November 22, 2024 12:07
Advertisement

-Advertisement-

ބަނޑުހައިކަމާ ވަރުބަލިކަމާއި ފެންބޮވައިގަނެފައިވާ ހާލު ފަންސާސްހާސް އަހަރު ހޭދަކުރަންޖެހޭ ދުވަސް

ޤިޔާމަތް ދުވަހުން ހުރިހައި އިންސާނުން މަޙުޝަރުގެ މައިދާނަށް ޖަމަޢު ކުރައްވައެވެ. މަޙުޝަރުގެ މައިދާނަށް އިންސާނުން އެއްކުރައްވަނީ ހިސާބު ބެއްލެވުމަށްޓަކައެވެ. އެއީ ޙިސާބު ބެއްލެވުމުގެ މައިދާނެވެ. މި މައިދާނަށް ދިއުމަށްޓަކައި އިންސާނުން އަލުން ދިރިގެންދާނެއެވެ. ކުރީގެ އުއްމަތްތަކުގެ މީހުންނާއި ފަހުގެ މީހުންނެވެ. ހުރިހައި އިންސާނުން ކައްވަޅުން ތެދުވެ މަޙުޝަރުގެ މައިދާނަށް ދާ ގޮތް ސިފަ ކުރައްވައި ކީރިތި މާތް ނަބިއްޔާ ޙަދީޘް ކުރައްވާފައިވެއެވެ.  (ثم يُرْسِلُ اللهُ مَطَرًا كأنه الطَّلُّ ، فيَنْبُتُ منه أجسادَ الناسِ، ثم يُنْفَخُ فيه أخرى، فإذا هم قِيامٌ ينظرونَ) އަދި އެއަށްފަހު، މާތް ﷲ ހިމަފޮދު ވާރޭއެއް ފަދަ ވާރޭ އެއް ވެއްސަވަތެވެ. އެއިން އިންސާނުންގެ ހަށިގަނޑު އުފެދިގެންދެއެވެ. އަދި ދެވަނަ ފަހަރަށް ފުމެލެއްވުމުން (އެބަހީ: ދެވަނަ ތާޅަފިލީގެ ފުމެލެއްވުމުން) އެމީހުން ތެދުވެގެން ބަލަހައްޓައިގެން ތިބެއެވެ." ހިމަފޮދު ވާރޭއިން އިންސާނުންގެ ހަށިގަނޑު އުފެދިގެން ދިއުމަށްފަހު، ތާޅަފިލި ފުމެލައްވައެވެ. އެ ތާޅަފީލީގެ އަޑަށް ހުރިހައި އިންސާނުން ތެދުވެގެން ﷲ ގެ ޙަޟްރަތަށް އެނބުރި އާދެއެވެ. އެ އަޑު އިވުމުން، ހިތަށް ބިރުވެރިކަން ވެރިވެއެވެ. ލޯތައް ތިރިވެ، މީހާގެ ނިކަމެތިކަން އިޙްސާސްވާން ފަށައެވެ. އަދި ކަށްވަޅުން ނިކުމެގެން އަންނަ ގޮތް ސިފަ ކުރައްވައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (كَأَنَّهُمْ جَرَادٌ مُّنتَشِرٌ﴾ މާނައީ: " ފެތުރިގަންނަ ގޮއްފުޅަނގިތަކެއް ފަދައިން ކަށްވަޅުތަކުން އެއުރެން ނުކުންނާނެތެވެ."  އެބަހީ: މަސްކާށި ދޫނިތަކެއް ފައްސައިލީމަ އުތުރިގެން އަރައިގެންދާ ފަދައިން މީސްތަކުން އެއްތަނަކަށް އެނބުރި އަންނާނެއެވެ. އެ މައިދާނަކީ ހުސް މައިދާނެކެވެ. އަދި މީސްތަކުން އެ މައިދާނަށް އެއްވުމަށް ފަސޭހަ މައިދާނެކެވެ. އެ ދުވަހުން އެކަކު އަނެކަކާ ސުވާލު ކުރުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.

މަޙުޝަރުގެ ބިން:

މަޙުޝަރު ބިމަކީ މިދުނިޔޭގެ ބިމާ ތަފާތު ބިމެކެވެ. މި ދުނިޔޭގައި މިފެންނަ އުޑާއި ބިން އެހެން އުޑަކަށް އަދި އެހެން ބިމަކަށް އެދުވަހުން ބަދަލުވެގެން ދެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿يَوْمَ تُبَدَّلُ الْأَرْضُ غَيْرَ الْأَرْضِ وَالسَّمَاوَاتُ ۖ وَبَرَزُوا لِلَّـهِ الْوَاحِدِ الْقَهَّارِ﴾  މާނައީ: "އެދުވަހުން، ބިން އެހެން ބިމަކަށް، އަދި އުޑުތައް (އެހެން އުޑުތަކަކަށް) ބަދަލުކުރައްވާނެތެވެ. އަދި އެއްކައުވަންތަ، ބާރުވެރިވަންތަ اللَّه ގެ حضرة އަށް އެންމެން ނުކުންނާނެތެވެ."  އެދުވަހުން ބިންގަނޑު ހަމަހަމަ ކުރެއްވި ، ބިމުގައި އުފުއްލިފައިވާ ތަންތަން (ފަރުބަދަ ފަދަ ތަންތަން) ތިރި ކުރެވިގެން ގޮސް އެބިން ފަތުރުއްވަވާނެއެވެ.

Advertisement

މަޙުޝަރުގެ މައިދާނަކީ ސާފު ހުދުކުލައިގެ މައިދާނެކެވެ. މަހުޝަރުގެ މައިދާން ޞިފަކޮށްދެއްވައި ކީރިތި މާތް ނަބިއްޔާ ޙަދީޘްތަކުގައި އައިސްފައިވެއެވެ. (يُحْشَرُ النَّاسُ يَومَ القِيامَةِ علَى أرْضٍ بَيْضاءَ عَفْراءَ، كَقُرْصَةِ النَّقِيِّ، ليسَ فيها مَعَلَمٌ لأَحَدٍ) ޤިޔާމަތް ދުވަހުން މީސްތަކުން މަޙުޝަރު ކުރެވޭނީ ހުދު ބިމަކަށެވެ. އެ ބިމުގައި އެއްވެސް ކަހަލަ އުފުލުންތަކެއް ނެތް ސަރާސަރު ހަމަ ބިމަކަށެވެ. ދަމާލެވިފައިވާ ނުވަތަ ފަތުރާލެވިފައިވާ ރޮއްޓެއް ފަދައިންނެވެ،"

މި ތާންގައި ރޮއްޓެއްގެ މިސާލުން މިސާލު ޖައްސަވަނީ އެއީ މީސްތަކުންގެ އަތްމަތީގައިވާ ބުއްދިއަށް ވިސްނޭ ފަދަ މިސާލަކުންނެވެ. ރޮއްޓަކީ އެއްވަރަށް ދަމާފައި ފިހާ އެއްޗަކަށް ވުމުންނެވެ. އެތާނގައި ގަހެއް އަދި ފަރުބަދައެއް ވެސް ނުހުންނާނެއެވެ. އެދުވަހުން މީސްތަކުން ތިބޭނީ ބިރުގަނެފައެވެ. އެމީހުންގެ ލޯ ތައް ތިރިވެ ބިރުވެތިވެގެންވާ ހާލުގައެވެ. އަދި ބަނޑުހައިކަމާ ވަރުބަލިކަމާއި ފެންބޮވައިގަނެފައިވާ ހާލުގައެވެ.

މަޙުޝަރު ކުރެއްވޭ ހާލަތު!

ހުރިހައި އިންސާނުން މަޙުޝަރު ކުރެއްވެނީ އޮރިޔާމުން ތިބޭ ހާލަތުގައެވެ. عائشة -رضي الله عنها ކީރިތި ރަސޫލާ ޙަދީޘްކުރައްވަނިކޮށް ތިމަންކަމަނާ އަޑުއެއްސެވީމެވެ. (تُحْشَرُونَ حُفاةً عُراةً غُرْلًا قالَتْ عائِشَةُ: فَقُلتُ: يا رَسولَ اللَّهِ، الرِّجالُ والنِّساءُ يَنْظُرُ بَعْضُهُمْ إلى بَعْضٍ؟ فقالَ: الأمْرُ أشَدُّ مِن أنْ يُهِمَّهُمْ ذاكِ).  "މީސްތަކުން ޤިޔާމަތް ދުވަހުން މަޙުޝަރު ކުރެވޭނީ ފައިވާނަށް ނާރާ، އުނު އޮރިޔާން ނިވައިނުވާ، އަދި ޚިތާނުނުކުރެވިފައިވާ ހާލުގައެވެ. ޢާއިޝާތުގެފާނު ދެންނެވި އެވެ. އޭ ﷲ ގެ ރަސޫލާއެވެ. "ފިރިހެނުންނާއި އަންހެނުން އެއްބަޔަކު އަނެއް ބަޔަކަށް އެދުވަހު ބަލާނެތޯއެވެ؟" ކީރިތި ރަސޫލާ ޙާދީޘް ކުރެއްވި އެވެ. :އޭ ޢާއިޝާ އެވެ! މީސްތަކުން އެއްބަޔަކު އަނެއްބައެއްގެ ޢައުރަ ބަލަން އުޅޭވަރަށްވުރެ އެދުވަހުގެ ކަންތައް މާ ބޮޑުވެގެންވެއެވެ. މާ ބިރުވެރިވެގެންވެއެވެ."

އިސްވެދިޔައީ ހުރިހައި އިންސާނުން މަޙުޝަރު ކުރެވޭނެ ގޮތެވެ. ނަމަވެސް އެ ހާލަތުގެ އިތުރުން ބައެއް މީހުންގެ ޢަމަލުތަކާއި އެއްފަދައިން އެމީހުން މަހުޝަރު ކުރައްވައެވެ. މި ގޮތުން މާތްﷲ އަށް އީމާންވި އަޅުން މަޙުޝަރު ކުރެއްވެނީ ވަފްދެއްގެ ގޮތުގައެވެ. އަދި ކާފިރުން މަޙުޝަރު ކުރެއްވެނީ ބީރު ބައެއްގެގޮތުގައެވެ. އަދި ކިބުރުވެރިވެ ބޮޑާވެގެން މިދުނިޔެ މަތީގައި އުޅުނު މީހުން ޤިޔާމަތް ދުވަހުން މަޙުޝަރު ކުރެވޭނީ ކުޑަވެގެންވާ ހިނިތަކެއް ފަދައިންނެވެ. ނިކަމެތިވެފައިވާ ބައެއްގެ ގޮތުގައެވެ. ހަމަމިފަދައިން، އިޙްރާމްގައި ހުންނަނިކޮށް މަރުވާ މީހުން މަޙުޝަރު ކުރެއްވެނީ ތަލްބިޔާ ކިޔާ ހާލުގައެވެ.

މަޙުޝަރުގެ މުއްދަތު:

މަޙުޝަރުގެ މައިދާނުގައި މީސްތަކުން ތިބޭހުށީ އެއްދުވަހުއެވެ. އެދުވަހުގެ ދިގުމިން އަހަރެމެން މިހާރު މިހޭދަ ކުރާ ދުވަސްތަކުން ބަލާ އިރު، އެއީ 50،000 އަހަރެވެ. އެ ދުވަހުން މީސްތަކުންގެ ބޯ ތަކާއި އިރު ވާނީ ކައިރިކުރެވިފައެވެ. އެބައިމީހުންގެ ޢަމަލުތަކާ ގުޅޭ ގޮތުން ހަށިގަނޑުން ފައިބައިގެން އަންނަ ދާ ތަކުގެ ތެރޭގައި ޣަރަޤުވާ ހިސާބުގައި ބައެއް މީހުން ތިބޭނެއެވެ. އަނެއްބަޔަކު ރަޙްމާންވަންތަ ﷲ ގެ ޢަރްޝުފުޅުގެ ހިޔާވަހިކަމުގައި ތިބެއެވެ. މިކަން ބަޔާން ކުރައްވައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. ﴿وَأَنذِرْهُمْ يَوْمَ الْآزِفَةِ إِذِ الْقُلُوبُ لَدَى الْحَنَاجِرِ كَاظِمِينَ ۚ مَا لِلظَّالِمِينَ مِنْ حَمِيمٍ وَلَا شَفِيعٍ يُطَاعُ﴾  މާނައީ: "އެބައިމީހުންނާ އިންޛާރު ކުރައްވަވާށެވެ. ޤިޔާމަތް ދުވަހުގައި ހިތްތައް އެ ހިތްތަކުގެ އަސްލު މަޤާމުން ނުކުމެގެން އައިސް ކަރުތެރޭގައި ތާށިވާފަދަ ގޮތަކަށް އިޙްސާސްވެވޭފަދަ ހާލަތެއްގައި ވާނެތެވެ." އެދުވަހުގެ ބިރު ބޮޑުކަމަށްޓަކައެވެ. ހާސްބޮޑުކަމުންނެވެ. ނަމަވެސް މުއުމިނުންނަށް އެވަގުތު ކުރުވެގެންވާކަން ބަޔާން ކުރައްވައި މާތް ނަބިއްޔާ ޙަދީޘްކުރައްވާފައިވެއެވެ. "މުއުމިނުންނަށްޓަކައި ޤިޔާމްތަދުވަސް ވާހުށީ މެންދުރާއި ޢަޞްރާއި ދެމެދު ފަދަ ވަގުތު ކޮޅަކަށެވެ."

މި ދުވަހަށްޓަކައި އަޅުގަނޑުމެން ޖެހެނީ މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށް އީމާންވާށެވެ. މި ދުވަހަށްޓަކައި އަޅުގަނޑުމެން ޖެހެނީ ފޮތްތަކަށް އީމާންވާށެވެ. މި ދުވަހަށްޓަކައި ރެއަކާއި ދުވާލު ފަރުޟު ފަސް ނަމާދު ކުރަން ޖެހެއެވެ. މި ދުވަހަށްޓަކައި އަޅުގަނޑުމެން ހެޔޮ ޢަމަލު ކުރަން ޖެހެއެވެ. އަދި ހެޔޮ ޢަމަލުތައް ކުރުމުގައި މުރާލިވާން ޖެހެއެވެ. މި ދުވަހަށްޓަކައި ތައްޔާރުވާން ޖެހެއެވެ.

+1
0
+1
2
+1
14
+1
2
+1
3
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް