November 24, 2024 06:56
Advertisement

-Advertisement-

ކުރުވާހަކަ: މިހަށިން ފުރާނަ ދަންދެން

އޮފީހުގައި ކިތަންމެ ބުރަ ދުވަހެއް ނަމަވެސް ލިބުނު ހުސްވަގުތުކޮޅުގައި ފޯނުނަގައި ބަލައިލީމެވެ. ސޯޝަލް މީޑިއާއަށް ވަދެ ބަލަން ފަށައިފީމެވެ. އިތުރު އެއްވެސް އާކަމެއް ނެތެވެ. މުޅިންވެސް ފެންނަނީ އެއް ވާހަކަތަކެވެ. ކޮންމެވެސް މީހަކު އޭނަގެ ހަޔާތާއި ގުޅޭ ވާހަކައެވެ. ނުވަތަ ކޮންމެވެސް ސިޔާސީ ވާހަކައެވެ. ފޫހި ފާޑަކަށް އިނދެ ފޭސްބުކް ވެސް ހުޅުވައިލީމެވެ. އެކި މީހުންގެ ޕޯސްޓްތައް ބަލަމުން ދިޔައީ އެއްވެސް ޝައުގެއްނެތިއެވެ. ދެތިން ފްރެންޑް ރިކްއެސްޓް އައިސްފައި ހުއްޓެވެ. އެކި މީހުން އެކި ނަމުގައެވެ. ނަމަވެސް އަސްލު ނަން ނޫން ނަމުގައި ފޮނުވާ ރިކްއެސްޓްތައް އަހަރެން އަބަދުވެސް ޑިލީޓް ކޮއްލަމެވެ. އެއީ ފޭކް އެއްޗެއް ކަމަށް ބަލާފައެވެ. ނަމަވެސް އެދުވަހު ފެނުނު ރިކްއެސްޓްގައި އިން މީހަކު އެއީ ކާކުތޯ ބެލުމަށް އެމީހުންގެ ފްރެންޑް ލިސްޓް ބަލައިލީމެވެ. އޭނަގެ ލިސްޓްގައި މުޅިންވެސް ތިބީ އަހަރެން ދަންނަ ކުދިންނެވެ. ނަމަވެސް އޭނަގެ އަސްލު ނަން ނުޖަހާ އޮތުމުން އެކްސެޕްޓް ކުރުން ދެތިން ދުވަހަށް މަޑުކޮއްލީމެވެ. ނަމަވެސް ކޮންމެ މީހަކު ނަމަވެސް ދެތިން ދުވަސް ފަހުން އެކްސެޕްޓް ކޮއްލުމަށްފަހު ގޮވައިލީމެވެ. އެކޮޅުންވެސް ވާހަކަ ދައްކަން ފެށިއެވެ. ނުދަންނަ މީހަކަށް ރިކްއެސްޓް ފޮނުވުނީ ކަމަށް ބުނެ މަޢާފަށް އެދުނެވެ. ނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށް ދެފަރާތުންވެސް ދެކުނީމެވެ. ފުރަތަމަ ދެފަރާތުންވެސް ތަޢާރަފެއް ދިނީމެވެ. އެއީ ކުރިން ފޮޓޯއަކުން އަހަރެން ދެކޭ އަންހެން ކުއްޖެކެވެ. ވާހަކަ ދައްކަމުން ގޮސް ގުޅުން ބަދަހިވީ ދެތިން ދުވަސް ތެރޭގައެވެ. ހީވަނީ ކުރިންވެސް ދަންނަ ދެމީހުންހެންނެވެ. ހަޔާތުގެ ވާހަކަ ދެކެވި ދެތިން ދުވަސްވީއިރު ދެމީހުންވެސް ތިބީ ރަނގަޅަށް ލޯބީގެ މަޅީގައި ޖެހިފައެވެ. އެ އަންހެން ކުއްޖާގެ ވާހަކަ އަޑު އިވުމުން އަހަރެން ވަރަށް ދެރަވިއެވެ. އެހާ ހިތްވަރު ގަދަ ކުދިން މިދުނިޔޭގައި އުޅޭނެ ކަމަށް އަހަރެން ކުރިން ގަބޫލެއް ނުކުރަމެވެ. އަހަރެންގެ ހިތް ހަމްދަރުދީން ފުރުނެވެ. އޯގާތެރި ކަމުގެ އަތް ދިއްކޮށްލެވުނެވެ. ދެމީހުންނަށްވެސް ތިބެވުނީ އެކަކު އަނެކަކަށް ދުރުގައި ނޫޅެވޭހާ ހިސާބުގައެވެ. ދުވާލުގެ ގިނަ ވަގުތުތަށް ހޭދަކުރަމުން ދިޔައީ ފޯން ކޯލްތަކުގައެވެ. ދެމީހުންގެ އިހުސާސްތައް ކިޔައި ދެމުންނެވެ. ދެމީހުންނަށް ކައިވެނި ކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެ އަންހެން ކުއްޖާ ހުރީ ކޮންމެ ގޮތެއް ހަދާފައިވެސް އަހަރެންގެ ގާތަށް އަންނާށެވެ. އަހަރެން ދެކެ ވާ ލޯބީގެ ސަބަބުންނެވެ. ދެމީހުން ދެފަސްގަނޑެއްގައި ތިއްބަސް އެ އިހުސާސް ނުވާކަހަލައެވެ. އެޒުވާން އަންހެން ކުއްޖާ ބޭނުންވީ މުޅި އުމުރަށް އަހަރެންގެ މީހަކަށް ވާށެވެ. އަދާ ކުރަމުން ދިޔަ ވަޒީފާވެސް ދޫކޮށް އަހަރެންގެ ގާތަށް އައުމަށް ބޭނުންވިއެވެ. ނަމަވެސް އަހަރެން އެކަން ހުއްޓުވީމެވެ. އަދި މަޑު ކޮއްލުމަށް ނަސޭހަތްތެރިވަމުން ދިޔައީމެވެ.

ހެނދުނު އަހަރެންނަށް ހޭލެވުނީ ފޯނު ރިންގްވާ އަޑަށެވެ. މަޑުމަޑުން ލޯ ހުޅުވުމަށްފަހު ފޯނުގެ ސްކްރީނަށް ބަލައިލީމެވެ. އެޒުވާނާއެވެ. އަހަރެން ފޯނަށް ޖަވާބު ދޭން ބޭނުން ނުވާތީ ފޯނު ބޭއްވީމެވެ. ދެން ކުރަން ފެށީ މެސެޖެވެ. ބައްދަލު ކޮއްލަން ބޭނުން ވާހަކައެވެ. ދެފަސްގަނޑުގައި އުޅެމުން ބައްދަލު ކުރާނީ ކިހިނެއްހޭ އަހަރެން ސުވާލު ކުރީމެވެ. އެކޮޅުން ޖަވާބަކަށްވީ މިހާރު މި ފުރީ މާލެ ދާން ކަމަށެވެ. އަހަރެންނަށް ލިބުނީ ކުއްލި ޝޮކެކެވެ. އަހަރެން އެކަމަށް ތައްޔާރުވެސް ނުވެ ހުއްޓާ އަހަރެން ދިރި އުޅެމުންދާ މާލެއަށް އައުމަށް އޭނަ ފުރީމައެވެ. މާލެ އަންނަނީ ކީއްކުރަންތޯ އަހަރެން ސުވާލު ކުރީމެވެ. ޖަވާބަކީ އަހަރެން ދެކޭ ހިތުން ކަމަށެވެ. ކުރާނެ ކަމެއް ނެތްތާއެވެ. އެއްވެސް މީހެއްގެ މިނިވަން ކަމަށް އަރައެއް ނުގަނެވޭނެއެވެ. އެކަން ހުއްޓުވާކަށްވެސް އަހަރެން ނޫޅެމެވެ.

ޖެހިގެން އައި ދުވަހަކީ ހުކުރު ދުވަހެވެ. ޗުއްޓީ ދުވަހަކަށް ވުމާއި އެކު ބޭރަށް ދާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ގޭގައި އުޅެފައި ހުކުރަށް ދާން ސައިކަލަށް އަރައި ދުއްވައިލީމެވެ. ހުކުރު ކުރަން މަދު މިނިޓް ކޮޅަކަށް ވެފައިވާތީ ސައިކަލްގެ ދުވެލި ބާރު ކޮއްލީމެވެ. މިސްކިތް ކައިރީގައި ސައިކަލް ޕާކް ކޮއްލުމަށްފަހު މިސްކިތަށް ވަންނަން ހިނގައިގެންފީމެވެ. ފޯނަށް މެސެޖެއް އަންނަ އަޑަށް ފޯނު ނަގައި ބަލައިލީމެވެ. އެޒުވާނާއެވެ. ބައްދަލު ކޮއްލުމަށް އެދި މެސެޖް ކުރަނީއެވެ. ނަމަވެސް އެދުވަހު އަހަރެން އޮފީސް ކަމެއްގައި ރަށުން ބޭރަށް ދާން ޖެހޭތީ އެރޭ ބައްދަލު ނުވާނެ ކަމެއް ކަމަށް ބުނީމެވެ. ނަމަވެސް އެކޮޅުގެ އާދޭސް ތަކަށް އަހަރެން އެއްބަސްވީ ތަންކޮޅެއް ކުރިން އާދެވިއްޖެއްޔާ ބައްދަލު ކުރާނެ ކަމަށެވެ. އެޒުވާނާވެސް އެކަމަށް އެއްބަސްވިއެވެ. ކަން ދިމާ ކުރީވެސް ވަރަށް ރަނގަޅަށެވެ. ގަޑިން ހަތެއް ޖެހިއިރު އަހަރެން ހުރީ އޮފީސް ދަތުރު ނިންމާލުމަށްފަހު މާލޭގައެވެ. އަދި ގެއަށް އައިސް ފެންވަރައި ރީތިވެލުމަށްފަހު އެޒުވާނާ ބުނި ތަނަށް ދާން ދުއްވައިލީމެވެ. ފަނަރަވަރަކަށް މިނިޓްވެސް ނުވަނީސް އަހަރެން ހުރީ އެގޭ ދޮރުމަތީގައެވެ. އަހަރެންގެ އިންތިޒާރުގައި އޭނަ ހުއްޓެވެ. އެޒުވާން އަންހެން ކުއްޖާ ފެނުމުން އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ރީތި ދޮން ހަށިގަނޑެއްގެ ވެރިއެކެވެ. ހެޔޮވަރުގެ އިސްކޮޅެއް ލިބިފައި ވެއެވެ. ހަށިގަނޑު ހިކި ނޫނަސް އިސްކޮޅާއި ބަލާއިރު ރަނގަޅެވެ. އަހަރެން ފެނުމާއިއެކު ރަކި ހިނިތުންވެލުމަކުން ހީލިއެވެ. ކުރިން ވާހަކަ ދެކެވެމުން ދިއުމުގެ ސަބަބުން ދެމީހުންގެ ދޭތެރޭގައި އެއްވެސް ކަހަލަ ދުރުކަމެއް ނެތެވެ. އަހަރެން އެޒުވާނާ ގޮވައިގެން ދުއްވާލަން ދިޔައީމެވެ.

Advertisement

"ކީއްވެ އަހަރެންގެ ނަމުން މުޚާތަބު ނުކުރަނީ" އެ އަންހެން ކުއްޖާ ސުވާލު ކުރިއެވެ.

"ސޮރީ. އަޒްލިފާ. ދެން އަހަރެން ވާހަކަ ދައްކާނީ އަޒްލިފާގެ ނަމުން. އޯކޭތަ" އަހަރެން މަޢާފަށް އެދުމަށްފަހު ވާހަކަ ދައްކަން ފެށީމެވެ.

އެރޭގެ ބައްދަލުވުން ނިމިގެން ދިޔައީ ކޮންމެ ރެއަކުވެސް ބައްދަލުވުން ބޭއްވުމަށް އެއްބަސް ވެފައެވެ. ޖެހިގެން އައި ދުވަހުވެސް އަޒްލިފާގެ އެދުމުގެ މަތިން ބައްދަލު ކުރީމެވެ. އެބައްދަލުވުންވީ އަހަރެމެން ދެމީހުންގެ ކުރިމަގު ބައްޓަން ކުރުމަށް ދެމީހުންނަށްވެސް ރަނގަޅަށް މަޝްވަރާ ކުރެވުނު ބައްދަލުވުމަކަށެވެ. އަހަރެން ބައްދަލުވުން ނިމިގެން ގެއަށް އައިސް އޮށޯތީ ހަވީރު އޮފީހަށް ދާން ޖެހޭތީއެވެ. ނަމަވެސް އިރުއިރުކޮޅާ ފޯނަށް ބަލައިލެވެއެވެ. އަޒްލިފާގެ ޚަބަރެއް ވޭތޯއެވެ. ނަމަވެސް އެއްވެސް ޚަބަރެއް ނުވިއެވެ. އަހަރެންގެ ހިތް ބިރުގަންނަމުން ދިޔައީ އަޒްލިފާއަށް ކޮންމެވެސް ކަމެއް ވެދާނެތީއެވެ. އެހެން ނޫންނަމަ އަހަރެންނަށް ޚަބަރެއް ނުވެ މިނިޓެއްވެސް ހޭދަކޮއްލުމަކީ އަޒްލިފާއަށް ފަސޭހަ ކަމެއް ނޫނެވެ. އަޒްލިފާ ހިތްހަމަ ނުޖެހެންވީ ކީއްވެބާއެވެ. އަޒްލިފާ ބޭނުންވިހާ އަވަހަކަށް އަހަރެންނަށް ކައިވެނި ނުކުރެވުނީބާއެވެ. މި ޚިޔާލުގައި އުޅެމުން ދަނިކޮށް އަހަރެންނަށް އަޒްލިފާގެ ޚަބަރުވީ ޖެހިގެން އައި ދުވަހުއެވެ. ރަށަށް ފުރައިގެން ދިޔައީއެވެ. އަހަރެންނަށް ލިބުނީ ކުއްލި ޝޮކެކެވެ. އެހާ ލޯބިވި މީހަކު އެހާ އަވަހަށް ބަދަލުވީ ކީއްވެބާއެވެ. ކޮންމެވެސް ކަމެއް އެބަ ހިނގާ ކަމަށް އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. އަހަރެން އަޒްލިފާއަށް ގުޅައިލީމެވެ. އަދި ތި ބަދަލު އައީ ކީއްވެތޯ ސުވާލު ކޮއްލީމެވެ. ޖަވާބަކީ އެއްވެސް ކަމެއް ނުވާ ކަމެވެ. އަހަރެންގެ ޚަބަރެއް ނުވާތީ މަޑުކޮއްލީ ކަމަށް ބުނެ އެކަން އަހަރެންގެ ބޮލުގައި އެޅުވިއެވެ. އެކަމާއި އަޅައެއް ނުލަމެވެ. އެ ފަހުން މަޑުމަޑުން އަޒްލިފާ އަހަރެންނާއި ދުރުވަމުން ދާކަން އަހަރެންނަށް އިހުސާސް ވަމުން ދިޔައެވެ. ކެތްތެރި ކަމާއި އެކު އަހަރެން އިންތިޒާރު ކުރަމުން ދިޔައީ އެކަން ރަނގަޅުވާނެ ދުވަހަކަށެވެ. ފަހުން ފަހުން އައިސް ކޮންމެވެސް ވަރަކަށް މެސެޖް ކުރަމުން ދިޔައެވެ. ނަމަވެސް އެވެސް އެއީ އަހަރެން މެސެޖް ކުރީމައެވެ. އެންމެ ފަހުން އަރެންނަށް އަޒްލިފާގެ މެސެޖެއް ލިބުނެވެ. އަހަރެންގެ ހަޔާތަށް ނާދެވުނަސް އަބަދުވެސް އެންމެ ގާތް މީހާގެ ގޮތުގައި ހުންނާނެ ވާހަކައެވެ. އަހަރެން އެކަމަށް ޝުކުރުވެރި ވީމެވެ. އެ ފުރުސަތުވެސް ލިބުނީތީއެވެ. އެވަރުންވެސް ފުއްދައިލައިގެންނެވެ. ނަމަވެސް ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް އަޒްލިފާވެސް ދުރުވަމުން ދިޔައެވެ. އަހަރެން ފޯނު ނުކުރަންޏާ ޚަބަރެއް ނުވެއެވެ. ސޯޝަލް މީޑިއާ އިންވެސް ހަމަ އެފަދައެވެ. އެއްދުވަހަކު އަހަރެން ގުޅައިލީމެވެ. ހާލު ބަލައިލުމަށެވެ. ވަރަށް ގިނައިރު ވާހަކަ ދައްކަން ތިބީމެވެ. ކުރިންވެސް އޮންނަ ގާތްކަން އޮތެވެ. ދެމީހުންގެ ދޭތެރޭގައި ދުރުކަމެއް ނެތްކަން އެދުވަހު ހީވިއެވެ. ނަމަވެސް އެދުވަހު އަޒްލިފާ އަހަރެންގެ ގާތުގައި ކަމަކު އެދުނެވެ. މިހާރު އެހެން މީހަކާއި އިންނަން އުޅޭ ވާހަކައެވެ. އަހަރެން މަރުހަބާ ކީމެވެ. އުފާވެރިކަން ދެއްވުމަށް ދުޢާ ކޮއްލެވުނެވެ. ނަމަވެސް އެދުވަހު އަޒްލީފާ ބުނި ވާހަކަ އަބަދުވެސް ހިތުގައި ހަރުލާފައި ހުންނާނެއެވެ.

"އަހަރެން އިންނަ މީހަކަށް ދެމީހުންގެ ގުޅުމަށް އެއްވެސް ކަހަލަ ހުރަހެއް ނޭޅޭނެ ވާހަކަ އޮންނާނީ ބުނެފައި" އަޒްލިފާ އަހަރެންނާއި އޮތް ގުޅުން ހާމަ ކުރިއެވެ. އަހަރެން ވަރަށް އުފާވިއެވެ. އެވަރުންވެސް އަހަރެން ދޫކޮއްލާކަށް ބޭނުން ނުވީމައެވެ. އަހަރެން މަރުހަބާކީ އުފަލުންނެވެ. އުފާވެރި ދިރިއުޅުމަކަށް އެދި ދުޢާ ކުރީމެވެ. އަހަރެން އެދެނީ އަޒްލިފާއަށް އުފާވެރި ދިރިއުޅުމެކެވެ. ފުރިހަމަ ސިއްޚަތެކެވެ. ނަމަވެސް ދުވަހަކުވެސް އެހަނދާންތައް އަހަރެންގެ ހިތަކުން ފިލައި ނުދާނެއެވެ. މިހަށިން ފުރާނަ ދަންދެން ހުންނާނަމެވެ.

= ނިމުނީ =

+1
1
+1
9
+1
9
+1
4
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް