September 20, 2024 19:32
Advertisement

-Advertisement-

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ: ޤާރޫނުގެ ވާހަކަ

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ އިއްޔެގެ ލިޔުމާއި ގުޅޭ

މޫސާގެފާނަށް ފަހަރަކު އުނދަގުލެއް ޖެހިވަޑައިގަންނަވަމުން އައެވެ. ދެން އެކަލޭގެފާނާއި ކުރިމަތިވީ ޤާރޫންއެވެ. ބުނެވޭގޮތުގައި ޤާރޫނަކީ ބަނޫ އިސްރާއީލުގެ މީހެކެވެ. އޭނައަކީ މޫސާގެފާނުގެ ބޮޑުބޭބެއެއްގެ ދަރިއެކެވެ. އެހެންކަމުން އޭނާ ވީ އެކަލޭގެފާނާ ދެބެއިންގެދަރި މީހަކަށެވެ. ޤާރޫނަކީ ކުޑައިރު ވަރަށް ނިކަމެތި ފަގީރު ހާލުގައި އުޅުނު މީހެކެވެ.

އެކަމަކު ﷲ އޭނައަށް މިންވަރު ކުރެއްވި ތަނަވަސްކަމުގެ ސަބަބުން ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާއަށް އޭނަވިއެވެ. އޭނަގެ ޚަޒާނާތަކުގެ ތަޅުދަނޑިތައް އުފުލަން ގައިގަ ވަރު ހުރި ބޮޑު ޖަމާޢަތެއް ބޭނުންވިއެވެ. ބުނެވޭގޮތުގައި ހިމާރުގައި އެތަޅުދަނޑިތައް އުފުލާނަމަ އެކަމަށް ވަރުގަދަ ފަސްދޮޅަސް ހިމާރު ބޭނުންވިއެވެ. ޤާރޫނުގެ މުއްސަނދިކަމާ މިހާރު ދުނިޔޭގަ ތިބި އެންމެ މުއްސަނދި މީހުންނާ އަޅާކިޔަންޏާ މިހާރު ތިބި އެންމެ މުއްސަނދި ދިހަ ވަރަކަށް މީހުންނާ އޭނާގެ މުއްސަނދިކަން އެއްވަރުވާނެއެވެ.

Advertisement

ޤާރޫނަށް ﷲ ދެއްވި ތަނަވަސްކަމާމެދު އޭނަ ބޮޑާވެ ކިބުރުވެރިވިއެވެ. އަދި އޭނަގެ މުއްސަނދިކަމަކީ އޭނަގެ ޢިލްމުވެރިކަމާއި މޮޅުކަމުން އޭނަ ހޯދާފައިވާ މުއްސަނދިކަމެއް ކަމުގައި ބުނެ ފޮނި ކެނޑިއެވެ. އަދި އިސްރާފުކުރުމާއި ދެއްކުންތެރިކަމުގައި އޭނަ ހައްދުފަހަނައަޅާ ދިޔައެވެ. އޭރު ދުނިޔޭގަ އެންމެ ލަގްޒަރީ ދިރުއުޅުމެއްގައި އުޅުނީ ޤާރޫނެވެ. އޭނަގެ ފޭރާމަކީ އެންމެ އަގުބޮޑު ފޭރާމެވެ. އޭނަގެ ގަނޑުވަރަކީ އެންމެ ރީތި ގަނޑުވަރެވެ. އޭނާގެ ސުފުރާމަތީގައި އެންމެމޮޅު ކާނާއެވެ. މިގޮތަށް ޤާރޫނު ޚަރަދުކޮށް އިސްރާފްކޮށް ފަސާދަކުރިއިރު މީހަކަށް ލޯ ލާރިއެއްވެސް ނުދެއެވެ. އޭނަ ވީ ދަހިވެތިކަމުގައި ހައްދުފަހަނައަޅާ ދިޔަ މީހަކަށެވެ. އެންމެކުޑަމިނުން ސަލާމްޖަހާ މީހަކަށްވެސް އޭނަ އަތުން އެއްޗެއް ނުލިބެއެވެ. ޤާރޫނު ދުވަހަކުވެސް ސަދަގާތެއް ނުކުރެއެވެ.

ޤާރޫނު އުޅުނު އަރާމު ފޮނި ދިރިއުޅުން ފެނި މިދުނިޔޭގެ ދިރިއުޅުމަށް ދަހިވެތިވި މީހުން އެފަދަ ދިރުއުޅުމަކަށް އެދުނެވެ. އެފަދަ މުއްސަނދިކަމެއް އެމީހުންނަށް ލިބުމަށް އެދި އެމީހުން ވާހަކަދެއްކިއެވެ. އެކަމަކު ޢިލްމުވެރި ހެޔޮލަފާ ޞާލިހު މީހުން އެފަދަ މީހުންނަށް ޖަވާބުދެމުން ބުންޏެވެ. ކަލޭމެންނަށް ހަލާކު ހުށްޓެވެ. އީމާންވެ ހެޔޮ އަމަލުކުރިމީހަކަށް ޤާރޫނުގެ މުދާވެރިކަމަށްވުރެ ﷲ ގެ ސަވާބުގެ ހެޔޮކަން މާބޮޑެވެ. ކެތްތެރިންނަށް މެނުވީ އެދަރަޖައެއް ނުލިބޭނެއެވެ.

ނުނިމޭ

ނޯޓް: ' މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ ' މި ލިޔުމުގެ 20 ވަނަ ބައި މާދަމާ ޕަބްލިޝް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

+1
1
+1
1
+1
7
+1
0
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް