެފައެވެ. އެދުވަހުގެ ރޯދަ ޞައްޙަވާނެއެވެ. އެކަމު މަޣްރިބް ނަމާދު ޤަޟާކުރަން ޖެހޭނެއެވެ.
ނ) ފަތިސްވުމުގެ ކުރިން ޙައިޟުގެ ލެއި ކެނޑިއްޖެ މީހާ ޢަމަލުކުރާނީ ކިހިނެތް؟
ޖަވާބު: ފަޖުރުލުމުގެ ކުރިން (ފަތިސްނަމާދަށް ބަންގިގޮވުމުގެ ކުރިން) ޙައިޟާއި ނިފާސްކަމުގެ ލޭ ކެނޑުނުމީހާ، އެދުވަހުގެ ރޯދައަށް ހުރުމަށް ނިޔަތް ގަންނަން ޖެހޭނެއެވެ. އެދުވަހުގެ ރޯދަ ހިފުން ވާޖިބުވާނެއެވެ. އަދި އިރުއެރުމުގެ ކުރިން ހިނައިގަނެ ފަތިސް ނަމާދު ކުރުން ވާޖިބުވެގެންވެއެވެ.
ރ) މާބަނޑު މީހާގެ ލެއި ފެނިއްޖެނަމަ ޢަމަލުކުރާނީ ކިހިނެތް؟
ޖަވާބު: "فتاوى اللجنة الدائمة" ފަތުވާ ދެއްވާފައިވެއެވެ. "ވިހެއެމުގެ ކުރިން، ވިހެއުމުގެ އަލާމަތާއެކު އަންހެނާގެ ފަރުޖުން ނިކުންނަ އެއްޗިއްސަކީ ނިފާސްއެވެ. އެސަބަބަށްޓަކައި ނަމާދު ކުރުމާއި ރޯދަ ހިފުން ދޫކޮށްލަން ޖެހޭނެއެވެ. ނަމަވެސް ވިހެއެމުގެ އެއްވެސް އަލާމަތެއްނެތި އަންނަ އެއްޗިއްސަކީ ނިފާސްއެއްނޫނެވެ. އެ ލޭ އައި ކަމުގައިވިޔަސް ނަމާދު ކުރުމާއި ރޯދަ ހިފުން ވާޖިބުވެގެންވެއެވެ. ސަބަބަކީ އޭގެ ޙުކުމަކީ ކުޑަކަމުދާ ތަކެތީގެ ޙުކުމެވެ."
މާބަނޑު އަންހެނާ ރޯދައަށް ހުއްޓައި ލޭ ފެނުނު ކަމުގައި ވިޔަސް ވިހެއުމުގެ އެއްވެސް އަލާމާތެއް ނުފެންނަނަމަ، އެލެޔަކީ ނިފާސްކަމުގެ ލެއަށް ނުވާނަމަ ރޯދަ ޞައްޙަވާނެއެވެ.
ވިހެއުމުގެ ޢަލާމާތްތައް ފެންނަކަމަށްވަންޏާ އެ ވާނީ ނިފާސްގެ ލެޔަށެވެ. އެހެން ކަމަށް ވަނީނަމަ ނަމާދު ކުރުމާއި ރޯދަ ހިފުން ހުއްޓާލަން ޖެހޭނެއެވެ. އަދި ފަހުން ރޯދަ ޤަޟާކުރާށެވެ.
ބ) ޑިސްޗާޖު އައުމުން ޢަމަލުކުރާނީ ކިހިނެތް؟
ޖަވާބު: ޙައިޟުގެ ދުވަސްވަރުނޫން ދުވަސްވަރެއްގައި ފެންނަ ޑިސްޗާޖަކީ (ރީނދޫ، މުށި، ލޭ ކުލައިގައި) ޙައިޟެއްނޫނެވެ. އެއީ އިސްތިޙާޟާއެވެ. މިދުވަސްތަކުގައި ރޯދަ ހިފުން ވާޖިބުވާނެއެވެ.
ޅ) ޙައިޟު ނިފާސްގެ ލެއި ފިޔަވާ އިތުރު އެއްޗެއް އަތުވެއްޖެނަމަ ރޯދަ ގެއްލޭނެތަ؟
ޖަވާބު: ނުގެއްލޭނެއެވެ.
ކ) ޙައިޟު ނިފާސްވުމުގެ ސަބަބުން ނުހިފިވާ ރޯދަ ހުއްޓާ އަނެއް އަހަރުގެ ރަމަޟާން މަސް ފެށިއްޖެނަމަ ދެން ހަދާނީ ކިހިނެތް؟
އެ ރޯދަތައް ޖެހިގެން އަންނަ އަހަރުގެ ރަމަޟާންމަހަށްވުރެ ފަސްކުރުމުގައި ދެ ހާލަތެއްވެއެވެ.
ފުރަތަމަ ހާލަތް: ޝަރުޢީ ޢުޛުރެއް މެދުވެރިވެގެން ޤަޟާނުކުރުމެވެ. މިސާލަކަށް އެއަހަރުގެ ރަމަޟާންމަސް ނިމި އަނެއް އަހަރުގެ ރަމަޟާންމަހާ ދެމެދުގައި ބަލިވެ އުޅުމުގެ ސަބަބުން ރޯދަ ޤަޟާ ނުކުރެވުނުމީހާއަށް ފާފައެއްނެތެވެ. އެއީ ޢުޛުރުވެރިންނެވެ. އެމީހަކަށް ވާޖިބުވާނީ އެރޯދަތަށް ޤަޟާ ކުރުމެވެ. ޤަޟާކުރުން ފިޔަވައި އިތުރުކަމެއް ކުރާކަށް ނުޖެހޭނެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. ( وَمَنْ كَانَ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ ) މާނައީ: "އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ عدد ހަމަކުރުން ހުއްޓެވެ."
ދެވަނަ ހާލަތް: ޝަރުޢީ ޢުޛުރެއްނެތި ޖެހިގެން އަންނަ އަހަރުގެ ރަމަޟާންމަހަށްވުރެ ފަސްކުރުން ހުއްދައެއްނޫނެވެ. ހުރިހައި ޢިލްމުވެރިން އިއްތިފާޤުވެލައްވާ ގޮތުގައި އެމީހަކަށް އޮތީ ރޯދަ ޤަޟާކުރުމެވެ. ނަމަވެސް ރޯދަ ޤަޟާކުރުމާއެކު މިސްކީނަކަށް ކާންދޭންޖެހުމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފުވެފައިވެއެވެ.
ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ ރޯދަ ޤަޟާކުރުމަށްފަހު ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދޭން ޖެހޭނެކަމަށެވެ. މިހެން ވިދާޅުވާ ޢިލްމުވެރިންގެ ތެރޭގައި އިމާމު މާލިކު، އިމާމު ޝާފިޢީ، އިމާމު އަޙުމަދު ހިމެނިވަޑައިގަންނަވައެވެ. އެބޭކަލުން މިގޮތަށް ބުރަވެވަޑައިގަންނަވަނީ އަބޫ ހުރައިރަތު رضى الله عنه އާއި ޢަބްދުﷲ އިބްނު ޢައްބާސް رضى الله عنهގެ ކިބައިން މިގޮތަށް ރިވާވެގެން އައިސްފައިވާތީއެވެ. އަދި އިބްނު ޢުމަރާއި، އަބޫ ހުރައިރަތުގެފާނާއި، މުޖާހިދު، ސަޢީދު އިބްނު ޖުބައިރު ހިމެނިވަޑައިގަންނަވައެވެ. މިއީ އިމާމު މާލިކު، ޘަވްރީ، އަލްއަވްޒާޢީ، ޝާފިޢީ، އިސްޙާޤް، ޙަޞަނުލް ބަޞަރީގެވެސް ބަސްފުޅެވެ. އެއީ ޞަޙާބީންގެ އަރިހުން މިގޮތަށް ރިވާވެގެން އައިސްފައިވާތީއެވެ.
އ) ދެ ޙައިޟުގެ ދެމެދުގައި ސާފުކަންމަތީ ދިހަ ދުވަސް ލިބުނު މީހާ ޢަމަލު ކުރާނީ ކިހިނެތް ހެއްޔެވެ؟
ޖަވާބު: ދެ ޙައިޟުގެ ދެމެދުގައި ދިހަ ދުވަސް ލިބުނު މީހާ، އެ 10 ދުވަހުގައި ރޯދައަށް ހުންނަން ޖެހޭނެއެވެ. އަދި އޭނާގެ ރޯދަ ޞައްޙަވާނެއެވެ. ޠުހުރުގެ މުއްދަތުގައި 15 ދުވަސް ވުމަކީ ލާޒިމު ކަމެއް ނޫނެވެ.