September 20, 2024 18:24
Advertisement

-Advertisement-

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ: ސިކުންތުކޮޅެއްގެތެރޭ ޤާރޫނު ނިމިދިޔަގޮތް

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ އިއްޔެގެ ލިޔުމާއި ގުޅޭ

ދެން މީސްތަކުން ޤާރޫނަށް ނަސޭހަތްތެރިވެ އޭނައަށް ވިސްނައިދިނެވެ. އޭނަ ކިބުރުވެރިކަމާއި ދެއްކުންތެރިކަން ދޫކުރަށް މީސްތަކުން އެދުނެވެ. އޭނަގެ ތަނަވަސްކަމުން ނިކަމެތިންނަށް ސަދަގާތްކުރުމަށްވެސް މީސްތަކުން އޭނަ ގާތު އެދުނެވެ. އެފަދަ ހުރިހާ ގޮވާލުންތަކަށް ޤާރޫނު ދިނީ ބީރު ކަންފަތެކެވެ. އެންމެފަހުން ޤާރޫނު މައިތިރިކުރުމަށްޓަކައި މޫސާގެފާނު އޭނައާއި ބައްދަލުކޮށް އޭނައަށް ނަސޭހަތްތެރިވެވަޑައިގަތެވެ. އަދި އޭނަގެ މުދަލުން ޒަކާތްދިނުމަށް މޫސާގެފާނު އޭނައަށް އަމުރުކުރެއްވިއެވެ. އޭނަގެ މުދާ ގިނަކަމުން ޒަކާތަށް އޭނަ ނެރެންޖެހޭ މިންވަރު ކުޑަވިއަސް އެއީ ބޮޑު އަދަދެއްކަމަށް އޭނައަށް ފެނުނެވެ. ދެން އޭނަ މޫސާގެފާނާ ދިމާކުރިއެވެ. އޭނަ ތައުރާތުގެ ޢިލްމަށް އެންމެ ތަންކޮޅެއްވެސް ދެރަނުވާނެކަމަށް ބުނެ މޫސާގެފާނާ ޖަދަލުކުރިއެވެ. މޫސާގެފާނު ވިދާޅުވާހާ ބޮޑު އަދަދެއް ޒަކާތަށް ދޭން ނުޖެހޭނެކަމަށްވެސް އޭނަ ދެންނެވިއެވެ. އަދި ފަސާދަކުރާ މީހުންގެތެރެއިން އޭނަ ވިއެވެ.

ޒަކާތުން ރެކެންވެގެން ޤާރޫނު ދެން ގަސްދުކުރީ މޫސާގެފާނުގެ އަބުރުފުޅު ނަގާލާށެވެ. އެގޮތުން އޭނަ ވަރަށް ރީތި ނާސި އަންހެނަކާ ބައްދަލުކޮށް ފައިސާގެ ބޮޑު އިނާމެއް އެމީހާއަށް ހުށަހެޅިއެވެ. މޫސާގެފާނު ރައްޔިތުންނާ ބައްދަލުކޮށް ނަސޭހަތް ދެއްވަން ފެއްޓެވުމާއެކު އެއަންހެންމީހާއެކު މޫސާގެފާނު އެއްދާންކުރިކަމަށް ބުނެ އަޑުގެ ކޮޅަށް ހަޅޭއްލެވުމަށް ޤާރޫނު އެދުނެވެ. ފައިސާގެ ދަހިވެތިކަމުގައި އެގޮތަށް އެކަން ކުރަން އެއަންހެންމީހާ އެއްބަސްވެ ފައިސާ އަތުލިއެވެ.

Advertisement

ޖެހިގެން އައި ދުވަހު މޫސާގެފާނު މީސްތަކުންނަށް ނަސޭހަތް ދެއްވަން ހުންނެވިއެވެ. އޭރު އެކަލޭގެފާނުގެ އަތްޕުޅުގައި ތައުރާތު އޮތެވެ. އެއްވެތިބި މީހުންގެތެރޭ ޤާރޫނުވެސް ހުއްޓެވެ. އޭނަ ހުރީ އެންމެ ފުރިހަމައަށް ޒީނަތްތެރިވެގެންނެވެ. ދެން ކުއްލިއަކަށް އެއްކަލަ އަންހެން މީހާ ތެދުވިއެވެ. އަދި އޭނަ މޫސާގެފާނު މޫނުފުޅަށް ބެލިއިރު އެކަލޭގެފާނުގެ މޫނުފުޅުން ފާޅުވާންހުރި މާތްކަމާހުރެ އޭނަގެ ހިތް މުޅިން ބަދަލުވިއެވެ. އަދި އަޑުގެ ކޮޅަށް އެމީހާ ގޮވަންފެށިއެވެ. މޫސާގެފާނާ އެއްދާންކުރިކަމަށް މިތަނުގައި ބުނެ އެކަލޭގެފާނު ބަދުނާމުކުރުމަށް ޤާރޫނު އަހަރެންނަށް ސަތޭކަ ދީނާރު ދީފިއެވެ.

ޤާރޫނުގެ ކެހިވެރިކަން ފެނި އޭނަގެ ކިބައިން ސަލާމަތްވުމަށް ﷲ އަށް ދުޢާކުރެއްވިއެވެ. ދެން ﷲ ޤާރޫނާއި އޭނަގެ ގަނޑުވަރާއި ޚަޒާނާތައް ބިންގަނޑުގެތެރެއަށް ގަންބަވައި ނެތިކުރެއްވިއެވެ. އާދެ ޤާރޫނު ހުރިހާކަމެއް ނިމި އޭނަގެ ވަސްވެސް މިދުނިޔެއިން ދާން ނެގީ ސިކުންތުކޮޅެކެވެ.

ނުނިމޭ

ނޯޓް: ' މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ ' މި ލިޔުމުގެ 21 ވަނަ ބައި މާދަމާ ޕަބްލިޝް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
1
+1
5
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް