މާތް ﷲ އަށް އުރެދުމަށް ކުރެވޭ ކޮންމެ ކަމަކީ ފާފައެކެވެ. ފާފައަކީ އޭގެ ނުބައިކަން އިންތިހާއަށް ބޮޑު އެއްޗެކެވެ. ޝައިތާނާ މާތް ﷲ ގެ ރަޙުމަތުން ބޭރުކުރެވި ލަޢުނަތް ލެއްވުނީ ފާފައިގެ ސަބަބުންނެވެ. ޢާދު ބާގައިގެ މީހުންނާއި ޘަމޫދު ބާގައިގެ މީހުންނާއި ޝުޢައިބުގެފާނުގެ ޤައުމުގެ މީހުން ހަލާކު ކުރެއްވީ ފާފައިގެ ސަބަބުންނެވެ. ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ މައްޗަށް އެބައިމީހުންގެ ރަށް އުފުއްލަވައި، ބަންޑުންޖައްސަވައި، އަލިފާނުން ދޮންކުރެވިފައިވާ ހިލައިގެ ވާރޭ ވެއްސެވީ ފާފައިގެ ސަބަބުންނެވެ. ފިރުޢައުނާއި އޭނާގެ ލަޝްކަރު ޣަރަޤު ކުރެއްވީ ފާފައިގެ ސަބަބުންނެވެ. ޤާރޫނު ބިމުގެ އަޑިއަށް ގަންބަވާލެއްވީވެސް ހަމަ ފާފައިގެ ސަބަބުންނެވެ. ފާފައަކީ އޭގެ ސުންޕާކަން އެކަންކުރާ މީހާއަށާއި މުޅި މުޖުތަމަޢަށް ކުރިމަތިކުރުވާ އެއްޗެކެވެ.
ފާފައަކީ އޭގެ ސަބަބުން މާތް ﷲ ގެ ކޯފާއާއި ޢަޛާބަށް ހުށަހެޅޭކަމެކެވެ. ބައެއް ފާފަތަކަށް ދުނިޔެމަތީގައި ވެސް ޢަޛާބު އާދެއެވެ. އަމަން އަމާންކަން ގެއްލި ބިރުވެރިކަމާއި ނާމާންކަން ފެތުރެއެވެ.
" ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިމަޑުކަމާއި ވަބާތަކާ މެދު ވިސްނާލައިފިނަމަ އޭގެ އެންމެ ނުރައްކާތެރި އެއް ބާވަތަކީ ނަހަމަ ޖިންސީ ގުޅުމުން ޖެހޭ ބަލިތައް. މިފަދަ ބަލިމަޑުކަން ފެތުރެނީ އިންސާނުން އަމިއްލައަށް ކުރާ ނުބައި ޢަމަލުތަކުގެ ސަބަބުން. އެއްޖިންސުގެ ގުޅުމާއި، ކައިވެނިން ބޭރުގައި ހިންގޭ ބަދު އަޚްލާޤީ ޢަމަލުތަކުގެ ތެރެއަށް ގެނބިގެން ދިއުމުގެ ސަބަބުން".
އަހަރެމެންގެ ތެރެއިން ބައެއް މީހުން ފާފައާމެދު ދެކެނީ ވަރަށް ލުއި ގޮތަކަށެވެ. ދުނިޔަވީ މަންފާއަށްޓަކައި، ފާފައެއްކުރުމަށް ޖެހިލުމެއް ނުވެއެވެ. ބޮޑެތި ފާފަތަކަށްވެސް އަރައިގަންނަނީއެވެ. ބަނގުރާ ބުއިމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ޒިނޭ ކުރުމާއި، ވައްކަން ކުރުމާއި، ރިބާ ކެއުމާއި، ޖުވާ ކުޅުމާއި، މީހުން މެރުމާއި، ސިޙުރު ހެދުމާއި، ޣީބަ ބުނުމާއި، ނެތި މޮށުމާއި، ފުރައްސާރަ ކުރުމާއި، މަލާމާތް ކުރުމާއި، ޢިއްފަތް ފޭރުންފަދަ ކަންކަމަށް މީހުން އަރައިގަންނަނީ އެއްވެސް ބިރެއްނެތިއެވެ. މުޖުތަމައުގެ އާންމު މިންގަޑާއި ޚިލާފުވިޔަސް ބޭނުންގޮތަކަށް ހެދުން އަޅަނީއެވެ. ފާފަ ކުރުމަށްފަހު އެކަމަށް ފަޚުރުވެރި އެވާހަކަ ދައްކާ އުޅޭމީހުންވެސް މަދެއްނޫނެވެ.
ސަލާމަތުގެ މަގު ބޭނުންވާނަމަ ފާފަތަކުން ތައުބާވުމަށް އަވަސްވެގަންނާށެވެ.
މައުލޫމާތު: ހުކުރު ޚުތުބާ