ފަންނީ މުވައްޒަފުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް 36 މުވައްޒަފުން މަތީ ތަޢުލީމް ހާސިލުކޮށްފައިވާ ކަމަށް ސްޓެލްކޯއިން ވަނީ މައުލޫމާތު ދީފައެވެ. މީގެތެރެއިން 16 މީހުންނަކީ މުސާރަ ލިބޭގޮތަށް ޗުއްޓީގައި ހުރެގެން ކިޔެވުން ފުރިހަމަކުރި މީހުންނެވެ.
މިދިޔަ އަހަރު ސްޓެލްކޯ އިން ވަނީ ސްކޮލަރޝިޕްގެ 5 ފުރުސަތު ހުޅުވާލާފައެވެ. މީގެތެރޭގައި ހިމެނެނީ އިންޖިނިއަރިން ދާއިރާއިން 3 ފުރުސަތު އަދި ވިޔަފާރި ދާއިރާއިން 2 ފުރުސަތެވެ. އެހެންނަމަވެސް ޝަރުތު ހަމަވާ މީހަކު ކުރިމަތިލާފައި ނުވާކަމަށް މި ކުންފުނިން ވަނީ މައުލޫމާތު ދީފައެވެ. އަދި މުސާރަ ލިބޭ ގޮތަށް ޗުއްޓީގައި ހުރެގެން ކިޔެވުމުގެ ފުރުސަތު ހުޅުވާލީ އިންޖިނިއަރިން ދާއިރާއިން 3 ފުރުސަތު، ވިޔަފާރި ދާއިރާއިން 1 ފުރުސަތެވެ.
" މުސާރަ ލިބޭ ގޮތަށް 4 މުވައްޒަފުން މިވަގުތުވެސް ދަނީ ކިޔަވަމުން. މި 4 މުވައްޒަފުންގެ އިތުރަށް 2022 ވަނަ އަހަރު ވަނީ މުސާރަ ލިބޭ ގޮތަށް ޗުއްޓީގައި ހުރެގެން އިންޖިނިއަރިންގެ ދާއިރާއިން ކިޔެވުމުގެ ފުރުސަތު 3 މުވައްޒަފަކަށް ދީފަ. މީގެ ތެރެއިން އެއް މުވައްޒަފަކު ވަނީ މެލޭޝިއާގެ ޔުނިވަރސިޓީ އަކުން ކިޔަވަން ފަށާފަ. އަދި ސްކޮލަރޝިޕްގެ ދަށުން އެކަކު ދަނީ ކިޔަވަމުން. އިންޖިނިއަރިންގ މިއީ ކުންފުންޏަށް އެންމެ މީހުން ބޭނުންވާ އެއް ދާއިރާ". ސްޓެލްކޯ އިން މައުލޫމާތު ދިނެވެ.
މުސާރަ ލިބޭ ގޮތަށް ކިޔަވަން ބޭނުންވާ މުވައްޒަފުންނަށް ދެގޮތެއް އޮވެއެވެ. އެއީ ސްޓެލްކޯއިން މުސާރަ ލިބޭ ޗުއްޓީ ހަމަޖެހުމުން ސްޓޫޑެންޓް ލޯން ނަގައިގެން ކިޔަވަން ދިއުން ނުވަތަ ލޯނު ނުނަގައި އެހެނިހެން ގޮތްގޮތުން ސްކޮލަރޝިޕްގެ ފުރުސަތު ހޯދައިގެން ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމެވެ.
ސްޓެލްކޯގެ ޓެކްނީޝަނެއްގެ މަގާމުގައި ހުރި އަދި ކުންފުނިން މުސާރަ ލިބޭގޮތަށް މެލޭޝިއާގައި ކިޔަވަމުންދާ އިބްރާހީމް ރާޖީ ވަނީ އޭނަގެ ކިޔެވުން ކުރިއަށްދާގޮތާއި ގުޅޭ މައުލޫމާތު 'ޒީޓައިމްސް' އާއި ހިއްސާކޮށްފައެވެ.
" މެކޭނިކަލް އިންޖިނިއަރިން ކިޔަވަމުން މިދަނީ. ކިޔަވަން މިކޮޅަށް އައިތާ 3 ވަނަ މަސް މިއީ. ޑިގްރީ ނިމޭނީ 4 އަހަރުން. ސްޓޫޑެންޓް ލޯނުގެ އިތުރަށް މުސާރަ ލިބޭގޮތަށް ޗުއްޓީ ވަނީ ހަމަޖެހިފަ". ވަޒީފާގައި އުޅޭތާ 3 އަހަރު ފަހުން ކިޔަވަން ދިޔަ ރާޖީ މައުލޫމާތު ދިނެވެ. ރާޖީގެ އުންމީދަކީ ކޯސް ފުރިހަމަކުރުމަށްފަހު ކުންފުންޏަށް ޚިދުމަތް ކޮށްދިނުމެވެ.
ސްޓެލްކޯ އިން މުސާރަ ލިބޭގޮތަށް ކިޔަވަންދާ މުވައްޒަފުން ކިޔެވުން ފުރިހަމަ ކުރުމަށްފަހު ވަކި މުއްދަތަކަށް ކުންފުނީގައި މަސައްކަތް ކުރަންޖެހެއެވެ. އެ މުއްދަތު ކަނޑައަޅަނީ ކުންފުނީގެ ފަރާތުން އެ މުވައްޒަފަކު ކިޔަވަން ހުރިއިރު ހޭދަކުރި ފައިސާގެ އަދަދަށް ބަލައިގެންނެވެ.