ދެމީހުންވެސް ބޭނުންވީ ވީހާވެސް އަވަހަކަށް ކައިވެނި ކުރާށެވެ. ކައިވެނި ނުކޮށް ގިނަ ދުވަހު ތިބުން އެއީ ދެމީހުންވެސް ބޭނުންވި ގޮތެއް ނޫނެވެ.
ޖެހިގެން އައި ދުވަހުގެ ރޭ އަލީފާ ފުރީ އޭނަގެ ރަށަށް ދާށެވެ. ވަޒީފާގައި އުޅޭތީވެސް ދާން ޖެހޭނެތާއެވެ. ނަމަވެސް ވީހާވެސް އަވަހަކަށް އަނެއްކާވެސް މާލެ އަންނަ ގޮތަށެވެ. ކައިވެނީގެ ކަންތައް ހަމަޖެއްސުން އަހަރެންނާއި ހަވާލު ކުރިއެވެ. ނަމަވެސް އަލީފާ ބޭނުންވީ އޭނަގެ ރަށުގައި ކައިވެނީގެ ހަފްލާ ބޭއްވުމަށެވެ. އަހަރެންގެ އާއިލާގެ މީހުން އެރަށަށް ދާ ގޮތަށެވެ. އަހަރެމެންގެ ކައިވެނީގެ ކަންތައް ހަމަޖައްސަމުން ދިޔަ ނަމަވެސް ދެފަރާތުގެ އާއިލާއަކަށް އެކަމެއް ނޭނގޭނެއެވެ. އަދި އަންގަން ބޭނުން ނުވާތީއެވެ. އަލީފާ ރަށުގައި ހުއްޓަސް ހުރިހާ ކަމެއް ބަރާބަރަށް ހަމަޖައްސަމުން ދިޔައެވެ. މާލެ ކޮޅުން އަހަރެން ކުރަން ޖެހޭ ކަންތައް އަހަރެން ކުރަމުން ދިޔައީ އަލީފާގެ މަޝްވަރާއި އާއި އެކުގައެވެ. އެއްވެސް ކަމެއް އަލީފާގެ މަޝްވަރާ އާއި ނުލާ ނުކުރަމެވެ. ކުޑަމިނުން ކައިވެނީގެ ދަޢުވަތު ކާޑާއި ކުލަވެސް ހަމަޖެއްސީ އަލީފާގެ ލަފާގެ މަތިން އަލީފާއެވެ.
ހަފްތާގެ ފަހެވެ. ލިބުނު ކުރު ޗުއްޓީއެއްގައި އަލީފާ ހުރީ މާލޭގައެވެ. އެފުރުސަތު އަހަރެމެން ބޭނުން ކުރީ ދެފަރާތުގެ އާއިލާއަށް މި ވާހަކަ ހިއްސާ ކުރުމަށެވެ. އެގޮތުން އަހަރެން ފުރަތަމަވެސް ދިޔައީ އަލީފާގެ މާލޭގައި ދިރިއުޅޭ ބޮޑުދައިތަމެންގެ ގެއަށެވެ. އެގޭ މީހުން ވަރަށް ރަނގަޅެވެ. އަހަރެންގެ އާއިލާގެ މީހުންނަށް އެންގީ ޖެހިގެން އައި ރޭގައެވެ. ނަސީބު އަތުގައި ހިފިއެވެ. ދެ އާއިލާގައި ވެސް މިކަމަށް ނޫނެކޭ ބުނި އެއްވެސް މީހަކު ނެތެވެ. އަހަރެން ވަރަށް އުފާވިއެވެ. ކައިވެނީގެ ކަންތައް އެންމެ ފުރިހަމަ ގޮތުގައި ހިގައިގަތީއެވެ. އަހަރެން ބޭނުންވީ މާލޭގައި ކައިވެނި ކުރާށެވެ. ނަމަވެސް އަލީފާ ބޭނުންވަނީ އޭނަގެ ރަށުގައި ކައިވެނި ކުރާށެވެ. ސަބަބެއް ކަމުގައި ބުނަނީ އަލީފާ ދިރިއުޅެނީ ރަށުގައި ކަމުގައި ވުމެވެ. އަދި އާއިލާގެ އެންމެންވެސް ދިރި އުޅެނީ ރަށުގައި ކަމަށް ވުމެވެ. ރަނގަޅު ވާހަކައެކެވެ. އަހަރެންގެ އާއިލާގެ މީހުންވެސް އެހަފްލާއަށް ގެންދަން ބޭނުންވީމެވެ. ނަމަވެސް އެރަށަށް ދާން ވަރަށް ޚަރަދު ބޮޑު ވާނެތީ އެވާހަކަ އަހަރެން އަލީފާ އާއި ދެއްކީމެވެ. ނަމަވެސް އަލީފާ ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އަހަރެން އަލީފާ ދެކެ އިންތިހާއަށް ލޯބި ވާތީ އެކަންވެސް ދޫކޮއްލީމެވެ. ކިތަންމެ ބޮޑު ޚަރަދެއް ކޮއްލައިގެން ނަމަވެސް އެރަށަށް އަހަރެންގެ އާއިލާގެ މީހުން ގެންދަން ހަމަޖެއްސީމެވެ. މިކަމުގައި އަލީފާގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނެވެ. އަހަރެންގެ ފުރަތަމަ ކައިވެނީގެ ހަފްލާގައި ބައިވެރިވާން އަހަރެންގެ އާއިލާގެ މީހުންވެސް ތިބީ ވަރަށް ބޮޑަށް ބޭނުން ވެފައެވެ. ހުރިހާކަމެއް ހަމަ ޖެއްސެން އޮތީ އަހަރެންވެސް އެރަށަށް ގޮސްގެން ކަމަށް ވާތީ ވަރަށް ކުރިން އެރަށަށް ދިޔައީމެވެ. އަހަރެންގެ އާއިލާގެ މީހުން ތިބޭނެ ތަނެއްވެސް ހަމަޖެއްސީ އަހަރެން އަމިއްލައަށް ގޮސް އެތަންތަން ބަލާފައެވެ. އެއީ އަލީފާމެންގެ ގެއާއި ވަރަށް ކައިރި ގެއެކެވެ. އަހަރެމެން ކައިވެނި ހަމަޖެއްސީ ޑިސެމްބަރު މަހަށެވެ. ސަބަބަކީ އެދުވަސްވަރަކީ ސްކޫލް ބަންދު ދުވަސް ވަރަކަށް ވުމުން އެންމެނަށް އެރަށަށް އަންނަން ފަސޭހަ ވާނެތީއެވެ. އަލީފާގެ އާއިލާ މީހުންނަކީ ވަރަށް ރަނގަޅު ބައެކެވެ. އަހަރެމެންނަށް ހުރިހާ އެހީތެރިކަމެއް ފޯރުކޮށް ދިނެވެ.
ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި އަހަރެންގެ އާއިލާގެ މީހުން އަހަރެމެންގެ ކައިވެނީގެ ހަފްލާގައި ބައިވެރި ވުމަށް މާލެއިން އަލީފާގެ ރަށަށް ދާން ފުރިއެވެ. އެމީހުން އަންނަންވާއިރަށް ވާންޖެހޭ ތައްޔާރީތައް ވަރަށް ފުރިހަމައަށް އަލީފާ އާއި އަލީފާގެ އާއިލާއިން ކުރިއެވެ. އަހަރެން އިތުރަށް ބުނާނެ އެއްވެސް އެއްޗެއް ނެތެވެ. އަހަރެންގެ އާއިލާއަށް މަރުހަބާ ކިޔަން އަލީފާގެ އާއިލާގެ އެންމެން ތައްޔާރުވިއެވެ.
އެރޭ ދަންވަރު ދޭއް ޖަހަން އުޅެނިކޮށް އަހަރެންގެ އާއިލާގެ މީހުން ދަތުރު ކުރަމުން ދިޔަ ބޯޓް އެރަށުގެ ފަޅުތެރެއަށް ވަދެގެން އައި އިރު އަހަރެންނާއި އަލީފާ އަދި އަލީފާގެ އާއިލާގެ މެންބަރުން އަތިރިމަތީގައި އެމީހުންގެ އިންތިޒާރުގައި ތިބީމެވެ. މާގިނަ އިރަކު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ބޯޓުން އަހަރެންގެ އާއިލާގެ މެންބަރުން ފޭބުމާއި އެކު އަހަރެންނާއި އަލީފާ އެމީހުންނަށް މަރުހަބާ ކީމެވެ. މަންމަމެން އަލީފާގެ ގައިގައި ބައްދަ ބައްދާފައި އުޅުނެވެ. އުފަލުންނެވެ. އަހަރެން މަންމަގެ އަތުގައި ހިފައިގެން ގެއާއި ދިމާލަށް ހިނގައިގަތީމެވެ. ދައްތަމެން އަލީފާ އާއި ހަވާލު ކޮއްފައެވެ. އަހަރެންގެ އާއިލާގެ މީހުން އެރަށަށް އައީ މުޅިން އަލަށެވެ. އެހެން ވުމުން އެމީހުން ދޫކޮއް ނުލުމަށް އަލީފާގެ ގާތުގައި ބުނީމެވެ. މަންމަ ގޮވައިގެން އަހަރެން ވަކި ހިސާބަކަށް ހިނގައި ގަނެފައި ފަހަތަށް ބަލައިލީމެވެ. އަލީފާ ފެންނާކަށް ނެތެވެ. ދައްތަ އާއި ބައްޕަ އަދި ކޮއްކޮމެން އެކަނި އަހަރެމެންގެ ފަހަތުން އާދެއެވެ. އަހަރެން އަލީފާ ކޮބައިތޯ ބަލައިލީމެވެ. އަލީފާ ހުރީ އޭނަގެ ދައްތަގެ ގާތުގައެވެ. އަހަރެން އަލީފާގެ ގާތަށް ގޮސް އަހަރެންގެ އާއިލާގެ މީހުންނާއި އެކީ އައުމަށް އެދުނީމެވެ. ޖަވާބަކަށް އަލީފާ ބުނީ އޭނަގެ ދައްތަ އަންނަންދެން މަޑުކޮއްލީ ކަމަށެވެ. އަހަރެންވެސް ދެން މަޑުކޮއްލީ އެންމެން އެކީގައި ގެއަށް ދާށެވެ. އެއީ ކުޑަ ކުޑަ ރަށަކަށް ވުމުން ގެއަށް ދާން އެހާ އިރެއް ނުނެގިއެވެ. އާއިލާގެ މީހުން އެމީހުން ތިބެން ހަމަ ޖައްސާފައިވާ ގެއަށް ލުމަށްފަހު އަހަރެން ހިނގައިގަތީ އަހަރެން ހުންނަ ގެއަށެވެ. އެއީ ޖެހިގެން އަންނަ ރެއަކީ ކައިވެނި ކުރާ ރެއަށް ވާތީ އަދިވެސް ކުރަން ވަރަށް ގިނަ ކަންތައް ހުންނާނެތީ އަވަހަށް ނިދާލުމަށެވެ. އަހަރެން ގޮސް އަވަސް ކޮއްލައިގެން ނިދަން އޮށޯތީމެވެ. އަހަރެންނަށް ހޭލެވުނީ އަލީފާ އަހަރެންގެ ފޯނަށް ގުޅީމައެވެ. އަހަރެންނަށް މާ ލަހުން ހޭލެވުނީއެވެ. އަހަރެން އަވަސްވެގަތީ މަންމަމެންގެ ހާލު ބަލާށެވެ. ފޯނުން ދައްތައަށް ގުޅައިލީމެވެ. ފުރަތަމަވެސް އަހަރެންނަށް އަހައިލެވުނީ ސައިބުއިންތޯއެވެ. ދައްތަ ވަރަށް އުފަލާއެކު ބުނެލީ އަލީފާ ސައި ދީފިކަމަށެވެ. އަހަރެން ދެން ސައިބޮއިގެން އަވަސްވެގަތީ އެރޭގައި އޮތް ކައިވެނީގެ ކަންތައް ހަމަޖެއްސުމަށެވެ. ނަމަވެސް އަހަރެންގެ އާއިލާ ކައިރިއަށް ގިނަ ވަގުތު ގޮސް އުޅުނީމެވެ. އެމީހުންނަކީ މިރަށަށް ބީރައްޓެހިންނަށް ވީމައެވެ. ނަމަވެސް ދޭތެރެއަކުން އާއިލާގެ މީހުން އަލީފާ ކޮބައިތޯ އަހައިލައެވެ. އެގެއަށް ނާންނަތޯ އަހަރެން އަހައިލަމެވެ. ޖަވާބަކީ ނާންނަ ވާހަކައެވެ. އަހަރެން އަލީފާގެ ގާތުގައި އެވާހަކަ ދެއްކީމެވެ. އަހަރެންގެ އާއިލާގެ މީހުންނަކީ މިރަށަށް އަލަށް އައިސްގެން އުޅޭ ބައެއް ކަމަށް ބުނީމެވެ. އަލީފާ ބުނަނީ އުޅެން ޖެހޭލެއް ބުރަކަމުން އަދި އެގެއަށް ނުދެވެނީ ކަމަށެވެ. ގިނަ ވަގުތު ސްކޫލްގައި އެތަން ތައްޔާރު ކުރަން އުޅެންޖެހޭ ވާހަކައެވެ. ނަމަވެސް ސްކޫލްގައި ޕާޓީ އޮތީ ޖެހިގެން އޮތް ރޭގައެވެ. މިރޭ މި އޮތީ އަހަރެމެންގެ ކައިވެނީގެ ހަފްލާއެވެ. ކައިވެނީގެ ހަފްލާ އޮތީ އަލީފާގެ ގޭގައެވެ. އެހަފްލާއަށް ދަޢުވަތު ދީފައި އޮތީ ދެފަރާތުގެ އާއިލާގެ މީހުންނަށް އެކަންޏެވެ.
ގަޑިން އަށެއް ޖެހިއިރު ދެފަރާތުގެ އާއިލާގެ މެންބަރުން ތިބީ އަލީފާމެންގެ ގޭގައެވެ. އެރެއަށް އަހަރެންނާއި އަލީފާގެ ހެދުމުގެ ކުލަ ތަފާތުވި ނަމަވެސް އަހަރެން އެކަމާއި އަޅައެއް ނުލަމެވެ. ނަމަވެސް އަހަރެން ހީކޮއްގެން ހުރީ އަލީފާވެސް ލާނީ އަހަރެންނާއި އެއް ކުލައެއް ކަމަށެވެ. އެރޭ އެ ހެދުން ލާ ކަމެއް އަހަރެންނަށް ކުރިން ނޭނގެއެވެ. އެންމެވެސް އިންތިޒާރު ކުރަމުން ދިޔައީ ކައިވެނީގެ ހަފްލާ ފަށާނެ ވަގުތަކަށެވެ. ސިޓިންގރޫމްގައި ބޮޑު މޭޒެއް ބަހައްޓާފައި ހުރިއިރު މޭޒު ވަށައިގެން ގޮނޑި އަތުރާފައި ހުއްޓެވެ. އަހަރެންގެ ގާތުގައި އަލީފާ އިނެވެ. އަދި ކުރިމަތީގައި މަންމަ އާއި ބައްޕަ އިނެވެ. އެންމެން ކުރަމުން ދިޔަ އިންތިޒާރުގެ ވަގުތު ޖެހުނީއެވެ. ރަށު ކޯޓުގެ ގާޒީ އާއި އިދާރީ މުވައްޒަފުން ދޮރާށިން ވަދެގެން އައިސް މޭޒު ދޮށުގައި އިށީނެވެ. އަދި އެމީހުންނަށް އިޚްތިރާމް ކުރުމުގެ ގޮތުން އެންމެންވެސް ކޮޅަށް ތެދުވިއެވެ. ހަފްލާ ފެށުނީއެވެ. އެންމެންވެސް ތިބީ ވަރަށް ހިމޭނުންނެވެ. ކައިވެނި ކޮށް ނިމުމާއިއެކު ގޭތެރެ ހަލަބޮލި ވިއެވެ. އެއްބަޔަކު ސައި ތައްޔާރު ކުރަމުން ދިޔައިރު އަނެއްބަޔަކު އަހަރެމެންނަށް މަރުހަބާ ކިޔަމުން ދިޔައެވެ. ނަމަވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ އަހަރެމެންގެ ކޮޓަރި ބަޔަކު ތައްޔާރު ކުރަމުން ދާ ތަނެވެ. ލައްކަ އިރު ވެއްޖެއެވެ. އަދިވެސް އެ ކޮޓަރި ނުނިމެނީ ބާއެވެ. އަހަރެން އެދިމާއަށް ދާން މަސައްކަތް ކުރީމެވެ. ނަމަވެސް އަލީފާގެ އާއިލާ އިން ބުނަނީ އެއީ ސަޕްރައިޒެއް ކަމަށެވެ. އަދި ކޮޓަރިވެސް ފެންނާނެ ކަމަށާއި ކެތްތެރި ވުމަށެވެ. އެމީހުންގެ ބަސް އަހައިގެން އަލީފާ އާއި އަހަރެން ހުރީމެވެ. މުޅި ގޭތެރެ ޒީނަތްތެރި ކޮއްފައި އޮތީވެސް ހަމަ އަލީފާގެ އާއިލާގެ މީހުން ކަމަށް ވާތީ އެމީހުންގެ އުފަލަކަށް ކުރާނެ ކަމެއް ކުރަން ދޫކޮއްލީމެވެ. އެ އުފާވެރި ހަފްލާ ނިމިގެން އަހަރެންގެ އާއިލާގެ މީހުން ތިބޭ ގެއަށް އެމީހުން ގެންދިޔައީ އަލީފާ އާއި އަހަރެންނެވެ.
ހެނދުނު އަންނާނެ ކަމަށް ބުނެ އަނެއްކާވެސް ގެއާއި ދިމާއަށް ހިނގައިގަތީމެވެ. ގޭ ދޮރުން ވަންނަނިކޮށް ވަލު ދޮރާށިން މީހަކު އެއްޗެއް ކޮނޑަށް ލައިގެން ދަނިކޮށް އަހަރެން އަލީފާ އާއި ސުވާލު ކޮއްލީމެވެ. އަލީފާ ބުނީ ވަރަށް ކެތް ކުރަން ވާނެ ކަމަށާއި މިރޭ އަހަރެމެންނަށް ކޮންމެ ފަދަ ގޮތެއްވެސް އެމީހުން ހަދައިފާނެ ކަމަށެވެ. އެކަމަށް އަހަރެން ސިކުނޑި ތައްޔާރު ކުރީމެވެ. ގޭތެރެއަށް ވަން އިރު އެންމެންވެސް ނިދަން ވަދެއްޖެއެވެ. އަހަރެންނާއި އަލީފާވެސް ކޮޓަރިއަށް ވަންނަން ހިނގައިގަތީމެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. މުޅި ގޭތެރެ އޮތީ ހަމަހިމޭން ވެފައެވެ. އަހަރެމެން ގޮސް ކޮޓަރިއަށް ވަންނަން ބަލައިލިއިރު ކޮޓަރީގެ ދޮރުފަތެއް ނެތެވެ. އަނެއްކާވެސް ކޮޓަރީގެ ތެރެއަށް ވަދެ ރަނގަޅަށް ބަލައިލީމެވެ. ކަމަކު ދާކަށް ނެތެވެ. އަހަރެމެން ނިދަން އެމީހުން ރޭވި އެނދުވެސް މިހާރަކު ނެތެވެ. ކޮޓަރީގެ ހަތަރު ފާރު އެކަންޏެވެ. އަހަރެންނާއި އަލީފާ ބޭރަށް ނިކުމެލީމެވެ. ސިޓިންގރޫމަށެވެ. ކުއްލިއަކަށް މުޅި ގެއިން ކަރަންޓް ކެނޑުނީއެވެ. އަހަރެން މަޑުމަޑުން ގޮނޑީގައި އިށީނީމެވެ. ކަމަކު ދާކަށް ނެތެވެ. ގޭތެރެއިން މީހުން ނިކުތް ދިމާލެއް ނޭނގެއެވެ. އެއް ބަޔަކު އައިސް އަހަރެންގެ ފޯނު އަތުލިއެވެ. އެއީ ކޮން ބައެއް ކަމެއް ނޭނގެއެވެ. އިރުކޮޅަކުން އަލީފާ ގޮވަން ފެށިއެވެ.
"އިމްރާން. އިމްރާން. އަހަރެން މިއޮތް ގެންދަނީ. ގެންދަނީއޭ" އަލީފާ ގޮވަމުން ދިޔައެވެ. އަހަރެންނަށް އަލީފާ ގެންދިޔަ ތަނެއް ނޭނގުނެވެ. އޭގެ ފަސްވަރަކަށް މިނިޓް ފަހުން ގޭތެރެއަށް އަލިކަން ލިބުނެވެ. އެންމެންވެސް ތިބީ ހެވިފައެވެ.
"ކޮބާ އިމްރާންގެ އަންހެނުން. ކައިވެނި ކުރި ރޭ ތި ގެއްލުނީ" އަލީފާގެ ބޭބެ އައިސް އަހަރެންގެ ގާތުގައި ބުނެލިއެވެ.
"ކޮންތާކަށް ގެންދިޔައީ" އަހަރެން ހުރީ ހާސްވެފައެވެ.
"އަޅާނުލާ. މާދަން އެމީހުން އަލީފާ ގެންނާނެ. އެއީ އެމީހުން ރާވައިގެން ކުރި ކަމެއް. އިމްރާންގެ އާއިލާއަށްވެސް އެނގޭނެ އަލީފާ ވީތަނެއް. އެހެންވެ އިމްރާންގެ ފޯނުވެސް އެ އަތުލީ" އަލީފާގެ މަންމަ ހެމުން ހެމުން ކިޔައިދިނެވެ.
އަހަރެން ހަމަޖެހިލީމެވެ. އަލީފާގެ މަންމަ އެވާހަކަ ކިޔައި ދިނީމައެވެ. ނަމަވެސް އެވާހަކަ އަލީފާގެ މަންމަ ކިޔައިދިނީ އެހެން މީހުންނަށް ސިއްރުންނެވެ. ކުރާނެ ކަމެއް ނެތެވެ. ކައިވެނި ކުރި ރޭ އަލީފާ ގެއްލުނީއެވެ. މާދަމާއަށް އިންތިޒާރު ކުރުން ނޫން ގޮތެއް ނެތެވެ. އަހަރެން އެންމެ ހިތްހަމަޖެހުނީ އަލީފާ ގެންދިޔައީ އޭނަގެ އާއިލާގެ މީހުން ކަން އެނގުނު ހިސާބުންނެވެ. އަހަރެންނަށް ނިދަން ޖެހުނީ އެނދެއްނެތް ދޮރުފަތެއް ނެތް ކޮޓަރިއެއްގައެވެ. އަހަރެން ކޮޓަރިއަށް ވަނީ ހާސް ނުވާ ކަމަށް ހަދައިގެންނެވެ. އެނދެއް ނެތް ކޮޓަރިއެއްގައި ނިދާނީ ކިހިނެތް ހެއްޔެވެ.
"ދެން އާދޭ މި ކޮޓަރިއަށް. އަހަރެން މިދަނީ ދައްތަމެންގެ ގެއަށް" އަލީފާގެ ބޭބެ އޭނަގެ ކޮޓަރި ދައްކައިލަމުން ބުނެލިއެވެ. އަހަރެން ގޮސް އެކޮޓަރިއަށް ވަނީމެވެ. އެކޮޓަރީގައި އޮތީ އަހަރެން އެކަންޏެވެ. ނަމަވެސް ނިދޭ ގޮތެއް ނުވިއެވެ. ދެން އަހަރެންނާއި ކުރިމަތި ވާނީ ކޮންކަހަލަ ކަމެއް ކަން ނޭނގޭތީއެވެ.
= ނުނިމޭ =
ކިޔުންތެރިންގެ ހިޔާލު
އަނެއްބައިކިޔާހިތުން ކެތް މަދުވެފައި
ކޮމެންޓްސް ބަންދުކުރެވިފައި