November 24, 2024 03:26
Advertisement

-Advertisement-

ވަކިވީ އަސަރާއި މަންޒަރު (ފުރަތަމަބައި)

ޒުވާން އުމުރެވެ. ޒުވާން ކަމުގެ ލެއެވެ. ހަށިގަނޑުން ރީތި ހިމަތޮޅި ފިރިހެނެކެވެ. ސްކޫލުުގައި އުޅުނު އިރު މުޅި ސްކޫލަށް ވެސް މަޝްހޫރު ޒުވާނެކެވެ. ނަމަވެސް އެހެން ކުދިންނާއި އަހަރެންގެ މިޒާޖް ތަފާތީކަން ނޭނގެއެވެ. އަހަރެން އެހެން ކުދިން އުޅޭހެން ގިނައިން ބޭރުގައި ނޫޅެމެވެ. ސްކޫލް ނިމުމާއި އެކު ގެއަށް އަންނަނީއެވެ. ބައެއް ކުދިން އެކަމަށް ޖޯކް ޖަހަމުން ދިޔަ ނަމަވެސް އަހަރެންގެ ފަރުވާލެއް ނެތެވެ. އަހަރެން އުޅެންވީ ގޮތް އެނގޭނީ އަހަރެންނަށެވެ. އަހަރެންގެ ރިމޯޓް އެހެން މީހަކަށް ނުދޭން އަބަދުވެސް ހިތުގައި އޮވެއެވެ. އެހެންނޫނީ އެރިމޯޓުން އެމީހުން އަހަރެންނާއި ކުޅެލަފާނެއެވެ. އެގޮތެއް އަހަރެން ބޭނުމެއް ނޫނެވެ. ނަމަވެސް ސްކޫލުގައި އެހާ މަޝްހޫރު ނަމަވެސް އަހަރެންނަކަށް ދުވަހަކުވެސް ލޯބިވެރިއެއް ނުލިބެއެވެ. އެހެން ކުދިން ގޮތަށް ލޯބިވެރިއެއް ހޯދަން އަބަދުވެސް ބޭނުންވިއެވެ. ނަމަވެސް އަހަރެންގެ އަޚުލާގު ހިފެހެއްޓުމުގެ ގޮތުން ގިނައިން ބޭރުގައި އުޅުން މަދުކޮއްލީއެވެ. އެހެން ކުދިން ގޮތަށް ލޯބިވެރިއެއް ނުލިބެނީ ބޭރުގައި ގިނައިން ނޫޅެވޭތީ ކަމަށްވެސް ވެދާނެއެވެ. ސްކޫލް ނިމިގެން ވަޒީފާއެއް ލިބި އަމިއްލަ ފައިމައްޗަށް ތެދުވެވުނު އިރުވެސް އިންނާނެ މީހަކު ނުވެފައި ހުރީއެވެ. މަސައްކަތް ވެސް ކުރީމެވެ. ހަމަ ބުޅީގައި ނުގަންނަނީއެވެ. އަހަރެންނާއި އެކީ ސްކޫލުގައި އުޅުނު ކުދިންވެސް ކައިވެނިކޮއްގެން ދަރިން ހޯދި އިރުވެސް އަހަރެން ހުންނަން ޖެހުނީ މިހާލުގައެވެ. ނަމަވެސް އުންމީދު ކަނޑައިނުލާ ކުރިއަށް ދިޔައީމެވެ. އަހަރެންނަކީ ރައްޓެހިން ގިނަ މީހަކަށް ވުމުން އެންމެފަހުން ގާތް ރަހުމަތްތެރިންގެ އެހީއަށް އެދުނީމެވެ. އިންނާނެ މީހަކު ލިބޭތޯއެވެ. އެހެން މީހުން އެހާ ފަސޭހައިން މީހުންނާއި އިންނަ އިރު އަހަރެން ހުންނަން ޖެހުނީ ހުހަށެވެ. އަމުދުން ވަޒީފާއަށް ވަނުމަށްފަހު ދުވާލުގެ ގިނަ ވަގުތު ހޭދަ ކުރަން ޖެހުނީ އޮފީހުގައެވެ. ކޮންމެ ދުވަހަކުވެސް އެދުވަހެއްގެ މަސައްކަތް ނިންމުން އެއީ އަހަރެން ކުރަން ބޭނުންވި ކަމެކެވެ. ހުރިހާ މަސައްކަތެއް ނިންމާލާފައި ނޫނީ އެއްވެސް ދުވަހަކު ގެއަކަށް ނާންނަމެވެ. ދެން ބޭރަށް ނިކުމެލަންވެސް ލިބެނީ ހަމައެކަނި ރޭގަނޑެވެ.

އޮފީހުގައި ވަރަށް ބުރަ ދުވަހެކެވެ. އޮފީހުގައި އޮތް ރަސްމިއްޔާތަކަށް ތައްޔާރު ކުރުމަށް ހުރިހާ މުވައްޒަފުން އުޅުނެވެ. އަހަރެންވެސް އެކަމުގައި އިސްކޮށް ހަރަކާތްތެރިވީމެވެ. މަސައްކަތަށްފަހު ލިބުުނު ވަގުތުކޮޅެއްގައި ގޮސް އަހަރެންގެ މޭޒު ދޮށުގައި އިށީނީމެވެ. ހަމަޖެހިލާފައި މޭޒުމަތީގައި އޮތް އަހަރެންގެ މޮބައިލް ފޯނު ނަގައި ބަލައިލީމެވެ. ތިން ހަތަރު މެސެޖެއް ލިބިފައި އޮތެވެ. އަދި ހަތަރު ކޯލެއްވެސް މިސްވެފައިއޮތެވެ. ފަރުވާ ކުޑަގޮތަކަށް ފޯނު ހުޅުވައިލީމެވެ. ރައްޓެހި ޖަންނަތެވެ. އަންހެން ކުއްޖެއް ނަމަވެސް އަބަދުވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ގުޅާ ކުއްޖެކެވެ. އަޚްލާގު ރަނގަޅު ހިތްހެޔޮ ސަކަމިޒާޖެއްގެ ކުއްޖެކެވެ. އޭނާ ރަށުގައި ދިރިއުޅެމުން ދިޔަ ނަމަވެސް އަހަރެން ދިރިއުޅެނީ މާލޭގައެވެ. ދެމީހުން ދެފަސްގަނޑުގައި ދިރިއުޅުނަސް ކޮންމެ ދުވަހަކު އަހަރެންނަށް ގުޅާ ނުވަތަ މެސެޖަކުން ނަމަވެސް ޚަބަރު ބަލައެވެ. އަހަރެން އޭނައަށް ގުޅައިލީމެވެ.

"ކޮބާ ބިޓެއް ލިބިއްޖެތަ" ފުރަތަމަވެސް އޭނަ ކުރީ ސުވާލެވެ.

Advertisement

"ނޫން. ނުލިބޭ. ލިބޭތޯ ބަލާލަ ދީބަލަ" އަހަރެން ބުނެލީމެވެ.

"އެބަހުރި ކުއްޖަކު. އުމުރުން ހަތާވީސް އަހަރުވީ" އޭނަ ތަފްސީލް ދޭން ފެށިއެވެ.

"ރަނގަޅު ކުއްޖެއްތަ" އަހަރެން އަހައިލީމެވެ.

"އޯހް. މަށަށް އިތުބާރު ނުކުރަނީތަ" އޭނާ ސުވާލު ކުރިއެވެ.

"އަހަރެން ބުނާގޮތަށް ހަދާ. ދޭނަން ނަމްބަރު. ގުޅާ. އަދި ވާހަކަ ދައްކާ" ވަރަށް އިތުބާރާއިއެކު އޭނާ ކިޔައިދިނެވެ.

"އެކޮޅުން ސުވާލު ކޮއްފާނެ ނަމްބަރު ދިނީ ކާކުތޯ" އަހަރެން ގުޅާލުމުގެ ކުރިން މަޢުލޫމާތު ސާފުކޮއްލީމެވެ.

"ބުނޭ އަހަރެން ނުވަތަ ޖަންނަތޭ ނަމްބަރު ދިނީ" ޖަންނަތު ވާހަކަ ދައްކަމުން ދިޔައީ ވަރަށް އިތުބާރާއި އެކުގައެވެ.

އަހަރެން އާނ އެކޭ ބުނެ ފޯނު ބޭއްވީމެވެ. އޮފީހުގެ މަސައްކަތް ބުރަކަމުން ގެއަށް ގޮސް ގުޅާލުމުގެ ބޭނުމުގައެވެ. އޮފީސް ނިންމާފައި އަހަރެންނަށް ގެއަށް ދެވުނު އިރު އިރުއޮއްސެން ގާތް ވަނީއެވެ. މަޢުރިބު ނަމާދު ކޮއްލައި ވަރަށް ހަމަޖެހިލައިގެން ޖަންނަތު ދިން ނަމްބަރަށް ވަރަށް ބިރުން ހުރެ ގުޅައިލީމެވެ. ވަގުތުން އެކޮޅުން ފޯނު ނެގިއެެެވެ.

"ކާކަށް ތި ގުޅަނީ" ފުރަތަމަވެސް ކުރީ ސުވާލެވެ. އަހަރެން ބިރުގަތެވެ. އަަޑު ތުރުތުރު އަޅަން ފެށިއެވެ.

"ތި ކުއްޖާއަށް. އަލީފާއަށް" އަހަރެން ބިރުންހުރެ ބުނެލީމެވެ.

"މިއީ ކާކު. ކާކު ނަމްބަރު ދިނީ" އެކޮޅުން އަނެއްކާވެސް ސުވާލު ކުރިއެވެ.

"ޖަންނަތު. ހަމަ ވާހަކަ ދައްކާލަން މި ގުޅީ. އެހެން ނޫނަސް ތިއީ މީހެއްގެ އަންބެއްވެސް ނޫނެއްނު" އަހަރެން ހަމަޖެހިލެވޭތޯ ބެލީމެވެ.

"އާން. އެކަމަކު މީހެއްގެ ބިޓެއް" އެކޮޅުން އަވަސް ޖަވާބެއް ދިނީއެވެ.

"ހެޔޮ މީހަކާއި އިނީމަ ވާނީ މީހެެއްގެ މިލްކަކަށް. އެހެން ނޫނިއްޔާ އަހަރެން ވާހަކަ ދައްކާނަން އޯކޭތަ" އަހަރެން ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.

"އޯކޭ. މިވަގުތު ވަރަށް ބިޒީ" އެކޮޅުން ވާހަކަ ދައްކަން ދެކޮޅު ނުހެދުން އެއީ އަހަރެންނަށް ލިބުނު ހިތްވަރަކަށް ވިއެވެ.

އޭނަ ފޯނު ބޭއްވުމާއިއެކު އަހަރެން ޖަންނަތަށް ގުޅީމެވެ. ވީގޮތް ބުުނެދީ އިތުރަށް ކުރިއަށް ދާންވީ ގޮތް ސާފު ކުރުމަށެވެ. ހިތްވަރާއި އެކު ގޮތް ދޫނުކޮށް ކުރިއަށް ދިއުމަށް ޖަންނަތު ހިތްވަރު ދިނެވެ. އަހަރެންވެސް ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.

އެދުވަހަށްފަހު އެ އަންހެން ކުއްޖާގެ ޚަބަރެއް ނުވިއެވެ. ގެއްލުނީއެވެ. އަހަރެން ފޯނުވެސް ކުރީމެވެ. އެ ނަމްބަރުގެ ޚިދުމަތް އޮތީ މެދުކަނޑާލާފަައެވެ. އަހަރެން ވަރަށް ދެރަވިއެވެ. ހުޅުކޮޅު ނިވުނީއެވެ. އޭގެ ދެދުވަސް ފަހުން އަހަރެން ޖަންނަތަށް ގުޅީމެވެ. އަދި އަލީފާ ގެއްލުނު ވާހަކަ ބުނީމެވެ. އަދި އަލީފާ ހޯދައިދޭންވެސް އެދުނީމެވެ.

އަހަރެން ޖަންނަތު ޚަބަރެއް ވަންދެން ނުގުޅައި މަޑުކޮއްލީ އޭނައަށް ވަގުތު ދިނުމަށެވެ. ހަފްތާއެއް ވެގެން ދިޔައިރުވެސް ޖަންނަތުގެ ޚަބަރެއް ނުވެގެން އަހަރެން ގުޅީމެވެ.

"މާލޭގައިވީ. އެހެން ނަމްބަރެއް އަލީފާ ގެންގުޅެނީ. އަދި ބުނި އެފަހުން ތީނަ ނުގުޅާ ވާހަކަ" ޖަންނަތު އެހެން ބުނެފައި ފޯނު ބޭއްވިއެވެ. އަދި ޖަންނަތު ދިން ނަމްބަރަށް އަނެއްކާވެސް ގުޅީމެވެ.

"މާލޭގައި މިއުޅެނީ. މާދަމާ ރޭ ރަށަށް ދާން. ފަހަރެއްގައި މިރޭވެސް ފުރާފާނެ" އަލީފާ ބުނެލިއެވެ.

އަހަރެންގެ ހިތް އަވަސް ވަމުން ދިޔައެވެ. އަލީފާ އާއި ބައްދަލު ކުރެވޭނެ ގޮތެއް ވޭތޯއެވެ. ބައްދަލު ކުރާނީ ކިހިނެއްތޯއެވެ.

"އަހަރެން ތިގެއަށް ދަންތަ" އަހަރެން އަހަލީމެވެ.

"ނޫން. އަންނާނެ ކަމެއްނެތް. މިގޭ މީހުން ގޭގައި ނޫޅޭ" އަލީފާގެ ޖަވާބުން އަހަރެން ކޮށަމުން ދިޔަ މަގު ބެދުނު ކަހަލައެވެ. ކުރިއަށް ދާންވީ ގޮތް ނޭނގުނެވެ. ފޯނު ބާއްވާލާފައި ހަމަޖެހުމުގެ ނޭވާއެއްލީމެވެ. އެނދުގައި އޮށޯތީ ގައިން ބާރު ދޫވާހެން ހީވާތީއެވެ. ދެން ނުގުޅާނަމޭ ހިތާ ފޯނުވެސް ނުފެންނަ ގޮތަށް ބާލީސް ދަށަށް ލީމެވެ. ދެން އޮތް ބާލީސް ނަގައި މޫނުމަތީގައި ބޭއްވީމެވެ.

އަނެއްކާވެސް ފޯނަށް ބެލުނެވެ. އަލީފާގެ ޚަބަރެއް ވޭތޯއެވެ. އެއްވެސް ޚަބަރެއް ނުވިއެވެ. ތެދުވެގެން ގޮސް އަހަރެން ފާޚާނައަށް ވަދެ މޫނު ދޮވެލައިގެން އައިސް އަނެއްކާވެސް އެނދުގައި އިށީނީމެވެ. ފޯނަށް މެސެޖެއް އައި އަޑަށް އަވަހަށް ބަލައިލީމެވެ. އަލީފާއެވެ. މިރޭ ނުފުރާ ވާހަކަ އާއި ބޭރަށް ދާން ބަލާ އާދެވިދާނެތޯ އަހަން ފޮނުވި މެސެޖެކެވެ. އަހަރެން ވަގުތުން އާނއެކޭ ބުނެ މެސެޖް ކޮއްލީމެވެ. ގަޑިއާއި ބަލާ ދާނެ ތަން އަލީފާ ބުނެދިނެވެ.

އެރޭ ގަޑިން ނުވައެއް ޖެހިއިރު އަހަރެން ހުރީ އަލީފާ ބުނެދިން ހިސާބުގައެވެ. އަދި އެތާނގައި ހުރި ވާހަކަ ބުނަން ގުޅައިލީމެވެ. ފަސްވަރަކަށް މިނިޓްވެސް ނުވަނީސް އަލީފާ ނިކުތެވެ. ވަރަށް ރީއްޗެވެ. އަހަރެންގެ ހިތް އުފަލުން ނަށަން ފެށިއެވެ. އަލީފާ އައިގޮތަށް އައިސް އަހަރެންގެ ސައިކަލުގެ ފަހަތަށް އެރިއެވެ.

"ރެޑްވޭވަށް ދާނީ. އެއަށްފަހު ދުއްވާލަން ދާނީދޯ" އަލީފާ އެހެން ބުނުމުން އަހަރެން އާނއެކޭ ބުނެލުމުގެ ގޮތުން ބޯ ޖަހައިލީމެވެ. ރެޑްވޭވަށް ދިއުމަށްފަހު ދެމީހުން ދިޔައީ ދުއްވާލާށެވެ. މާލެ ވަށައި ބުރެއް ޖެހުމަށްފަހު އާޓިފިޝަލް ބީޗަށް މަޑުކޮއްލީ ހަމަޖެހިލައިގެން ވާހަކަ ދައްކާލާށެވެ. އެތާނގައި ހުރި ގޮނޑީގައި ދެމީހުން ތިބި އިރު މުޅި ދުނިޔެވެސް އަހަރެމެން ދެމީހުންނަށް މަރުހަބާ ކިޔަމުން ދިޔައެވެ. ހަނދުވެސް އަަހަރެމެންނާއި ބައިވެރިވަމުން ދިޔައީ ދެން ދުވަހަކުވެސް ދެމީހުން ދުރުނުވުމަށް އެދެމުންނެވެ. ވައި ރޯޅިތައް އަހަރެމެންގެ ހަށިގަނޑުގައި ބީހެމުން ދިޔައީ ދުރު ނުވުމަށް އެދި އާދޭސް ކުރަމުންނެވެ. ދެމީހުންގެ ބައްދަލުވުން ނިމިގެން ދިޔައީ މާ ބަގީޗާގައިި ހުރި މާތައް ފޮޅުވަމުންނެވެ. އެކަކު އަނެކަކާއި ދުވަހަކުވެސް ވަކި ނުވާން ވަޢުދާއި އަހުދުވަމުންނެވެ. އަހަރެންގެ ހަޔާތަށް އަހަރެން ބޭނުންވި ކަހަލަ ކުއްޖަކު ލިބުމުން ވަރަށް އުފާވިއެވެ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅައްތާއޭ ބުނެ އުޅެނީ މިހެން ވާތީ ކަމަށްވެސް ވެދާނެއެވެ. ކުރިން ލޯބިވެރިއެއް ނުލިބުނީވެސް އަލީފާ އަހަރެންގެ ހަޔާތަށް އަންނަން އޮތީމަ ކަމަށް ވުންވެސް ވެދާނެއެވެ.

= ނުނިމޭ =

+1
3
+1
6
+1
15
+1
0
+1
0
+1
3
+1
2

Advertisement

ޖުމްލަ 4 ކިޔުންތެރިންގެ ހިޔާލު

  1. ވަރަށް ރީތި ފެށުމެއް. އެކަމަކު އަލީފާގެ ނަން އެކަނި އެނގުނީ. ކޮންނަމެއްތަ އެސޮރަށް ކިޔަނީ. އަލީފާ އަނެއްކާ އެސޮރަށް ލަނޑެއް ނުދޭނެބާ. މީހެއްގެ ބިޓެކޭ ކިޔާފަ ހާދަ ފަސޭހައިން ސެޓު ވެއްޖެއޭ.

  2. އަލީފާގެ ބިޓެއް ހުއްޓާ މި ކުއްޖާއާ ރައްޓެހިވީ ކީއްވެބާ. އަލީފާ ދިރިއުޅެން ބޭނުންވަނީ ކޮން ރަށަކުބާ؟ އަލީފާގެ މައިންބަފައިން މި ގުޅުމަށް ގަބޫލު ވާނެބާ؟

  3. މި ވާހަކައިގެ ނަމުން ހީވަނީ ވަރަށް ދެރަވާނެ ހެން ކޮންމެވެސް އެކަކު. އަދި ހީވަނީ ދެމީހުން ވަކިވާނެހެން.

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް