September 20, 2024 18:29
Advertisement

-Advertisement-

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ: މޫސާގެފާނާ ޚިޟުރުގެފާނު ބައްދަލުވުން

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ އިއްޔެގެ ލިޔުމާއި ގުޅޭ

މޫސާގެފާނު އެއް ދުވަހަކު މީސްތަކުންނަށް ޚުޠުބާއެއް ދެއްވިއެވެ. އެވަގުތު ބަނޫ އިސްރާއީލްގެ މީހަކު އެކަލޭގެފާނަށް ސުވާލު ދެންނެވިއެވެ. ދުނިޔޭގައި ހުރި އެންމެ ޢިލްމުވެރި ބޭކަލަކީ ކޮބައިތޯއެވެ؟ މާބޮޑު ވިސްނުމަކާނުލާ އެކަލޭގެފާނު ޖަވާބު ދެއްވިއެވެ. އަދި ޖަވާބުގައި ﷲ ގެ ނަންފުޅު ނުގަނެ އެކަލޭގެފާނު ވިދާޅުވީ އެންމެ ޢިލްމުވެރި ބޭކަލަކީ އެކަލޭގެފާނު ކަމުގައެވެ. މޫސާގެފާނު އެގޮތަށް ޖަވާބުދެއްވީ އެކަލޭގެފާނަކީ ރަސޫލު ބޭކަލަކަށްވާތީ އެކަލޭގެފާނުގެ ހިތްޕުޅުގައި ހުރި ބެއްލެވުންތަކަށް ބައްލަވާފައެވެ. އެވަގުތު މޫސާގެފާނު އަރިހަށް ޖިބުރީލުގެފާނު ވަޑައިގެން އެކަލޭގެފާނަށް އިންޒާރުކުރެއްވިއެވެ. އަދި މޫސާގެފާނުގެ ޢިލްމުފުޅުގައި އެންމެ ޢިލްމުވެރި ބޭކަލަކީ ކޮބައިކަން ނެތި، އަމިއްލަފުޅަށް އެންމެ ޢިލްމުވެރި ބޭކަލަކީ އެކަލޭގެފާނުކަމުގައި ވިދާޅުވީ ކީއްވެތޯ ސުވާލުކުރައްވައި އެކަލޭގެފާނަށް ނަސޭހަތްތެރިވަޑައިގަތެވެ. ދެން އެކަލޭގެފާނަށްވުރެ ޢިލްމުވެރި ބޭކަލަކީ ކޮބައިތޯ މޫސާގެފާނު ޖިބުރީލުގެފާނަށް ދެންނެވިއެވެ. ދެން ﷲ ގެ އަމުރުފުޅަށް، އެކަލޭގެފާނަށް އެނގިވަޑައިނުގަންނަވާ ޢިލްމު، ހުރި ބޭކަލަކު ޖިބުރީލުގެފާނު މޫސާގެފާނަށް އެންގެވިއެވެ. ދެން ވަގުތުން އެބޭކަލެއްގެ އަރިހަށް ވަޑައިގެން މޫސާގެފާނު އުނގެނިވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށް އެކަލޭގެފާނު ﷲ އަށް ދެންނެވިއެވެ. އަދި އެކަލޭގެފާނު އަރިހަށް ވަޑައިގެންނެވޭނެ ގޮތެއް ދެއްކެވުމަށް އެދިވަޑައިގެން ﷲ އަށް ދެންނެވިއެވެ. ދެން މަހެއް ހިއްޕަވައިގެން ދެ ކަނޑު ބެދޭ ހިސާބަށް ވަޑައިގަތުމަށް އެކަލޭގެފާނަށް ﷲ އަމުރުކުރެއްވިއެވެ.

ދެން މޫސާގެފާނު ވަށިގަނޑަކަށް މަހެއް ލައްވައިގެން އެކަލޭގެފާނުގެ އެހީތެރިޔާ ޔޫޝައު ގޮވައިގެން ދެ ކަނޑު ބެދޭ ހިސާބަށް ދަތުރުކުރެއްވިއެވެ. ޢިލްމު ހޯއްދެވުމަށްޓަކައި އެކަލޭގެފާނު ދަތުރުކުރެއްވީ އެކަލޭގެފާނުގެ މީސްތަކުންވެސް ދޫކޮށްލައްވާފައެވެ. ދެން އެދެބޭކަލުން ދެކަނޑު ބެދުނު ހިސާބުން ހިލައެއް ކައިރީގައި ވަރުބަލިފިލުއްވަން މަޑުކުރެއްވި ވަގުތު ނިދިޖެހުނެވެ. އެވަގުތު މަސް ދިރުމަށްފަހު ތެލީގެތެރެއިން ފުންމާލައިގެން ހަނިމަގަކުންލާފަ ކަނޑަށް ދަތުރުކުރިއެވެ. ދެން އެކަލޭގެފާނު ދަތުރުކުރެއްވި މަގުގެ ކޮޅަށް ވަޑައިގެންނެވުމުން މަސް ކޮބައިތޯ ޔޫޝައު ގާތު އެއްސެވިއެވެ. ޔޫޝައު ބެއްލެވިއިރު މަހެއް ނެތެވެ. ދެން މަސް ގެއްލޭނީ ހިލަ ކައިރީގައި އެކަލޭގެފާނު އަރާމުކުރެއްވި ވަގުތުކަމުގައި ޔޫޝައު ދެންނެވިއެވެ. ދެން ދެ ބޭކަލުން އަނބުރާ ދެކަނޑު ބެދުނު ހިސާބުން ހިލައިގެ ކައިރިއަށް ހިންގެވިއެވެ.

Advertisement

ދެން މޫސާގެފާނު ޔޫޝައު ގޮވައިގެން އެބޭފުޅުންގެ ފައިތިލައަށް ބައްލަވައިގެން ގަލާއި ހަމައަށް ފަހަތަށް ވަޑައިގަތެވެ. އޭރު އެތަނުގައި ފޭރާންކޮޅެއްގައި ބޭކަލަކު އޮންނެވިއެވެ. ބުނެވޭގޮތުގައި އެއީ ޚިޟުރުގެފާނެވެ. އެކަލޭގެފާނަކީ ކޮން ބޭކަލެއްކަން އަދި އެކަލޭގެފާނުގެ ނަންފުޅަކީ ކޮބައިކަން ކީރިތި ޤުރްއާނަކުން ނޭނގެއެވެ. އެކަލޭގެފާނާ ބެހޭ ތަފުސީލުތައް އަޅުގަނޑުމެންނަށް ދެއްވާފައިވަނީ ރަސޫލާ ﷺ އެވެ.

ނުނިމޭ

ނޯޓް: ' މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ ' މި ލިޔުމުގެ 22 ވަނަ ބައި މާދަމާ ޕަބްލިޝް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
1
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް