މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ އިއްޔެގެ ލިޔުމާއި ގުޅޭ..
ﷲ ބަނޫ އިސްރާއީލަށް ރުއްސުންލެއްވި ގިނަގުނަ ނިއުމަތް މިންވަރުކުރެއްވިއެވެ. ރަތްކަނޑު ހުރަސްކޮށް މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވި މީހުންނަށް ދެވުނީ މިސްރުގެ ސީނާއަށެވެ. ސީނާއަކީ ހަނަފަސް ސަހަރާގެ ބިމެވެ. ދެން ސަހަރާގައި ހިނގާތާ ދެތިން ދުވަހުން ކަރު ހިއްކައިގަނެގެން ބަނޫ އިސްރާއީލް މީހުން ފެނަށް އެދުނެވެ. ދެން މޫސާގެފާނުގެ އަސާކޮޅުން ހިލައެއްގައި ޖެއްސެވުމަށް ﷲ މޫސާގެފާނަށް އަމުރުކުރެއްވިއެވެ. އެކަލޭގެފާނު ހިލައިގައި ޖެއްސެވުމާއެކު އެހިލައިން ބާރަ ފެން އާރު އުފެދުނެވެ. ބާރަ ފެން އާރު އުފެއްދެވުމުގެ ހިކުމަތަކީ ސުލްހަވެރިކަމާއި އަމާންކަމާއެކު އެމީހުން އުޅުމެވެ. އެމީހުންގެތެރޭގައި ތަފާތު ބާރަ ގަބީލާގެ މީހުން ތިއްބެވެ. ކޮންމެ ގަބީލާއަކަށް ފެން އާރެއް އޮތުމުން އެމީހުން ޒުވާބުކޮށް ތަޅާފޮޅާކަށް ނުޖެހޭނެއެވެ.
އެމީހުންގެ މިދަތުރަކީ ދިގު ދަތުރެކެވެ. ގަދަ ހޫނުގައި ސަހަރާގައި ހިނގަންޖެހުމަކީ ވަކިން ކުޑަކަމެއްނޫނެވެ. ދެން ﷲ އެމީހުންގެ ކަންކަން ލުއިކޮށްދެއްވާ ފަސޭހަކޮށްދެއްވިއެވެ. ދަތުރުމަތީގައި ވިލާ ފޮނުއްވައިން އެމީހުންނަށް ހިޔާ އަޅުއްވައި ދެއްވިއެވެ. އެކަމުގެ ސަބަބުން އެމީހުން ގަދަ ހޫނުން ސަލާމަތްވިއެވެ. ދަތުރުމަތީ އެމީހުން ބަނޑުހައިވުމުން އެމީހުންނަށް މީރު ކާނާ ﷲ ފޮނުއްވިއެވެ. އެގޮތުން މަންނާ ނަމަކަށް ކިޔުނު ކާނާއެއް އެމީހުންނަށް ލިބުނެވެ.
މިހުރިހާ ނިޢުމަތްތައް އެމީހުންނަށް ދެއްވުމުންވެސް އެމީހުން މޫސާގެފާނަށް ޝަކުވާ ދެންނެވިއެވެ. އެމީހުން ބޭނުންވީ މިސްރުގައި އާންމުކޮށް އެމީހުން ކައިބޮއެ ހަދާ ކާނާ ހޯދުމަށެވެ. މިކަމާ މޫސާގެފާނު ވަރަށް ބޮޑަށް ކޯފާ އިސްކުރެއްވިއެވެ. އެމީހުން އަޅުވެތިކަމާ އަނިޔާވެރިކަމުން އަދި ކިރިޔާ މިންޖުވީ ނޫންހޭ އެކަލޭގެފާނު ވިދާޅުވިއެވެ. އަދި ކެތްތެރިވެ ހިތްހަމަޖައްސައި ﷲ އަށް ޝުކުރުވެރިވުމަށް އެކަލޭގެފާނު އެމީހުންނަށް ގޮވައިލެއްވިއެވެ.
ބަނޫ އިސްރާއީލް މީހުންގެ ކުރިމަތީގައި ﷲ ގެ އެތައް އާޔަތެއް އެމީހުންނަށް ތަކުރާރުކޮށް ފެނުނެވެ. އެކަމަކު އެމީހުން ފެނުނީ ވަރަށް ގޮތެއް ނެތް ބައެއްގެ ގޮތުގައެވެ. އެމީހުންގެ ވާހަކަތައް ﷲ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައެވެ. އެމީހުންނަށް ފާފައާއި ފަސާދަކުރުމާ ދުރުހެލިވާން ނޭނގުނެވެ. އެކި ވައްތަރުގެ ޝަކުވާތައްކުރުމާއި ޒާތްޒާތުގެ ސުވާލުކުރުން އެމީހުންގެ އާދައަކަށްވިއެވެ.
ފިރުޢައުނު މަރުވިޔަސް އޭނަ އުފެއްދި އަނިޔާވެރިކަމާއި ފަސާދައިގެ އަސަރުތައް ފިލުވުން ފަސޭހަކަމަކަށް ނުވިއެވެ. މީހުން އޭނައަށް އަޅުކަންކުރުވުމުގެ ނަތީޖާއަކަށްވީ އެމީހުން އެގޮތަށް ހޭނި އާދަވެ ތިބުމެވެ. އެހެންވެ ޖާހިލުކަމާއި ޣާފިލުކަމުގައި ތިބެ އެމީހުން މޫސާގެފާނާ ދަތި އުނދަގޫތައް ކުރިމަތިކުރިއެވެ. އަދި އެމީހުންގެ ކަންތައް މޫސާގެފާނަށް ބޮޑު ކަމަކަށްވިއެވެ.
ދެން ފެނުނީ އެމީހުން ބުދަށް އަޅުކަން ކުރަން ބޭނުންވިތަނެވެ. ދަތުރުމަތީގައި ބުދަށް އަޅުކަން ކުރާ ބަޔަކު ފެނި ބަނޫ އިސްރާއީލް މީހުން އެމީހުންނާ ސުވާލުކުރިއެވެ. ޖަވާބުގައި އެމީހުން ބުނީ ބުދު އެމީހުންނަށް ފައިދާއާއި ގެއްލުންދޭ ކަމަށެވެ. އަދި އެމީހުންގެ ބޭނުންތައް ފުއްދައިދެނީވެސް ބުދުކަމަށް އެމީހުން ބުންޏެވެ. ދެން ބަނޫ އިސްރާއީލްގެ ބައެއް މީހުން އެމީހުން އަޅުކަން ކުރަން ބުދު ކަލާނގެއެއް ހަދައިދޭން އެދުނެވެ. މިކަމާ މޫސާގެފާނު ވަރަށްބޮޑަށް ކޯފާވެ އެމީހުންނަށް ނަސޭހަތްދެއްވިއެވެ. އަދި ﷲ ދެއްވި ގިނަގުނަ ނިޢުމަތްތައް އެމީހުންނަށް ހަނދާންކޮށްދެއްވިއެވެ. ދެން ﷲ ފިޔަވައި އެހެން އިލާހަކަށް އީމާން ނުވުމަށާއި އެހެން އިލާހަކަށް އަޅުކަން ނުކުރުމަށް އެމީހުންނަށް ހަނދާންކޮށްދެއްވިއެވެ.
ދެން ﷲ އަމުރުކުރެއްވިގޮތަށް ބަނޫ އިސްރާއީލުގެ މީހުންނާއެކު މޫސާގެފާނު ގުދުސްއާ ދިމާއަށް ދަތުރުކުރެއްވިއެވެ. މިދަތުރުގައި މަގުފުރެދުމުގައި ތިބި ތަފާތު ގަބީލާތަކާ މޫސާގެފާނާ ކުރިމަތިވެވަޑައިގަތެވެ. އޭގެތެރޭގައި ކަންޢާން އާއި ފަޒާރީ ފަދަ ގަބީލާތައް ހިމެނެއެވެ. މިގަބީލާތަކުގެ މީހުންނަކީ އަނިޔާވެރިކަމާއި ފަސާދައާއި ފުރެދުމުގައި ތިބި ބައެކެވެ. ދެން ޤުދުސްއަށް ވަދެ އެމީހުންނާ ހަނގުރާމަކޮށް އެމީހުން ބަލިކޮށް އެރަށުން އެމީހުން ނެރުމަށް މޫސާގެފާނު ބަނޫ އިސްރާއީލަށް އަމުރުކުރެއްވިއެވެ. މިއީ އެމީހުންގެ ބަފައިކަލުން އިބުރާހީމްގެފާނުގެ ރަށެވެ. އެހެންވެ ﷲ އެރަށް ބަނޫ އިސްރާއީލަށް ދެއްވާފައިވާކަމަށް މޫސާގެފާނު ވިދާޅުވިއެވެ. އެކަމަކު އެމީހުން ހަނގުރާމަކުރަން ދެކޮޅުހެދިއެވެ. ދެން ފާސިގުވިމީހުންނާ އެކަލޭގެފާނު ވަކިކޮށްދެއްވުމަށް މޫސާގެފާނު ﷲ އަށް ދުޢާކުރެއްވިއެވެ. އާޚިރުގައި ﷲ އެމީހުން ސާޅީސް އަހަރަށް ދޫކޮށްލެއްވިއެވެ. ނަތީޖާއަކަށްވީ ގައުމެއް ރަށެއް ނެތި އެމީހުން އެތިބި ތަނެއްގައި ދަތުރުކޮށްކޮށް ތިބެން ޖެހުމެވެ. އެމީހުން ކިތަންމެ ވަރަކަށް ދަތުރުކުރިއަސް އެހެން އިތުރު ރަށަކަށްވެސް އަދި ގައުމަކަށްވެސް އެމީހުންނަކަށް ނުދެވުނެވެ. އެއީ ﷲ އެމީހުންނަށް ނިޔާކުރެއްވިގޮތެވެ. އެންމެފަހުން އެމީހުންގެތެރެއިން ﷲ އަށް ބިރުވެތިވެ ކިޔަމަންތެރިވި ދެ މީހުން ފިޔަވައި އެހެން އެންމެން އެގޮތަށް ސާޅީސް އަހަރުތެރޭ މަރުވިއެވެ.
ނުނިމޭ..
ނޯޓް: ' މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ ' މި ލިޔުމުގެ 17 ވަނަ ބައި މާދަމާ ޕަބްލިޝް ކުރުމަށް ވަނީ ހަމަޖެހިފައެވެ.