November 24, 2024 03:26
Advertisement

-Advertisement-

ކުރުވާހަކަ: ވިސްނުނީ މާފަހުން

ޖަހާލާ ކޮންމެ ގުގުރިއަކުން ހީވަނީ ފައިދަށުން ބިންގަނޑު ދެމިގަންނަހެންނެވެ. ވެހެމުން ދިޔަ ބޯ ވާރެއިން ސަލާމަތްވުމަށް އަހަރެންނަށް ވަދެވުނީ އަސްކަނި ދަށަށެވެ. ދަންވަރު ޑިއުޓީ ނިންމާލާފައި އޮފީހުން ނިކުތްއިރުވެސް ވާރޭގެ ވިލާގެ އެއްވެސް އަސަރެއް ނެތެވެ. ގެއަަށްދާން ސައިކަލަށް އަރައިގެން ދުއްވާލީ މަޖީދީމަގުުންނެވެ. ވާރޭ ވެހެން ފެށީ ދުއްވާލިތާ މާ ގިނައިރެއް ނުވަނީހެވެ. ދަންވަރުގެ ވަގުތަށްް ވުމުން މަގުމަތި ވަރަށް އަމާނެވެ. މަދު މީހެއް ފިޔަވައި މަގުމަތިން މީހަކު ފެންނާކަށް ނެތެވެ. އަަހަރެން ދުއްވަމުން ދިޔައީ ވަރަށް ހަމަޖެހިލައިގެން ވަރަށް މަޑުންނެވެ އަބަދުވެސް މަންމަ ދީފައި އޮންނަ ނަސޭހަތެއް އޮވެއެވެ. މަގުމަތީގައި ދުއްވާއިރު ބަލައިގެން ދުއްވާށެވެ. އެ ނަސޭހަތް އަބަދުވެސް އަހަރެންގެ ކަންފަތުގައި ހަރުލާފައި ހުރެއެވެ. މާފަންނު ސަހަރާ އާއި އަރާ ހަމަވިތަނާ ގުގުރަން ފެށިއެވެ. ވަރަށް ބާރަށެވެ. ސައިކަލް ބާރަށް ދުއްވައިލީމެވެ. ނަމަވެސް ވާރޭގެ ތިކިތަށް އަހަންނަށް ހުރަސްއެޅިއެވެ. މަޖީދީމަގުގެ އެއްފަރާތުގައި ސައިކަލް ބެހެއްޓުމަށްފަހު ކައިރީގައި ހުރި ގޭ އަސްކަނި ދަށުގައި މަޑު ކޮއްލީމެވެ. އެއްވެސް މީހަކު ފެންނާން ނެތް މަޖީދީ މަގު ވަރަށް ހިމޭނެެވެ. ވެހެމުން ދިޔަ ބޯ ވާރެއިން އަހަރެންނަށް ފިނިކަން އިހުސާސް ކުރުވަމުން ދިޔަ ނަމަވެސް ތެމިގެން ގެއަށް ދާން ބޭނުން ނުވީ އިރުކޮޅަކުން ނަމަވެސް ވާރޭ ހުއްޓާލަފާނެތީއެވެ. ގޭގައި އަހަރެންގެ ދަރިފުޅާއި އަނބިމީހާ އޮންނާނީ ނިދާފައެވެ. ނަމަވެސް ގިނަ ރޭރޭ އަހަރެން ގެއަށް އަންނަންދެން ހޭލާ އޮންނާނެއެވެ. އެއީ އަހަރެންނަށް ކަމެއް ވެދާނެތީއެެވެ. އަބަދުވެސް އަހަރެންނަށް ގެއްލުމެއް ވެދާނެތީ ޚަބަރު ބަލަމުންދާ އަނބިމީހާ ދެކެ އަހަރެން ވަރަށް ލޯބިވެއެވެ. އެއީ އަހަރެންގެ ދަރިފުޅުގެ މަންމަގެ އިތުރަށް އަހަރެންގެ ހުރިހާ ކަމެއް ބަލަހައްޓާ މީހާއެވެ.

ވާރޭ ހުއްޓާލާނެހެން ހީނުވުމުން ސައިކަލަށް އަރަން ހިނގައިގަތީމެވެ. ނަމަވެސް އަހަންނަށް ހުއްޓުން އެރީ ސަހަރާގެ ތެރެއިން އެއްޗެއް ވިދާލިހެން ހީވެގެންނެވެ. ރަނގަޅަށް ބަލައިލީމެވެ. އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. މަޑުމަޑުން ގޮސް ސަހަރާގެ ދޮރުކައިރީގައި ހުއްޓިލީމެވެ. ވަށައިގެން ހޯދައިލީ އެއްވެސް މީހެއް ފެނޭތޯއެވެ. ނުވަތަ ދެންމެ އެ ވިދާލި އެއްޗަކީ ކޮން އެއްޗެއްތޯ ބަލައިލުމަށެެވެ. އަހަރެންނަކީ ކުޑައިރުވެސް އެއްވެސް ކަހަލަ ބިރެއް ގަންނަ މީހެއް ނޫނެވެ. ކިތަންމެ އަނދިރި ނަމަވެސް އެއްވެސް ޖެހިލުމެއްނެތި ރަށުތެރޭގައި އުޅެމެވެ. އަހަރެން ސިއްސައިގެން ދިޔައީ ފައިދަށުން މީދަލެއް ދުއްވައިގަތީމައެވެ. އަހަރެންނަށް ބާރަކަށް ހަޅޭ ލަވައިގަނެވުނެވެ. ފަހަތަށް އެނބުރި ބަލައިލީ މީދާ ދިޔަ ދިމާލަށެވެ. ނަމަވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ މަހާނަ ކައިރީގައި އިށީނދެ އިން މީހެކެވެ. މަހާނައާއި ދިމާލަށް ގުދުވެގެން ކޮންމެވެސް ކަމެއް ކުރާހެން ހީވެއެވެ. އަހަރެން ވަރަށް ފަރުވާތެރި ކަމާއިއެކު އެމީހާގެ ހަރަކާތްތަކަށް ބަލަން ހުރީމެވެ. އެމީހާ އިރު އިރުކޮޅާއި ވަށައިގެން ހޯދާލައެވެ. މީހަކު ހުރިތޯ ބަލަނީކަން ނޭނގެއެވެ. އަހަރެން ހުރީ އޭނައަށް ނުފެންނަ ގޮތަށް ނިވާވެގެންނެވެ. އިރު ކޮޅަކުން ބާރަށް ދުއްވާފައި ދިޔަ ޕޮލިސް ސައިކަލެއް ފެނުނެވެ. އަހަރެން ހަނާ އެޅީމެވެ. ޕޮލިހަކަށް އަހަންނެއް ނުފެނުނެވެ. ނަމަވެސް ގޮވައިފިއްޔާ އެމީހާއަށް އަޑުއިވިދާނެތީ އަޅައި ނުލާ މަޑުކޮއްލީއެވެ. އެމީހާ ކޮޅަށް ތެދުވިއެވެ. އިންސާނަކަށް ވުރެ ދިގުހެން ހީވެއެވެ. ފަލަމިން އާދައިގެ އިންސާނަކާއި އެއްވަރެވެ. އަހަރެންގެ ހިތް ބާރަށް ތެޅެން ފެށިއެެވެ. ދުވަހަކުވެސް އަހަރެން ބިރު ނުގަންނަ ވަރަށް ބިރުގެންފިއެވެ. ވަށައިގެން ހޯދައިލީ އެހީތެރި ވެދޭނެ މީހަކު ފެނޭތޯއެވެ. އަހަރެން ބިންމަތީގައި އިށީނީމެވެ. ފައިކޮޅުން ބާރުދާހެން ހީވާތީއެވެ. އަންހެނުންވެސް ގުޅަންފެށިއެވެ. ލަސްވެގެންނެވެ. ވިއްސާރަ ރެއަކަށް ވުމުން ހިތް ބިރުގަންނަނީކަން ނޭނގެއެވެ. ފޯނަށް ޖަވާބު ނުދީ ޖީބަށް ލީމެވެ. އަނެއްކާވެސް ގުޅަން ފެށިއެވެ. ޖަވާބު ނުދެނީސް ހުއްޓައިނުލާނެކަން އެނގުމުން ޖަވާބު ދިނީމެެވެ. އޮފީހުގައި ކަމަށް ބުނެ ދޮގު ހެދީ އަނބިމީހާ ބިރުގެންފާނެތީއެވެ. އެވަގުތު ކޮޅުގައިވެސް ދަރިފުޅުގެ ހާލު ބެލީމެވެ. އިތުރަށް އެއްޗެއް ނުބުނެ ފޯނުބޭއްވީ އެމީހާއަށް ފާރަލުމަށެވެ. ފޯނު ބާއްވާފައި އަހަރެން އެމީހާ ކޮބައިތޯ ބަލައިލީމެވެ. އެމީހާ ގޮސް ގަސްތަކާއި ނިވާ ވަނީއެވެ. އެވަގުތުވެސް ތުނިކޮށް ވާރޭ ވެހެމުން ދިޔައެވެ. ގަސްތަކާއި ނިވާ ވުމަށްފަހު އެމީހާ ގެއްލުނެވެ. އަހަރެން އެދިމާއަށް ދުއްވައިގަތީމެވެ. އެހިސާބަށް ގޮސް ވަށައިގެން ހޯދައިލީމެވެ. މީހެއްގެ އެއްވެސް ހިލަމެއް ނެތެވެ. ވަށައިގެން ހުރި ގެތަކުގެ ބެލްކަންޏަށް ދާންދެން ވަކިވަކިން ނަޒަރު ހިންގައިލީމެވެ. މީހަކު ނުފެނުނެވެ. އެއީ އިންސާނެއް ނަމަ އަހަރެންނަށް އޭނަ ފެންނާނެއެވެ. ނަމަވެސް ޖިންނި ފެންނަން ކޮންމެހެން ވިއްސާރަ ރެއަކަށް ވާކަށް ނުޖެހެއެވެ. އެއީ ބައެއް މީހުން ވާހަކަ ލިޔާއިރު މޮޅުކޮއްލަން ހަދާފަައި ހުންނަ ގޮތެކެވެ. އެމީހާ ގެއްލުނީ އަންހެނުންގެ ފޯނަށް ޖަވާބުދޭން ހަދައިގެންނެވެ. އަނބިމީހާ ދެކެ ވަރަށް ރުޅި އައެވެ. އެ ކަން މިރޭ ކާމިޔާބު ނުވީމައެވެ. ނަމަވެސް އަނބިމީހާ ކީއްކުރާނީހެއްޔެވެ. އޭނައަށް އެނގިގެން ކުރި ކަމެއް ނޫނެވެ. އެމީހާގެ ޚަބަރެއް ނުވުމުން މާދަމާ ރޭ ހަމަ މިގަޑިއަށް އަންނަން ނިންމައި ގެއާއި ދިމާއަށް ދުއްވައިލީމެވެ. ގެއަށް ވަދެވުނުއިރު އަހަރެންގެ ލޯބިވާ އަނބިމީހާ ނުނިދާ އަހަރެންގެ އިންތިޒާރުގައި އޮތެވެ. ކިހާ ހެޔޮ އިންސާނެއް ހެއްޔެވެ. ތުވާލި ގެނެސް އަހަރެންގެ އަތަށް ދިނެވެ. ހީކަރުވައިގެންފައި ހުރިހެން ހީވާތީ ކޮފީއެއް ގެނެސް ދިނެވެ. މިވަރުގެ އިންސާނަކާއި މެދު ކުށް ހީއެއް ކުރެވުނީތީ ދެރަވިއެވެ.

ޖެހިގެންއައި ރެއަކީ އަހަރެންގެ އޮފް ދުވަހެވެ. ނަމަވެސް އެރޭ އޮފީހަށް ދާން ޖެހިދާނެ ކަމަށް އަންހެނުންގެ ގާތުގައި ބުނީމެވެ. އަހަރެން ވަރަށް ކުރިން ނިދަން އޮށޯތީ ދަންވަރަށް ހޭލަން ބޭނުން ވާތީއެވެ. ފޯނު އެލާމް ކޮއްލާފައި ނިދަން އޮށޯތީމެވެ. ގަޑި ޖެހެން ފަސްމިނިޓަށް ފެވައި ހުއްޓާ އަހަރެންގެ ލޯބިވާ އަނބިމީހާ ގޮވިއެވެ. އޮފީހަށް ދާން ތައްޔާރު ވުމަށެވެ. އަތުގައި ކޮފީ ޖޯޑެއް ހުއްޓެވެ. އަހަރެން އަވަސް ކޮއްލައިގެން ތައްޔާރު ވެލީމެވެ. އަދި ސައިކަލަށް އަރައި ދުއްވައިލީ މާފަންނު ސަހަރާ އާއި ދިމާލަށެވެ. ކޮންމެވެސް ވަރަކަށް މިރޭ މަގުމަތީގައި މީހުން އުޅެއެވެ. ސަހަރާގެ ދޮރުމަތީގައި ސައިކަލް މަޑުކޮއްލުމަށްފަހު ވަށައިގެން ހޯދައިލީމެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. އެކަމަކުވެސް އަހަރެން އެނބުރި ގެއަށް ދާކަށް ބޭނުމެއް ނުވިއެވެ. ކުރަން ކުރިމަތިލީ ކަމެއް ވިއްޔާ ކޮއްފައި ހުއްޓާލަން އަޒުމް ކަނޑައެޅީމެވެ. ގަޑިން ދެގަޑި ބައި ވީއެވެ. މިރޭ ވިއްސާރަވެސް ނުވެހެއެވެ. ޖިންނި ނައީ އެހެންވީމަކަށް ވެދާނެއެވެ. ވާހަކަ ލިޔާ މީހުންވެސް ޖިންނި އަންނަންޏާ ކޮންމެވެސް ވަރަކަށް ވާރޭ ވެހި ވައި ގަދަވޭތާއެވެ. ސައިކަލުން ފައިބައިގެން ސަހަރާ ތެރެއަށް ވަދެ އިށީނީމެވެ. މީހަކަށް ނުފެންނަ ގޮތަކަށެވެ. ނިދިއައިސްގެން ލޯމެރޭ ގޮތްވެއެވެ. ނަމަވެސް ހިތްވަރު ކޮއްލާފައި އިނީއެވެ. ސަހަރާ ތެރެއިން މީހަކު ހިނގާހެން ހީވެގެން ސިއްރުސިއްރުން ބަލައިލީމެވެ. އެއްކަލަ މީހާއެވެ. ރޭގައި ވެސް ކަންތައް ކުރި ގޮތަށް މިރޭވެސް ކުރަނީއެވެ. އެއްވެސް ތަފާތެއް ނެތެވެ. ދުރުން އެމީހާގެ މޫނެއް ނުފެނެވެ. ނަމަވެސް އެއީ ރޭގައި އުޅުނު މީހާއެވެ. އެމީހާ އެކަންޏެވެ. އެއީ އިންސާނެއް ނަމަ އެކަނި ސަހަރާ ތެރޭގައި އުޅެން ބިރުގަންނާނެއެވެ. އެމީހާ މަހާނަ މަތީގައި އޮށޯތެވެ. ދެން ތެދުވެ މަހާނަ ވަށައިގެން ހިނގަން ފެށިއެވެ. އޭނައަށް އެހީތެރިވާން އެއްވެސް މީހަކު ނެތެވެ. ނަމަވެސް މި ސަހަރާ އަކީ މިހާރު މީހުން ވަޅުލާ ތަނެއްވެސް ނޫނެވެ. ދެން މަހާނަތައް ކައިރީގައި އެމީހާ ކުރަނީ ކީއްހެއްޔެވެ. އަހަރެން އިން ތަނުން ތެދުވެގެން ގޮސް އެމީހާ އާއި ތަންކޮޅެއް ގާތަށް ޖެހިލީމެވެ. ކޮންމެވެސް އަޑެއް އޭނަ ލައްވައެވެ. އެކަމަކު ކިޔަނީ ކީކޭ ކަމެއް ނޭނގެއެވެ. އެމީހާ ހަދާނެ އެއްޗެއް ހަދައި ނިމެންދެން އަހަރެން ފިލާ އިނީމެވެ. އިރުކޮޅަކުން އެމީހާ ހިނގައިގަތީ އެއްކަލަ ގަހާ ދިމާލަށެއެވެ. އަހަރެން އިންތަނުން ތެދުވެ އެމީހާ އާއި ދިމާއަށް ހިނގައިގަތީމެވެ. ނަމަވެސް މާދުރަކަށް ދެވޭ ވަރެއް ނުވިއެވެ. ފަހަތުން މީހަކު އައިސް އަހަރެންގެ ދެއަތުގައި ބާރަށް ހިފެހެއްޓިއެވެ. އަދި އަނގަމަތީގައި އަތް އެޅިއެވެ. ޖިންނީގެ އަތްދަށުވީއެވެ. އަހަރެން ދެން ދުނިޔޭގައި ހުންނާނެ ކަމާއި މެދު ޝައްކު އުފެދުނެވެ. ހިތަށް އައިހާ ހެޔޮ އެއްޗެއް ކިޔަވަން ފެށީމެވެ. އެޖިންނި އަހަރެންގެ އަނގަމަތީގައި ހިފެހެއްޓިލެއް ބާރުކަމުން ނޭވާ ލާން އުނދަގޫ ވިއެވެ. ސަލާމަތަށް އެދި ހަޅޭ ލެވޭތޯ ބެލީމެވެ. މީހެއްގެ އެހީތެރިކަމެއް ލިބޭތޯ ހިތުން ދުޢާ ކުރީމެވެ. ތެޅިތެޅި އަހަރެން ވަރުބަލިވެއްޖެއެވެ. ނަމަވެސް ހިތްވަރު ކޮއްލާފައި އެޖިންނި ފޮޅައިލީމެވެ. އަދި ކޮޅަށް ތެދުވެ ހިންދެމިލީމެވެ. އަނެއްކާވެސް އަހަރެންގެ އަތުގައި މީހަކު ހިފެހެއްޓިއެވެ. އަހަރެން ބަލައިލީމެވެ. އެއީ ޕޮލިހުންނެވެ. މީހަކު އެހީއަަށް އެދި ގޮވާތީ އެމީހުން ސަހަރާއަށް ވަނީއެވެ. އަހަރެންނަށް ހަމަލަ ދިން މީހާ އަކީ ކޮންމެ ރެއަކުވެސް މި ސަހަރާ ތެރެއަށް ވަދެ ފަންޑިތަ ހަދަން އުޅޭ މީހެއް ކަމަަށް ޕޮލިހުން ބުންޏެވެ. އެމީހުންނަށް ފާރަލާތާ މިހާރު ދުވަސް ކޮޅެއް ވެއްޖެ ކަމަށެވެ. އަހަރެން ރަނގަޅަށް ވިސްނައިލީމެވެ. އަހަރެންނަށް އެފެންނަނީ ޖިންނިއެއް ނޫންކަން އެގުނީ އެހިސާބުންނެވެ. ނަމަވެސް އަހަރެން ބިރުގެންފައި ހުރިވަރުން އަހަރެންނަށް އެމީހާ ސިފަވީ ޖިންނިއެއްގެ ސިފައިގައެވެ. އަހަރެން ފުން ނޭވާއެއް ދޫކޮއްލީމެވެ. އެއީ ޖިންނިއެއް ނޫނެވެ. ނަމަވެސް ކޮންމެވެސް ބަޔަކަށް ސިހުރު ހަދަން އުޅޭ މީހެކެވެ.

Advertisement

= ނިމުނީ =

+1
2
+1
5
+1
0
+1
1
+1
0
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް