އިސްލާމް ދީނަކީ ހެޔޮއަމަލުގެ ދީނެވެ. އުފެއްދުންތެރިކަމުގެ ދީނެވެ. އާރާސްތުކުރުމާއި ތަޢުމީރު ކުރުމުގެ ދީނެވެ.
ދުނިޔޭގެ އަރާމާއި ނަފްސުގެ ބައެއް އެދުންތަކަކީ ވެސް ރަނގަޅު ހެޔޮ ނިޔަތެއްގައި ކުރެވިއްޖެނަމަ، ﷲ ގެ ހަޟްރަތާ ކުއްތަން ކުރުވަނިވި ޢަމަލެކެވެ. ތިމާ ކައި ބޮއި އުޅެނީ އެއިން ހަށިގަނޑުގައި ވަރުޖައްސައި ﷲ އެންގެވި ގޮތަށް ދިރިއުޅުމަށްޓަކައި ފުރިހަމަ ސިއްހަތެއް ހޯދުމަށް ކަމުގައިވާނަމަ އެއީ ސަވާބު ލިބޭނެ ކަމެކެވެ. ތިމާގެ ދަރިންނަށާއި އަނބިންނަށް ހަލާލު މަސައްކަތުން ހޯދާ ހަލާލު ތަކެތި ކާންބޯން ދިނުމަކީ ސަވާބު ލިބޭނެ ކަމެކެވެ.
ކުރާ އަމަލާއި މަސައްކަތުގައި އިޚްލާސްތެރިކަމެއް ނެތި ބޭރުފުށުން އެއީ ރަނގަޅު އަމަލުތަކެއް ކަމުގައި ފެނުނަސް އެވާނީ ފާސިދު އަމަލުތަކަކަށެވެ. އެއީ ތިމާ ކުރާ އަޅުކަން ކަމުގައި ވިޔަސްމެއެވެ. ފަރުވާކުޑަކޮށް ދެއްކުންތެރިކަމުގެ ގޮތުން ކުރާ ނަމާދާ ބެހޭގޮތުން މާތް ﷲ ވަހީ ކުރައްވާފައިވެއެވެ. މާނައީ " ފަހެ އެއުރެންގެ ނަމާދާ މެދު ޣާފިލުވެތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. އެއުރެންނީ ހަމަ ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ". މިއިން އެނގެނީ އިޚްލާސްތެރިކަމެއް ނެތި ދެއްކުމަށް ކުރެވޭ ނަމާދަކީ އެއިން އަޛާބު ލިބެނިވި ޢަމަލެއް ކަމެވެ. އެހެނީ އިޚްލާސްތެރިކަމެއް ނެތި ކުރާ ނަމާދަކީ އޭގައި ރޫޙެއްނެތް އަޅުކަމެކެވެ. ހަމައެފަދައިން ޒަކާތް ދޭއިރުވެސް ﷲ ގެ ރުހިވޮޑިގަތުމާއި، ﷲ ގެ ހަޟްރަތުން ސަވާބު ލިބުމަށް އެދިގެން ކުރާކަމަކަށް ނުވެއްޖެނަމަ އެއީ ބާތިލު އަމަލެކެވެ.
ﷲ ގެ ސަވާބާއި ރުހިވޮޑިގަތުމަކީ ބޭރުފުށުގެ އަމަލުތަކުން ހާސިލުކުރެވޭނެ ކަންކަމެއް ނޫނެވެ. މާތް ﷲ ބައްލަވައި ވޮޑިގަންނަވަނީ ބޭރުފުށަކަށް ނޫނެވެ، އެހެނަސް މީސްތަކުންގެ ހިތްތަކަށާއި އަމަލުތަކުގެ އިޚްލާސްތެރިކަމަށެވެ. އިޚްލާސްތެރިކަމުގެ ނޫރަކީ އޭގެ އަލިކަމުން ނަފްސަށް އުޖާލާކަން ލިބޭ ނޫރެކެވެ.
އަމިއްލަ އެދުންތައް ބޮޑުވެ، ތާރީފުކުރުމަށް ލޯބިކުރެވުނު ވަރަކަށް އިޚްލާސްތެރިކަމުގެ ބައްތި ކަނިވަމުން ދާނެއެވެ. ފަޚްރުވެރިވުމަށާއި މަޝްހޫރުވުމަށް ލޯބިކުރެވުނު ވަރަކަށް އިޚްލާސްތެރިކަން ފަނޑުވަމުން ދާނެއެވެ. ﷲ ގަބޫލު ކުރައްވަނީ އެއްވެސް ކިލަނބުކަމެއްނެތް ސާފު ސާލިޙު އަމަލުތަކެވެ. އިސްލާމް ދީން ދެކޭގޮތުގައި ކަންދެއްކުމަކީ ޝިރްކުގެ ބާވަތެކެވެ. އަހަރެމެންގެ ރަނގަޅު އަމަލުތައް ނުބައި އަމަލުތަކަށް ބަދަލުކޮށްލާ އެންމެ ވަރުގަދަ ބާރަކީ ކަންދެއްކުމެވެ.