September 20, 2024 13:48
Advertisement

-Advertisement-

ސަލާމަތްކަމާއިއެކު ސުވަރުގެ ވަންނަން އެދޭ މީހާ ރޭ އަޅުކަން ކުރުމުގައި ދެމިހުރޭ

ރޭގަނޑުގައި ތެދުވުމަކީ އަޅުކަމެކެވެ. މަތިވެރި ކަމެކެވެ. ޝަރަފެކެވެ. ތިބާގެ މޫނުގައި ނޫރެއް ލެއްވޭ ކަމެކެވެ. ސަލާމަތްކަމާއެކު ސުވަރުގެ ވަދެވޭ ސަބަބެއްވެސް މެއެވެ. ރޭ އަޅުކަން ކުރުމުގެ މާތްކަން ބަޔާން ކުރައްވައި ޤުރްއާނުގައި އެތައް އާޔަތެއްގައި އައިސްފައިވެއެވެ. އަދި ރޭ އަޅުކަން ކުރާ މީހުންނަށް ޘަނާ ވަޙީ ކުރައްވާފައިވެއެވެ. ހަމަމިފަދައިން މާތް ނަބިއްޔާގެ ޙަދީޘް ބަސްފުޅުތަކުގައި އައިސްފައިވެއެވެ.

މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. "ރޭގަނޑުގެ ވަގުތުތަކުގައި (ނަމާދުކޮށް) ސަޖިދައި ގައްޔާއި، ޤިޔާމު ގައި މަޑުމޮޅިވެ، އާޚިރަތް ދުވަހަށް ބިރުވެތިވެ، އޭނާގެ ވެރިރަސްކަލާނގެ ރަޙުމަތަށް އެދޭމީހަކު (އެނޫންމީހަކާ) އެއްފަދަވާނެހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަ މީހުންނާއި، ނުދަންނަ މީހުން ހަމަހަމަވާނެ ހެއްޔެވެ؟ ނަޞޭޙަތް ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ އަހުލުވެރިންނެވެ." (ޒުމަރު 9).

ރޭ އަޅުކަން ކުރާ މީހުންނަށް ވަނީ ލޮލުގެ ފިނިކަންދެނިވި ސުވަރުގެއެވެ. އެ ސުވަރުގޭގައި ލައްވާފައިވާ މަތިވެރި ނިޢުމަތްތަކެވެ. އެއީ އެއްވެސް މީހެއްގެ ލޮލަށް ފެނިފައި ނުވާ އަދި އަޑު އިވިފައި ނުވާ ފަދަ ނިޢުމަތްތަކެވެ. އެ ނިޢުމަތްތައް ދެއްވުމަށް ވަޢުދު ކުރައްވާފައިވަނީ މާތްﷲ އަށް ބިރުވެތިވެ އެކަލާނގެ ދަރުމައާއި ޘަވާބަށް އެދި އެނދު ތަންމަތިން ތެދުވާ މީހުންނަށެވެ. ނިދުމަށް އޮތް ލޯތްބަށްވުރެ މާތްﷲ އަށް ލޯބި ވަރުގަދަ ކޮށްގެންނެވެ. ނިދުމަށް ހިތް އެދުމާއެކުވެސް މާތްﷲގެ ލޯތްބަށްޓަކައި ނިދި ޤުރްބާންކުރި މީހުންނެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "އެއުރެންގެ ވެރިރަސްކަލާނގެ ހަޟްރަތަށް ބިރުވެތިކަމާއި އުންމީދާއެކު ދުޢާ ކުރާ ހާލު، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށް ދެއްވި ތަކެތީން، އެއުރެން ހޭދަކުރެތެވެ. (ސަޖިދަ 16)  ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ نعمة ތައް) އެއްވެސް نفس އަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު އަމަލު ތަކުގެ ޖަޒާއެއް ކަމުގައެވެ." (ސަޖިދަ 17)

Advertisement

ސަލާމަތްކަމާއެކު ސުވަރުގެ ވަދެވުމުގެ ސަބަބެއްކަމުގައި ރޭ އަޅުކަން ކުރުންވެއެވެ. މިކަން ބަޔާން ކުރައްވައި ކީރިތި މާތް ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. (أيُّها النَّاسُ أفشوا السَّلامَ وأطعِموا الطَّعامَ وصلُّوا والنَّاسُ نيامٌ تدخلوا الجنَّةَ بسلامٍ) މާނައީ: "އޭ މީސްތަކުންނޭވެ! ސަލާމް ފަތުރާށެވެ. އަދި މީސްތަކުންނަށް ކާންދޭށެވެ. އަދި މީހުން ނިދާފައި ތިބޭ ވަގުތުގައި ތެދުވެ ނަމާދު ކުރާށެވެ. އޭރުން ސަލާމަތްކަމާއެކު ސުވަރުގެ ވަދެވޭނެއެވެ.

މިހައި މަތިވެރި އަޅުކަމެއް ދޫކުރަންވާނެ ހެއްޔެވެ؟ ހިތްވަރާއެކުވެސް މިކަމަށް މަސައްކަތް ކުރަން ޖެހެއެވެ. މިކަމަށް ނަފްސު ހާނުވަން ޖެހެއެވެ. ރޭ އަޅުކަން ކުރުމަށް ލޯބި ކުރަން ޖެހެއެވެ.

ރޭ އަޅުކަމަކީ ކޮބައި ހެއްޔެވެ؟

ރޭގަނޑުގައި ކުރެވޭ ކޮންމެ ހެޔޮ ޢަމަލަކީ ރޭ އަޅުކަމެވެ.

ރޭ އަޅުކަމުގެ ވަގުތު ފެށެނީ:

ރޭ އަޅުކަމުގެ ވަގުތު ފެށެނީ ޢިޝާ ނަމާދުގެ ފަހުން ފެށިގެން ފަތިސް ނަމާދުގެ ބަންގި ގޮވަންދެނެވެ. މި ދޭތެރޭގައި ކުރެވޭ ކޮންމެ ހެޔޮ ޢަމަލަކީ ރޭ އަޅުކަމެވެ.

ރޭ އަޅުކަމުގެ ގޮތުގައި ކުރެވޭނެ ކަންކަން:

ރޭ އަޅުކަމުގެ ޘަވާބާއި ދަރުއަށް އެދި ކުރެވޭ ކޮންމެ ހެޔޮ ޢަމަލަކީ ރޭ އަޅުކަމެވެ. މިގޮތުން ކުރެވޭނެ ކަންކަމަކީ؛

  • ނަމާދު ކުރުން: (وأَفْضَلُ الصَّلاةِ، بَعْدَ الفَرِيضَةِ، صَلاةُ اللَّيْلِ) މާނައީ: "ފަރުޟު ނަމާދަށްފަހު އެންމެ މާތް ނަމާދަކީ ރޭގަނޑުގައި ކުރެވޭ ނަމާދެވެ. " (މުސްލިމް). ނަމާދު ކުރާނީ އެމީހަކަށް ކުޅަދާނަވީ މިންވަރަކުންނެވެ. ދެ ރަކުޢަތުން ދެ ރަކުޢަތުންނެވެ. ރޭ އަޅުކަމުގެ އެންމެ މަދު މިންވަރަކީ ވިތުރީގެ އެއް ރަކުޢަތެވެ.
  • އިސްތިޣްފާރު ކުރުން: ރޭގަނޑު ކުރެވޭ އެންމެ މަތިވެރި އަޅުކަމަކީ ފާފަ ފުއްސެވުމަށް ދެންނެވުމެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. (وَبِالْأَسْحَارِ هُمْ يَسْتَغْفِرُونَ ‎) (ޛާރިޔާތި 18). "އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި دعاء ކުރެތެވެ."
  • ޤުރްއާން ކިޔެވުން: ( إِنَّ رَبَّكَ يَعْلَمُ أَنَّكَ تَقُومُ أَدْنَىٰ مِن ثُلُثَيِ اللَّيْلِ وَنِصْفَهُ وَثُلُثَهُ وَطَائِفَةٌ مِّنَ الَّذِينَ مَعَكَ ۚ وَاللَّهُ يُقَدِّرُ اللَّيْلَ وَالنَّهَارَ ۚ عَلِمَ أَن لَّن تُحْصُوهُ فَتَابَ عَلَيْكُمْ ۖ فَاقْرَءُوا مَا تَيَسَّرَ مِنَ الْقُرْآنِ ) މާނައީ: " ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުންކުރެ ބަޔަކު، ރޭގަނޑުގެ ތިންބައިކުޅަ ދެބަޔަށްވުރެ މަދުންނާއި، އެ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައާއި، އަދި އެ ރޭގަނޑުގެ ތިންބައިކުޅަ އެއްބައިގައި، ރޭއަޅުކަން ކުރެއްވުމަށް ތިއްބަވާކަން ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ރޭގަނޑާއި، ދުވާލުގެ ވަގުތުތައް މިންވަރު ކުރައްވަނީ اللَّه އެވެ. މުޅި ރޭގަނޑު، ރޭއަޅުކަމުގައި قائم ވެ ތިބުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެން ނުވާނެކަން އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، ތިޔަބައިމީހުންގެ މައްޗަށް އެކަން عفو ކުރައްވައި ލުއިކުރައްވައިފިއެވެ. ފަހެ، قرآن ން ފަސޭހަވީ މިންވަރެއް ތިޔަބައިމީހުން ކިޔަވާށެވެ!"
  • ދުޢާކުރުން: ރޭގަނޑުގެ ފަހު ތިންބައިގައި ކުރެވޭ ދުޢާއަކީ އިޖާބަ ކުރެއްވިގެންވާ ދުޢާއެކެވެ. މިކަމަށް ދަލީލު ކުރަނީ އިމާމު ބުޚާރީ ރިވާ ކުރައްވާފައިވާ އަންނަނިވި ޙަދީޘެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. " ރޭގަނޑުގެ ފަހު ތިންބައިގައި ﷲ ޞުބުޙާނަހޫ ވަތަޢާލާ އެންމެ ތިރީ އުޑަށް ތަޖައްލީވެވޮޑިގެންވެއެވެ. އަދި ވަޙީކުރައްވައެވެ. "ތިމަންރަސްކަލާނގެއަށް ދުޢާ ދަންނަވަނީ ކާކު ހެއްޔެވެ. އެމީހެއްގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަ ކުރައްވާހުށީމެވެ. އަދި ތިމަންރަސްކަލާނގެ ޙަޟްރަތުން ކަމަކަށް އެދެނީ ކާކު ހެއްޔެވެ؟ އެމީހެއްގެ ކަންތައް ތިމަންރަސްކަލާނގެ ފުއްދަވައިދެއްވާހުށީމެވެ. އަދި ފާފަ ފުއްސެވުމަށް އެދި ދަންނަވަނީ ކާކު ހެއްޔެވެ؟ އެމީހެއްގެ ފާފަ ތިމަންރަސްކަލާނގެ ފުއްސަވައިދެއްވައި ހުށީމެވެ."
  • ހެޔޮ ޢަމަލު: ހެޔޮ ޢަމަލުގެ ގޮތުގައި ކުރެވޭ ކޮންމެ ކަމަކީ އަޅުކަމެކެވެ. އެއީ ވިސްނާ ފިކުރު ކުރުމާއިއެކު ޤުރްއާން ކިޔެވުން، ހެޔޮ އެއްޗެއް އަޑުއެހުން، ﷲ ގެ ކުޅަދުންވަންތަކަމާއިމެދު ވިސްނުންފަދަ ކަންކަމެވެ. ހަމަމިފަދައިން ރަމަޟާން މަސްމަހުގައި ޢާއިލާއަށް ހާރުކާން ހަދައިދިނުން، މައިންބަފައިންނަށް އޯގާތެރިވުން ޞަދަޤާތްދިނުންފަދަ ކަންކަމެވެ.
+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް