November 23, 2024 07:28
Advertisement

-Advertisement-

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ – ފުރަތަމަބައި

ފަސްމަންޒަރު (މޫސާގެފާނު ދުނިޔެއަށް ފޮނުއްވުމުގެ ކުރިން މިސްރު އޮތްގޮތުގެ ހާލަތު)

އެއީ ޤަދީމީ މިސްރެވެ. ދުވަސްވަރަކީ ޢީސާ ޢަލައިހިއް ސަލާމް އުފަންވެވަޑައިގަތުމުގެ ގާތްގަނޑަކަށް ތޭރަ ސަތޭކަ އަހަރު ކުރިއެވެ. އޭރު މިސްރުގައި އޮތީ ޤަދީމީ ތާރީޚް ދުށް އެންމެ ވަރުގަދަ ރަސްކަމެވެ. މިއީ މަޝްހޫރު ފިރުޢައުނުތައް ނުވަތަ ފޭރޯއިން ރަސްކަންކުރި ޒަމާނެވެ. ޒަމާނީ ޢިލްމާއި ޓެކްނޮލޮޖީގެ އެއްވެސް މިންވަރެއް ނެތް ވަތުގެއްގައި ޢުމްރާނީގޮތުން އެމީހުން ބިޔަ މަސައްކަތްތައް ކުރިއެވެ. އެގޮތުން އެމީހުން އަޙުރާމް ނުވަތަ ޕިރަމިޑް ބިނާކުރިގޮތާމެދު މިހާރުވެސް ޢިލްމީ ބަހުސްތައް ކުރެވެއެވެ. ޤަދީމީ މިސްރު މީހުންގެ ޙަޟާރަތުގެ މައިގަނޑު ތަރިކައަކަށް އިމާރާތްކުރުމާއި ކުރެހުންތެރިކަން ވިއެވެ.

ޤަދީމީ މިސްރުގައި ފިރުޢައުނުން ކުރި ރަސްކަން މޮޅުވެގެން އެކަމުން އެހެން މީހުން ނަމޫނާ ލިބިގަތެވެ. އޭގެތެރޭގައި ރޫމީން ނުވަތަ ރޯމަނުން ހިމެނެއެވެ. ރޫމީ ރަސްކަމުގައި އެމީހުންގެ ބިނާތަކަށް މިސްރުގެ ކުރެހުންތެރިކަން ނަކަލުކުރިއެވެ. މިޒަމާނަށް ބަލާއިރު އެމެރިކާއަކީ އެފަދަ ގައުމެކެވެ. އޭގެ މިސާލަކީ އެމީހުންގެ ފައިސާކަމުގައިވާ ޑޮލަރުގެ ފުރަތަމަ ނޫޓުގައި ޕިރަމިޑްގެ ތަސްވީރެއް ހުރުމެވެ. މިއިން އަންގައިދެނީ ޤަދީމީ މިސްރުގައި އޮތް ވެރިކަން، ހައިބަތާއި މޮޅުކަމުގެ ރަމްޒަކަށް މީހުން ބެލިކަމެވެ.

Advertisement

ބުނެވޭ ގޮތުގައި މިދުވަސްވަރު ޤަދީމީ މިސްރުގައި ތަފާތު ސާދަ ރަސްކަން އޮތެވެ. މިއިން ކޮންމެ ރަސްކަމަކީ މިޒަމާނުގެ ބަހުންނަމަ ވަކި މިނިވަން ގައުމެކެވެ. މިއިން ކޮންމެ ރަސްކަމެއްގައި ރަސްކަލަކު ހުރިއެވެ. މިއިން ކޮންމެ ރަސްކަމެއްވެސް އުފެދިފައިއޮތީ ނީލަ ކޯރުގެ އައްސޭރިއާ ކައިރީގައެވެ. ސަބަބަކީ އާބާދުވެ އާރާސްތުވުމަށް ފެނާއި ކާބޯތަކެތީގެ މުހިންމުކަމެވެ. ނީލަ ކޯރުން އެމީހުންނަށް ފެން ލިބުނެވެ. އެފެނުގެ އެހީގައި އެމީހުން ދަނޑުގޮވާންކޮށް ޖަނަވާރު ހުއި ހެއްޕިއެވެ.

މިދުވަސްވަރު މިސްރުގެ އެއް ރަސްކަމުގައި ހުންނެވި ރަސްގެފާނަށް އާދަޔާޚިލާފް ހުވަފެންފުޅެއް ފެނިވަޑައިގަތެވެ. އެއީ ފަލަ ހަތް ގެރިއާއި ހިކި ހަތް ގެރިއާއި ގޮވާމުގެ ހިކި ހަތް ކުރާ ގަނޑާއި ރޯ ހަތް ކުރާގަނޑެވެ. ރަސްގެފާނު އޭނާއަށް ފެނިވަޑައިގަތް ހުވަފެންފުޅުގެ މާނަ ހޯއްދެވުމަށް އޭނާގެ އިސް ވަޒީރުންނާ މަޝްވަރާކުރެއްވިއެވެ. އެމީހުންނަށް މިކަމުގައި މަގެއް ނުހޯދުނެވެ. އެންމެފަހުން މިކަމަށް ގޮތެއް ހޯދީ ރަސްގެފާނަށް ފެންތަށިކޮޅު އަރުވާ ޚާދިމްއެވެ. އޭނާ ދެންނެވި ގޮތުގައި އެ ހުވަފެންފުޅުގެ މާނަ މީހެއް ގާތުން އޭނާ އަށް ހޯދިދާނެއެވެ. ދެން އެކަން ކުރުމަށް ރަސްގެފާނު ޚާދިމަށް އަމުރުކުރެއްވިއެވެ.

ރަސްގެފާނުގެ ޚާދިމަކީ ޔޫސުފް ޢަލައިހިއްސަލާމް ހުންނެވި ޖަލުން މިނިވަންވި މީހެކެވެ. ހުވަފެން ތަރުޖަމާކޮށްދެއްވުމުގައި އެކަލޭގެފާނުގެ މޮޅުކަން އޭނާއަށް ޖަލުން ފެނުނެވެ. އެހެންވެ ޚާދިމް ކަލޭގެ ޖަލަށް ގޮސް ޔޫސުފްގެފާނާއި ބައްދަލުކުރެއްވިއެވެ. އެކަލޭގެފާނު އެކަމަށް އިޖާބަދެއްވައި ހުވަފެނުގެ މާނަ ވިދާޅުވެދެއްވިއެވެ. ރަސްގެފާނު އަރިހުގައި ޔޫސުފްގެފާނު ވިދާޅުވިގޮތަށް ހުވަފެން ތަފުސީރުކުރެވުނެވެ. ދެން ޔޫސުފްގެފާނު، ރަސްގެފާނު އަރިހަށް ގަނޑުވަރަށް ގެންދެވުނެވެ. އެކަލޭގެފާނު ދެންނެވި ގޮތުގައި ހުވަފެންފުޅުގެ މާނަޔަކީ ހަތް އަހަރުން މިސްރުގެ ކޯރުތައް ހިކޭނެ ވާހަކައެވެ. އެއަށްފަހު އަންނަ ތަދުމަޑުކަމާއި ހައިހޫނުކަން އިތުރު ހަތް އަހަރަށް ދެމިގެންދާނެ ވާހަކައެވެ. މިކަމުން އަރައިގަތުމަށްޓަކައި ހަތް އަހަރަށް ކާބޯތަކެއްޗާއި ފެން ރައްކާތެރިކުރެވޭނެ ގޮތްތައް ހޯއްދެވުމަށް އެކަލޭގެފާނު ރަސްގެފާނަށް ލަފާއެރުއްވިއެވެ.

ނުނިމޭ..

ނޯޓް: ' މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ ' މި ލިޔުމުގެ 2 ވަނަ ބައި މާދަމާ ޕަބްލިޝް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

+1
4
+1
12
+1
27
+1
3
+1
1
+1
4
+1
3

Advertisement

ގުޅުންހުރި ލިޔުންތައް