November 23, 2024 12:50
Advertisement

-Advertisement-

ކުރުވާހަކަ: މަގޭހިތަކީ ހިތެއްނޫންހޭ

ޝަމާއިލް ޑޮކްޓަރީކަން ކިޔަވައި ޚާއްސަވީ އޮޕަރޭޝަނާއި ނާރަށެވެ. މިހާރު ރާއްޖޭގެ މަޝްހޫރު ޑޮކްޓަރެކެވެ. ގިނަ ވަގުތު ހޮސްޕިޓަލުގައި މަސައްކަތް ކުރެވުނަސް އޭނައަށް ދައްކަން ތިބި ބަލި މީހުން މަދެއް ނޫނެވެ. ކިޔު ދިގުވަމުން ދިޔައިރު ކޮންމެ ދުވަހަކު އެތައް ބަލި މީހުނެއް ބަލައެވެ. ކުޑަ އާއިލާއެއް ލިބިފައިވާ ޝަމާއިލް އަބަދުވެސް ބޭނުންވަނީ އާއިލާއަށް ވަގުތު ހޭދަކުރާށެވެ. ނަމަވެސް ހޮސްޕިޓަލްގެ މަސައްކަތް ބުރަކަމުން ވަގުތު ދެވެނީ ވަރަށް މަދުންނެވެ. އެކަމުގައި ޝަމާއިލްގެ އަންހެނުންގެ އެއްބާރުލުން އިންތިހާ އަށް ނުލިބޭނަމަ މި ގޮތަކަށް ނޫޅެވުނީހެވެ.

 

ހޮސްޕިޓަލްތެރެ އޮތީ ހަލަބޮލިވެފައެވެ. އެކްސިޑެންޓެއްގައި ގިނަ ބަޔަކަށް އަނިޔާ ވެފައިވާތީ އެމީހުންނަށް ފަރުވާ ދޭން ޑޮކްޓަރުންނާއި ނަރުހުން އަވަދިނެތި އުޅެމުން ދިޔައެވެ. އެ ހޮސްޕިޓަލަކީ ރާއްޖޭގައި ހުރި އެންމެ ރަނގަޅު ހޮސްޕިޓަލް ތަކުގެ ތެރެއިން ހިމެނޭކަމަށް ގިނަމީހުން ކިޔާ ތަނެކެވެ. އަބަދުވެސް އެ ހޮސްޕިޓަލަށް އޮންނަނީ ބާރު ބޮޑުވެ ދައްކަން ބޭނުންވާ ޑޮކްޓަރަށް ނަންބަރު ނުލިބިފައެވެ.

 

"ޑޮކްޓަރ ޝަމާއިލް. ވަރަށް އަވަހަށް އޮޕަރޭޝަން ތިއޭޓަރަށް ދާން އެބަޖެހޭ. ވަރަށް ހާލު ދެރަ" ޝަމާއިލް އަށް އައީ ފޯނު ކޯލެކެވެ. ހާލު ދެރަ ބަލި މީހަކަށް ފަރުވާދޭން ދާން ޖެހުނީއެވެ.

Advertisement

 އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް އެހެން ޑޮކްޓަރުން ދަނީ ފަރުވާ ދެމުންނެވެ. ޝަމާއިލް ބާރަށް ނިކުމެކެގެން އޮޕަރޭޝަން ތިއޭޓަރާއި ދިމާލަށް ހިނގައިގަތެވެ. ދޮރު ހުޅުވާލާފައި އެތެރެއަށް ވަނުމާއި އެކު ޑޮކްޓަރ ޝަމާއިލް ހުއްޓުން އެރިއެވެ. ކުރިމަތީގައި އޮތީ ދުވަހަކުވެސް ހިތުން ނުފިލާނެ މީހެކެވެ. ތާ އަބަދު އެމީހެއް ލޮލުން ދެކިލުމަށް އެދި ގޮވަމުންދާ މީހެކެވެ. އެމީހެއްގެ ފިރުމުމަށް އަބަދު އިންތިޒާރު ކުރަމުން ދިޔަ މަންމައެވެ. މުޅި މީހާގެ މޫނުމަތިން ލޭގެ ކޯރު ދެމިފައި ހުއްޓެވެ. ހަށިގަނޑުގެ އެކި ހިސާބު ތަކަށް ބޮޑެތި އަނިޔާ ވެފައިވާތީ އަވަހަށް އޮޕަރޭޝަނެއް ކުރުން ނޫން ގޮތެއް ނެތެވެ. މަޑުމަޑުން ގޮސް ޝަމާއިލް ބަލިމީހާގެ އަތުގައި ހިފެހެއްޓިއެވެ. އަތަށް ހީވީ ކަރަންޓް އައިހެންނެވެ. ދިގު އިންތިޒާރަކަށްފަހު މަންމަ ލޮލުން ފެނުމުގެ ނަސީބު ލިބުނީއެވެ. އެކަމަކު އުންމީދު ކުރި ގޮތަކަށް ނޫނެވެ. މި ފެނުނީ މަރާއި ހަނގުރާމަ ކުރަނި ކޮށެވެ. ލަސްތަކެއް ނުވެ ފަރުވާ ދޭން ފެށިއެވެ. ބައެއް ފަހަރު އުންމީދު ކެނޑޭ ފަހަރުވެސް އާދެއެވެ. ނަމަވެސް ހިތްވަރާއި އެކު މަސައްކަތް ކުރަމުން ދިޔައީއެވެ.

 

ސޯޅަ ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު މަންމަގެ ލޯ ހުޅުވައިލިއެވެ. ގާތުގައި ތިބި މީހުންގެ ތެރެއިންވެސް އެންމެ ފުރަތަމަވެސް މަންމަގެ ލޮލުގައި އަޅައިގަތީ ޝަމާއިލެވެ.

"ދަރިފުޅާ. މިތާ ކީއްތިކުރަނީ. ތިއީ ޑޮކްޓަރެއްތަ. މަންމައަށް އެހީވީ ދަރިފުޅުތަ" ޝަމާއިލްގެ މަންމަ ވާހަކަ ދައްކަން ފެށުމުން އެކަން އެވަގުތަށް ހުއްޓުވިއެވެ. އަދި ހަމައަކަށް ނޭޅޭތީއެވެ. މަންމަ އަށް އަނެއްކާވެސް ނިދުނީއެވެ. ލިބިފައިވާ އަނިޔާގެ ތަދުތައް ހަށިގަނޑުން ފިލައިގެންދާން ވަގުތު ނަގާނެއެވެ. މަންމަ ނިދުމާއި އެކު ޝަމާއިލް އެނބުރިލީ އެހެން ބަލި މީހުންނަށް ފަރުވާ ދިނުމަށެވެ. ދުވަހުގެ މަސައްކަތް ކިތަންމެ ބުރަ ނަމަވެސް ސިކުނޑީގައި އެނބުރެނީ މަންމަގެ ޚިޔާލެވެ. މި ހުރިހާ ދުވަހު ޝަމާއިލް ދޫކޮއްލާފައި ދިޔައީ ކޮންތާކަށް ހެއްޔެވެ. ޝަމާއިލް މިހާލުގައި އެކި ގޭގައި މަސައްކަތް ކޮއްގެން މޮޅު މީހަކަށްވީ އިރު މަންމަ ކޮބައިހެއްޔެވެ. ހަމަ ޔަގީނުންވެސް އުމުރުން ހަތަރު އަހަރުން ފެށިގެން މަންމަ ގެއްލިއްޖެއެވެ. ބައްޕަ ނިޔާވި ފަހުން މަންމައެއް ނުފެނެއެވެ.

 

މަސައްކަތުގެ ވަރުބަލި ކަމަށްފަހު ޝަމާއިލް ގޭގައި މަޑުކޮއްލި ވަގުތެވެ. ދަރިފުޅު އައިސް ޝަމާއިލް އުނގުގައި ވާހަކަ ފޮތެއް ހިފައިގެން އިނެވެ. އަދި އަނބިމީހާ ބަދިގެ ތެރޭގައި އަވަދިނެތި އުޅެމުން ދިޔައީ ކެއްކުމުގައެވެ. ޝަމާއިލް ގެއަށް އަންނަ ވަގުތަކީ އެންމެ އުފާވެރި ވަގުތެވެ. ގެއަށް ވަންނަ ވަގުތަކީ އުފާވެރި ވަގުތަކަށް ހެދުމަށް އަނބީހާ ވަރަށް މޮޅެވެ. ޝަކުވާ ކުރުމަކީ އޭނާ އެއްގޮތަކަށްވެސް ދަންނަ ކަމެއް ނޫނެވެ. އަބަދުވެސް ޝަމާއިލްގެ ޚިދުމަތުގައެވެ. އެހާ ބުރަކޮށް އުޅޭއިރުވެސް ދުވަހަކުވެސް ދަރިފުޅާއި ޝަމާއިލްގެ ކަމެއް ނުވެ ނޯންނާނެއެވެ. އަދި މިދުވަސްކޮޅު ޝަމާއިލްގެ މަންމަ ހޮސްޕިޓަލްގައި އޮތުމުން މަންމަ ގާތަށް ވެސް ދެއެވެ.

"ހެލޯ ޑޮކްޓަރ. އޮޕަރޭޝަން ކޮއްފައި އޮތް ބަލި މީހާ މިއަދު ދޫކޮއްލާ ދުވަސް ނޫންތޯ" ޝަމާއިލަށް އައީ ފޯން ކޯލެކެވެ. ތެދެކެވެ. މަންމަ ދޫކޮއްލާ ދުވަހެވެ. އެކަން ހަނދާންވެސް އެބަހުއްޓެވެ. އަދި ވަގުތު އޮތުމުން މަޑުކޮއްލީއެވެ. ޝަމާއިލް ތައްޔާރުވެގެން ދިޔައީ ހޮސްޕިޓަލަށެވެ. ބަލިމީހުންގެ ވޯޑަށް ވަދެވުނުއިރު މަންމަ އެނދުން ތެދުވެގެން ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ.

"ދަރިފުޅާ. ހާދަ ލަސްވެއްޖޭ" މަންމަ އައިސް ޝަމާއިލްގެ ގައިގައި ބައްދައިލިއެވެ.

"މަންމަ އެބައޮތް ވާހަކައެއް ދައްކާލަން. ވަގުތު ކޮޅެއް ލިބިދާނެތަ" ޝަމާއިލްގެ އަތުގައި ހިފަހައްޓައިގެން އިނދެ ބުނެލިއެވެ.

"ކޮން ވާހަކައެއް" ޝަމާއިލް އެހިއެވެ.

"އަޑުއަހާށެވެ. ދަރިފުޅުގެ ބައްޕަ އާއި މަންމަ ކައިވެނި ކުރީ ވަރަށް ލޯބިންނެވެ. ކައިވެނި ކުރިތާ ދެއަހަރުވީ ތަނާހެން ދަރިފުޅު ލިބުނެވެ. ދަރިފުޅުގެ ބައްޕައަކީ ވަރަށް އޯގާތެރި އަދި ކެތްތެރި ކަމުގެ ލާމަސީލް ބައްޕައެކެވެ. މަންމަ ކުރާ އެއްވެސް ކަމަކަށް ހުރަހެއް ނާޅާ ކޮންމެ ކަމަކަށްވެސް މިނިވަންކަން ދީފައި އޮވެއެވެ. އާދައިގެ ދިރިއުޅުމެއް އުޅެމުން ދިޔައީ ބައްޕައަށް ލިބޭ ލާރިކޮޅުން އެކަނި ނަމަވެސް އެއްވެސް ޝަކުވާއެއް ނުކޮށް ކުރިއަށް ދިޔައީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ. ނަމަވެސް އަހަރެމެންގެ ދިރިއުޅުން އަނެއް ފުށަށް ޖެހީ ރަށަށް ޒިޔާރަށް ކުރި މެހެމާނެއްގެ ސަބަބުންނެވެ. އޭނަގެ މުއްސަނދިކަމުގެ އަވައިގައި މަންމަ ރަނގަޅަށްވެސް ޖެހެވުނެވެ. އޭނާގެ ފަހަތުން ދުވެވުނީއެވެ. އެކަންވެސް ދަރިފުޅުގެ ބައްޕައަށް އެނގުނުއިރުވެސް މަންމައަށް ދެރަވެދާނެތީ އަޅާނުލާ ހުރީއެވެ. މަންމަ ބޭނުންވީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އެ މުއްސަނދި މީހާ އާއި ކައިވެނި ކޮއްގެން މުއްސަނދި ދިރިއުޅުމެއް އުޅޭށެވެ. އަދި އެމީހާ އާއި އެކީގައި މެލޭޝިޔާގައި ދިރިއުޅެން ނިންމީމެވެ. މުޅި ދުނިޔެ ބަލާލާ އުދުހިލާ އުފާކޮއްލަން ބޭނުންވިއެވެ. ނަމަވެސް އެވަރުންވެސް ދަރިފުޅުގެ ބައްޕަ މަންމަ ވަރިއެއް ނުކުރިއެވެ. މަންމައަށް ވިސްނިދާނެ ކަމަށް ބަލާފައި އަޅާނުލާ ދޫކޮއްލަނީއެވެ. ދެން ހަދާނެގޮތެއްނެތި ގޮތް ހުސްވިއެވެ. ދަރިފުޅުގެ ބައްޕަގެ ކިބައިން ސަލާމަތް ނުވުމުން އެންމެ ފަހުން ޒަހަރުދީ މަރާލަންވެސް އުޅެފީމެވެ. ކޮންމެ ފަހަރަކުވެސް އެކަން ވަނީ ނާކާމިޔާބެވެ. އަޑުއަހާށެވެ. އެއްރޭ ދަރިފުޅުގެ ބައްޕަ ނިދާފައި އޮތީ ވަރަށް ހަމަޖެހިލައިގެންނެވެ. ގައި މަތީގައި ރަޖާ އަޅައިގެން ވަރަށް އަރާމްކޮށް ނިދާފައި އޮތެވެ. އެރެއަކީ ގަދައަށް ވިއްސާރަ ރެއެކެވެ. ކައިރީގައި ހުންނަ މީހާވެސް ނުފެންނަހާ ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. އެވަރަށް ގުގުރާ ވައިގަދަވިއެވެ. ބައްޕަ ނިދާފައި އޮތް އިރު ޖެހިގެން ހުރި އެނދުގައި ދަރިފުޅުވެސް ނިދާފައި އޮތެވެ. މަންމަ ގޮސް ބައްޕަގެ ނިތް ކުރީގައި އަތް ޖައްސާލީމެވެ. ރަނގަޅަށްވެސް ނިދާފައެވެ. ކޮޓަރި ތެރޭގައި އަޑުގަދަވެދާނެތީ އެކަމަށް ވެސް މަންމަ ހުރީ ތައްޔާރު ވެގެންނެވެ. ދަރިފުޅު ހޭލަ ފާނެތީއެވެ. ދަރިފުޅު ހޭލައިފިއްޔާ މަންމަގެ މަސައްކަތް ކާމިޔާބު ނުވާނެތީ ހުރީ ވަރަށް ބިރުންނެވެ. ވަގުތު ބަލާފައި ބައްޕަގެ ނޭފަތުގައި ހިފައި ބާރު ކޮއްލީމެވެ. ނަމަވެސް ދަރިފުޅުގެ ބައްޕަ ނޭވާ ހާސްވެގެން އެއްލި އަތުން މަންމަގެ މޫނު މަތީގައި ޖެހި ނޭފަތް ފެޅުނެވެ. އަދި ބައްޕަ ކޮޅަށް ތެދުވި ވަގުތު ބަލައި ކައިރީގައި އޮތް ލަކުޑި ގަނޑަކުން ބައްޕަގެ މޫނު މަތީގައި ޖެހީމެވެ. ވަގުތުން ޚަބަރު ހުސްވެ ބިންމައްޗަށް ވެއްޓުނެވެ. އެވަގުތު ދަރިފުޅު މޯޅިއަކަށް ދެމިލިތަން ފެނިފައި މަންމަ ގޮސް ދަރިފުޅުގެ ގާތުގައި އޮށޯތީ ދަރިފުޅު ހޭލަފާނެތީއެވެ. މަންމަ ބިންމައްޗަށް ބަލައިލީ ބައްޕަ ކޮބައިތޯއެވެ. އެއިރު ބައްޕަ ފިރުކެމުން މަންމަ އާއި ދިމާލަށް އާދެއެވެ. އެމަންޒަރު ފެނިފައި އެ ލަކުޑި ގަނޑުން ދެވަނަ ހަމަލަ ބައްޕަގެ ބޮލަށް އަމާޒު ކޮއްލީމެވެ. މުޅި ކޮޓަރި ލޭގެ ކޯރެއް ދެމިގެންފިއެވެ. މަންމައަށް ހަދާނެ ގޮތް ހުސްވިއެވެ. މަޑުމަޑުން ދަރިފުޅުގެ ބައްޕަ ނޭވާ ލާތޯ ނޭފަތާއި މަންމަގެ ކަންފަތް ކައިރި ކޮއްލީމެވެ. ނޭވާގެ އަޑު މަންމަގެ ކަންފަތުގައި ޖެހުނީ ބޮޑު ތޫފާނެއްގެ ސިފައިގައެވެ. މަންމަގެ ލޭ ހޫނުވެ ރުޅި ކޮންޓްރޯލުން ނެއްޓުނެވެ. ދަރިފުޅުގެ ބައްޕަގެ ނޭފަތާއި އަނގައާއި އެކީ ބަންދުކޮއްލީ މަރާލުމަށެވެ. އެކަމަށް ނެގީ ފަސްވަރަކަށް މިނިޓެވެ. ބައްޕަ މަރުވިކަން ޔަގީން ވުމާއި އެކު މަންމަގެ ލޯބިވެރިޔާއަށް ގުޅީމެވެ. ގިނައިރެއް ނުވަނީސް އޭނަ އައިސް ބައްޕަގެ ހަށިގަނޑު ގެންދިޔައެވެ. އަދި ފައިސާގެ ބާރުގައި ދަރިފުޅުގެ ބައްޕަގެ މަރުން ސަލާމަތްވިއެވެ. އަދި މަންމަ އާއި އޭނަ ކައިވެނި ކޮއްގެން މެލޭޝިއާ އަށް ބަދަލުވީ ދަރިފުޅު މަންމަގެ ރައްޓެއްސަކާއި ހަވާލު ކޮއްފައެވެ. އެއީ ދަރިފުޅުގެ ބައްޕަގެ އެއްވެސް ހަނދާނެއް ފެންނަން ބޭނުން ނުވާތީއެވެ. އެއަށް ވުރެ މަންމަ ކައިވެނި ކުރި މީހާ ދެކެ މާ ލޯބިވިއެވެ. ދަރިފުޅާއެވެ. އަޑުއަހާށެވެ. ކައިވެންޏަށްފަހު މަންމަމެން އުޅުނީ ވަރަށް އުފަލުގައެވެ. ވިޔަފާރީގައި ނުދާ ގައުމެއް ނެތޭ ވެސް ބުނެވިދާނެއެވެ. ބޭނުން ހުރިހާ ކަމެއް ފުދިގެން އުޅުނީމެވެ. އަދި ރާއްޖެ ދުވަހަކުވެސް ނާންނަން ނިންމީމެވެ. ދަރިފުޅާއެވެ. މަންމަގެ އުމުރުން ސާޅިސް އަހަރުވެ އުފަން ދުވަހުގެ ޕާޓީ އޮތީ މެލޭޝިޔާގެ އަގުބޮޑު ހޮޓަލެއްގައެވެ. ވަރަށް ފުރިހަމައެވެ. ނަމަވެސް އެރޭ ކޮންމެވެސް ކަމެއް އުނިވަމުންދާ ކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ. ނަމަވެސް އެއީ ކޮންކަމެއް ކަމެއް ނޭނގުނެވެ. ނަމަވެސް މަންމަގެ ފިރިމީހާ އެހެން އަންހެން ކުއްޖަކާއި މާ ގައިގޯޅިކޮށް އުޅޭތަން އަލަށް ފެނުނެވެ. އަދި އެކަމާއި އަޅާ ނުލައި މަޑުކުރީ އުފަންދުވަހުގެ ޕާޓީގެ ކަންތައް ނިމި ގެއަށް އަންނަންދެނެވެ. ޕާޓީ ނިމި ގެއަށް އައިސް ވަނުމާއި އެކު މަންމަ އެސުވާލު ކޮއްލީމެވެ. ޖަވާބަކަށް އައީ އެއީ ލޯބި ވެރިޔާ ކަމެވެ. މަންމަ އާއި ކައިވެނި ކުރިއިރުވެސް އެ ލޯބިވެރިޔާ ހުންނަ ކަމަށާއި ވިޔަފާރި ދަތުރު ތަކުގައި ވެސް ބައިވެރި ކުރާ ކަމަށެވެ. މަންމަ އެކަމަށް ދެކޮޅު ހެދީމެވެ. އަދި މަންމަ ވީ ގުރުބާނީ ހަނދާން ކޮއްލަ ދިނީމެވެ. ނަމަވެސް އިވުނު ޖުމްލައަކީ ތީ ކަޓު މީހެއް ކަމަށާއި މިހާރު ލޯބި ނުވާ ކަމަށެވެ. އަދި އެވަގުތުން ފެށިގެން މަންމަ ވަރި ކުރިކަން އިޢުލާން ކުރިއެވެ. އެރޭ ވަރަށް ރުއީމެވެ. އަދި ޖެހިގެން އައި ދުވަހުގެ ފްލައިޓުން މާލެ ދާން ފުރީމެވެ. ދަރިފުޅު ދުނިޔޭގައި ހުންނާނެ ކަމެއްވެސް ނޭނގެއެވެ. ފްލައިޓުން ފައިބައިގެން މާލެ ދާން ޓެކްސީ އަކަށް އެރީމެވެ. ޓެކްސީ ބްރިޖަށް އެރިތަނާހެން ފަހަތުން އައި އެހެން ކާރެއް މަންމަ އިން ކާރުގައި ޖެހި އެކްސިޑެންޓްވިއެވެ. ދެން ވީ ގޮތެއް ނޭނގުނެވެ. ހޭވެރިކަން ވީއިރު މި އޮތީ ހޮސްޕިޓަލްގައެވެ. އަދި ކައިރީގައި ފަރުވާ ދޭން ހުރީ މަންމަގެ ހުރި ހަމަ އެކަނި ދަރިފުޅު ޝަމާއިލެވެ. ޝަމާއިލްގެ މަންމަ ރޯންފެށިއެވެ. މަންމަ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ދިޔައިރު ޝަމާއިލަށްވެސް ވަނީ ރޮވިފައެވެ.

"މަންމާ" ޝަމާއިލް ވާހަކަ ދައްކަން ފެށިއެވެ.

"އަހަރެން އުޅުނީ ވަރަށް ހާލުގައެވެ. ގިނަ ފަހަރަށް ނުކައި ހުންނަމެވެ. ކާނެ އެއްޗެއް ނުލިބިގެންނެވެ. އުޅެ ބޮޑުވީ ރަށުތެރޭގައި އެގޮތް މިގޮތަށް އުޅެމުންނެވެ. ނަމަވެސް އެވަރުންވެސް ވިޔާނުދާ ކަމެއް ނުކުރަމެވެ. ނަމާދުކޮށް ގުރުއާން ކިޔަވަމެވެ. އެހެން އުޅޭއިރު ވަރަށް ގިނަ އަނިޔާވެސް ލިބެއެވެ. ކުދިންގެ ފަރާތުންނެވެ. ގައިގެ އެތަންމިތާ ތަޅައި ހަދައެވެ. ތީ ރަށްމެދު ކުއްޖެކޭ ކިޔައި އެއްޗެހި ގޮވައެވެ. ނަމަވެސް އެވަރަކުންވެސް އަހަރެންގެ ހިތްވަރު އެލުވައެއް ނުލަމެވެ. ހިތްވަރާއި އެކު ކުރި މަސައްކަތުން އޯލެވެލްގެ ގަދަ ދިހައެއްގައި ހިމެނުނެވެ. އެހުރިހާ ކަމެއްވެގެން ދިޔައިރުވެސް އަހަރެންގެ މަންމަ އަދި ބައްޕަ ވެސް ނެތެވެ. މިހާރުވެސް އަހަރެންގެ ގައިގައި މި ހުރީ މީހުން ކުރި އަނިޔާގެ ލަކުނެވެ. މަންމާއެވެ. އަހަރެންގެ އަތުގައި ނަސީބު ހިފީ މިރަށަށް އައި ބައެއްގެ ލޮލުގައި އަހަރެން އަޅައިގަތް ހިސާބުންނެވެ. އަހަރެންގެ ތޫނުފިލިކަން ފެނިފައި އިތުރަށް ކިޔެވުމަށް މަގު ކޮށައި ދިނެވެ. ހުރިހާ ޚަރަދެއް އެމީހުން ކުރާ ގޮތަށެވެ. އަހަރެން ބޭނުންވީ ޑޮކްޓަރަކަށް ވާށެވެ. އަހަރެންނަށް ލިބުނު އަނިޔާ އެހެން ބަޔަކަށް ލިބިއްޖެއްޔާ ފަރުވާ ކުރާށެވެ. އެގޮތުން ޑޮކްޓަރީކަން ކިޔަވައިގެން އައިސް މި ހޮސްޕިޓަލުގައި މަސައްކަތް ކުރާތާ ހަތަރު އަހަރު ވެއްޖެއެވެ. އެހިސާބަށް ބުނެވުނު ތަނާހެން ޝަމާއިލަށް ރޮވެން ފެށުނެވެ. އަދި މަންމަގެ ގައިގާ ބާރަށް ބައްދައިލިއެވެ. "ދަރިފުޅާ. ދަރިފުޅާ. މަންމައަށް މަޢާފް ކުރޭ. މަންމައަށް މިވީ ވަރަށް ބޮޑު ކުށެއް. ދަރިފުޅާއި އެކު މަންމަގެ ބާކީ ބައި ހޭދަ ކުރުމުގެ ފުރުސަތު ދީ" ޝަމާއިލްގެ މަންމަ ރޯންފެށިއެވެ.

"މަންމައަށް މަޢާފް ކޮއްފިން. ދެން މަންމަ އުޅޭނީ އަހަރެމެންނާއި އެކީ" ޝަމާއިލް މަންމައަށް މަޢާފް ކުރިއެވެ.

"ދަރިފުޅާ. ދުނިޔެއަކީ އެއްވެސް ތަނެއް ނޫން. ފައިސާ މުދާ އަދި ރީތި ކަމާއި ބާރު ނިމިގެން ހިނގައިދާނެ. އެހެންނަމަވެސް ތައްޔާރުވާންވީ އާޚިރަތަށް. މަންމަ ވަރަށް އުފާވެއްޖެ ދަރިފުޅު ގޯސް މަގަކުން ނުދިޔަކަން. އަދި ނަމާދުކޮށް ގުރުއާން ކިޔަވާކަން" މަންމަ ޝަމާއިލްގެ ގައިގައި ބާރަށް ބައްދައިލިއެވެ.

މަންމާއެވެ. މަގޭ ހިތަކީ ހިތެއް ނޫންހެއްޔެވެ. ޝަމާއިލަށް ބޭ އިޚްތިޔާރުގައި ބުނެލެވުނެވެ. 

= ނިމުނީ =  

+1
0
+1
2
+1
5
+1
0
+1
2
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް