September 20, 2024 18:20
Advertisement

-Advertisement-

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ: ދޫންޏެއް އައިސް ނަވުގައި ޖެއްސުމަށްފަހު ތުންގަނޑު ކަނޑަށް ކޮއްޕުން

މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ އިއްޔެގެ ލިޔުމާއި ގުޅޭ

ދެން މޫސާގެފާނު އެބޭކަލަކާއި ސަލާމްކުރެއްވުމުން އެބެއިކަލަކު ދެންނެވިއެވެ. ކަލޭގެފާނުގެ ޤައުމުގައި މީހުން ސަލާމްކުރަނީ ކޮންގޮތަކަށް ހެއްޔެވެ؟ މޫސާގެފާނު ވިދާޅުވިގޮތުގައި އެކަލޭގެފާނަކީ ބަނޫ އިސްރާއީލުން ވަޑައިގެންނެވި މޫސާ އެވެ. އެއަށްފަހު ދެންނެވިގޮތުގައި އެކަލޭގެފާނު ވަޑައިގަތީ ޙިޟުރުގެފާނަށް ﷲ ދެއްވި ޢިލްމުން ކޮންމެވެސް މިންވަރެއް އެކަލޭގެފާނު އަރިހުން ދަސްކުރުމަށެވެ. ޙިޟުރުގެފާނު ވިދާޅުވިގޮތުގައި ﷲ އެކަލޭގެފާނަށް ދެއްވި ޢިލްމުގައި މޫސާގެފާނަށް އެނގިވަޑައިނުގަންނަވާ ކަންކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ. ހަމައެގޮތަށް ﷲ މޫސާގެފާނަށް ދެއްވާފައިވާ ޢިލްމުގައި އެކަލޭގެފާނަށް އެނގިވަޑައިނުގަންނަވާ ކަންކަން ވާނެއެވެ. ދެން ޙިޟުރުގެފާނަށް ތަބާވެވަޑައިގަތުމަށް މޫސާގެފާނު އެދިވަޑައިގަތެވެ. އެހިނދު ޙިޟުރުގެފާނު ވިދާޅުވިގޮތުގައި އެކަލޭގެފާނާއެކު ކެތްކުރެއްވުމަކަށް ކުޅަދާނައެއްނުވާނެއެވެ. އެއީ އެކަލޭގެފާނަށް އެއީ ކޮންކަމެއްކަން އެނގިވަޑައިނުގަންނަވާ (ކަމުގެ ޙަޤީޤަތް ނޭގޭ) ކަންކަމުގައި އެކަލޭގެފާނަށް ކެތްތެރިވެވަޑައިނުގެންނެވޭނެތީއެވެ. ދެން މޫސާގެފާނު ދެންނެވިގޮތުގައި ﷲ ގެ އިރާދަފުޅާއި ލައިގެން ކެތްތެރިވެވަޑައިގަންނަވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު ވެވަޑައިގަންނަވާނެއެވެ. އަދި ޙިޟުރުގެފާނުގެ ކިޔަމަނުގައި އެކަލޭގެފާނު ހުންނަވާނެއެވެ.

އެދެބޭކަލުން ގޮނޑު ދޮށުން ހިންގަވަން ފެއްޓެވިއެވެ. ދެން ފެނުނީ ދަތުރުކުރަމުން ދިޔަ ނަވެއް އެހިސާބަށް އައި ތަނެވެ. އެހިނދު އެނަވަށް އެރުވުމަށް ފަޅުވެރިންގެ ކިބައިން މިދެބޭކަލުން އެދި ވަޑައިގަތެވެ. ފަޅުވެރިންނަށް ޙިޟުރުގެފާނު އެނގޭތީ އަގަކާއި ނުލައި މިދެބޭކަލުން ނަވަށް އެރުވިއެވެ. ދެން ދޫންޏެއް އައިސް ނަވުގައި ޖެއްސުމަށްފަހު އެސޮރުގެ ތުންގަނޑު ދެފަހަރަކު ކަނޑަށް ކޮއްޕާފައި ނެގިއެވެ. އެހިނދު ޙިޟުރު، މޫސާ އަށް ދެންނެވިއެވެ. ތިމަންކަލޭގެފާނަށް ލިބިވަޑައިގެންފައިވާ ޢިލްމާއި ކަލޭގެފާނަށް ލިބިވަޑައިގެންފައިވާ ޢިލްމުން ﷲ ގެ ޢިލްމުފުޅުން އެއްވެސް މިންވަރެއް މަދެއްނުވެއެވެ. އެއީ ދޫނީގެ ތުންގަނޑު ކަނޑަށް ކޮއްޕައި ނެގުމުން ކަނޑުގެ ލޮނު މަދުނުވި ފަދައިންނެވެ. ދެން ޙިޟުރުގެފާނު ފުރޯއެއްފަދަ ހަތިޔާރަކުން ޖައްސަވައި ނަވުގެ މަޑުލެއް ނައްޓުވައި އޭގެ ފޫދުއްވާލެއްވިއެވެ. އެހިނދު މޫސާގެފާނު ވިދާޅުވިއެވެ. ކަލޭގެފާނު ތިކުރެއްވީ ހާދަބޮޑު ކަމެކެވެ. ގަސްދުގައި ނަވުގެ ފޫދުއްވައިލެއްވީ އޭގައި ތިބިމީހުން ކަނޑުފެއްތެވުމަށްތޯ އެއްސެވިއެވެ. އަދި އެއީ ނުބައި ކަމެއްކަމުގައި ވިދާޅުވިއެވެ.

Advertisement

އެހިނދު ޙިޟުރު ޖަވާބުދެއްވިގޮތުގައި މޫސާގެފާނަށް އެކަލޭގެފާނު އަރިހުގައި ކެތްތެރިވެވަޑައިނުގެންނެވޭނެކަމަށް ދެންނެވީމެއްނޫންތޯ ވިދާޅުވިއެވެ. ޖަވާބުގައި މޫސާގެފާނު ވިދާޅުވީ އެކަލޭގެފާނު ހަނދުމަފުޅުނެތުނީކަމަށާއި އެކަން ކަމަކަށް ނުހެއްދެވުމަށެވެ. މިފަހަރު އެކަލޭގެފާނުގެ ޢުޒުރަކަށްވީ ހަނދުމަފުޅުނެތިވުމެވެ.

ނުނިމޭ

ނޯޓް: ' މޫސާ ޢަލައިހިއް ސަލާމްގެ ވާހަކަ ' މި ލިޔުމުގެ 23 ވަނަ ބައި މާދަމާ ޕަބްލިޝް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

+1
0
+1
1
+1
7
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް