November 23, 2024 17:23
Advertisement

-Advertisement-

ފިޒާނާ

ފިޒާނާގެ ހަޔާތުގެ ސަފްހާތަކުގެ ތެރެއިން

މަރްޔަމް ފިޒާނާ ރަޝީދު

ފިޒާނާ އާއި އެންމެ ފުރަތަމަ އަޅުގަނޑާއި ބައްދަލުވީ 2022 ވަނަ އަހަރު 'ހެލްޕް ޕާކިސްތާން' ނަމުގައި ކުރިއަށްގެންދިޔަ ޓެލެތޯން އިންނެވެ. މި ޓެލެތޯން އިންތިޒާމް ކުރުމުގައި ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަންގެ ފަރާތުން އެންމެ އިސްކޮށް މަސައްކަތްކުރެއްވި ފިޒާނާ އަކީ ފާހަގަކުރެވޭ ކަނބަލެކެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) ޑިރެކްޓަރ ޖެނެރަލްގެ މަގާމްގައި ހުންނެވި ފިޒާނާގެ ޕްރޮފައިލް ރިޕޯޓެއް ގެނައުމަށް ޝައުގުވެރިވީ ތަފާތު ސަބަބުތަކާއި ހުރެއެވެ. މިއަދާއި ހަމައަށް އެ ލިބުނު ކާމިޔާބީ އާއި ދިރިއުޅުމުގައި ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެއްވި މަސައްކަތަކީ މީގެ އެއް ސަބަބެވެ.

Advertisement

އެންމެ ފުރަތަމަ ވަޒީފާ އަދި ތަޢުލީމް

ވެރިރަށް މާލެއަށް އުފަން ފިޒާނާގެ ވަޒީފާ ފެށުމަކީ އަދި ދެމިހުރީވެސް ތަޢުލީމީ ދާއިރާއަށް ޚިދުމަތް ކުރެއްވުމުގަ އެވެ.

އޯލެވެލް ނިންމެވުމަށްފަހު އެންމެ ފުރަތަމަ އެސިސްޓެންޓް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވީ 1996 ވަނަ އަހަރު އެވެ. އެއަށްފަހު ޑިޕްލޮމާ ފުރިހަމަކުރެއްވިއެވެ. އަދި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން އިން ޑިގްރީ ފުރިހަމަ ކުރެއްވުމަށްފަހު ވަޒީފާ އަދާކުރައްވަން ފެއްޓެވީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އެސިސްޓެންޓް ލެކްޗަރަރ އެއްގެ ގޮތުގައެވެ. މާސްޓަރސް ފުރިހަމަ ކުރެއްވީ މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީ އިންނެވެ. ޕީއެޗްޑީ ފުރިހަމަކުރެއްވުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ.

3 ދަރިންނާއެކު ފިޒާނާ

ދަރިން ތަރުބިއްޔަތު ކުރުމާއި ވަޒީފާ

ދަރިން ތަރުބިއްޔަތު ކުރަމުން ތަޢުލީމު އުނގެނި ވަޒީފާ އަދާކުރުމަކީ މަޔަކަށް ފަސޭހަކަމެއް ނޫނެވެ. ފިޒާނާ ކައިވެނި ކުރެއްވިއިރު އުމުރަކީ 19 އަހަރެވެ. 3 ވަނަ ދަރިފުޅު ލިބުނުއިރު ޑިގްރީ ނިންމާ މާސްޓަރސް ފުރިހަމަ ކުރެއްވީ 3 ދަރިންނާއެކު ވަރަށް ހިތްވަރާއެކުއެވެ. ފިޒާނާ އަކީ އާއިލާގެ އެންމެ ކުޑަ އަންހެން ދަރިފުޅެވެ.

" އަޅުގަނޑު އޮފީހަށް ދާ ގަޑީގައި މަންމަމެންނާއި ގޭގައި އުޅޭ ކުދިން އެހީތެރިކަމާއިއެކު އަޅުގަނޑުގެ ދަރިން ބަލާނެ. ވަޒީފާއިން އައިސް އުޅޭނީ ކުދިންގެ ކަންތަކުގަ. ކިޔެވީވެސް ކުދިން ލިބުނު ފަހުން. ޑިގްރީ އަށް ހޮވުނު ދުވަހު އެނގުނީ ތިންވަނަ ކުއްޖާ އަށް ބަނޑުބޮޑުކަން. ބައްޕަ އެއީ އަޅުގަނޑުގެ ހުރިހާވެސް މީހަކީ. އެހެންވެ ދެންނެވިން ބައްޕާއޭ ކިހިނެއްތޯ ހަދަންވީ. ބައްޕަ ވިދާޅުވީ ފިޒާނާ ބޭނުންގޮތަކަށް ހަދާށޭ. ބައްޕަ ހުންނާނަމޭ ފިޒާނާ އާއެކު. 2 ކުދިންނާއެކު ޗެލެންޖް ނެގީ. 3 ވަނަ ދަރިފުޅު ވިހައިގެން 11 ވަނަ ދުވަހު އަޅުގަނޑު އިންނާނީ ކޮލެޖުގަ ކިޔަވަން. ދިރިއުޅުމުގެ ކަންކަން ފަސޭހައެއްނޫން، ވަރަށް ބައިވަރު ގޮންޖެހުންތައް ހުރި..." އެއިރުގެ ހަނދާންތައް އާކުރައްވަމުން ވިދާޅުވިއެވެ.

މާސްޓަރސް ނިންމެވުމަށްފަހު ގްރެޖުއޭޝަން ރަސްމިއްޔާތުގައި

ފިޒާނާ ޑިގްރީ ފުރިހަމަކުރެއްވިއިރު އޮފީހަށް ނުނުކުމެ ފައިސާ ލިބޭގޮތަށް ކިޔަވަން ފުރުސަތު ލިބުން އެއީ ލިބުނު ވަރަށް ބޮޑު ފަސޭހައެކެވެ.

" އެއިރުގަ ޕޭލީވްގަ ހުރީ. އެހެންވެ ވަޒީފާ އަށް ނުގޮސް ކިޔެވީ. ކޮންމެ ދުވަހަކުވެސް  މެންދުރު ދޭއް ޖަހަންދެން ކޮލެޖްގައި އެސައިންމަންޓްތައް ހަދަން މަޑުކުރަން ކުލާސް އޮތަސް ނެތަސް، ކިޔެވީ ލައިބްރަރީގަ އިނދެގެން. ދެން ގެއަށް ގޮސް އެއްވެސް އެސައިންމެންޓެއް ނަހަދާނެ. ގޭގަ ހުންނާނީ ހަމައެކަނި ކުދިންގެ ކަންތަކަށް ހުސްވެގެން. ކުދިވެރިންގެ ސްކޫލުގެ ހުރިހާ ކަމެއް އަޅުގަނޑު އެކަނި ކުރާނީ. ބައްދަލުވުންތަކަށް ވެސް ދާނެ. ދެވަނަ ދަރިފުޅު ސްކޫލަށް ވަނީސުރު ސްކޫލުގެ ޕީޓީއޭގަ އިސްކޮށް ހަރަކާތްތެރިވަމުން އައީ".

ވަޒީފާގައި އުޅެމުން ދަރިން ތަރުބިއްޔަތުކުރާ މައިންނަށް ފިޒާނާ ދެއްވާ މެސެޖެއް އެބައޮތެވެ. ގޮންޖެހުންތައް ގިނަވިއަސް ކަންކަން ކުރަންޖެހޭ ތަރުތީބުން ދުރާލާ ވަގުތު ބަހާލުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ. މާދަމާއަށް ކުރަން ހުންނަ ކަންތައް މިއަދު ސިކުނޑީގައި ރާވާލުމުން ފަސޭހަވެ ވަގުތު ސަލާމަތްވާކަމަށް ވިދާޅުވިއެވެ. އަދި ވަޒީފާގައި ނޫޅުނުކަމުގައި ވިޔަސް ގޭގައި ލިބޭ ހުސްވަގުތުގައި އާމްދަނީއެއް ހޯދަން މަސައްކަތް ކުރަން ބާރުއެޅުއްވިއެވެ. އަމިއްލަފައިމައްޗަށް ކޮއްޅަށްތެދުވެ މީހަކަށް ބަރޯސާނުވެ ކަންކަން ކުރަން ހިތްވަރުދެއްވީ ދިރުއުޅުމުގައި ފަހުންވާނެގޮތެއް ނޭގޭނެތީއެވެ.

ޑީންގެ މަގާމަށް!

" ދިވެހިރާއްޖޭގަ ކުރިއަށްގެންދިޔަ އެންމެ ފުރަތަމަ ބެޗެލާރސް އިން ޕްރައިމަރީ އެޑިޔުކޭޝަން ކޯސް ފުރިހަމަކުރުމަށްފަހު 2007 ވަނަ އަހަރު އެސިސްޓެންޓް ލެކްޗަރަރ އެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށީ. މާސްޓަރސް އިން އެޑިޔުކޭޝަން ނިންމުމަށްފަހު 2013 ވަނަ އަހަރު ލެކްޗަރަރ އަކަށް ބަދަލުވީ. 2017 ވަނަ އަހަރު ޑީންގެ މަގާމަށް ކުރިމަތިލިއިރު ދިޔައީ ޔުނިވަރިސޓީގެ އެސިސްޓެންޓް ރެޖިސްޓްރަރ ކަމުގެ މަޤާމު އަދާކުރަމުން. ފުރަތަމަ އެއަހަރު އެހެން ފެކަލްޓީއެއްގެ ޑީންކަމަށް ކުރިމަތިލިފަހަރު ނުހޮވޭ ޑީން އަކަށް. ނުހޮވުނަސް ހިތްވަރު ދޫނުކުރަން. ވަރަށް ދެރަވެސްވި އެކަމަކު ފަހުން އެސިސްޓެންޓް ރެޖިސްޓްރަރ ގެ މަގާމު އެއަހަރު ލިބުނު، އަދި ހަމަ އެއަހަރު ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ޑީން ކަމުގެ މަޤާމަށް ދެވަނަފަހަރަށް އިއުލާން ކުރީމަ އެޕްލައި ކުރީ، ހިތްވަރު ދޫކޮށްނުލަން". ފިޒާނާ ވިދާޅުވިއެވެ.

ޑީން އެއްގެ ގޮތުގައި މަސައްކަތްކުރެއްވިއިރު އެއިރުގެ އިސްވެރިންނާއެކު

ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ޑީންގެ މަގާމަށް ދެވަނަ ފަހަރު އިއުލާންކުރުމުން ކުރިމަތިލައްވާ ހޮވިވަޑައިގަތުމުން އެމަގާމް 2017 އިން 2021 އަށް ފިޒާނާ ވަނީ އަދާކުރައްވާފަ އެވެ. ދެވަނަ ދައުރަކަށް ޑީން އެއްގެ މަގާމަށް ކުރިމަތިނުލެއްވީ ވަޒީފާގެ މާހައުލުގައި ހުރި ބޮޑެތި ގޮންޖެހުންތަކުގެ ސަބަބުންނެވެ.

ދިރިއުޅުމަށް ބޮޑު ބަދަލެއް

ފިޒާނާ އަކީ، ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރެއްކަމުގައިވާ އަލްމަރްހޫމް އަބްދުއްރަޝީދު ޢަލީގެ ދަރިކަނބަލެކެވެ. އިންޓަވިއު ދެއްވިއިރުވެސް ބައްޕަގެ ވާހަކަ ފާހަގަކުރެއްވިއިރު ލޮލުން ހޯސްލާފައި ކަރުނަ ފޭބިތަން ފެނުނެވެ. މީގެ އެއްއަހަރު ކުރިން އަވަހާރަވި ބައްޕަގެ ހަނދާންތައް އާކުރައްވަމުން ފިޒާނާ ވިދާޅުވީ ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އެންމެ އެހީތެރިކަން ފޯރުކޮށްދެއްވީ ބައްޕަ ކަމަށެވެ. ބައްޕަ ނެތުން އެއީ ކުރިމަތިވި އެންމެ ބޮޑު ހިތްދަތިކަމެވެ. ބައްޕައަށް އޮތް ލޯތްބާއި ގަދަރު ފިޒާނާގެ ވާހަކައިގައި ވަރަށް ބޮޑަށް ފާހަގަވިއެވެ.

މަންމަ އާއި ބައްޕަ އަދި އާއިލާގެ އިތުރު މެންބަރުންނާއެކު ފިޒާނާ

ދިރިއުޅުމުގައި ހަޔާތުގެ ބައިވެރިއާއެކު ކުރިމަތިވަމުންއައި މައްސަލަތަކާހުރެ ކައިވެނި ރޫޅާލަންޖެހުމުންވެސް އަތުގައި ހިއްޕެވީ ބައްޕައެވެ. ބައްޕަގެ ލޯތްބާއި އޯގާތެރިކަމާއެކު ބައްޕަގެ ހިމާޔަތަށް ގެންދެވިއެވެ. ހަމަ އެއަހަރު ލޯބިވާ ބައްޕައާއި ވަކިން ދުވަސްތައް ހޭދަކުރުން ވެގެންދިޔައީ ޑިޕްރެޝަން އަށް ދިރިއުޅުން ވެއްޓުނު ސަބަބަކަށެވެ. އެހެންނަމަވެސް މާތް ﷲ ގެ ވާގިފުޅާއެކު ހިތްވަރާއެކު އެއްބަނޑުއެއްބަފާ ކުދިންނާއި އަދި ބޮޑުބޭބެގެ އެހީތެރިކަމާއި އެކު ދިރިއުޅެން ދަނީ ދަސްކުރަމުންނެވެ. މިހާރު ހުރިހާވެސް އުންމީދަކީ އުފަލަކީ ތިން ކުދިންނެވެ.

އެމް.ކިއު.އޭގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް

އެމް.ކިއު.އޭގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލެއްވީ ޑީންގެ ދައުރު ނިމި ވަޒީފާގައި އެތަކެއް ގޮންޖެހުންތަކެއް ހުރުމުން ބައްޕަގެ އެދިވަޑައިގަތުމަކަށެވެ. އެއިރު ބައްޕަ އުޅުއްވީ ބޮޑު އާލާސްކަންފުޅެއްގައެވެ. މި މަގާމަށް ކުރިމަތިލެއްވުމަށްފަހު ވަޑައިގަތީ ބައްޕަގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށެވެ.

" ވަޒީފާގެ އިންޓަރވިއު އާއި ޓެސްޓް ހެދީވެސް އިންޑިއާގައި ހުރެގެން. އެދުވަހު ޓެސްޓްހަދަން އިންދާ ދައްތަ ފޮނުވާފަ ބައްޕަ ވިދާޅުވެލެއްވި ދަރިފުޅު ތިޔަ އައީ ވަރަށް ބަރަކާތްތެރި ދަތުރެއްގައި ވަރަށް ބަރަކާތްތެރި ކަމެއް ކުރަންށޭ ވީމާ ދަރިފުޅު ހޮވޭނެޔޭ، މިހެން ބުނެދޭށޭ ދައްތަ އައިސް ބުނުމުން ޓެސްޓް ހެދީ ރޮމުންއިނދެ، މިއަދުވެސް އެހަނދާންތަކުން ރޮވޭ.. މަގާމަށް ހޮވުނުކަން އެނގުނު ދުވަހު ބައްޕަ މާބޮޑަށް ބަލިވެ އައިސީޔޫގަ އޮންނެވީ، އަނެއްދުވަހު ބައްޕަ ނިޔާވީ، ބައްޕަ ގާތު ވަޒީފާއަށް ހޮވުނުވާހަކަ ބުނާނެ ފުރުސަތު ނުލިބުން އެއީ މިއަދުވެސް ހިތާމަ ކުރާކަމެއް".

އެމް.ކިއު.އޭގެ މުވައްޒަފުންނާއެކު ފިޒާނާ

ބައްޕަ އަވަހާރަވުމުން އެމްއެންޔޫގެ ވަޒީފާ އަށް ނުނިކުމެވި ހަފްތާއެއްގެ ޗުއްޓީއެއް ނެންގެވިއިރު، އަދި ފަހުން އެމް.ކިއު.އޭ އަށް ހޮވިފައިވާތީ އެއްހަފްތާގެ ނޯޓިސްއެއް އެމްއެންޔޫ އަށް ދިނުމަށްފަހު ސިވިލް ސާވިސް ގައި ދިމާވި ކަންތައްތަކަކާ ހުރެ ވަޒީފާ އަށް ވާނުވާނޭގި 3 މަސް ގޭގައި ވަޒީފާއެއް ނެތި ހުރުމަށްފަހު ނުކުމެވޭވަރުވީ ދެވަނަ ފަހަރަށް އިންޓަވިއުއަށް ވަޑައިގެން ދެވަނަ ފަހަރަށް އެގްޒާމްވެސް ހެއްދެވުމަށްފަހު ދެވަނަ ފަހަރަށްވެސް އެންމެ މަތިން މާރކްސް ލިބިގެން ކަމަށް ފާހަގަކުރެއްވިއެވެ.

" އަބަދުވެސް މަސައްކަތްކުރާއިރު ޤާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތައިގެން މަސައްކަތް ކުރަނީ. މި މަޤާމްގައި ހުރެގެން ފުށުއަރާފާނެތީ ކިޔަވާ ދޭހިތްވިޔަސް އެއްވެސް ތަނަކަށް ނުދަން ކިޔަވައިދޭން. މުސާރަ ކުޑަވިއަސް މި ވަޒީފާއިން ލިބޭ ހިތްހަމަޖެހުން ބޮޑު، ނަފްސާނީ ގޮތުން ކުރިން ދިމާވި އެއްވެސްކަހަލަ ޕްރެޝަރއެއް ނެތް. ވެރިންގެ ފަރާތުން މަސައްކަތް ބަލައިގަނޭ. އަދި ދަށުން ތިބޭ ސްޓާފުން އިހްތިރާމާއި ލޯތްބާއެކު އެވާހަކަދައްކާގޮތުން ވަރަށް ހިތްހަމަޖެހޭ. މިތަނުން ފުރުސަތު އެބައޮތް ކުރިއެރުމަށް މަސައްކަތްކުރަން" ހިތްހަމަޖެހުމާއެކު ފިޒާނާ ވިދާޅުވިއެވެ.

ބްރިޖް ލިޓިލް ލަރނާސްގެ ފައުންޑިންގެ މެންބަރުކަންވެސް އަދާކުރެއްވި ފިޒާނާ އަކީ އަބަދުވެސް ހަރަކާތްތެރި ކަނބަލެކެވެ.

ޓެލެތޯންގައި ލިބުނު ފައިސާ ޕާކިސްތާން ހައިކޮމިޝަން އާއި ހަވާލު ކުރަނީ

ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން

ޕާކިސްތާން ޓެލެތޯން މިއީ ކިހިނެއް ކުރިއަށް ގެންދެވި ހަރަކާތެއްތޯ ދެންނެވުމުން ހަނދާންކުރެއްވީ ކުޑައިރުގެ ދުވަސްތަކެވެ.

" ބައްޕަ އަކީ އެކިއެކި ކަންކަމުގައި ގެޔަށް އަންނަ މީހުންނަށް ވަރަށް އެހީތެރިކަން ފޯރުކޮށްދެއްވާ ބޭފުޅެއް. އެހެންވެ އަބަދުވެސް ބޭނުންވޭ ބައްޕަގޮތަށް އެހީތެރިވާން. އަބަދުވެސް ބައްޕަ ގާތުގައި އުޅެވޭނީ. ކުޑައިރު އަޅުގަނޑު ރޯނެ ސަލާންޖަހާ މީހުން ޓީވީއިން ފެނިފަ. ބައްޕަ ވިދާޅުވާނެ ފިޒާނާ ރުޔަސް ނުކައިހުއްޓަސް ދުނިޔޭގަ ކަންތައް ވާނޭ. ބޮޑުވެގެން އެކަހަލަ މީހުންނަށް ވީވަރަކުން ހެޔޮދުއާކޮށް އެހީތެރިވުމޭ އޮންނާނީ ކުރެވޭނެކަމަކަށް".

ހުއްޓުމެއްނެތި ވެހެމުންދިޔަ ވާރެއާއެކު ޕާކިސްތާނުގެ އަވަށްތަކުގައި ފެންބޮޑުވެ، ކޯރުތައް ބަންޑުންވެ، ބިންގަނޑު ކަނޑައިގެންގޮސް ބުރިޖުތައް ހަލާކުވެ އެތައްބަޔަކު ހާލުގައި ޖެހުނީ މިދިޔަ އަހަރު ސެޕްޓެންބަރު މަހުގައެވެ. ފަހުގެ ތާރީޚެއްގައި ޕާކިސްތާނަށް ދިމާވި އެންމެ ބޮޑު ކާރިސާގައި ހާލުގައި ޖެހުނު މީހުންގެ އަދަދު 7 މިލިއަނާއި ގާތްކޮށް މަރުވި މީހުންގެ އަދަދު 1500 އަށްވުރެ މައްޗަށް އެރިއިރު ޕާކިސްތާނަށް އެހީވުމަށް ކުރިއަށްގެންދިޔަ ހަރަކާތަކީ ކާމިޔާބު ހަރަކާތެކެވެ.

ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން އާއި ބައެއް މީޑިއާތައް އަދި ޕާކިސްތާން ހައިކޮމިޝަން ގުޅިގެން ކުރިއަށްގެންދިޔަ ޓެލެތޯންގައި ޖުމްލަ 3,842,605.79 ރުފިޔާ ލިބިފައިވެއެވެ. ޕާކިސްތާން ޓެލެތޯން ކާމިޔާބުވީ ވަރަށްގިނަ ބައެއްގެ އެހީތެރިކަން ލިބިގެންނެވެ. މިއީ މި ހަރަކާތް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި ފިޒާނާ ވެސް ޝުކުރާއެކު ބަލައިގަންނަ ކަމެކެވެ.

2018 ވަނަ އަހަރު ގުރައިދޫ މަރުކަޒަށް ފެކަލްޓީގަ ކިޔަވާ ކުދިން ގޮވައިގެން ކުރި ދަތުރު

ނިންމުން

" ބައްޕަ އަބަދުވެސް ތަކުރާރުކޮށް ދެއްވާ ދެ ނަސޭހަތެއް. ވަޒީފާގައި އުޅޭއިރު ވެރިންނަށް ކިޔަމަންތެރިވުން ދީނާއި ގާނޫނާއި ޚިލާފުވާ ކަމެއް ކުރަން ނާންގާ ހިނދަކު. އޭގެ މާނައަކީ އަޅުގަނޑުގެ އޮޕީނިއަން ނުދޭނީކީއެއް ނޫން. އަޅުގަނޑުގެ ލަފާ އަޅުގަނޑުދެން. ދެން ކޮންމެ ކަމެއްވެސް މިންވަރު ކުރައްވާނީ އެންމެ ރަނގަޅަށޭ. ލިބޭ ދެރައެއް އަދި ލިބޭ ހެވެއްގެ ފަހަތުގައި ވަނީ ވެސް އެކަލާނގެ މިންވަރުފުޅުކަން ދަނެ ކޮންމެގޮތަކަށް ހަޔާތުގައި ކަންކަން ދިމާވިކަމުގައިވިޔަސް އެއީ ދަރިފުޅަށް ލިބުނު ހެވެއް ކަމުގައި ބަލާށޭ ބައްޕަ އަބަދުވެސް ވިދާޅުވާނެ". ފިޒާނާގެ އިންޓަވިއު ނިންމަވާލެއްވީވެސް ބައްޕަ ދެއްވި ނަސޭހަތަކުންނެވެ.

ފިޒާނާ އަކީ ސޯޝަލް މީޑިއާގައި ވަރަށް ތަފާތު ކަނބަލެކެވެ. އެ ހިއްސާކުރައްވާ މަޖާ ޕޯސްޓްތައް ކިޔާލުމުން ހިތްހަމަޖެހުންވެސް ލިބެއެވެ. ޒީޓައިމްސް އިން އެދެނީ ފިޒާނާ އަށް އަބަދުވެސް ކުރިއެރުމެވެ.

+1
1
+1
30
+1
5
+1
3
+1
2
+1
2
+1
0

Advertisement

ޖުމްލަ 2 ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް