September 20, 2024 10:48
Advertisement

-Advertisement-

އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަﷲ ޢަންހާ

 އެކަމަނާގެ ފުރިހަމަ ނަންފުޅަކީ ޚަދީޖާ ބިންތު ޚުވައިލިދެވެ. ޚަދީޖާ ރަޟިޔަﷲ ޢަންހާ އުފަންވެވަޑައިގަތީ ނަބިއްޔާ އުފަންވެވަޑައިގަތުމުގެ 15 އަހަރު ކުރިން މައްކާގައެވެ. އެކަމަނާއަކީ ޤުރައިޝުވަންހައިގެ މުއްސަދިންގެ ތެރޭގައި ހިނމެނިވަޑައިގަންނަވާ ކަނބަލެކެވެ. ޤުރައިޝުންގެ ޤަދަރުވެރި މުއްސަދިން އެކަމަނާގެ ކައިވެންޏަށް އެދިވަޑައިގަތެވެ. ނަމަވެސް އެކަމަނާ ވަނީ ނަބިއްޔާއާއި ކައިވެނި ބައްލަވައިގެންފައެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް މައްކާގައި ބޮޑުފުޅުވަމުން އައިއިރު އެކަލޭގެފާނުގެ އަމާނާތްތެރިކަމާއި، ތެދުވެރިކަމަކީ މަޝްހޫރުވަމުން ދިޔަ ވާހަކައެކެވެ. މައްކާގެ އަހުލުވެރިން އެކަލޭގެފާނަށް އަމީނެއްކަމުގެ ލަޤަބު ދެއްވިއެވެ. އެ ޚަބަރު ލިބިވަޑައިގަތުމުން އެކަމަނާގެ މުދާ ހަވާލު ކުރައްވާފައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝާމް ކަރައަށް ފޮނުއްވިއެވެ. އަދި އެކަލޭގެފާނަށް އެހީތެރިވެވަޑައިގަތުމަށް އެކަމަނާގެ އަޅު މައިސަރާ ފޮނުއްވިއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގަހެއްގެ ދޮށުގައި ފައިބައިވަޑައިގެންނެވުމުން، ނަޞާރާ ދީނުގެ ފާދިރީއަކު މި ޚަބަރު ކުރަނީ ނަބިއްޔަކު ނޫނީ، މި ގަސްދަށަށް ފައިބައިވަޑައެއް ނުގަންނަވާނެއެވެ. އަދި އެކަލޭގެފާނު އަވީގައި ހުންނަވާނަމަ ވިލާގަނޑު އެކަލޭގެފާނަށް ހިޔާ އެޅުއްވުންފަދަ ކަރާމާތްތަކެއް މައިސަރާއަށް ނަބިއްޔާ ޞައްލަﷲގެ ފަރާތްޕުޅުން ފެނިވަޑައިގަތެވެ. އަދި އެނބުރި މައްކާއަށް ވަޑައިގެންނެވިއިރު އާއްމުކޮށް އެކަމަނާގެ މުދާ ހިތްޕަވައިގެން ވަޑައިގަންނަވާ އެހެން މީސްމީހުންނަށްވުރެ ނަބިއްޔާ ކުރެއްވި ވިޔަފާރީގެ ފައިދާ އެކަނާއަށް ފެނިވަޑައިގަތެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ ޔަތީމު ކުއްޖެކެވެ. އެކަލޭގެފާނަކީ ފަޤީރެކެވެ. ޚަދީޖަތުގެފާނަކީ އަޚްލާޤް ހެޔޮ މާތް މަތިވެރި އަންހެން ކަނބަލެކެވެ. ނަސަބުގެ ގޮތުން ޤުރައިޝު ވަންހައިގައި އަރައި ހުންނެވި ޝަރަފުވެރި، އަބުރުވެރި، ކަރާމާތްތެރި އަންހެން ޞާހިބާއެކެވެ. އެކަލޭގެފާނުގެ އަމާނާތްތެރިކަމާމެދު އެކަމަނާ ވަރަށް ބޮޑަށް ހިތްޕުޅާވެ އަދި އެއާއިއެކުގައި ނަބިއްޔާ ޞައްލަﷲ ޢައިލި ވަސައްލަމަ ފަރާތްޕުޅުން ފެނިވަޑައިގެންނެވި މަތިވެރި އަޚްލާޤީ ސިފަފުޅާއި މައިސަރާގެ ފަރާތުން އެނގިވަޑައިގެންނެވި ކަރާމާތްތަކާއި އެކަލޭގެފާނާއި ކައިވެނި ބައްލަވައިގަތުމަށް އެކަމަނާ ހުށަހަޅުއްވިއެވެ. އެކަމަނާގެ އުރުފުޅަކީ 40 އަހަރުކަމަށް ރިވާވެގެން އައިސްފައިވެއެވެ. އަދި ނަބިއްޔާގެ އުރުފުޅަކީ 25 އަހަރެވެ.

Advertisement

އެންމެ ފުރަތަމަ އިސްލާމްވި ކަމަނާ

މުސްލިމުން އިޖްމާޢުވެވަޑައިގަންނަވާ ގޮތުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެންމެ ފުރަތަމަ އީމާންވެވަޑައިގަތް ބޭކަނބަލަކީ ޚަދީޖަތުގެފާނެވެ. އެކަމަނާގެ ކުރިން އަންހެނަކުވެސް އަދި ފިރިހެނަކުވެސް އީމާނެއް ނުވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް އެއްވެސް ވަރަކަށް ޖަދަލު ކުރުމެއް އަޑުހަރު ކުރުމެއް ދެބަސްވުމެއް ރުޅިވެރިކަމެއްނެތި އެކަމަނާ ވަނީ އެކަލޭގެފާނުގެ ދަޢުވަތަށް ވަގުތުން އީމާންވެވެވަޑައިގަންފައެވެ. އަދި އެކަލޭގެފާނުގެ މިރިސާލަތުގައި ދިމާވެވަޑައިގެންނެވި ހުރިހައި ތަކުލީފުތަކަކާއި ދުއްތުރާތަކަކާ ކުރިމަތި ލައްވައިފައެވެ. އަދި ހުރިހައި ވަގުތެއްގައިވެސް އެކަލޭގެފާނަށް އެހީތެރިވެވަޑައިގެންނެވިއެވެ. ހިތްވަރު ދެއްވިއެވެ. އެންމެ ފަހު ވަގުތާއި ހަމައަށްވެސް ޘާބިތުކަމާއެކު އެކަމަނާ ހުންނެވިއެވެ.

އެންމެ މާތް ކަމަނާ:

ދުނިޔޭގައި ﷲ ޞުބުޙާނަހޫ ވަތަޢާލާ ލައްވާފައިވާ އެތައް ބައިވަރު އަންހެން ކަނބަލުންގެ ތެރެއިން ޚިޔާރު ކުރެވިފައިވާ މާތް މަތިވެރި ޞާހިބާއިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެންމެ މަތިވެރި ބޭކަނބަލަކީ ޚަދީޖަތުގެފާނެވެ. ޞަޙީޙު ބުޚާރީގައި އައިސްފައިވެއެވެ. ޢަލީގެފާނުގެ ފަރާތްޕުޅުން ރިވާވެގެން އައިސްފައިވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވަނިކޮށް ތިމަންކަލޭގެފާނެ އަޑުއެއްސެވީމެވެ. "خَيْرُ نِسَائِهَا مَرْيَمُ بنْتُ عِمْرَانَ وَخَيْرُ نِسَائِهَا خَدِيجَةُ بنْتُ خُوَيْلِدٍ." މަރިޔަމްގެފާނުގެ ޒަމާނުގައި ބިމުގައި ހުރި އެންމެ ހެޔޮ އަންހެން ކަނބަލަކީ މަރްޔަމްގެފާނެވެ. އަދި ޚަދީޖަތުގެފާނުގެ ޒަމާނުގައި އެންމެ ހެޔޮ އަންހެން ބޭކަނބަލަކީ ޚަދީޖަތުގެފާނެވެ." ދުނިޔޭގައި އެންމެ މާތް ކަމަނާގެ ޝަރަފު ލިބުމުގެ އިތުރުން އެކަމަނާ އަކީ ސުވަރުގޭގައިވެސް އެންމެ މާތް ހަތަރު ކަނބަލުންގެ ޝަރަފު ލިބިވަޑައިގެންފައިވާ ކަނބަލެކެވެ.

ސަލާމް ފޮނުއްވުން:

ދުނިޔޭގައި އުޅޭއިރު މަތީ މަޤާމެއްގެ މީހަކު ތިބާއަށް ސަލާމް ފޮނުވުމަކީ ޝަރަފެކެވެ. މިސާލަކަށް ވިސްނާލަބަލާށެވެ! ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ތިބާއަށް ސަލާމް ފޮނުވަނީއެވެ. އެއީ ތިބާއަކީ ރައީސަށް ވަރަށް ޚާއްޞަ މީހަކަށް ވީމައެވެ. ޚަދީޖަތުގެފާނަށް ސަލާމް ފޮނުއްވީ އުޑާއި ބިމާއި މިކައުނުގެ ވެރި ރައްބެވެ. މި މުޅި ދުނިޔޭގެ ވެރި ރައްބެވެ. ﷲ ޞުބުޙާނަހޫ ވަތަޢާލާ ޚަދީޖަތުގެފާނަށް ސަލާމް ދަންނަވަނީ ޖިބްރީލް ޢަލައިހިއް ސަލާމް އެކަމަނާއަށް ސަލާމް ވަޙީ ކުރައްވަނީ ކިހާ މަތިވެރި ޝަރަފެއް ހެއްޔެވެ؟ ރައްބުލް ކާއިނާތު ޖައްލަ ވަޖަލާލަހޫ ބިންމަތީގައި ހިންގަވާ އެކަލާނގެ އަޅުތަކުންގެ ތެރެއިން އަޅަކަށް ސަލާމް ވަޙީކުރެއްވިއެވެ. ޖިބްރީލް ޢަލައިހިއް ސަލާމް ނަބިއްޔާގެ އަރިހަށް ވަޑައިގެން ދަންނަވަނީ "އެވަޑައިގަންނަވަނީ ޚަދީޖަތުގެފާނެވެ. ކަލޭގެފާނަށް ޚިދުމަތްކުރެއްވުމަށްޓަކައި ތައްޓެއް ހިތްޕަވައިގެން ވަޑައިގަންނަވާ ޚަބަރު ޖިބްރީލުގެފާނު ދެއްވައެވެ. އެކަމަނާ ކަލޭގެފާނުގާތަށް ވަޑައިގަތީމައި އެކަމަނާއަށް، އެކަމަނާގެ ވެރިރަސްކަލާނގެ ޙަޟްރަތުންނާއި ތިމަންކަލޭގެފާނުގެ ފަރާތްޕުޅުން ސަލާމް ދަންނަވާށެވެ".

ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރެއްވުން:

ސުވަރުގޭގައިވާ ގެކޮޅެއްގެ ޚަބަރެވެ. އެއީ ޤަޞަބުންވާ ގެކޮޅެކެވެ. އެއީ މުތެއް (ތަނަވަސްވެގެންވާ ބޮޑު މުތެއް) އެމުތުން ހަދާފައިވާ ގެކޮޅެކެވެ. އެ ގެކޮޅުގައި އުނދަގޫވާ ޒާތުގެ އަޑެއް ނުހުންނާނެއެވެ. ހަމަހިމޭން ގެކޮޅެކެވެ. އަދި އެ ގެކޮޅުގައި އެއްވެސް ވަރުބަލިކަމެއް ނުހުންނާނެއެވެ. ޢިލްމުވެރިން ވިދާޅުވަނީ ޚަދީޖަތުގެފާނަށް މިހައި މަތިވެރި ޝަފަރެއް ލިބިވަޑައިގަތުމުގެ ސަބަބަކަށްވީ، އެކަމަނާ ދުވަހަކުވެސް އެކަލޭގެފާނަށް އުނދަގޫފުޅުވާނެ ކަމެއް ނުކުރައްވައެވެ. އަދި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އަޑު އުފުލައިފައެއް ނުވެއެވެ. ޒުވާބު ކުރައްވާފައެއް ނުވެއެވެ.

އެހެން އަނބިކަނބަލުންނަށްވުރެ

ޚަދީޖާ ރަޟިޔަﷲ ޢަންހާ އަވަހާރަވެއްޖައުމަށްދާންދެން ނަބިއްޔާ އެހެން ކައިވެންޏެއް ނުކުރައްވައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަނބިއަނބިކަނބަލުން ތެރެއިން އެކަނިމާއެކަނި އެކަލޭގެފާނަށް ޚިދުމަތް ކުރުމުގެ ޝަރަފު ލިބިވަޑައިގެންފައި ވަނީ އެކަމަނާއަށެވެ. ކީރިތި ރަސޫލާގެ ޒަވާޖީ ހަޔާތުގައި 35 އަހަރު ހޭދަވެގެން ދިޔައިރު އޭގެ ތެރެއިން 25 އަހަރު ހޭދަ ކުރައްވާފައިވަނީ ޚަދީޖަތުގެފާނާއެކުގައެވެ. އެކަމަނާގެ ޙަޔާތުގެ އެ ދުވަސްތައް ހޭދަ ކުރައްވާފައިވަނީ، އެކަމަނާއާއި ވާދަ ކުރާނެ އެއްވެސް ބޭކަނބަލަކު ނެތިއެވެ. އޭގެ މާނައަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހުރިހައި ޚިދުމަތުގެ ހުރިހައި ކަމެއް އަދި ހުރިހައި ފުރުޞަތެއް ލިބިވަޑައިގެންފައި ވަނީ ޚަދީޖާ ރަޟިޔަﷲ ޢަންހާއެވެ. ރަސޫލާގެ އިބްރާހީމް ފިޔަވައި ހުރިހައި ދަރިކަލުންނާއި ދަރިދަރިކަނބަލުންނަކީވެސް ޚަދީޖަތުގެފާނަށް ލިބިވަޑައިގަތް ދަރިންނެވެ. އެކަލޭގެފާނުގެ ދަރިފަސްކޮޅު ދެމިގެން އައިސްފައިވަނީ ޚަދީޖަތުގެފާނުގެ ފަރާތްޕުޅުންނެވެ.

ޚަދީޖަތުގެފާނު މާތްވި ސަބަބު

އެކަމަނާ މާތްވި ސަބަބު ބަޔާންކުރައްވައި ޙަދީޘްކުރައްވަނީ "މީސްތަކުން ތިމަންކަލޭގެފާނަށް ކާފަރުވި ދުވަހު އެކަމަނާ ތިމަންކަލޭގެފާނަށް އީމާންވެވަޑައިގަތެވެ. އަދި މީސްތަކުން ތިމަންކަލޭގެފާނު ދޮގު ކުރި ދުވަހު އެކަމަނާ ތިމަންކަލޭގެފާނު ތެދުކުރެއްވިއެވެ." ތިމަންކަލޭގެފާނުގެ ބަސް އެކަމަނާ ޤަބޫލުކުރެއްވިއެވެ. އަދި މީސްތަކުން އެމީހުންގެ މުދަލުން ތިމަންކަލޭގެފާނު މަހުރޫމުކުރި ދުވަހުގައި އެކަމަނާ މުދަލުން ތިމަންކަލޭގެފާނަށް އެކަމަނާ އެހީތެރިވެވަޑައިގެންނެވިއެވެ." އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ތިމަންކަލޭގެފާނަށް އެކަމަނާގެ ފަރާތްޕުޅުން ދަރިން ދެއްވިއެވެ. އެހެން އަންހެންތަކުން ތިމަންކަލޭގެފާނަށް ދަރިން ދިނުން މަނާކުރި ހިނދެވެ. އެބަހީ: މީސްތަކުން އެބައިމީހުންގެ ދަރިން އެކަލޭގެފާނާއި ކައިވެނި ކުރުން މަނާކުރި ހިނދުގައި ޚަދީޖަތުގެފާނު އެކަލޭގެފާނާއި ކައިވެނި ބައްލަވައިގަތެވެ. މިއިން އެއްވެސް ހެޔޮކަމަކީ މިހާރު އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ތެރެއިން އެއްވެސް ބޭކަނަބަލަކަށް ލިބިފައިވާ ޝަރަފެއްނޫނެވެ.

ޚަދީޖަތުގެފާނުގެ ވާހަކައިން ލިބޭ އިބްރަތަކީ އަންހެނުންނަށްވެސް ފައިސާ ހޯދަން މަސައްކަތް ކުރެވޭނެކަމެވެ. އަދި އެފަދަ މަސައްކަތުގައި ހިލޭ ފިރިހެނުންނާއި މަސްހުނިވާ ފަދަ ތަންތަނަށް ވަޑައިނުގަންނަވާ އެކަމަނާގެ މުދަލައިގެން އެހެން މީހުން ފޮނުއްވިކަމެވެ. އެއީ އެކަމަނާގެ އަބުރުވެރިކަމެވެ. އަދި ޤުރައިޝުވަންހައިގެ ޝަރަފުވެރި ދަރިކޮޅެއްގެ އަންހެން ސާހިބާއަކަށްވީ ހިނދު ޔަތީމު ކުއްޖަކާ ކައިވެނި ކުރެއްވިކަމެވެ. ދިރިއުޅުމުގައި އެކަމަނާއަށް ޖެހިވަޑައިގެންނެވި ކޮންމެ މުޞީބާތަކަށް ކެތްތެރިވެވަޑައިގެންނެވިއެވެ. ފިރިކަލުންނަށް ދިމާވި ދަތި އުނދަގޫ ވަގުތުތަކުގައި އެހީތެރިވެވަޑައިގަތެވެ. އެކުގައި ޘާބިތުވެ ހުންނެވިއެވެ. ހިތްވަރު ދެއްވައި އެކަމަނާގެ ނަފްސާއި މުދަލުން ޤުރުބާންވެވަޑައިގެންނެވިއެވެ. އަހަރެމެން ނަމޫނާ އަކަށް ބަލަންވީ މިކަނބަލުންގެ ސީރަތު ދެނެގަނެގެންނެވެ. ސުވަރުގޭގެ އުފާވެރި ޚަބަރު ލިބުނު ކަނބަލުންނެވެ.

+1
0
+1
8
+1
4
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް