September 21, 2024 00:31
Advertisement

-Advertisement-

ނިއުމޯނިއާ ޖެހި އައިސީޔޫގައި ފަރުވާ ދެމުންދާ ޚާއްސައެހީއަށް ބޭނުންވާ ނާފް އަށް އެހީވަމާ!

ނާފް މުޙައްމަދު ޠާހާ އުފަންވީ 2022 ވަނަ އަހަރު ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުގަ އެވެ. ހއ. ބާރަށަށް އުފަން އިސާމާ ދާއޫދު އަދި މުޙައްމަދު ޠާހާ ޢަބްދުލްކަރީމް ގެ މި ދަރިފުޅާއި ގުޅޭގޮތުން 'ޒީޓައިމްސް' އަށް މައުލޫމާތު ދިނީ ޠާހާ އެވެ.

އާއިލާ އަށް ލިބެންއުޅޭ 3 ވަނަ ދަރިފުޅުގެ އިންތިޒާރުގައި ތިބި ދެމަފިރިންނަށް ނާފް އުފަންވުމާއެކު ލިބުނީ ހިތްދަތި ޚަބަރެކެވެ. ވިހެއުމުގެތެރޭގައި ސްޓްރޯކެއް ޖެހި މި ލޯބި ދަރިފުޅުގެ ސިކުނޑިއަށް ލޭ އެޅުމުގެ ސަބަބުން އިމަޖެންސީގައި ފަރުވާ ދޭން ޖެހުނީ އެވެ.

" ހުޅުމާލެ ހޮސްޕިޓަލުގައި ސިޒޭރިއަން ހެދުމަށްފަހު ބޭބީ ނެގީ. ފަރުވާއަށް ބަދަލުކުރީ އައިޖީއެމްއެޗްގެ އައިސީޔޫއަށް. އެއަށްފަހު އިތުރުފަރުވާއަށް ފޮނުވާލީ އިންޑިއާ އަށް. ތަފާތު ފަހަރުމަތިން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހޮސްޕިޓަލުތަކުގައި ފަރުވާ ދީފައި ވަނީ". އަސަރާއެކު ނާފްގެ ބައްޕަ ކިޔައިދިނެވެ. 

Advertisement

2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުން ފެށިގެން އެއަހަރުގެ ފެބުރުއަރީގެ 24 ވަނަ ދުވަހަށް ވަނީ އިންޑިއާގެ އާނަންތަޕޫރީ ހޮސްޕިޓަލުގެ އައިސީޔޫގައި ނާފް އަށް ފަރުވާދީފައެވެ.

ނާފްގެ ހާލަތާއި ގުޅޭގޮތުން ޓްރީޓޮޕް އިން ދީފައިވާ ލިޔުން

ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް

ނާފް އަކީ ޚާއްސައެހީއަށް ބޭނުންވާ ކުއްޖެކެވެ. ފަރުވާތަކުން މާބޮޑު ކުރިއެރުމެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް އިންޑިއާގެ ކިމްސް ހޮސްޕިޓަލުން ފިޒިއޮތެރަޕީ ހެއްދިއިރު އަތް ތަންތަން ކުޑަކޮށް ހިއްލާލެވޭ ކަމަށް ނާފްގެ ބައްޕަ ވަނީ މައުލޫމާތު ދީފައެވެ.

" ގޮވާލީމަ ދަރިފުޅަށް އެނގޭ. އެކަމަކު އެއްވެސް ވަރަކަށް ތެދު ނުވެވޭ. ހަމަ އެއޮތްގޮތަށް އޮންނަކަން. ބަނޑުގައި ހުންނަނީ ޓިއުބެއް ލައްވާފަ. އެ ޓިއުބް ބޭނުންކޮށްގެން ކިރު ދެނީ. އެއްއަހަރާއި 3 މަސް ދަރިފުޅަށް ވީއިރު އެއްވެސް ވަރަކަށް ކާއެއްޗެއް ނުދެވޭ". 

ނާފްގެ ހަރަކާތްތައް މަދުވުމުން ހަފްތާއަކު 3 ދުވަހު ޓްރީޓޮޕް ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލް އިން ދަނީ ފިޒިއޮތެރަޕީ ދެމުންނެވެ.

" ރާއްޖެއިން ބޭރުން އާސަންދައިގެ ދަށުން އެޑްމިޓްވެ ފިޒިއޮތެރަޕީ ހޯދެނީ 2 ހަފްތާގެ މުއްދަތަށް. ނާފްގެ ބަނޑަށް ލައްވާފަ ހުރި ހޮޅި ކޮންމެ 6 މަހަކުން ބަދަލު ކުރުމަށް ޑޮކްޓަރު ވަނީ ލަފާދީފަ. ފުރަތަމަ ފަހަރަށް ނޫހެއް މެދުވެރިކޮށް އާންމުންގެ އެހީތެރިކަމަށް މިއެދެނީ ނާފް އަށް އިތުރު ފަރުވާއަށް އާންމުންގެ އެހީތެރިކަން ލިބޭތޯ". ނާފްގެ ބައްޕަ ޠާހާ މައުލޫމާތު ދިނެވެ.

ނާފްގެ ހާލަތު ބަޔާންކޮށް އައިޖީއެމްއެޗް އިން ދީފައިވާ ލިޔުން

ނާފްގެ ހާލު ދަށްވެ ފަރުވާދެނީ އައިސީޔޫގައި

މިއަހަރުގެ މާރިޗް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ނާފްގެ ނޭވާލުމަށް އުނދަގޫވެ މާގިނައިން ހޮޑުލެވޭތީ ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗް އަށް ދިއުމުން އެ ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކޮށް ނިއުމޯނިއާ އަށް ދަނީ ފަރުވާދެމުންނެވެ. 'ޒީޓައިމްސް' އަށް ލިބިފައިވާ ފޮޓޯއިން ފެންނަ ގޮތުގައި ނާފްގެ މުޅި ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ދުޅަވެފައެވެ.

މި އާއިލާ އިން އުންމީދު ކުރަނީ ނާފްގެ ހާލަތަށް ބަދަލެއް އައިސް ހޮސްޕިޓަލުން ދޫކޮށްލުމުން އިތުރު ފަރުވާ އަށް ރާއްޖެއިން ބޭރަށް ދެވޭނެ ދުވަހަކަށެވެ.

" މިދިޔަ ޑިސެންބަރުމަހު ފަރުވާ އަށް އިންޑިއާ އަށް ދާން ބުނެފަ ވަނީ. މާލީ ހާލަތު ތަންނުދޭތީ ފަރުވާއަށް އިންޑިއާ އަށް ނުދެވި ލަސްވަނީ. އެއިރު ވަޒީފާއިން ލިބެންހުރި ހުރިހާ ޗުއްޓީއެއް ހަމަވެ މުސާރަ ނުލިބޭގޮތަށް ދިއުންވީ ބޮޑު ގޮންޖެހުމަކަށް. ދެން ޗުއްޓީ ލިބެން އޮތީ އަންނަ މޭމަހު"

ޒީޓައިމްސް އިން އެދެނީ ނާފް އަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމެވެ.

ނޯޓް: މި ޢާއިލާ އަށް އާންމުންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބިފައިވާތީ، މިރިޕޯޓުގައި ކުރިން ހިމަނަައިފައިވާ ފޯން ނަންބަރާއި އެކައުންޓް ނަންބަރު ވާނީ އުނިކޮށްފައެވެ. ޒީޓައިމްސްގައި މިރިޕޯޓު ޕަބްލިޝްކުރިތާ އެއްދުވަސްތެރޭ އެހީތެރިވެދެއްވި އެންމެންނަށް ވަރަށްބޮޑަށް ޝުކުރިއްޔާ!

+1
1
+1
3
+1
0
+1
2
+1
1
+1
1
+1
66

Advertisement

ގުޅުންހުރި ލިޔުންތައް