މޫސާ ޢަލައިހިއްސަލާމްގެ ވާހަކަ – ދެވަނަ ބައި
ﷲ މޫސާގެފާނަށް ވަޙީ އިއްވެވުން
މޫސާގެފާނު، އެކަލޭގެފާނު އަހުދުވެވަޑައިގަތް މުއްދަތަށް މަދުޔަންގައި ވަޒީފާ އަދާކުރެއްވިއެވެ. އެއަށްފަހު އާއިލާއާއެކު އެކަލޭގެފާނު މަދުޔަން ދޫކުރައްވައި ދަތުރުކުރެއްވިއެވެ. މިވާހަކަތައް ޠާހާ ސޫރަތުގެ 9 ވަނަ އާޔަތުން ފެށިގެން 44 ވަނަ އާޔަތުގެ ނިޔަލަށްވެއެވެ. މަދުޔަން ދޫކުރައްވައި ކުރެއްވި ދަތުރުފުޅުގައި އިރު އޮއްސުނުއިރު އެކަލޭގެފާނާއި އާއިލާއަށް ފަރުބަދައަކަށް އެރުއްވުނެވެ. ކުރިއަށް ވަޑައިގަންނަވާނޭ މަގެއް އެނގިވަޑައިނުގަންނަވާތީ އެކަލޭގެފާނާއި އާއިލާ ރޭގަނޑު އެފަރުބަދައިގައި މަޑުކުރެއްވިއެވެ. ދެން މޫސާގެފާނަށް އަލިފާން ގަނޑެއް ފެނިވަޑައިގަތެވެ. އެވަގުތު އެއަލިފާންގަނޑު ކައިރިއަށް ވަޑައިގަންނަވަން އަކަލޭގެފާނު ބޭނުންފުޅުވިއެވެ. އެއީ އެއަލިފާންގަނޑުން ހުޅުކޮޅެއް ގެނައުމަށް ނުވަތަ ތެދުމަގެއް ފެނޭތޯ ކަމުގައި ވިދާޅުވިއެވެ. އަދި އާއިލާގެ ބޭފުޅުން އެކަލޭގެފާނުގެ އިންތިޒާރުގައި ތިއްބެވުމަށް ވިދާޅުވުމަށްފަހު އަލިފާންގަނޑާ ދިމާއަށް ފަރުބަދައިގެ މައްޗަށް ވަޑައިގަތެވެ.
މޫސާގެފާނު އަލިފާންގަނޑާ ހަމަވުމާއެކު އެކަލޭގެފާނަށް އިވިވަޑައިގަތީ އެކަލޭގެފާނުގެ ނަންފުޅުން އެކަލޭގެފާނަށް ގޮވައިލެއްވުނު އަޑެވެ. އެކަލޭގެފާނަށް ލިބިވަޑައިގަތް ސިހުމާއި ހައިރާންކަމުގައި ހުންނަވަނިކޮށް ދެން އިވިޑައިގަތީ އެއީ އެކަލޭގެފާނުގެ ރައްބު ﷲ ކަމުގެ ވަހީ ބަސްފުޅެވެ. މިއީ ދުނިޔޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ﷲ އިންސާނަކަށް ސީދާ ވަޙީ އިއްވެވި ފަހަރެވެ. ދެން އެކަލޭގެފާނަށް އަމުރުކުރެއްވުނީ ފައިވާންޖޯޑުކޮޅު ބޭލުއްވުމަށެވެ. އަދި އެކަލޭގެފާނު ހުންނެވީ ޠުވާ އޭ ކިޔުނު މުޤައްދަސް ވާދީ ކަމުގައި ﷲ އެންގެވިއެވެ. ﷲ ގެ ޙަޟުރަތަށް ކުއްތަންވެވަޑައިގަތުމަށް ފައިވާންކޮޅު ބޭއްލުއްވި ފުރަތަމަ ބޭކަލަކީ މޫސާގެފާނެވެ. އެކަލޭގެފާނުގެ މިސުންނަތުގައި މިހާރުވެސް އަޅުގަނޑުމެން މުސްލިމުން ހިފަހައްޓަމެވެ. މުސްލިމުން މިސްކިތަށް ވަންނަނީ ފައިވާން ބާލާފައެވެ.
ﷲ ދެން ވަޙީގެ ބަސްފުޅު ކުރިއަށް ގެންދެވިއެވެ. ﷲ، މޫސާގެފާނު ޚިޔާރުކުރެއްވިކަން އަންގަވައި ވަޙީގެ ބަސްފުޅު ކަނުލައި އެއްސެވުމަށް އެންގެވިއެވެ. ﷲ މެނުވީ އިލާހަކު ނުވާކަމަށް އަންގަވައި ﷲ އަށް އެކަނި އަޅުކަން ކުރެއްވުމަށް އެކަލޭގެފާނަށް އެންގެވިއެވެ. ﷲ ހަނދުމަކުރުމަށްޓަކައި ނަމާދު ގާއިމްކުރުމަށް އަމުރުކުރެއްވިއެވެ. ޤިޔާމަތްވާނޭކަމާއި އެވަގުތު ވަންހަނާކުރައްވާފައިވާކަން އެންގެވިއެވެ. އެދުވަސް ސިއްރުކުރެއްވުމަށް އިރާދަކުރެއްވީ އެމީހަކު ކުރި އަމަލެއްގެ ޖަޒާ އެމީހަކަށް ދެއްވުމަށްޓަކައިކަން އެންގެވިއެވެ. އެކަލޭގެފާނު ހަލާކުވެދާނެ ކަމަށްޓަކައި ޤިޔާމަތް ދުވަސް ހަނދުމަކުރެއްވުމުން އެކަލޭގެފާނު ދުރުކުރިޔަ ނުދެއްވުމަށް އެންގެވިއެވެ.
ﷲ ދެން މޫސާގެފާނާއި ސުވާލުކުރެއްވިއެވެ. އެކަލޭގެފާނުގެ ކަނާތްޕުޅުގައި އޮތީ ކޮން އެއްޗެއްތޯ އެއްސެވިއެވެ. ޖަވާބުގައި އެއީ އެކަލޭގެފާނުގެ އަސާކޮޅުކަމަށް ދެންނެވިއެވެ. އަދި އޭގެ މައްޗަށް އެކަލޭގެފާނު ބުރަވެވަޑައިގަންނަވާކަމާއި އެ ބޭނުންކުރައްވައިގެން ބަކަރިތަކަށް ކާންދެއްވަން ފަތް ބިންނަކަމަށް ދެންނެވިއެވެ. އަދި އެހެނިހެން ކަންކަންވެސް އަސާކޮޅުން ކުރައްވާކަމަށް ދެންނެވިއެވެ.
ދެން ﷲ މޫސާގެފާނަށް އެކަލޭގެފާނުގެ އަސާކޮޅު އެއްލެވުމަށް އަމުރުކުރެއްވިއެވެ. ދެން އެކަލޭގެފާނު އަސާކޮޅު އެއްލެވިއެވެ. އެވަގުތު އަސާކޮޅު ދުވެދުވެ އޮތް ބިޔަ ނާގަހަރުފައަކަށް ވިއެވެ. ދެން އަސާކޮޅުގައި ހިއްޕެވުމަށާއި ބިރުފުޅުނުގަތުމަށް ﷲ އެކަލޭގެފާނަށް އެންގެވިއެވެ. އަދި އަސާކޮޅު ކުރިން އޮތްގޮތަށް ރުޖޫއަ ކުރައްވާނެކަމަށް ﷲ އެންގެވިއެވެ. ދެން އެކަލޭގެފާނުގެ އަތްޕުޅު ކިހިލިފަތްޕުޅު ދަށަށް ލެއްވުމަށް އެންގެވިއެވެ. އޭރުން އަތްޕުޅު ހުދުކުލައިގައި ވިދާހާލުގައި ނިކުންނާނެކަމަށް އެންގެވިއެވެ. އެއީ އެކަލޭގެފާނަށް ދެއްވާ ބޮޑެތި މުޢުޖިޒާތްތަކުން ބައެއްކަމުގައި އެންގެވިއެވެ.
ދެން ﷲ މޫސާގެފާނަށް އެންގެވީ ފުރެދުމުގައި ހައްދުފަހަނަޅައިފައިވާ ފިރުޢައުނު ގާތަށް ވަޑައިގަތުމަށެވެ. މިއީ މުޅި އިންސާނީ ތާރީޚުގައި ރަސޫލު ބޭކަލަކު ކުރައްވަން ޖެހިވަޑައިގަތް އެންމެ ދަތި އުނދަގޫ އެއް މަސައްކަތްޕުޅެވެ. މޫސާގެފާނު ހުންނެވީ މީހަކު މަރުއްވާފައެވެ. އެއަށްފަހު އެކަލޭގެފާނަކީ ފިއްލަވައިގެން އުޅުއްވާ ބަނޫ އިސްރާއީލުގެ އަޅު ބޭކަލެކެވެ. އެކަލޭގެފާނަށް ފުރަތަމަވެސް މިޖެހިވަޑައިގަތީ ރަސްގެފާނު ފިރުޢައުނު އިސްލާހުކުރައްވައި އޭނާ ހަމަ މަގަށް އަޅުއްވާށެވެ. އެއީ ދުނިޔޭގައި އެވަގުތު ހުންނެވި ހުރިހާގޮތަކުން އެންމެ ބާރުގަދަ ރަސްގެފާނެވެ. އެހެންވެ އެފަދަ ބޮޑުކަމެއް ކުރައްވަން މޫސާގެފާނަށް ޚާއްޞަ ވަސީލަތްތައް ބޭނުންފުޅުވެވަޑައިގަތެވެ.
އެހިނދު އެކަލޭގެފާނު ﷲ އަށް އިބުރަތުން ފުރިގެންވާ އަސަރުގަދަ ދުޢާއެއް ދެންނެވިއެވެ. މިދުޢާގައި މޫސާގެފާނު އެދިވަޑައިގަތީ އެކަލޭގެފާނުގެ ހިތްޕުޅަށް ހަމަޖެހުމާއި ގަދަކަން ދެއްވުމަށެވެ. އަދި އެމަސައްކަތްޕުޅު ފަސޭހަކޮށްދެއްވައި، ހިތްވަރާއި ކެތްތެރިކަން ދެއްވައި އަމިއްލަ ނަފުސަށް އިތުބާރުދެއްވުމަށެވެ. އަދި މޮޅަށް މުވާސަލާތުކުރެއްވުމުގެ ކުޅަދާނަކަން ދެއްވައި އެކަލޭގެފާނުގެ ވާހަކަފުޅު އެމީހުންނަށް އެނގޭނެގޮތް ފަހިކޮށްދެއްވުމަށެވެ. އަދި އެއަށްފަހު އެކަލޭގެފާނަށް އިތުރު ބާރެއްގެގޮތުގައި އެކަލޭގެފާނުގެ ބޭބޭކަލުން ހާރޫން އެކަލޭގެފާނާއެކު ފޮނުއްވައިދެއްވުމަށެވެ. އެވަގުތު އެކަލޭގެފާނު އެދިވަޑައިގަތް ހުރިހާ ކަމެއް އެކަލޭގެފާނަށް ފުރިހަމަކޮށްދެއްވިކަން ﷲ އެންގެވިއެވެ.
ދެން މޫސާގެފާނަށް މާކުރިންވެސް ﷲ ދަރުމަވެވޮޑިގަތްކަން ބަޔާންކުރެއްވިއެވެ. އެގޮތުން އެކަލޭގެފާނު އުފަންވަވަޑައިގަތުމާއި ބޮޑުފުޅުވިގޮތުގެ ހުރިހާ ވާހަކައެއްގެ ތަފުސީލު އެކަލޭގެފާނަށް ﷲ ދެއްވިއެވެ. މާނަޔަކީ ފިރުޢައުނުގެ ގަނޑުވަރުގައި އެކަލޭގެފާނު ތަރުބިއްޔަތުކުރެއްވީ ﷲ ގެ ރޭއްވެވުމުގެ މަތިންކަމެވެ. ފިއުޢައުނުގެ އަނިޔާވެރިކަމާއި އޭނާކުރި ހުރިހާ ކަމެއް އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ހިނގާދިޔައީ ﷲ ގެ އިރާދަފުޅުންކަމެވެ. ދެން އެކަލޭގެފާނުގެ ހަޔާތްޕުޅުގައި ހިނގި ހުރިހާ ކަމެއް ﷲ ބަޔާންކުރައްވައި އެކަލޭގެފާނުގެ މައްޗަށް ﷲ ގެ ޙަޟުރަތުން ހުރި ދަރުމައިގެ ތަފުސީލުތައް ބަޔާންކުރެއްވިއެވެ. އަދި މިހާރު އެކަލޭގެފާނު އެތަނަށް ވަޑައިގެން ހުންނެވީ ﷲ ސީދާ އެދިވަޑިގަތް ވަގުތުކަމުގައި ވަހީކުރެއްވިއެވެ.
އެންމެފަހުން ﷲ މޫސާގެފާނަށް އަމުރުކުރެއްވީ އެކަލޭގެފާނާއި އަޚު ހާރޫނާ ދެބޭކަލުން ފިރުޢައުނު ގާތަށް ވަޑައިގަތުމަށެވެ. އެއަށްފަހު މަޑުން ވާހަކަދައްކަވައި އޭނާއަށް ނަސޭހަތްދެއްވުމަށެވެ. އޭނާގެ އަނިޔާވެރިކަން ހުއްޓައި އޭނާ ﷲ އަށް އީމާންވުމަށް ދެންނެވުމަށެވެ. އެއީ ނުބައިކަން ދޫކޮށް އޭނާ ﷲ ގެ މަގަށް ރުޖޫއަވޭތޯއެވެ.
ނުނިމޭ...
ނޯޓް: ' މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ ' މި ލިޔުމުގެ 9 ވަނަ ބައި މާދަމާ ޕަބްލިޝް ކުރުމަށް ވަނީ ހަމަޖެހިފައެވެ.