September 20, 2024 17:23
Advertisement

-Advertisement-

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ – ހަނަފަސްކަމުގެ ތޫފާން

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ އިއްޔެގެ ލިޔުމާއި ގުޅޭ..

މިގޮތަށް އޭނާ ދިގު ޚުޠުބާއެއް ފިރުޢައުނުގެ އަހުލުވެރިންނަށް އިއްވިއެވެ. އެކަމަކު އެމީހުންނަށް އީމާންވި މީހާއަށް އެއްވެސް ގޮތެއް ނުހެދުނެވެ. ﷲ އެމީހާއަށް ހިމާޔަތާއި ރައްކާތެރިކަން ދެއްވިއެވެ. މިމީހާގެ ނަސޭހަތާއި އިންޒާރުގެ ވާހަކަތަކުން ގިނަގުނަ ފިލާވަޅުތައް ލިބެއެވެ. އީމާންކަމުގެ އަހުލުވެރިއަކަށް ވުމަށްޓަކައި އެމީހަކު ނަބިއްޔަކަށް ނުވަތަ ރަސޫލު ބޭކަލަކަށް ވާކަށް ނުޖެހޭކަމެވެ. އީމާންކަމުގެ އަހުލުވެރިޔަކު އަނިޔާވެރިއަކު ދެކެ ބިރުން ފަހަތަކަށް ނުޖެހޭނެކަމެވެ. ސާބިތުކަމާއެކު ޙައްޤު ބަސް ބުނެ ތެދުބަހުން ވާހަކަދެއްކުމަކީ އެފަދަ މީހުންގެ ސިފައެއްކަމެވެ. އެމީހާ، އޭ އަހަރެންގެ ގައުމުގެ މީހުންނޭ ބުނުމުން އެމީހުންގެ މައްޗަށް އޭނާގެ ކިބައިގައި ހުރި ވަރުގަދަ ލޯބި އަންގައިދެއެވެ. އަދި އެމީހުންނާ އާޚިރުގައި ކުރިމަތިވާނެ ވޭންދެނިވި ޢަޒާބާމެދު އެމީހާ ދެރަވެ ގޮތްހުސްވެފައިވާކަންވެސް އެކަމުން އަންގައިދެއެވެ. އަދި އެމީހުންނަށް ހެޔޮ ގޮތް ވުމަށް އޭނާ ދަހިވެތިވެފައިވާ ވަރުވެސް އެކަމުން އަންގައިދެއެވެ.

މޫސާގެފާނު ދީނަށް ގޮވައިލެއްވުން

Advertisement

ދެން ސަލާމްލެއްވި މޫސާގެފާނު މީސްތަކުންނަށް ދީނަށް ގޮވައިލައްވަން ފެއްޓެވިއެވެ. މީސްތަކުން ﷲ އަށް އީމާންވެ ހެޔޮ އަމަލުކުރުމަށް އެކަލޭގެފާނު ނަސޭހަތްތެރިވެވަޑައިގަތެވެ. އޭރު ފިރުޢައުނު ވަނީ އެކަލޭގެފާނު އަވަހާރަކޮށްލުމުގެ މަސައްކަތްފަށާފައެވެ. އެކަމަކު މީސްތަކުންގެ ތެރޭގައި މޫސާގެފާނު އުޅުއްވިއިރުވެސް ފިރުޢައުނަކަށް އެކަމެއްނުވިއެވެ. އެކަލޭގެފާނު ދީނަށް ގޮވައިލެއްވުމުގައި ނުވަ އަހަރުވީއިރުވެސް ފިރުޢައުނަކަށް މޫސާގެފާނަށް ކަމެއް ނުކުރެވުނެވެ. އެންމެފަހުން ﷲ ޢަޒާބުގައި އޭނާ ކަނޑުގައި ޢަރަޤުވެ މަރުވިއެވެ. އެކަމަކު އެކަލޭގެފާނަށް މީހުން ތަބާވާން ފެށުމުން ބަނޫ އިސްރާއީލްގެ މީހުންނަށް ފިރުޢައުނު ދިން އަނިޔާ އޭނާ އިތުރުކުރިއެވެ. އަދި ޚުދު މޫސާގެފާނުގެ ކުރިފުޅު މަތީ އެމީހުންނަށް އަނިޔާދެވުނެވެ. މިކަމުގެ ސަބަބުން މޫސާގެފާނަށް ތަބާވީ މަދު ބައެކެވެ. ފިރުޢައުނުދެކެ ގަންނަ ބިރުން އެމީހުން މޫސާގެފާނަށް ތަބާނުވީއެވެ. ފިރުޢައުނުގެ އަނިޔާވެރިކަން ބޮޑުވުމުން މީސްތަކުން މޫސާގެފާނު އަރިހުގައި އެވާހަކަ ދެންނެވިއެވެ. އެމީހުން އަޅުވެތިކަމާއި އަނިޔާވެރިކަމުން މިންޖުކޮށްދެއްވުމަށް އެކަލޭގެފާނު އަރިހުގައި ދެންނެވިއެވެ. ޖަވާބުގައި އެމީހުން ކެތްތެރިވެ އީމާންތެރިވުމަށް އެކަލޭގެފާނު އެދިވަޑައިގަތެވެ.

ދެން ދެވަނަ ފަހަރަށް ފިރުޢައުނު ގާތަށް ވަޑައިގެން އޭނާއަށް އިންޒާރުދެއްވުމަށް ﷲ މޫސާގެފާނަށް އަމުރުކުރެއްވިއެވެ. އަދި މިފަހަރު ފިރުޢައުނު ގާތަށް ވަޑައިގެން މޫސާގެފާނު އޭނާއަށް ވަރުގަދަ އިންޒާރެއް ދެއްވިއެވެ. ބަނޫ އިސްރާއީލްގެ މީހުން މިނިވަންކޮށް އެމީހުން ވަގުތުން ދޫކުރުމަށް އެކަލޭގެފާނު ވިދާޅުވިއެވެ. ފިރުޢައުނު އެގޮތަށް އަމަލުނުކޮށްފިއްޔާ ފިރުޢައުނާއި މިސްރުގެ ރައްޔިތުންނަށް ނިކަމެތިކަމާއި ހިތާމަ ކުރިމަތިވެދާނެކަމަށް އެކަލޭގެފާނު އިންޒާރުދެއްވިއެވެ. އެކަމަކު ފިރުޢައުނު މޫސާގެފާނަށް ބޮލެއް ނުލެނބިއެވެ. އޭނަ އިޚުތިޔާރުކުރީ ނޭއްގާނީކަމާއި ގޮތްދޫނުކުރުމެވެ. ނަތީޖާއަކަށްވީ ﷲ މުޅި މިސްރަށް ހަނަފަސްކަމުގެ ތޫފާނެއް ފޮނުއްވުމެވެ.

ފިރުޢައުނާއި އޭނާގެ އަހުލުވެރިން އިސްލާހުގެ މަގަށް އާދޭތޯ ﷲ އެމީހުންނަށް ފާޅުވެގެންވާ އާޔަތްތައް ދެއްކެވިއެވެ. އެގޮތުން އެމީހުންގެ މައްޗަށް ބަލާ މުސީބާތްތައް ކުރިމަތިކުރެއްވިއެވެ. އެގޮތުން ﷲ އެމީހުންނާ ކުރިމަތިކުރެއްވީ ހަނަފަސްކަމެވެ. މިސްރަށް ކުރިމަތިވި ހަނަފަސްކަމުގެ ތޫފާނުގައި މިސްރުގެ ދަނޑުގޮވާންތައް މަރުވެ ހަލާކުވިއެވެ. މިސްރުގައި ހުރި ގެރިބަކަރި ފަދަ ޖަނަވާރުތައް ގަދަ ހޫނުގައި މަރުވާންފެށިއެވެ. ނީލަ ކޯރުގެ ވަށައިގެން އޮތް ފެހި ބިންތައްވެސް އެއްކޮށް ހިކުނެވެ. އެންމެފަހުން މީހުންނަށް ތަދުމަޑުކަން އައިސް މީހުން ބަނޑަށްޖެހި މަރުވާން ފެށިއެވެ. ދެން ރައްޔިތުން ނިކުމެ މޫސާގެފާނަށް އާދޭސް ދެންނެވިއެވެ. ހަމަ އެވަގުތު ފިރުޢައުނުގެ ވަޒީރުންތައްވެސް މޫސާގެފާނުގެ ކިބައިން އެހީތެރިކަމަށް އެދުނެވެ. އެމީހުންނާ ކުރިމަތިވެފައިވާ ހާލަތުން މިންޖުކޮށްދެއްވައިފިނަމަ އިސްރާއީލްގެ ދަރިންތައް މިނިވަންކޮށް ދޫކުރާނެ ކަމަށް އެމީހުން ވައުދުވިއެވެ. ދެން އެކަލޭގެފާނު ﷲ އަށް ދުޢާކުރެއްވުމުން މިސްރު އިހު އޮތް ހާލަތަށް ބަދަލުވިއެވެ. އެކަމަކު ފިރުޢައުނާއި އޭނާގެ ބައިވެރިން އިސްރާއީލުގެ މީސްތަކުންނަށް ލުޔެއް ނުދިނެވެ. ކުރިއެކޭ އެއްގޮތަށް އެމީހުން އަޅުވެތިކޮށްގެން އެމީހުންނަށް އަނިޔާދިނެވެ. އެމީހުންގެ ވައުދު ފުއްދުމަށް މޫސާގެފާނު އިލްތިމާސް ކުރެއްވުމުންވެސް އެމީހުން އެކަމަށް ފުރަގަސްދިނެވެ. އަދި ﷲ ދެއްކެވި ހެކިތަކަށް އެމީހުން އަޅައެއްނުލިއެވެ.

ނުނިމޭ..

ނޯޓް: ' މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ ' މި ލިޔުމުގެ 13 ވަނަ ބައި މާދަމާ ޕަބްލިޝް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
1
+1
2
+1
1
+1
0
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް