September 21, 2024 00:19
Advertisement

-Advertisement-

ކުރުވާހަކަ: މިފުރާނަ ދިރިހުރިހާ ހިނދަކު

އަހަރެންވެސް ސްކޫލް ދައުރު ނިމުމާއި އެކު ރަށުގެ ކުއްޖަކާއި ކައިވެނި ކުރީމެވެ. އުމުރުން ފަންސަވީސް އަހަރުގައި އަހަރެން ޝާނާ އާއި ކައިވެނި ކުރީ ދެފަރާތުގެ އާއިލާގެ ރުހުމުގައެވެ. ދެފަރާތުގެ އާއިލާ އަކީވެސް މާ ތަނަވަސް ނޫނަސް ފުދިގެން އުޅޭ ބަޔެކެވެ. ޝާނާ އާއި އަހަރެންވެސް މަސައްކަތް ކުރަމުން ދިޔައީ އެއް އޮފީހެއްގައެވެ. އަހަރެމެންގެ ކައިވެންޏަށްފަހު ދެމީހުންވެސް އުޅެމުންދިޔައީ އާއިލާ އާއި ވަކިން ވަކި ގެއެއްގައެވެ. އެއީ އަހަރެމެން ދެމީހުންވެސް ބޭނުންވި ގޮތެވެ. އަހަރެން އުޅެބޮޑުވީ މިއަތޮޅުގެ ވެރިކަން ކުރާ ރަށުގައެވެ. މިރަށުން ރަނގަޅު ތަޢުލީމެއް ލިބެން ނެތުމުންނެވެ. އެހެން ވުމާއި އެކު ސްކޫލް ނިންމާފައި ވެސް ވަރަށް ގިނައިން އެރަށަށް ދެވެއެވެ. މަންމަގެ ފަރާތުގެ ބޮޑު ދައިތަވެސް އެރަށުގައި ދިރިއުޅުމާއި އެކު އެމީހުންގެ ގާތަށް އާދަވެގެން ދެވެއެވެ. ނަމަވެސް ޝާނާ އާއި ކައިވެނި ކުރި ފަހުން އަދި ދެވުނީ އެންމެ ދެފަހަރުއެވެ. ކަނޑުމައްޗަށް އަރައިފިއްޔާ ޝާނާގެ ހާލު ވަރަށް ގޯސް ވާނެއެވެ. ބޯއަނބުރާ ހޮޑުލައެވެ. އެހެން ވުމާއި އެކު ވީހާވެސް މަދުން ޝާނާ ގޮވައިގެން ކަނޑު ދަތުރު ކުރަން ވިސްނީމެވެ. އުމުރުގެ ޒުވާން ދުވަސްވަރުކަމުން ވީހާވެސް އަވަހަކަށް ދަރިއަކު ލިބޭތޯވެސް ބެލީމެވެ. ނަމަވެސް އެކަން އަދި ކާމިޔާބު ވާގޮތެއް ނުވެއެވެ. ރާއްޖެއިންވެސް ޑޮކްޓަރަށް ދައްކައިފީމެވެ. އެންމެފަހުން ރާއްޖެއިން ބޭރުގެ ގައުމުތަކުންވެސް ފަރުވާ ހޯދައިފީމެވެ. ނަމަވެސް އަދިވެސް ކާމިޔާބު ވާގޮތެއް ވަނީ ނުވެފައެވެ. އަހަރެމެން ދެމީހުންނަކީ ވެސް ދީނީ ކަންތަކުގައި ވަރަށް ރަނގަޅަށް ފަރުވާތެރިކަމާއި އެކު އުޅެމުންދާ ދެމީހުންނަށް ވާތީ ކޮންމެ ނަމާދެއްގައިވެސް ދަރިއެއް ދެއްވާތޯ ދުޢާ ކުރަމުން ދިޔައީ އުންމީދު ކަނޑާނުލައެވެ. މިގޮތުގައި ދެއަހަރުވީ ތަނާހެން އަހަރެންގެ އަންހެނުން ޝާނާގެ ބަނޑުބޮޑު ޚަބަރު ޑޮކްޓަރު ދިނެވެ. އުފަލުގެ ކޮޅެއް ނެތެވެ. ވަގުތުން ޝާނާ ނަގައި އުރައިލީމެވެ. މުޅި ދުނިޔެ އެކީ އެއްފަހަރާ އަހަރެންނަށް ލިބުނު ކަހަލައެވެ. އެ އުފާވެރި ޚަބަރު އަހަރެންނަށް ލިބުނީ ރާއްޖެއިން ބޭރުގައި ހުއްޓައެވެ. އެ އުފަލާއި އެކު އެންމެ ދުވަހަކުވެސް މަޑުނުކޮށް ޖެހިގެން އައި ދުވަހު ހެނދުނު ފްލައިޓުން މާލެ ދާން ފުރައިފީމެވެ. މާލެ އައި ދުވަހުގެ ހަވީރުގެ ވަގުތެއްގައި އަނެއްކާވެސް އަހަރެމެން ރަށަށް ދާން ފުރީ އާއިލާގެ މީހުންގެ ގާތަށް ދިއުމަށެވެ. ނަސީބަކުން ހަވީރުގެ ފްލައިޓުންވެސް ރަށަށް ދާން ޓިކެޓް ލިބުނެވެ. ރަށުން އެންމެ ފުރަތަމަވެސް އަހަރެމެންނަށް މަރުހަބާކީ މައިންބައިފައިންނެވެ. އެމީހުންނަށް ލިބިފައިވާ އުފާވެރިކަން މޫނުމަތިން ވަރަށް ރަނގަޅަށް ފާޅުވަމުން ދިޔައެވެ. އަހަރެމެންނަށް ލިބެން އުޅޭ ދަރިފުޅަށްޓަކައި ވަރަށް ބޮޑަށް ތައްޔާރުވަމުން ދިޔައީމެވެ.

އަލަތު ދަރިފުޅު ދެކެން ކުރަމުން އައި ނިމުން އައީ އެއްރޭ ފަތިހުގެ ބަންގީގެ އަޑާއިއެކުގައެވެ. ބަނޑުގައި ރިއްސާތީ ސިއްޚީ މަރުކަޒަށް ގެންދިޔަތާ ވިއްސަކަށް މިނިޓް ތެރޭގައި ވިހައިފިއެވެ. ލޯބި ލޯބި ފިރިހެން ކުއްޖެކެވެ. ދަރިފުޅާއި މަންމަ ހެޔޮހާލެއްގައި ވުމީ އަހަރެން އެންމެ އުފާވި ކަންތަކެވެ. މަޑުމަޑުން އަހަރެން ދަރިފުޅުގެ ކޮލުގައި އަތްޖައްސާލީމެވެ. އަހަރެންނާއި ދިމާލަށް ލޯ ހުޅުވައި ބަލައިލީ ބައްޕާ އަހަރެން މިއައީއޭ ބުނާ ކަހަލަ ގޮތަކަށެވެ. އަންހެނުން އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން އޮތީ އަހަރެންނަށް ދެވުނު ހަދިޔާ އާއި މެދު އުފަލުން ހެވިލާފައެވެ. ކޮޓަރި ބޭރުގައި ދެފަރާތުގެ އާއިލާގެ މެންބަރުން އިންތިޒާރު ކުރަމުން ދިޔައީ އެމީހުންނަށް ދަރިފުޅުގެ މޫނު ފެންނާނެ ވަގުތަކަށެވެ. މާގިނަ ވަގުތެއް ނުވަނީސް އެމީހުންގެ އިންތިޒާރުގެ ވަގުތުވެސް ނިމުމަކަށް އަތުވެއްޖެއެވެ. ފަހަރަކު މީހަކު މާބޮނޑިއެއް ހިފައިގެން އައިސް މަރުހަބާ ކިޔަމުން ދިޔައެވެ.

ދަރިފުޅާއި އެކު އަހަރެމެންގެ ހަޔާތަށް އުފާވެރިކަމެއް ގެނުވިއެވެ. އަދި ދަރިފުޅަށް ވަގުތު ދިނުމުގެ ގޮތުން ޝާނާ އޮފީހުން ކެނޑި ގޭގައި މަސައްކަތް ކުރަން ފެށިއެވެ. ހުރި ހަމައެކަނި ދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމުގެ އުންމީދުގައެވެ. ދިރިއުޅުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ކަންތައް އަހަރެން ކުރީމެވެ. ކިތަންމެ ބުރަކޮށް އުޅެން ޖެހުނަސް އަބަދުވެސް އާއިލާއަށް ވަގުތު ދެމެވެ. އެމީހުން އުފަލުގައި ބެހެއްޓޭތޯ އަބަދުވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ. އާއިލާގެ މީހުންގެ އެހީތެރިކަމާއި އެކު ދިރިއުޅުން ވަރަށް ފަސޭހަވިއެވެ. އަބަދުވެސް އަހަރެމެންގެ ކަންތަކުގައި ދެފަރާތުގެ އާއިލާގެ އެހީތެރިކަން ދިޔައީ ލިބެމުންނެވެ

Advertisement

އަހަރެންގެ ދަރިފުޅަށް އެއް އަހަރުވީ ދުވަހެވެ. އަހަރެން ކިޔަވަން އުޅުނު ރަށުގައި އުޅޭ ތިމާގެ ކުއްޖެއްގެ ކައިވެނީގެ ހަފްލާއަށް އަށް ވަނީ ދަޢުވަތު ދީފައެވެ. އަހަރެންގެ ދަރިފުޅުގެ އެއް އަހަރު ފުރުމުގެ ގޮތުން ބާއްވާ ސައިފޮދުވެސް ކައިވެނީގެ ހަފްލާއަށްފަހު އެރަށުގައި ބޭއްވުމަށް އެމީހުން ވަނީ ހަމަޖައްސާފައެވެ. ހުރިހާ ޚަރަދެއް އެމީހުން ކުރާ ގޮތަށެވެ. އެމީހުންނަކީ އަހަރެން ދެކެ ވަރަށް ލޯބިވާ ބައެކެވެ. ދުވަސްތަކަކަށްފަހު އެމީހުންގެ ގާތަށް އަހަރެންގެ ދަރިފުޅުވެސް ގޮވައިގެން ދެވޭތީ އަހަރެން ހުރީ ވަރަށް އުފަލުންނެވެ.

ދުވަހަކީ އުޑުމަތި ސާފު ކަނޑު މަޑު ދުވަހެކެވެ. މަޑު ވައިރޯޅިއެއް ޖެހެމުން ދިޔައީ ވަރަށް ހިތްގައިމު ވަރަކަށެވެ. ދަތުރުގެ ބައިވެރިން ތައްޔާރުވީ ކައިވެނީގެ ހަފްލާއަށް ދާން ފުރާށެވެ. އެއް ލޯންޗަށް އެންމެނަށް ނޭރޭތީ ދެ ލޯންޗް ހަމަޖެއްސިއެވެ. އަހަރެމެންގެ މައިންބައިފައިން ދިޔައީ ވަކި ލޯންޗެއްގައެވެ. އެމީހުން ތަންކޮޅެއް ކުރިން ދާން ބޭނުންވާތީ ފުރީއެވެ. އަހަރެންމެންގެ ލޯންޗްވެސް ރަށުގެ ނެރުން ނިކުގެން މިސްރާބު ޖެހީ އެރަށާއި ދިމާލަށެވެ. ދުއްވަން އިނީ ރަށަށް މަޝްހޫރު މީހެކެވެ. ކަނޑުމައްޗަށް ގަދަ ކަމަށް ކިޔާ މޮޅު މީހެކެވެ. ގާތް ގަނޑަކަށް އެރަށަށް ދާން ނަގާނީ ސާޅީހަކަށް މިނިޓެވެ. ދެފަރާތަށް ރާޅުތައް ކަފަމުން ހިތްގައިމު ދުވެއްޔެއްގައި ލޯންޗް އޭގެ ބާރު މިނުގައި ދުއްވަމުން ދިޔައިރު ޝާނާ އަހަރެންގެ ގާތުގައި ދަރިފުޅު އުނގުގައި ބައިންދައިގެން އިނެވެ. ޖެހެމުން ދިޔަ ވައި ރޯޅިތައް އަހަރެމެންނަށް މަރުހަބާ ކިޔަމުން ދިޔައެވެ. އަހަރެމެން ވީ ހިސާބެއް ބަލަން އިރުއިރުކޮޅާއި އެރަށުން ގުޅައެވެ. ނަމަވެސް ލޯންޗަށް ދުއްވުނީ ތިރީހަކަށް މިނިޓަށެވެ. ކުރިން ޖެހެމުންދިޔަ ވައިރޯޅި ގަދަވެ ވާރޭގެ ބޯ ވިލާތަށް އަހަރެމެންނާއި ކުރިމަތި ވިއެވެ. ކަނޑުގަދަވީ ކުއްލިއަކަށެވެ. ލޯންޗްގެ ކެޕްޓަންވެސް ހިތްވަރާއި އެކު މަސައްކަތް ކުރަމުން ދިޔައީ އޭގައި ތިބި މީހުންނާއި އެކު ސަލާމަތުން ހިކިފަސްތަނެއް އަތުޖެހޭތޯއެވެ. ނަމަވެސް އެކަން ކާމިޔާބު ނުވެ އެބިޔަ ރާޅުގެ ތެރެއަށް ލޯންޗް ބަންޑުން ޖަހައިލިއެވެ. ލޯންޗްގައި ތިބި އެންމެން ކަނޑުވީއެވެ. އަހަރެންވެސް ހިތްވަރާއިއެކު ޝާނާ އާއި ދަރިފުޅު ހިފަހައްޓައިލައިން އޮތީ ލޯންޗްގައި އެއް އަތުން ހިފަހައްޓައިގެން އޮތުމުގެ ސަބަބުންނެވެ. ދަރިފުޅު ނަގައި ލޯންޗް މަތީގައި ބާއްވައިގެން ޝާނާއަށް އެހީވަމުން ދިޔައީމެވެ. ނަމަވެސް އަހަރެންގެ ލޯންޗުން އަހަރެންގެ އަތް ދޫވީ އޭގަ މަތީގައި ބާއްވާފައި އޮތް އަހަރެންގެ ދަރިފުޅު ގެއްލުމުންނެވެ. ކަނޑުވީ ކަމަށް ހިތާ ވަށައިގެން ވަރަށް ހޯދީމެވެ. ނަމަވެސް އެއްވެސް ހިސާބަކަން ފެންނާކަށް ނެތެވެ. އެކަން އެވަގުތު ޝާނާއަށް އަންގާކަށް އަހަރެން ބޭނުން ނުވިއެވެ. އަހަރެންގެ އެއް އަތުގައި ޝާނާ ހިފަހައްޓައިގެން އޮތީ ވަރުބަލިވެފައިވާ ހާލުގައެވެ. ދޭތެރެއަކުން ދަރިފުޅު ރަނގަޅުތޯ އަހައިލައެވެ. ޖަވާބު ދިނުމުގެ ގޮތުން އަހަރެން ބޯ ޖަހައިލަމެވެ. އެކަމުންވެސް ޝާނާއަށް ހިތްވަރެއް ލިބޭހެން އަހަރެންނަށް ހީވެއެވެ. ކަނޑު ގަދަވުމުގެ ސަބަބުން އަހަރެމެން ދެމީހުންވެސް ދިޔައީ ވަރުބަލި ވަމުންނެވެ. ބައެއް ފަހަރު ދެމީހުން ވަކިވާ ފަހަރުވެސް އާދެއެވެ. ނަމަވެސް އެފަދަ ކޮންމެ ވަގުތެއްގައި ހިތްވަރު ކޮއްލާފައި އަނެއްކާވެސް ހިފަހައްޓައިގެން ތިބެނީއެވެ. އަހަރެންގެ ވަރުބަލި ކަމުގެ އިތުރަށް ދަރިފުޅު ގެއްލުމުގެ ކަންތައް ސިކުނޑީގައި ކުޅެމުންދާތީ ސިކުނޑިވެސް ވަނީ ވަރުބަލިވެފައެވެ. އަނެއްކާވެސް ޖެހި ރާޅަކާއި އެކު އަހަރެންގެ އަތުން ޝާނާ ދޫވިއެވެ. ހިތްވަރު ކޮއްލާފައި އަހަރެން އެއްލި އަތުން ޝާނާގެ އަތުގައި ހިފެހެއްޓުނީ ހަމަ ކިރިޔާއެވެ. އެތަކެއް ފަހަރު އަހަރެންގެ އަތުން ޝާނާގެ އަތް ދޫވިއެވެ. ނަމަވެސް ކޮންމެ ފަހަރަކު ހިތްވަރާއި އެކު ޝާނާ ހިފަހައްޓާލަމެވެ. ނަގަމުން ދިޔަ ބިޔަ ރާޅުތެރޭގައި ދެމީހުން ދިޔައީ ގެބެމުންނެވެ. ފެންނަ ހިސާބުގައި ބައެއް މީހުންތައް ތިއްބަސް އެމީހުންވެސް މަސައްކަތް ކުރަމުން ދިޔައީ އެބިޔަ ރާޅުތަކުން ސަލާމަތް ވުމަށެވެ. މުޅި ހިސާބުގަނޑު ވަނީ އެހީއަށް އެދި މީހުންގެ ރުއިމުގެ އަޑުން ގުގުމާލާފައެވެ. އަނެއްބަޔަކު ހިތަށް އެރި ހެޔޮއެއްޗެއް ކިޔަވަމުން ދިޔައިރު  ޖެހެމުންދިޔަ ގަދަ ވަޔާއި ބޮޑެތި ރާޅުތަކުން ސަލާމަތްވާން އެންމެން ދިޔައީ މަސައްކަތް ކުރަމުންނެވެ. އެހެން މީހަކަށް އެހީތެރިވެވޭ ފަދަ ހާލުގައި ހުރި އެއްވެސް މީހަކު ނެތެވެ. އެއީ ދުވާލުގެ ގަޑި ނަމަވެސް ބިޔަ ރާޅުގެ ސަބަބުން ދުރު ފެންނަން ވަރަށް އުނދަގުލެވެ. ކަނޑުގައި ގިނަ އިރުތަކެއް ވުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ވަރުބަލިކަމެއް އިހުސާސް ވަމުން ދިޔައެވެ. ޖެހި ރާޅަކާއި އެކު އަހަރެންގެ އަތުން ޝާނާ ދޫވިއެވެ. އަހަރެންނަށް ހަރަކާތެއްވެސް ނުކުރެވި ހުއްޓުން އެރިއެވެ. ދެފައިން ބާރު ގޮސް މީހާ ހުއްޓުން އެރިއެވެ. އަހަރެންގެ ލޯމަތިން ޝާނާ ގެއްލި ދިޔައީއެވެ. އަހަރެންގެ ފުރާނައަށް ވުރެ ޝާނާގެ ފުރާނަ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް އެބިޔަ ރާޅުތަކުގެ ތެރެއަށް ގޮސް ޝާނާ ގެއްލުނީއެވެ. އެހިސާބުން އަހަރެންގެ ހެޔަށް ގޮތްވާން ފެށިއެވެ. ގަދައަށް ލޮނު ބޮވި އަހަރެންގެ ބަނޑު ވަނީ ފުއްޕާފައެވެ. ހޭވެރިކަން  ވީއިރު އޮތީ ހޮސްޕިޓަލްގައެވެ. އަހަރެންނަށް ހޭލެވުމާއި އެކު ޝާނާ ފެނޭތޯ ވަށައިގެން ހޯދައިލީމެވެ. ނަރުހުން ފިޔަވައި އިތުރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޭގެ ގަޑިއެއްހާއިރު ފަހުން އަހަރެންނަށް ޚަބަރު ލިބުނީ ޝާނާ އާއި އަދި އެދޯނިން ދަތުރު ކުރި ގިނަ ބަޔަކު ކަނޑުވެ މަރުވި ޚަބަރެވެ. އަހަރެންގެ ގައިން ބާރު ދިޔަކަހަލައެވެ. ނަމަވެސް އަހަރެންނަށް ހިތްވަރަކަށްވީ އަހަރެންގެ ދަރިފުޅު ގެނެސް އަހަރެންގެ ގާތުގައި ބޭއްވުމުންނެވެ. ހެޔޮ ހާލެއްގައި ދަރިފުޅު ވާތަން ފެނުމުން އަހަރެން ވަރަށް އުފާވިއެވެ.

ހިތްވަރާއި އެކީ އެހިތި ހަނދާން ތަކުން އަރައި ގަތުމަށް މަސައްކަތް ކުރަމުންދިޔައީމެވެ. މި ހިތްދަތި ވަގުތުގައި އަހަރެންނަށް އެންމެ އެހީތެރިވަމުން ދިޔައީ އަހަރެންގެ ލޯބިވާ ކޮއްކޮ އިސްމާއީލެވެ. ކޮންމެ ވަގުތަކުހެން އަހަރެންގެ ހާލު ބަލަމުން ދިޔައެވެ. އަހަރެމެންގެ އާއިލީ ގުޅުން ވަރަށް ވަރުގަދައެވެ. އާއިލާގެ ފަރާތުން ކިތަންމެ އެހީތެރިކަމެއް ލިބުނު ނަމަވެސް އަބަދުވެސް އެ ހަނދާންތައް އަހަރެންގެ ސިކުނޑީގައި ހަރުލާފައި ހުރެއެވެ.

އެއީ އަހަރެންގެ މާޒީއެވެ. އުމުރުން ތިރީސް އަހަރު ވީއިރު އަހަރެން ހުރީ ރަށު ސްކޫލްގެ ޓީޗަރަކަށެވެ. އަހަރެންގެ އުމުރުގެ ކުދިން ކައިވެނިކުރަމުން ދިޔައިރު އަހަރެން މީހަކާއި ނީދެ ހުންނާތީވެ މައިންބަފައިންވެސް ދިޔައީ އެވާހަކަ ދައްކަމުންނެވެ. ނަމަވެސް އަހަރެން އެކަމަށް ދިޔައީ ބީރު ކަންފަތެއް ދެމުންނެވެ. މައިންބަފައިންގެ އެދުމަށް ސީދާ ނޫނެކޭ ބުނުމުގެ ބަދަލުގައި ތިކަންވޭތޯ ބަލާނެކަމަށް ބުނެ ނިންމާލަނީއެވެ. އަހަރެންގެ ގާތުގައި ޝާނާގެ ހަނދާންތައް އެބަހުއްޓެވެ. ލޯބިވާ ދަރިފުޅެވެ. އެހެން މަންމައެއް ހޯދައިފިއްޔާ އެދަރިފުޅަށް ވާނެ ގޮތް ހިތަށް އަރާފައި ހުއްޓެނީއެވެ. ކޮންމެ ގޮތެއް ވިޔަސް މަންމައެއްގެ ލޯބި ދެވޭނެ މީހަކު ހުންނާނެ ކަމަށް އަހަރެން ގަބޫލެއް ނުކުރަމެވެ. ކައިވެންޏެއް ކޮށް ދަރިން ލިބޭ ހިސާބުން އަހަރެންގެ މި ދަރިފުޅު ބާކީ ވެދާނެތީ އަހަރެން ހިތް ބިރު ގަނެއެވެ. އަހަރެން ޝާނާގެ މަތިން ހަނދާން ނައްތާލާފައި އެހެން ކައިވެންޏެއް ކުރާނީ ކިހިނެއް ހެއްޔެވެ. އަހަރެންގެ އަނބިމީހާ ކަނޑުގެ ބިޔަ ރާޅުތަކުގެ ޝިކާރައަކަށްވީއިރު އަހަރެންނާއި ހަވާލު ކޮއްފައި އެދިޔައީ ބޮޑު އަމާނާތެކެވެ. އެ އަމާނާތަށް ޚިޔާނަތްތެރިވާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެ ދެމައިންގެ މަތިން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލެވޭނެއެވެ. އަހަރެންގެ ކައިވެނީގެ ހަނދާންތައް އަބަދުވެސް ހިތުތެރޭގައި އާލާވެ ހުންނާނެއެވެ. މި ފުރާނަ ދިރިހުރިހާ ހިނދަކު ދުވަހަކުވެސް އެ ހަނދާންތައް ނައްތައެއް ނުލެވޭނެއެވެ. އެއަށްވުރެ ބޮޑަށް އަހަރެން ޝާނާ ދެކެ ލޯބި ވެއެވެ.

= ނިމުނީ =

+1
0
+1
1
+1
11
+1
0
+1
1
+1
1
+1
1

Advertisement

ގުޅުންހުރި ލިޔުންތައް