September 20, 2024 19:56
Advertisement

-Advertisement-

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ – މަރުވި މީހަކަށް ދިރުން ލިބުނު ގޮތް

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ އިއްޔެގެ ލިޔުމާއި ގުޅޭ

މޫސާގެފާނު އެނބުރި ވަޑައިގަތް އިރު މީސްތަކުން ރަނުން ހަދާފައިހުރި ޅަ ގެރިއެއްގެ ވަށައިގެން ލަވަކިޔައި ނަށަނީއެވެ. މޫސާގެފާނަށް މިމަންޒަރު ފެނިވަޑައިގެން ވަރަށް ބޮޑަށް ކޯފާވެވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ ކޯފާގައި ބޭބެ ހާރޫނުގެފާނުގެ ތުނބުޅީގައި ހިއްޕަވައި އެކަލޭގެފާނާ ސުވާލުކުރެއްވިއެވެ. އެމީހުން މަގުން ކައްސާލައިގެން ދިޔައިރު އެކަން ނުހުއްޓުވީ ކީއްވެތޯ މޫސާގެފާނު އެއްސެވިއެވެ. ޖަވާބުގައި މަންމަގެ ފިރިހެން ދަރިފުޅު މޫސާގެފާނު އެކަލޭގެފާނުގެ ތުނބުޅިކޮޅުން ދޫކުރެއްވުމަށް އެދިވަޑައިގަތެވެ. ދެން އެކަލޭގެފާނުގެ ހާލުކޮޅު ކޮއްކޮ މޫސާގެފާނަށް ހާރޫނުގެފާނު ސާފުކޮށްދެއްވިއެވެ. އަދި އެހާލަތުގައި ބޭބެ ހާރޫނުގެފާނަށް ކުރެއްވޭނެ ކަމެއް ނެތްކަންވެސް މޫސާގެފާނަށް އެނގިވަޑައިގަތެވެ. ދެން އެކަލޭގެފާނު ކޯފާ މައިތިރިކުރައްވައި ހިކުމަތްތެރިކަމާއެކު މީސްތަކުންނާމެދު އަމަލުކުރެއްވިއެވެ. އަދި އެމީހުން އެފަދަ ފުރެދުމެއްގެތެރެއަށް ދިޔައީ ކީއްވެތޯ ސުވާލުކުރެއްވައި ނަސޭހަތްތެރިވެވަޑައިގަތެވެ.

އެކަލޭގެފާނު އެމީހުންނަށް ނަސޭހަތް ދެއްވަމުން ވިދާޅުވިއެވެ. އޭ އަހަރެންގެ ގައުމުގެ މީހުންނެވެ. ތިޔަބައިމީހުން ގެރިއަކީ އިލާހަކު ކަމުގައި ހެދުމުން، ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށް ތިޔަބައިމީހުން އަނިޔާވެއްޖެކަން ކަށަވަރެވެ. ފަހެ، ތިޔަބައިމީހުން އުފެއްދެވި ކަލާނގެއަށް ތައުބާވާށެވެ. އެއަށްފަހު ކަލޭމެންގެތެރެއިން އަނިޔާވެރިވި މީހުން ގަތުލުކުރާށެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ހަޒުރަތުގައި އެގޮތް ތިޔަބައިމީހުންގެ މައްޗަށް ހެޔޮކަން ބޮޑެވެ. ދެން އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ތައުބާ ލެއްވިއެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ތައުބާ ގަބޫލުކުރައްވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.

Advertisement

ދެން މޫސާގެފާނުގެ ގައުމުން ބަޔަކު ﷲ ދުށުމަށް އެދުނެވެ. އަދި އެމީހުންނަށް ﷲ ފެނުމުން ނޫނީ އެމީހުން މޫސާގެފާނަށް އީމާންނުވާނެކަމަށް އެމީހުން ބުންޏެވެ. ދެން ﷲ އެމީހުން ބަލަބަލާ ތިއްބާ އެމީހުންގެ މައްޗަށް ގުގުރުމާއެކު ހޮނު އެޅުއްވިއެވެ. އަދި އެޅި ހޮނުން އެ އެންމެން މަރުވެދިޔައެވެ.

ދެން ބަނޫ އިސްރާއީލުގެމީހުންގެތެރޭގައި ދުވަސްވީ މުއްސަނދި މީހަކު އުޅުނެވެ. މުއްސަނދި މީހާއަށް ބޮޑުބޭބެ ކިޔާ ކުދިންތަކެއް އޭނާ މަރުވުމަށް އެދުނެވެ. އެއީ އެމީހާގެ މުދަލުން ވާރުތަ މުދާ ހޯދުމަށެވެ. ދެން އޭގެތެރެއިން އެއް ކުއްޖަކު ރޭގަނޑުގެ ވަގުތެއްގައި މުއްސަނދި ބޮޑުބޭބެ މަރާލުމަށްފަހު އޭނާގެ ހަށިގަނޑު އެއްލާލިއެވެ. އަނެއް ދުވަހު އިރު އެރުމާއެކު މުއްސަނދި މުސްކުޅި މީހާ މަރާލި މީހަކާމެދު އެމީހުންގެ މެދުގައި ޚިލާފު އުފެދުނެވެ. މަރުވި މީހާއަށް ބޮޑުބޭބެ ކިޔާ ފިރިހެނަކު އައިސް ރޮއެ ހެދިއެވެ. ދެން އެތަނަށް އެއްވެ ތިބި މީހުންގެތެރެއިން މީހަކު ބުންޏެވެ. މިތަނުގައި ތިކަމާ ޖަދަލުކުރުނީ ކީއްކުރަންހެއްޔެވެ؟ ﷲ ގެ ރަސޫލާ މޫސާގެފާނު ގާތަށް ގޮސް ތިވާހަކަ ދަންނަވާށެވެ. ދެން އޭނަ މޫސާގެފާނު އަރިހަށް ގޮސް މިކަމުގެ ޝަކުވާދެންނެވިއެވެ. ޖަވާބުގައި އެކަމުގެ އެއްވެސް މައުލޫމާތެއް ހުރިނަމަ އެކަން މޫސާގެފާނަށް އެންގެވުމަށް އެކަލޭގެފާނު މީސްތަކުންނަށް އެދިވަޑައިގަތެވެ. އެކަމަކު މީސްތަކުންގެތެރެއިން އެކަކަށްވެސް އެކަމުގެ އެއްވެސް މައުލޫމާތެއް ނެތްކަމުގައިވިއެވެ. ދެން މިކަމުގައި ﷲ އަށް ދެންނެވުމަށް މީސްތަކުން އެކަލޭގެފާނު އަރިހުގައި ދެންނެވިއެވެ.

ދެން މޫސާގެފާނު ﷲ އަށް މިވާހަކަ ދެންނެވިއެވެ. ދެން މޫސާގެފާނު މެދުވެރިކުރައްވައި ﷲ އެމީހުންނަށް ގެރިއެއް ކަތިލަން އަމުރުކުރެއްވިއެވެ. މިއަމުރު އައުމުން އެމީހުންނަށް ފުރައްސާރަ ކުރައްވަނީތޯ އެމީހުން މޫސާގެފާނަށް ދެންނެވިއެވެ. ޖަވާބުގައި އެކަލޭގެފާނަކީ އެފަދަ ބޭކަލެއް ނޫންކަމަށް މޫސާގެފާނު ވިދާޅުވިއެވެ. އަދި އެފަދަ ކަންތައް ކުރާ ޖާހިލު ބޭކަލަކަށް ނުވުމަށް ﷲ ގެ ހަޒުރަތުން ރައްކާތެރިކަމަށް އެދިވަޑައިގަންނަވާ ވާހަކަވެސް ވިދާޅުވިއެވެ. ދެން އެމީހުން އެދުނީ އެއީ ކޮންކަހަލަ ގެރިއެއްގެކަން ﷲ އަށް ދަންނަވައިގެން އޮޅުންފިލުއްވައި ދެއްވުމަށެވެ. ދެން ﷲ އެންގެވީ އެއީ މުސްކުޅިވެފައިވާ ގެރިއެއް ނޫންކަމަށާއި އަދި އެއީ ޅަ ގެރިއެއްވެސް ނޫންކަމަށެވެ. އަދި އެދެމެދުގައިވާ ގެރިއެއްކަމުގައެވެ. ދެން އެވަރުންވެސް އެމީހުން ގެރިއެއް ނުކަތިލާ އަނެއްކާވެސް ސުވާލުކުރިއެވެ. މިފަހަރު އެދުނީ އެއީ ކޮން ކުލައެއްގެ ގެރިއެއްތޯ ﷲ އަށް ދަންނަވައިގެން ހޯއްދެވުމަށެވެ. ދެން އެއީ ރީނދޫ ކުލައިގެ ކުލަ ގަދަ ގެރިއެއްކަމުގައި ﷲ އެންގެވިއެވެ. ދެންވެސް އެމީހުން ގެރިއެއް ނުކަތިލިއެވެ. މިފަހަރު އެމީހުން ދެންނެވީ އެއީ ކޮންކަހަލަ ގެރިއެއްކަން އެމީހުންނަށް އޮޅިއްޖެކަމަށެވެ. އެހެންވެ އަލުން ﷲ އަށް ދަންނަވައިގެން އެކަން ސާފުކޮށްދެއްވުމަށެވެ. ދެން އެމީހުން އެދުނުގޮތަށް އެތަފުސީލުވެސް ﷲ ދެއްވިއެވެ. އެންމެފަހުން އެމީހުން ގެރި ކަތިލިއެވެ. އެކަމަކު އެކަން ކުރީ ކުރާހިތަކުންނޫނެވެ.

ދެން މަރުވި މީހާގެ ހަށިގަނޑުގައި ކަތިލި ގެރީގެ މަސްކޮޅަކުން ޖެހުމަށް މޫސާގެފާނު އެމީހުންނަށް އަމުރުކުރެއްވިއެވެ. އެމީހާ ގައިގަ ގެރީގެ މަސްކޮޅަކުން ޖެހުމުން އޭނައަށް ދިރުން ލިބުނެވެ. ދެން އޭނަ މަރާލީ ކާކުތޯ މޫސާގެފާނު ސުވާލުކުރެއްވިއެވެ. ޖަވާބުގައި އޭނަ މަރާލީ އޭނައަށް ބޮޑުބޭބެކިޔާ ފިރިހެނާކަމުގައި އެމީހާ ބުންޏެވެ. އެއަށްފަހު އެމީހާ އަލުން މަރުވިއެވެ. ބުނެވޭގޮތުގައި ބަގަރާ ސޫރަތުގެ ނަން އައިސްފައިވަނީ މިވާހަކައިންނެވެ.

ނުނިމޭ

ނޯޓް: ' މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ ' މި ލިޔުމުގެ 19 ވަނަ ބައި މާދަމާ ޕަބްލިޝް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

+1
2
+1
3
+1
7
+1
0
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް