November 24, 2024 02:47
Advertisement

-Advertisement-

އަސަރުގަދަ ވާހަކައެއް: އަލިފާނުގެ ވަޅުތަކުގައި އަންދައިލެވުނު މީހުންގެ ވާހަކަ

އިސްލާމްދީން ދޫކޮށްނުލުމުގެ ސަބަބުން އަލިފާނުގެ ވަޅުގަނޑުތަކަށް އެއްލައިލެވުނު މީހުންގެ ވާހަކައަކީ އަސަރުގަދަ ރީތި ވާހަކައެކެވެ. މި ދީނަށްޓަކައި އެބައިމީހުންގެ ފުރާނަ ޤުރުބާންކުރި ހިތްވަރުގަދަ ބައެއްގެ ވާހަކައެކެވެ.

އިސްލާމްދީނަށް ވަނުމުގެ ސަބަބުން އަނިޔާ ލިބުނު މީހުންގެ ވާހަކަތައް ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅުތަކުންނާއި ކީރިތި ޤުރްއާނުން އެނގިގެންދެއެވެ. މި ވާހަކަތައް އަހަރެމެންނާ ހަމައަށް އައުމުގެ އެންމެ މުހިންމު ސަބަބަކީ މި ވާހަކަތަކުން ޢިބްރަތް ލިބިގަތުމެވެ. ހިތްވަރު ލިބިގަތުމެވެ. އަދި މި ދުނިޔެއަކީ މުސްލިމުންނަށް ޖަލެއްފަދަ ތަނެއްކަން ބަޔާންކޮށް ދިނުމެވެ. މި ތަނުގައި ހިތްދަތިކަމާއި ދުއްތުރާތައް ޖެހޭނެކަމެވެ. ކުރީގެ އުއްމަތްތަކުގެ މީހުން މިފަދަ ކަންކަމަށް ކެތްތެރިވި ފަދައިން އަހަރެމެންވެސް ކެތްތެރިވުމަށްޓަކައެވެ.

އެއް ޒަމާނުގައި އުޅުނު ރަސްގެފާނެކެވެ. އޭނާއީ ކަލެއްކަމުގައި ދެކިގެން އުޅުނެވެ. އަދި އޭނާއަށް އަޅުކަން ކުރުމަށް މީސްތަކުންނަށް އަމުރު ކުރަމުން ދިޔައެވެ. ނަމަވެސް، ރަސްގެފާނުގެ ރަށުން ބަޔަކު މާތްﷲ އަށް އީމާންވިއެވެ. މާތްﷲ އީ އެއްކައުވަންތަ އިލާހުކަމަށް ޤަބޫލު ކުރިއެވެ. މި ޚަބަރު ރަސްގެފާނުގެ އަރިހަށް ގެނެވުނެވެ. އަދި ދެންނެވުނެވެ. މަނިކުފާނު، އެ ކަމަކާ ބިރުފުޅުން އުޅުއްވި ކަންތަކާމެދު ދަންނަވަމެވެ. ހަމަކަށަވަރުން، އެ ކަން މެދުވެރިވެއްޖެއެވެ. މީސްތަކުން اللَّهُ އަށް އީމާންވެއްޖައޫއެވެ!.  އެ ހިނދު ރަށުގެ މަގުތަކާއި ގޯޅިތަކުގައި ފުން ވަޅުގަނޑުތައް ކޮނުމަށް ރަސްގެފާނު އަމުރުކުރެއްވިއެވެ. އަދި އެ ވަޅުގަނޑުތަކުގައި އަލިފާން އެންދުމަށް އެންގެވިއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "ވަޅުގަނޑުގެ އެކުވެރިންނަށް ލަޢުނަތް ލެއްވިއެވެ. (އެ ވަޅުގަނޑަކީ) ދަރުއަޅައި ރޯކޮށްފައިވާ އަލިފާންގަނޑެވެ." އަދި އެންގެވިއެވެ. އެ މީހެއްގެ (އައު) ދީން ދޫކޮށްނުލައިފި ކޮންމެ މީހަކު، އެ ވަޅުގަނޑުތަކަށް އެއްލައިލާށެވެ! ފަހެ، އެބައިމީހުން އެފަދައިން ކަންކުރޫއެވެ. އެ ގޮތުގައި ކުޑަކުއްޖަކު ގޮވައިގެންހުރި އަންހެނެއްގެ ދައުރު އައެވެ. އެ ހިނދު އެ ކުޑަކުއްޖާފުޅު އެ ވަޅުގަނޑަށް އެއްލާލައިފާނެކަމަށްޓަކައި، އެ ކަނބުލޭގެ ބިރުވެތިވިއެވެ. އެ ހިނދު އޭނާގެ މަންމަ އަށް އެ ކުޑަކުއްޖާ ބުންޏެވެ! އޭ ލޮބުވެތި މަންމާއެވެ! ކެތްތެރިވެލައްވާށެވެ! ހަމަކަށަވަރުން، މަންމާ ތިޔަހުންނެވީ ޙައްޤުގޮތުގައިކަން ކަށަވަރެވެ! (ރިޔާޟުއް ޞާލިޙީންގެ ދިވެހި ތަރުޖަމާ/ ޞަޙީޙު މުސްލިމް).

Advertisement

މާތްﷲ އަށް އީމާންވުމުގެ ސަބަބުން އަނިޔާ ލިބެމުން ދަނީ އިއްޔެއަކު އަދި މިއަދަކު ނޫނެވެ. އެއީ އަބަދުވެސް ދުނިޔޭގައި މިކަން ހިނގާ އުޞޫލެވެ. ވަރުގަދަ އީމާނުގެ އަހުލުވެރިންނަށް ދުއްތުރާތަކާއި ދަތި އުނދަގޫތައް ޖެހެއެވެ. ޙައްޤުގެ އަހުލުވެރިން ޖަލަށް ލެވިގެންދެއެވެ. އަދި މާތްﷲ ގެ މަގުގައި ޡާބިތުވެ އުޅުން މިވަނީ އުނދަގޫ ދަތިކަމަކަށްވެފައެވެ. އަދި މަލާމާތާއި ފުރައްސާރައާއި ކުރިމަތިވެއެވެ. މިފަދަ ވާހަކަތަކުން ލިބެންވީ ޢިބްރަތަކީ ތިބާ ދީނަށްޓަކައި ތިއުފުލާ ބުރައާއި، ތަހައްމަލުކުރާވޭނާއި އަދި ކުރެވޭ ފުރައްސާރައަކީ ކުޑަ މިންވަރެއްކަމެވެ. ތިބާގެ މުސްލިމު އަޚުންނާއި އުޚްތުންތަކެއް ވަނީ އެބައިމީހުންގެ ފުރާނަތައް ދިރިހުއްޓައި އަންދާލާފައެވެ. އެބައިމީހުންގެ ކުރިމަތީގައި ދަރިން އަލިފާންގަޑަށް އެއްލައިލެވިފައެވެ. މިކަން ބަޔާންކުރައްވައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. "مؤمن ންނަށް އެއުރެން ކަންތައްކުރާގޮތް، އެއުރެން ދެކޭންތިބި ހާލު ގައެވެ. އަދި عزيز ވަންތަ، ގިނަގިނައިން ޙަމްދު ލިބިވޮޑިގެންވާ اللَّه އަށް އެއުރެން އީމާން ވާކަމަށްޓަކައި މެނުވީ، އެ ކާފިރުން އެއުރެންނާމެދު ނުރުހުންތެރިއެއް ނުވެތެވެ."

މުސްލިމުންނަށް ދުއްތުރާ ކުރާ މީހުންނަށް ވަނީ ވޭންދެނެވި ޢަޛާބެވެ. މިއީ މާތްﷲ ވަޢުދުފުޅެވެ. އެއީ ދުލުންވިޔަސް އަދި އަތުންވިޔަސް ތިބާގެ ފަރާތުން އެހެން މުސްލިމަކަށް ދުއްތުރާ ކުރުމެވެ. ފުރައްސާރަކުރުމެވެ. މަލާމާތް ކުރުމެވެ. ހިތާމައަކީ އަޅުގަނޑުމެންގެ މި މުޖުތަމަޢުގައިވެސް އިސްލާމްދީނަށް އުޅެން މަސައްކަތްކުރާ މީހުންނަށް ފުރައްސާރަ ކުރާ ކަމެވެ. ދުއްތުރާ ކުރާކަމެވެ. އޭނާ ހެދުން އަޅާ ގޮތެވެ. ހުންނަ ގޮތެވެ. އެއީ އިހާނެތިކަމެވެ. އިޙްތިރާމް ކުޑަ ކުރުމެވެ. ދުނިޔޭގައި މުއުމިނުންނަށް އިހާނެތިކޮށް ކަންތައްކުރާ މީހުންނަށް އަލިފާނުން ޢަޛާބު ދެއްވާނެކަމީ އެކަލާނގެ ވަޢުދުފުޅެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "ހަމަކަށަވަރުން، މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުން، دين އެއްކިބާކުރުމަށް އަނިޔާދީ އުނދަގޫކޮށް، ދެން ތައުބާ ނުވި މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނަށް ނަރަކައިގެ ޢަޛާބު ހުށްޓެވެ. އަދި އެއުރެންނަށް އަނދައަނދާ ހުންނަ އަލިފާނުގެ ޢަޛާބު ހުށްޓެވެ."

މުސްލިމުން ދަންނަންވީ ޙަޤީޤަތަކީ މި ދުނިޔޭގައި މާތްﷲ ލެއްވި އެންމެ މަތިވެރި ޞާހިބާ ކީރިތި މާތް ނަބިއްޔާއަށް ފުރައްސާރަ ކުރެވުނެވެ. ދަތިތަކާއި ކުރިމަތިވެވަޑައިގެންނެވިއެވެ. ދުއްތުރާތައް ކުރެވުނެވެ. އެކަލޭގެފާނު ނަމާދަށް ހުންނަވަނިކޮށް ބުރަކަށިފުޅު މައްޗަށް ކުނި ގޮހޮރު އެޅިއެވެ. އެކަލޭގެފާނަށް ސިހުރުވެރިއެކޭ ކިޔެވެ. މޮޔައެކޭވެސް ކިޔެވެ. ވީމާ، އަހަރެމެން ފަދަ އާދައިގެ އިންސާނުންނަށް މީސްތަކުންގެ ދުލުގެ ނުބައިކަމުން ސަލާމަތްވެދާނެ ކަމަށް ހީކުރުމީ މޮޔަކަމެކެވެ. އަހަރެމެން ވާންވީ އެ ހުރިހައި ހުރަސްތަކާއި އެކުގައިވެސް އިސްލާމްދީނުގައި ޘާބިތުވެ ތިބޭ ބަޔަކަށް ވާށެވެ.

ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. "سوف يأتي على أمتي زمان المحافظ فيه على دينه كالقابض على الجمر" މާނައީ: ފަހު ޒަމާނުގައި މި ދީނަށް ރައްކައުތެރިވެގެން އުޅުމަކީ، އަތަށް އަނގުރު އަލިފާންގަޑެއް ލައިގެން އުޅުމާއި އެއްފަދަ ކަމެކެވެ." އެބަހީ: އެހައިވެސް އުނދަގޫ ކަމެކެވެ. އަހަރެމެންނަށް އޮތީ ކެތްތެރިވުމެވެ. ކެތްތެރިންނަށް ވަނީ އުފާވެރި ޚަބަރު ދެއްވާފައެވެ. އެއީ ސުވަރުގެއެވެ.

+1
3
+1
2
+1
9
+1
2
+1
0
+1
0
+1
3

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. ތި ވާހަކަ ހަދީޘްގަ ވަރަށް ދިގުކޮށް އެބައޮތް އައިފައި.. ދީނަށްޓަކައި އަމިއްލަ ނަފްސް ޤުރުބާންކުރުމަށް ދަލީލަކަށް އެ ހަދީޘް ފުދޭ..

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް