September 20, 2024 22:40
Advertisement

-Advertisement-

ލައިލަތުލްޤަދްރި ވިލޭރޭ އަޅުކަން ކުރުމަކީ ތިރީސް ހާސް ރޭގައި އަޅުކަން ކުރުމަށްވުރެ ޘަވާބު މަތިވެރިކަމެއް!

ފާއިތުވަމުން މިދާ ދުވަސްތަކަކީ މަތިވެރި ދުވަސްތަކެކެވެ. ބަރަކާތްތެރި ރޭތަކެކެވެ. ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކާއި ރޭތަކެވެ. ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ އަނބިކަނބަލުން ފަހު ދިހައިގެ ރޭތައް އިޙްޔާ ކުރެއްވުމަށްޓަކައި އަވަހާރަފުޅުން ނެންގެވިއެވެ. އަދި އެކަލޭގެފާނުވެސް ފަހު ދިހައިގައި އަޅުކަން ކުރެއްވުމުގައި އެހެން ދުވަސްތަކަށްވުރެ ބޮޑަށް ހީވާގިވެ ވަޑައިގެން ގަދައަޅުއްވާ ހިއްމަތް ކުރެއްވިއެވެ.

" މިމަހުގެ ފަހު ދިހައިގެ ތެރޭގައި މާތް ﷲ މަތިވެރި ކުރައްވާފައިވާ ޤަދަރުވެރި ރެއެއް ވާކަމަށް ނަބިއްޔާ ﷺ ބަޔާންކުރައްވާފައިވޭ. އަދި އެ ރޭ ހޯދުމަށް ފަހު ދިހައިގައި ގަދައަޅައި މަސައްކަތް ކުރުމަށް ލޮބުވެތި ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވޭ. އެއީ ލައިލަތުލްޤަދްރިގެ ނަމުން ނަންދެވިފައިވާ ބަރަކާތްތެރި ޝަރަފުވެރި ރޭ. އެ ރޭ ޝަރަފުވެރި ރެއަކަށްވީ އެ ރޭގައި ކީރިތި ޤުރުއާން ބާވައިލައްވާފައިވާތީ".

ލައިލަތުލްޤަދްރި ވިލޭރޭގެ މާތްކަން ބަޔާންކޮށް ދެއްވަމުން މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. މާނައީ " ލައިލަތުލްޤަދްރި ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ". މި ބަސްފުޅުން އެނގެނީ އެރޭގެ އަޅުކަންކުރުން އެއްހާސް މައްސަރުގައި އަޅުކަންކުރުމާ އެއްވަރުކަމެވެ. ޘަވާބާއި ދަރުމައިގެ ގޮތުންނެވެ. އެހެންކަމުން ލައިލަތުލްޤަދްރި ވިލޭރޭ އަޅުކަން ކުރުމަކީ ތިރީސް ހާސް ރޭގައި އަޅުކަން ކުރުމަށްވުރެ ޘަވާބު މަތިވެރިކަމެކެވެ. ތިރީސް ހާސް ދުވަހަކީ އައްޑިހަ ތިން އަހަރާއި ހަތަރު މަސް ދުވަހެވެ.

Advertisement

ލައިލަތުލްޤަދްރި ވަނީ ވަންހަނާ ކުރައްވާފައެވެ. ނަމަވެސް އެކަމަށް ޝައުގުވެރި ކުރެއްވުމަށްޓަކައި އެއީ ރަމަޟާން މަހުގައިވާ ރެއެއްކަން ކަށަވަރު ކޮށްދެއްވިއެވެ. އެރޭ ވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރެއެއްގައި ކަމަށް ވެސް އިޝާރާތް ކުރެއްވިއެވެ. މާތް ﷲ މިފަދަ ވަގުތުތައް ވަންހަނާ ކުރައްވަނީ އެކަމަށް އަހަރެމެން ޝައުގުވެރި ކުރެއްވުމަށްޓަކައެވެ.

ލައިލަތުލްޤަދްރި ވިލޭރޭގެ އިޙްތިފާލުތަކުގައި މަލާއިކަތްބޭކަލުން ބައިވެރިވެވަޑައި ގަންނަވާނެއެވެ. އެބޭކަލުން ބިމަށް ފައިބާވަޑައިގެން މުއުމިނުންނަށް މާތް ﷲ ލައްވާފައިވާ ހެޔޮކަންތައް ދެކެވަޑައިގަންނަވާނެއެވެ.

ލައިލަތުލްޤަދްރި ވިލޭރެއަކީ އަމާންކަމުގެ ރެއެވެ. އެއީ ސުލްހަ މަސަލަސްކަމުގެ ރެއެވެ. އެ ރޭގައި ކޯފާ ލެއްވުމެއް ނެތެވެ. އަޛާބު ދެއްވުމެއް ނެތެވެ. މި އަމާންކަން ފަތިސް ވެއްޖައުމަށް ދާންދެން މިބިމުގައި އޮންނާނެއެވެ.

ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. މާނައީ "ތިޔަބައިމީހުން ރަމަޟާންމަހުގެ ފަހު ދިހައިގެ، އޮނަހިރި ރެއެއްގައި ލައިލަތުލްޤަދްރި ލިބިގަތުމަށް މަސައްކަތް ކުރާށެވެ". އެހެންކަމުން އެއީ ރަމަޟާންމަހުގެ އެކާވީސް، ތޭވީސް، ފަންސަވީސް، ހަތާވީސް، ނަވާވީސް މިރޭތަކެވެ. ލައިލަތުލްޤަދްރި ވިލޭރޭ ލިބޭތޯ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް މަސައްކަތް ކުރުން ލާޒިމު ވެގެންވެއެވެ.

ރަމަޟާން މަހުގެ ފަހު ދިހައިގެ ސަވާބާއި ނަރަކައިން މުއްތި ކުރެއްވުންލިބޭ ބާއްޖަވެރިން ކަމުގައިވޭތޯ އަތުކުރި އޮޅާއިލާށެވެ. އެކަމަށްޓަކައި ގަދައަޅައި މަސައްކަތް ކުރާށެވެ!

މައުލޫމާތު: ހުކުރުޚުތުބާ

+1
0
+1
2
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް