September 20, 2024 20:35
Advertisement

-Advertisement-

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ - ޒުވާން މޫސާގެފާނު

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ އިއްޔެގެ ލިޔުމާއި ގުޅޭ..

އަހަރުތައް ފާއިތުވަމުން އައިސް މޫސާގެފާނު ފުރާވަރަށް އެރިއެވެ. އެހިނދު އެކަލޭގެފާނަށް ބުއްދިއާއި ޢިލްމުދެއްވިކަން ﷲ އަންގަވައެވެ. ޒުވާން ހަޔާތްޕުޅުގައި އެކަލޭގެފާނު މީސްތަކުންނަށް އެހީތެރިވެވަޑައިގަތެވެ. ޚާއްޞަގޮތެއްގައި މިއެހީތެރިކަން އަމާޒުވީ އަނިޔާވެރިކަމުގައި ތިބި ބަނޫ އިސްރާއީލުގެ އަޅުންނަށެވެ. އެކަލޭގެފާނު މިމަސައްކަތްކުރެއްވީ މެންދުރު މަސައްކަތް މެދުކެނޑުމުން އެމީހުންނަށް ލިބުނު ހުސް ވަގުތުގައެވެ. އެގަޑީގައި އެމީހުންނަށް ލިބިފައި ހުންނަ އަނިޔާތަކާއި ޒަޚަމްތަކަށް އެކަލޭގެފާނު ފަރުވާދެއްވިއެވެ. އަދި އެމީހުންނާ ކުރިމަތިވެފައި ހުންނަ ދަތި ކަންކަން ލުއިކޮށްދެވޭތޯ މަސައްކަތްކުރެއްވިއެވެ. އަދި އެކަލޭގެފާނު އެމީހުންނަށް ސަދަގާތްކުރެއްވިއެވެ.

މިހާރު މޫސާގެފާނަކީ އިސްކޮޅުން ބޮޑު ބިޔަ ޒުވާނެކެވެ. އެހެންވެ އާންމު މީހުންނަށްވުރެ އެކަލޭގެފާނުގެ ހަށިކޮޅު ވަރުގަދަވެސްމެއެވެ. އެއް ދުވަހަކު މެންދުރު ވަގުތުގައި މޫސާގެފާނު މަގުމަތީގައި އުޅުއްވަނިކޮށް މީހަކު އެހީއަށް އެދި ގޮވިއެވެ. އާދައިގެ މަތިން އެއީ މަގުމަތީގައި އެންމެ މީހުން މަދުވާ ވަގުތެވެ. އެކަލޭގެފާނު އެހީގެ ގޮވައިލުމަށް އިޖާބަދެއްވިއެވެ. އޭރު ބަނޫ އިސްރާއީލުގެ މީހަކާއި މިސްރުގެ ސިފައިންގެ މީހަކު ތަޅަނީއެވެ. އިސްރާއީލުގެ މީހާ، އޭނާ ސަލާމަތްކޮށްދެއްވުމަށް އެދުމުން މިސްރު މީހާ ގައިގައި މޫސާގެފާނު ޖެއްސެވިއެވެ. އެވަގުތު އޭނާ މަރުވިއެވެ. އެކަލޭގެފާނުގެ ވަރުގަދަކަން މިހާދިސާއިން އެނގެއެވެ.

Advertisement

މިސްރު މީހާ މަރުވުމާއެކު މޫސާގެފާނަށް މިކުރެއްވުނީ ބޮޑު ކުށެއް ކަމަށް އެކަލޭގެފާނަށް ވިސްނިވަޑައިގަތެވެ. ބައްލަވަންޖެހޭ ވަރަށް ނުބައްލަވައި އެކަލޭގެފާނަށް އަމަލުކުރެއްވުނީ ރަނގަޅަށް ނޫންކަން ކަށަވަރުވިއެވެ. އެވަގުތު އެއީ ޝައިޠާނާގެ މަކަރުވެރި ވަސްވާހުން އެކަލޭގެފާނަށް ކުރެއްވުނު ޝައިޠާނާގެ އަމަލެއް ކަމަށް ގަބޫލުފުޅުކުރެއްވިއެވެ. ދެން އެކަލޭގެފާނުގެ ކުށް ޢަފޫކުރެއްވުމަށްއެދި ﷲ އަށް ދެންނެވިއެވެ. އަދި އެކަލޭގެފާނުގެ ދުޢާ އިޖާބަކުރައްވައި ﷲ އެކަލޭގެފާނަށް ޢަފޫކުރެއްވިއެވެ.

ޖެހިގެން އައި ދުވަހު ހެނދުނު މޫސާގެފާނު ބިރުން ހުންނަވައި މަގުމައްޗަށް ނިކުންނެވިއެވެ. ހެނދުނުގެ ވަގުތަކީ މަގުތަކުގައި އެންމެ މީހުން ގިނަވާ ވަގުތެވެ. އެކަލޭގެފާނު ބިރުފުޅުގަތީ އަތްޕުޅުން މިސްރުގެ ސިފައިންގެ މީހަކު މަރުވެފައިވާތީއެވެ. އެކަމުގެ ތަހުގީގު ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ހިނގަމުންދާނެކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ. ކުއްލިއަކަށް މީހަކު އެހީއަށް އެދި ވަރަށް ބާރަށް ހަޅޭއްލަވާ އަޑު އެއެކަލޭގެފާނަށް އިވިވަޑައިގަތެވެ. އެކަލޭގެފާނު އަވަހަށް ބެއްލެވިއިރު އެއީ ކުރީ ދުވަހު އެހީއަށް އެދި ގޮވި މީހާއެވެ. އެހިނދު އެމީހާއަކީ ބޮޑު ފުރެދުންތެރިއެއްކަމުގައި ވިދާޅުވިއެވެ. ދެން އެމީހާ ކައިރިއަށް މޫސާގެފާނު ވަޑައިގަތުމުން އެކަލޭގެފާނު އޭނާ ގައިގައި ޖައްސަވަން އުޅުއްވަނީކަމަށް ހީކޮށް އެކަމާދެކޮޅަށް އަޑު އުފުލިއެވެ. އޭނާ އެކަލޭގެފާނުގެ ނަންފުޅުން ފަށައި އެކަލޭގެފާނު ކުށްވެރިކުރައްވައި އެކަލޭގެފާނު އިއްޔެ މީހަކު މެރުއްވި ވާހަކަ އަޑުގެކޮޅަށް ގޮވިއެވެ.

އެވަގުތު ރަށުގެ އެންމެ ދުރު ހިސާބުކަމުގައިވާ ފިރުޢައުނުގެ ގަނޑުވަރު ހުރި ހިސާބުން މީހަކު ދުވެފައި އެކަލޭގެފާނު އަރިހަށް ވަޑައިގަތެވެ. އަދި އެކަލޭގެފާނު ގަތުލުކުރުމުގެ ސައްލާ ގަނޑުވަރުގައި ހިނގާކަމުގެ ޚަބަރު ދިނެވެ. އަދި އެކަލޭގެފާނު ވަގުތުން މިސްރުން ފިއްލެވުމަށް އެމީހާ ދެންނެވިއެވެ. ދުވަހަކުވެސް ފިރުޢައުނުގެ އިސް ވަޒީރުންނާއި އިސް ކޮމާންޑަރުންގެ ހިތްތައް މޫސާގެފާނާމެދު ރަނގަޅެއްނޫނެވެ. އެއީ އެކަލޭގެފާނަކީ އެހެން ނަސްލަކުން އެހެން ދީނަކުން އައި އަޅަކަށް އެމީހުން ދުށީތީއެވެ. އެންމެފަހުން މޫސާގެފާނު އެމީހުންގެ މީހަކު މަރުއްވާފައިވާތީ އެކަލޭގެފާނު އަވަހާރަކޮށްލަން އެމީހުން ނިންމިއެވެ. ފިރުޢައުނު އެކަމާ އެއްބަސްނުވިއަސް އެކަން ކުރާނެ ގޮތް އެމީހުން ނިންމިއެވެ.

ދެން އަނިޔާވެރިންގެ ކިބައިން ސަލާމަތްކުރެއްވުމަށް ﷲ އަށް ދުޢާކުރައްވަމުން މޫސާގެފާނު މިސްރު ދޫކޮށް ފިއްލެވިއެވެ. އެއަށްފަހު އެކަލޭގެފާނު މަދްޔަން ނަމަކަށް ކިޔުނު ރަށަކަށް ދަތުރުކުރެއްވިއެވެ. އެކަލޭގެފާނު ދަތުރުކުރެއްވީ ބިރުވެރި ހާލުގައި އަތުވެދާނެ ނުރައްކަލަކަށް ބައްލަވަމުންނެވެ. އަދި އެކަލޭގެފާނަށް ތެދުމަގަށް މަގުދެއްކެވުމަށް އެދި ﷲ އަށް ދުޢާކުރެއްވިއެވެ. މަދުޔަނުން އެކަލޭގެފާނާ ފުރަތަމަ ބައްދަލުވެވަޑައިގަތީ ފެންގަނޑެއް ކައިރީގައި ޖަނަވާރުތަކަށް ފެން ދޭން ތިބި ފިރިހެނުންތަކަކާއެވެ. އަދި ފެން ދޭން ތިބި މީހުންނާ ތަންކޮޅެއް ދުރުގައި ޒުވާން ދެ އަންހެނަކު ޖަނަވާރުތަކެއް ފައްސަމުންދިޔަ ތަން އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. ދެން އެ ދެ އަންހެނުން ކައިރިއަށް ވަޑައިގެން ޖަނަވާރުތައް ދުރަށް ޖައްސަނީ ކީއްވެތޯ އެއްސެވިއެވެ. ޖަވާބުގައި ފިރިހެނުން އެމީހުންގެ ޖަނަވާރުތަކަށް ފެން ދީ ނިމިގެން ފެންގަނޑާ ދުރަށް ދިއުމުން މެނުވީ އެދެބެއިންނަށް އެތަނުން ޖާގަ ނުލިބޭ ވާހަކަ އެމީހުން ދެންނެވިއެވެ. އަދި އެދެބެއިންގެ ބައްޕައަކީ އެމަސައްކަތް ކުރެވޭވަރަށްވުރެ ދުވަސްވެފައިވާ މީހެއްކަމަށް ދެންނެވިއެވެ. ދެން މޫސާގެފާނު އެ ޖަނަވާރުތަކަށް ފެންދެއްވައި އެދެބެއިންނާ ޖަނަވާރުތައް ހަވާލުކުރެއްވިއެވެ. ދެން އެމީހުން ޖަނަވާރުތަކާއެކު އެނބުރި ގެއަށް ދިޔައެވެ.

މޫސާގެފާނު ދެން ގަހެއްގެ ހިޔަލުގައި މަޑުކުރެއްވިއެވެ. އެއަށްފަހު ﷲ ދެއްވާ ކޮންމެ ހެވަކަށް އެކަލޭގެފާނު ބޭނުންފުޅުވާކަމަށް އެދި ﷲ އަށް ދުޢާ ދެންނެވިއެވެ. ދެން އަންހެން ދެބެއިންގެތެރެއިން އެކަކު މޫސާގެފާނު އަރިހަށް ލަދުރަކިކޮށް އައިސް އެކަނބުލޭގެ ބައްޕަޔާ ބައްދަލުކުރުމަށް އެދި ދެންނެވިއެވެ. އެއީ އެކަލޭގެފާނު ކޮށްދެއްވި މަސައްކަތަށް އެކަނބުލޭގެ ބައްޕަ އަގުދޭން ކަމުގައި ދެންނެވިއެވެ. ދެން މޫސާގެފާނު އެކަނބުލޭގެ ބައްޕަ ކައިރިއަށް ވަޑައިގެން އެކަލޭގެފާނަށް ވީގޮތް ވިދާޅުވެދެއްވިއެވެ. ރައްދުގައި އަނިޔާވެރިންގެ ކިބައިން ސަލާމަތްވެ އެކަލޭގެފާނަށް މިހާރު އޮތީ ރައްކާތެރިކަން ކަމުގައި އެމީހާ ދެންނެވިއެވެ.

އަންހެން ދެބެއިންގެ ތެރެއިން އެކަކު އޭނާގެ ބައްޕައަށް ލަފާދިނެވެ. އެކަނބުލޭގެ ލަފާދިނީ މޫސާގެފާނަށް މަސައްކަތު މީހެއްގެ ވަޒީފާ ދިނުމަށެވެ. ސަބަބެއްކަމުގައި އެކަނބުލޭގެ ދެއްކީ އެކަލޭގެފާނުގެ އަމާނާތްތެރިކަމާއި ހަށިގަނޑުގެ ވަރުގަދަކަމެވެ. ދެން އެކުދިންގެ ބައްޕަ މޫސާގެފާނަށް ވަޒީފާ ދެއްވައި އުޖޫރައަކީ އޭގެތެރެއިން ކުއްޖަކާއި ކައިވެނިކުރެއްވުން ކަމުގައި ދެންނެވިއެވެ. އަދި ވަޒީފާގައި އޭނާއަށް ޚިދުމަތްކުރަންޖެހޭ މުއްދަތަކީ އަށް އަހަރު ކަމުގައި ދެންނެވިއެވެ. މޫސާގެފާނު ބޭނުންފުޅު ކަމަށްވާނަމަ އެކަލޭގެފާނުގެ ހެޔޮފުޅުކަމުން އެ މުއްދަތު ދިހަ އަހަރަށް ދިގުކޮށްލެވިދާނެކަމުގައިވެސް އޭނާ ދެންނެވިއެވެ. އޭނާގެ ހުށަހެޅުން ގަބޫލުކުރައްވައި މޫސާގެފާނު އެތަނުން ކުއްޖަކާއި ކައިވެނި ބައްލަވައިގަތެވެ. ދެން މަދުޔަނުގައި އެކަލޭގެފާނު ވަޒަންވެރިވެވަޑައިގެން އެތަނުގައި ދިރިއުޅުއްވިއެވެ.

ނުނިމޭ...

ނޯޓް: ' މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ ' މި ލިޔުމުގެ 8 ވަނަ ބައި މާދަމާ ޕަބްލިޝް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
1
+1
6
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް