September 21, 2024 00:13
Advertisement

-Advertisement-

ކުރުވާހަކަ: ހިތްރޯތީ ކެތްނުވޭ

އެއީ މީގެ ފަންސަވީސް އަހަރު ކުރިއެވެ. އަހަރެންނާއި ޔަޝްފާ ދިމާވީ އަހަރެންގެ ރައްޓެއްސެއްގެ ކައިވެނި ހަފްލާ ތެރެއިންނެވެ. ފުރަތަމަ ފެނިލުމުންވެސް އަހަރެންގެ ހިތުގައި ޚާއްޞަ ގަދަރެއް ދެވުނެވެ. ވާހަކަ ދައްކާލަން ބޭނުންވިއެވެ. ނަމަވެސް އަހަންނަށް އެ ހިތްވަރު ނުލިބުނެވެ. ނަމަވެސް ނަސީބު އައިސް އަހަރެންގެ އަތުގައި ހިފި ކަހަލައެވެ. ޒިމްނާ އައިސް ސަލާމް ގޮވައިލިއެވެ. އަދި ރަކި ހިނިތުންވުމަކާއި އެކު ތަޢާރަފް ވެލިއެވެ.

"އޯހް. ޒިމްނާ އެނގޭ" އަހަރެން ބުނެލީމެވެ.

"ދެން ކާކުގެ ތަޢާރަފެއްތަ ބޭނުމީ. އަހަރެންގެ ގާތުގައި މިހިރަ މަންޖެގެ ތަޢާރަފްތަ" ޒިމްނާ ހޭން ފެށިއެވެ.

Advertisement

"މިއީ ޔަޝްފާ. އަހަރެންގެ ކްލާސްމޭޓެއް. އިތުރު ތަފްސީލް ދެވޭނީ ކާންދިނުމުން" ޒިމްނާ އެހެން ބުނުމާއި އަހަރެން އެކަމަށް އެއްބަސް ވެވުނެވެ. ދުވަހަކުވެސް އަންހެންކުއްޖަކު ފެނިފައި މި ކަހަލަ ގޮތެއް ނުވެއެވެ.

ޖެހިގެން އައި ރެއަކީ އަހަރެން ޒިމްނާމެންނަށް ކާންދޭން އެއްބަސްވެފައި އޮތް ރެއެވެ. ހެނދުނު ހޭލީއްސުރެން އަހަރެންގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އިރުއިރުކޮޅާ ގަޑިއަށް ބަލާލެވެއެވެ. މިއަދު ގަޑި މާ ލަސްހެންވެސް ހީވެއެވެ. ގަޑިން ރޭގަނޑު އަށެއް ޖެހިއިރު އަހަރެން ހުރީ ސަލްސާ ރެސްޓޯރަންޓް ކުރިމަތީގައެވެ. އެކަމަކު ޒިމްނާމެން ގަޑި ކިޔާފައި އޮތީ އަށްގަޑި ތިރީހަށެވެ. މާގިނަ ވަގުތެއް އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ޒިމްނާއި ސަލްމާ އެކީގައި އައިސް މޭޒު ދޮށުގައި އިށީނެވެ. އަހަރެންގެ ހިތް ހީވަނީ ގަދަ ކަނޑެއްގައި ދަތުރު ކުރާހެންނެވެ.

"މިތާގެ ކެއުން ވަރަށް މީރުވާނެދޯ" ޒިމްނާ ވާހަކަ ދައްކަން ފެށިއެވެ.

"ޔެސް. އެހެންވީމަތާ މިތަނަށް މި ގެނައީވެސް. އެހެން ނޫންނަމަ ކަޅު ސައިތައްޓެއް ބޯލާކަށްނު ދާނީ" އަހަރެން ޖަވާބު ދިނީމެވެ.

"އޯކޭ ދެން އަޅުގަނޑު ފުރުސަތު މި އަރުވަނީ ޔަޝްފާއަށް" ޒިމްނާ ހޭންފެށިއެވެ.

"ވަރަށް ދެރަ. މަ ނެތް ދައްކާނެ ވާހަކައެއް" ޔަޝްފާ ހޭންފެށިއެވެ.

"އޯކޭ އަހަރެންގެ އެބަހުރި ދައްކާނެ ވާހަކަ. ފުތަރަމަވެސް ކުރަންވީ ކަމަކީ ޔަޝްފާއަށް އިންނާނެ ކުއްޖަކު ހޯދައި ދިނުން" ޒިމްނާ ލާނެތް ފާޑަކަށް ހޭންފެށިއެވެ.

"ވަރަށް ދެރަ މަވެސް މި އުޅެނީ ރަނގަޅު ކުއްޖަކު ނުލިބިގެން. އެހެން ނޫންނަމަ މަވެސް މި ގޮތަކަށް ނުހުންނާނެ އެއްނުދޯ" ޔަޝްފާއަށް އަހަރެން ދޯ ދިނީމެވެ.

"އެއްވެސް މީހެއްގެ ނިތްކުރީގައި ލިޔެފައި އޮވޭތަ އެމީހާގެ ހުރިހާ މަޢުލޫމާތެއް" އެންމެފަހުން ޔަޝްފާ އަށް ނީދެވިގެން ބުނެލިއެވެ.

އެރޭގެ ބައްދަލުވުމަކީ އަހަރެންގެ ހިތުގައި ރޯވެފައިވާ ހުޅުކޮޅު ނުނިވި ދަމަހައްޓަން ލިބުނު ފުރުސަތަކަށް ވިކަހަލައެވެ. ގެއަށް އައިސް ފުރަތަމަވެސް ގުޅީ ޔަޝްފާއަށެވެ. ހިތުގެ ރިހުމަށް ޝިފާއެއް ލިބޭނެ ކަމުގެ އުއްމީދުގައެވެ. ނަސީބު އަހަރެންގެ އަތުގައި ހިފިއެވެ. ޔަޝްފާގެ ދިރިއުޅުމުގައި އަހަރެން ބައިވެރިކުރަން އެއްބަސްވިއެވެ. ނަމަވެސް އެކަން ވާނީ މަޑުމަޑުން ކަމުގައި ބުންޏެވެ. އަހަރެން އުއްމީދު ކަނޑައެއް ނުލަމެވެ. ހިތްވަރާއި އެކު ކުރިއަށް ދިޔައީމެވެ. ކޮންމެ ދުވަހަކުވެސް ޔަޝްފާއަށް ގުޅާ ހާލުބެލުމާއި ހިނގާލަން ދިއުމަކީ މިހާރު އަހަރެމެންގެ އާދައަކަށް ވަނީ ވެފައެވެ.

ދުވަސްތަކަށް ފަހު އަހަރެމެންގެ އުފާވެރިކަން ފެށުނީއެވެ. ދެމީހުން ވަކިނުވާން ވަޢުދުވެ ނިކަން ރަނގަޅަށް ގޮށް ބާރު ކޮއްލީމެވެ. ކައިވެންޏަށްފަހު އަހަރެމެން ދިރިއުޅެމުން ދިޔައީ ވަކިންނެވެ. އެއީ އެންމެ ރަނގަޅު ގޮތެއް ކަމަށް ދެމީހުންނަށް ވެސް ފެނުނެވެ. މުސްތަޤްބަލަށް ގިނަ ޕްލޭން ކުރީމެވެ. އުފާވެރި ދިރިއުޅުމަކަށެވެ. ދަރިން ހޯދާ އެދަރިންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދައި ދިނުމަށެވެ. ގޭތެރެ ހަމައަކަށް އެޅުމުން އަހަރެމެން ވަޒީފާއަށް ނިކުތީ ކުރު ޗުއްޓީއެއް ހަދާލުމަށްފަހުގައެވެ. އަހަރެން އުޅެނީ އިންޖިނިއަރިންގ މަސައްކަތުގައިކަމުން ގެއަށް އާދެވޭއިރު ގިނަ ދުވަސްދުވަހު ހުންނަނީ އިރުއޮއްސިފައެވެ. ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް އަހަރެންގެ ވަގުތުތައް ޔަޝްފާއަށް ދެމެވެ. ކައިވެނި ކުރަން އަހަރެން ބޭނުންވަނީ ރަނގަޅަށް ތައްޔާރުވެގެންނެވެ.

ދެފަރާތުގެ އާއިލާގެ ރުހުމާއި އެކު އަހަރެމެންގެ ކައިވެނި ވަރަށް ކުލަ ގަދަގޮތަކަށް ބޭއްވުނެވެ. ރަށުގެ ގިނަ ބަޔަކު ބައިވެރިވި އެ ހަފްލާއަކީ މިވީހާ ހިސާބަށް ރަށުގައި ނުބޭއްވޭވަރުގެ ފުރިހަމަ ހަފްލާއަކަށްވީ އެންމެންގެ އެހީތެރިކަމާއި އެކުގައެވެ. ދިރިއުޅުން އަދި ފެށުނީ ކިރިޔާއެވެ. ކުރަމުން އައި އިންތިޒާރު އަދި ދެކެމުން އައި ހުވަފެނުގައި ކުލަ ޖެހުނީ ވަރަށް ފުރިހަމައަށެވެ. އެ ޖެހުނު ކުލަ ފިލައިގެން ނުދާނޭ ގޮތަކަށް އަހަރެމެން ދެމީހުންގެ ކަންތައް ބެހެއްޓީމެވެ. ދެމީހުން ދޭތެރެއަށް އެއްވެސް ބަޔަކަށް ނުވަދެވޭ ވަރަށް ދެމީހުންގެ އިތުބާރު ދެމެހެއްޓީމެވެ.

ކައިވެނި ކުރިތާ މާގިނަ ދުވަހެއް ނުވަނީސް ޔަޝްފާ ވަރަށް ބޮޑަށް ބަލިވާން ފެށިއެވެ. ގަދައަށް ހުންއައިސް ހޮޑުލާންފެށިއެވެ. ގިނަ ފަހަރަށް ކޮޅަށް ނުހުރެވެއެވެ. އެދުވަސް ކޮޅަކީ ރަށުގައި ބޮޑު ރޯގާއެއް ފެތުރެމުންދާ ދުވަސްވަރަކަށް ވާތީ ޑޮކްޓަރަށް ދައްކަން ދާން ޔަޝްފާއެއް ބޭނުމެއް ނޫނެވެ. ބޭސް ފިހާރައިން ބޭސް ގުޅައެއް ގަނެލައިގެން ކާލީމައި ރަނގަޅުވާނެއޭ ބުނެ ޕެނަޑޯލް ގުޅައެއް ކާލަނީއެވެ. ނަމަވެސް އެވަގުތަށް ރަނގަޅުވި ނަމަވެސް އަނެއްކާވެސް ފަހުން ކުރިން ހުރި ހާލަތަށް އެނބުރިދެއެވެ. ނަމަވެސް ޔަޝްފާ އާއި ދެކޮޅަށް އެއްވެސް ކަމެއް ކުރާނެހާ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. ޔަޝްފާ ރުޅިއައިސްފާނެތީ އަހަރެން އަބަދުވެސް ހުންނަނީ ބިރުންނެވެ. ނަމަވެސް ގިނަ ދުވަހަކަށް ކެތް ނުކުރެވިގެން ޑޮކްޓަރަށް ދެއްކީމެވެ. ލިބުނީ ވަރަށް ހިތާމަވެރި ޚަބަރެކެވެ. ޔަޝްފާގެ ބަނޑު ބޮޑުކަމެވެ. އަދި ބަނޑުގައިވާ ދަރިފުޅު ނިޔާވެފައިވާ ވާހަކަ އަހަރެންގެ ކަންފަތަށް އަޑުއިވުނީ ހޮނު ގުގުރިއެއް ހެންނެވެ. އަހަންނަށް ބާރަކަށް ރޮވުނެވެ. އަދި ޔަޝްފާ އެޑްމިޓް ކުރީ އިތުރު ފަރުވާއަށެވެ. ދަރިފުޅު މަރުވުން ފިޔަވާ އިތުރު ގެއްލުމެއް ނުވެއެވެ. ދެދުވަސް ކޮއްލާފައި ގެއަށް ދޫކޮއްލީއެވެ.

ދުވަސްތައް ހޭދަ ކުރަމުން އައީ ވަރަށް ލޯބިންނެވެ. އަދިވެސް ދަރިއަކު ދެއްވާތޯ ދުޢާ ކުރަމުންނެވެ. ކުރިން އޮތް ލޯބި އަބަދުވެސް ދެގޮތެއް ނުވެ ދެމެހެއްޓޭތޯ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ޔަޝްފާގެ ކިބައިން މަޑުމަޑުން ބަދަލުތައް އަންނަކަން ފާހަގަވާން ފެށިއެވެ. ގިނައިރު ހިމޭންކަމުގައި ހުރުމާއި އެކަހެރިވާން މަސައްކަތް ކުރަމުންދާ ކަން ފާހަގަވިއެވެ. ނަމަވެސް އެކަން މާބޮޑު ކަމަކަށް ނަހަދާ ދޫކޮއްލީމެވެ. އަހަންނަށް ލިބެމުން އައި ފައިސާ އަބަދުވެސް ބަހައްޓަނީ އަހަރެންގެ ލޯބިވާ އަނބީމީހާގެ އަތުގައިއެވެ. އެހެން ވުމުން ދުވަހަކުވެސް އަހަރެންގެ ގާތުގައި ފައިސާއަށް ދުވަހަކުވެސް ނުބުނެއެވެ. ނަމަވެސް އެކަން މިހާރު މި ވަނީ މުޅިން ބަދަލުވެފައެވެ. އަތުގައި އެއްވެސް ވަރަކަށް ފައިސާ ހުންނަކަމަކަށް ނުވެއެވެ. އެކަމާއި ގުޅޭ ގޮތުން ސުވާލު ކޮއްލާ ކޮންމެ ފަހަރަކު ފައިސާއަށް ވީ ގޮތް އެނގޭނެ ކަމަށް ބުނެ ނިންމާލަނީއެވެ. ނަމަވެސް އެއީ އަހަރެންގެ އަނބިމީހާއަށް ވުމުން އެއްވެސް އެއްޗެކޭ ނުބުނެ ހުންނަނީއެވެ.

ޔަޝްފާގެ އެކަހެރިވުން ގިނަވަމުން ދިޔަ ނަމަވެސް އަހަރެން އަޅާނުލާ ހުރީމެވެ. އެހެން ނަމަސް މިހާރު ފެންނަމުން ދަނީ ބަލަން އުނދަގޫ މަންޒަރެކެވެ. އަހަރެންނާއި ކިތަންމެ ގާތް ގުޅުމެއް އޮތް ނަމަވެސް ޔަޝްފާއަށް ބޮޑެތި ބަދަލުތައް ދަނީ އަންނަމުންނެވެ. އެންމެފަހުން އަހަރެން ނޫޅޭ ގަޑިބަލާފައި ފޯނުގައި ވެސް އިންނަނީއެވެ. އަހަރެން އަބަދު ގުޅާގަޑީގައި ފޯނު އިންނަނީ ކޯލްވެއިޓިންގ ގައެވެ. އެކަމަށް އަހަރެން ވަރަށް ނަސޭހަތް ދިނީމެވެ. ނަސޭހަތް ގަބޫލު ކުރާނަމޭ ބުނެއެވެ. ދައްކާ ވާހަކަ އަޑު އަހައެވެ. އަހަރެން ދެކެ ވަރަށް ލޯބިވާ ވާހަކަ އަބަދުވެސް ބުނެއެވެ. ބައެއް ފަހަރު އެއީ ފޭކެއް ބާއޭ ހިތަށް އަރައެވެ.

މިގޮތަށް އަހަރެންގެ ދިރިއުޅުން ކުރިއަށް ގެންދަން ބޭނުން ނުވިޔަސް ޔަޝްފާ ދެކެވާ ލޯތްބަކުން އޭނާއަށް ދެރަ ގޮތެއް ހަދާކަށް ހިތެއް ނޭދެއެވެ. އެހެން ވުމާއި އެކު ނަސޭހަތް ދީގެން ރަނގަޅު ކޮއްލެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައީމެވެ. މި ގޮތަށް ޝައްކުގެ ނަޒަރަކުން ބަލަމުން ދަނިކޮށް ޔަޝްފާގެ ބަނޑުބޮޑު ޚަބަރު ލިބުނެވެ. އަހަރެންގެ ހަތަރު އުދަރެސް ފެނު ޖެހުނު ކަހަލައެވެ. ދެން ކުރާނެ އެއްވެސް ކަމެއް ނެތެވެ. މުޅި އުމުރަށް ތަޅުލެވުނީ ކަމަށް ނިންމީމެވެ. ދުވަސްތައް ފާއިތުވަމުން ދިޔައިރުވެސް އެ އުޅުމަކަށް އެއްވެސް ބަދަލެއް ނުގެނައެވެ. ޝަކުވާއެއް ކޮއްލާ ކޮންމެ ފަހަރަކު އަހަންނަށް މަދުވަނީ ކޮންއެއްޗެއްތޯ ސުވާލު ކުރެއެވެ. އަދި ވިއްޔާ ވާނީ ގިނައޭ ބުނެ ހަމަޖައްސާލައެވެ. ގިނަވާނީ އިތުރު ބިޓެއްތޯ އަހަރެން ކެތް ނުވެގެން އަހައިލީ ވަރަށް ރުޅިއައިސްގެންނެވެ. ނަމަވެސް އެއަކަށް އެއްވެސް ޖަވާބެއް ޔަޝްފާ ނުދިނީ ޒުވާބު ކުރަން ބޭނުން ނުވާތީއެވެ. އަހަރެން ކުރިމަތީގައި ދުވަހަކުވެސް ޔަޝްފާ ޒުވާބެއް ނުކުރެއެވެ. އަހަރެން ހުރިހާ ކަމެއް ކޮއްލަދެނީ ވަރަށް ގަޔާވެގެންނެވެ. ނަމަވެސް އަހަރެންގެ ލޯ ކުރިމަތިން ފެންނަމުންދާ މަންޒަރުތަކަކީ ގަބޫލު ކުރެވޭނެ މަންޒަރުތަކެއް ނޫނެވެ. ނަސޭހަތްދީ އިސްލާހު ނުވިކަމެކެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އަހަރެން އޮފީސް ނިންމާލާފައި ގެއަށް އައިއިރު ޔަޝްފާ ވަރަށް ނަލަހެދިލައިގެން ސިޓިންގ ރޫމްގައި ފޯނެއްގައި އިނެވެ. އަހަރެން ޔަޝްފާއަށް ބަލާލަން ބޭނުން ނުވާތީ އެތެރެއަށް ދާން ހިނގައިގަތީމެވެ. ޔަޝްފާ ފަސްދީ ދިޔަ ތަނާހެން އަހަރެންނަށް ގޮވައިލިއެވެ. އަހަރެން މަޑުކޮއްލާފައި ކިހިނެއްވީހޭ އަހައިލީމެވެ. ޖަވާބުގައި ބުރެއް ޖަހާލަން ބޭރަށް ދާން ބޭނުންވާ ވާހަކަ ބުނީމެވެ. ނަމަވެސް ޔަޝްފާ ބޭނުންވީ އަހަރެންނާއި އެކީ ދާށެވެ. އަހަރެންގެ ޖީބުން ސައިކަލްގެ ތަޅުދަނޑި ނަގައި ޔަޝްފާއަށް ދީނީމެވެ. ނަމަވެސް ތަޅުދަނޑި ނަގައި އަހަރެންގެ ޖީބަށް ޔަޝްފާ ލިއެވެ. އެއޮތީ ބަލާއައިސް ކަމަށް ބުނެ މަގުމަތީގައި އޮތް ރަތް ކުލައިގެ ކާރަކަށް އިޝާރާތް ކުރިއެވެ. އެވަގުތު އެއީ ކާކުހޭ ކިޔައި އަހަރެންނަށް ބާރަކަށް ހަޅޭ ލަވައިގަނެވުނެވެ. އެހަޅޭކާއި އެކު ޔަޝްފާގެ އިސްތަށިގަނޑުގައި ހިފައި ގަޔަށް ލެވުނު ބާރެއް ލާފައި ދުރަށް ކޮއްޕައިލީމެވެ. ޔަޝްފާ ގޮސް ޖެހުނީ ސިޓިންގ ރޫމްގައި ހުރި ކަބަޑުގައެވެ. ޔަޝްފާ އެ ކަބަޑުގައި ޖެހުމަށްފަހު ބިންމައްޗަށް ވެއްޓުނީ އަހަރެންގެ ކުރިމަތީގައެވެ. އެއިރު ޔަޝްފާ ބާރަކަށް ރޮމުން ދިޔަ ނަމަވެސް އަހަރެންގެ ހިތަށް އެއްވެސް އަސަރެއް ނުކުރިއެވެ. އަހަރެން ގޮސް ބާރަކަށް ޔަޝްފާގެ އިސްތަށިގަނޑުގައި ހިފައި ބާރު ކޮއްލީމެވެ. ދޫކޮއްލަ ދިނުމަށާއި ބަނޑުގައި އޮތް ދަރިފުޅަށްޓަކައި އަނިޔާ ނުކުރުމަށް އާދޭސް ކުރަމުން ދިޔަ ނަމަވެސް އަހަރެންގެ ރުޅި ކޮންޓްރޯލް ކުރެވޭ ވަރެއް ނުވިއެވެ. ކާކު ކާރުގައި އިނީހޭ އަހަރެން އެހީމެވެ. ޖަވާބުގައި ކާރުގެ ދޮރު ހުޅުވައި އެތެރެ ބެލުމަށް ޔަޝްފާ އަހަރެންގެ ގާތުގައި އެދުނެވެ. އެއިރުން އެތެރޭގައި އިނީ ކާކުތޯ އެނގިދާނެކަމަށް ބުނެލިއެވެ. ޔަޝްފާ އެހެން ބުނެލުމާއިއެކު ކައިރީގައި އޮތް ދަނޑިބުރިއެއް ހިފައިގެން ކާރާއި ދިމާލަށް އަހަރެން ދުއްވައިގަތީމެއެވެ. ޔަޝްފާގެ ބިޓްގެ ކަންތައް ނިންމާލުމަށެވެ. ބާރަށް ގޮސް ކާރުގެ ދޮރު ހުޅުވައިލީމެވެ. "ހެޕީއެނިވަރސަރީ ލޯބިވާ ފިރިމީހާ" ކާރުގެ ހުންގާނުގައި ތައްކޮއްލައިފައިވާ ގަނޑެއްގައި ލިޔެފައި ހުއްޓެވެ. އެކާރުގައި ތަޅުދަނޑި ޖަހާފައި ހުރީ ދުއްވާލަން ދާން ތައްޔާރަށެވެ. އަހަރެންނަށް ވީ ގޮތެއްވެސް ނޭނގެއެވެ. ތެދެކެވެ. މިއަދަކީ އަހަރެމެންގެ ކައިވެންޏަށް ދިހަވަނަ އަހަރީ ދުވަހެވެ. އަހަރެން އެނބުރި ގޭތެރެއަށް ދުއްވައި ގަތީމެވެ. ޔަޝްފާއަށް އެހީތެރި ވުމަށެވެ. ބާރަށް ގޮސް ގޭތެރެއަށް ވަންއިރު ޔަޝްފާ ބިންމައްޗަށް ވެއްޓި ހަރަކާތް ހުއްޓިފައި އޮތެވެ. އަހަރެން ޔަޝްފާ ނަގައި ބާރަށް ބައްދައިލީމެވެ. ސޮރީއޭ ބުނެ އަހަރެން އާދޭސް ކުރީމެވެ. އަހަރެން ފައިސާއަށް ހެދި ގޮތް މިހާރު ފެނިއްޖެދޯއޭ ޔަޝްފާއަށް ބުނެވުނީ ވަރަށް އުނދަގުލުންނެވެ. ޔަޝްފާ ބިޓެއް ނުނަގާނެ ކަމަށާއި ދުވަހަކުވެސް އަހަރެންނަށް ބޭވަފާ ނުވާނެ ކަމަށް ބުންޏެވެ. އަދި އެކާރު ގަންނަން ގިނަ ވަގުތު ފޯނުގައި އިންނަން ޖެހުނީތީ މަޢާފަށް އެދުނެވެ. އަހަރެން މަޢާފް ކުރީމެވެ. އަނގައިން ލޭ އަންނާތީ ވާހަކަ ދެއްކޭ ވަރެއް ނޫނެވެ. އަހަރެން ޔަޝްފާގެ ހަށިގަނޑުން ދޫކޮށް ނުލާ ބާރަށް ހިފަހައްޓައިގެން ހުއްޓާ އަހަރެންގެ އަތްމައްޗަށް އެންމެ ފަހު ނޭވާ ދޫކޮށް ޔަޝްފާ މިދުނިޔެއަށް އަލްވަދާޢު ކިޔައިފިއެވެ. އަހަރެންނަށް ޔަޝްފާއަށް އިތުބާރު ނުކުރެވުނީއެވެ. އަހަރެން ދުނިޔޭގައި ހުރިހާ ދުވަހަކު ޔަޝްފާގެ މަތިން ހަނދާން ނައްތައި ނުލެވޭނެއެވެ. މިދުވަސް އަހަރެންގެ ހިތަކުން ފިލައި ނުދާނެއެވެ. ހިތްރޯތީ ކެތް ނުވެއެވެ.

= ނިމުނީ =

+1
0
+1
4
+1
6
+1
2
+1
2
+1
0
+1
4

Advertisement

ގުޅުންހުރި ލިޔުންތައް