November 25, 2024 03:31
Advertisement

-Advertisement-

ފޮޓޯ: ޕީއެންޖީއެގް

ލޯބީގައި ލަނޑު ލިބުނީތަ؟ ދެން ދިރިއުޅުމާއިގެން ކުރިއަށްދާނީ ކިހިނެއް؟

ލޯތްބަކީ ވަރަށް ފާޑެއްގެ އެއްޗެކެވެ. މިއަދު ވަރަށް ލޯބިން އުޅޭ މީހާއަށް މާދަމާ އަންނާނީ ކޮން ބަދަލެއް ކަމެއް ނޭނގޭނެއެވެ. ލޯބިން އެކުގައި އުޅުނު ކިތަންމެ ދެމަފިރިންނެއް ވަކިވެ، ލޯބީގެ ބަދަލުގައި އިންތިހާއަށް ރުޅިއަންނަ މަންޒަރު ދަނީ ފެންނަމުންނެވެ. މިފަދަ ހާލަތްތަކުގައި ހިތްދަތިކަން ލިބޭ މީހާއަށް ނަފްސާނީ ގޮތުން އަސަރުކުރާ މަންޒަރު ފެނެއެވެ.

ލޯބީގައި ހިތްދަތި ތަޖުރިބާތަކެއް ކުރަންޖެހުމުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެ ހިތާމައިގައި އުޅެވެއެވެ. އެކަމަކު މިފަދަ ހާލަތްތަކުގައި އަމިއްލަ ނަފްސު ކޮންޓްރޯލު ކުރަން ދަސްކުރަން އެބަޖެހެއެވެ. ލޯބިވެސް ވާންވީ ވަކިވަރަކަށެވެ. ލޯތްބަށްޓަކައި އަމިއްލަ ނަފްސު ހަލާކުގެތެރެއަށް ވައްޓާނުލާށެވެ. ލޯތްބަށްޓަކައި ސަލާންޖަހާ މީހަކަށް ނުވެވޭތޯ ބަލަން އެބަޖެހެއެވެ.

ދިރިއުޅުން އަލުން ކުރިއަށްގެންދާނީ ކިހިނެއް؟

Advertisement
  • ހަގީގަތް ގަބޫލުކުރުން

ހަޔާތުގެ ބައިވެރިޔާ ވަކިވެދިއުމުން އެ ހަގީގަތް ގަބޫލުކުރާށެވެ. ތިމާގެ ކުށެއް ނެތި ދޫކޮށްފަ ދިއުމުން އެފަދަ މީހަކަށްޓަކައި ހިތާމަކުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ހިތާމަކުރިއަސް އެނބުރި އަންނާނެ ހެއްޔެވެ؟ މިހެން ބުނާއިރުވެސް މިއީ ވަރަށް އުދަގޫ ހާލަތެއްކަން ވިސްނެއެވެ. އެހެންނަމަވެސް ތިމާ ދޫކޮށްފަ ދިއުން އެއީ ބަދަލުނުވެވޭނެ ހަގީގަތެއްކަން ގަބޫލުކުރަން އެބަޖެހެއެވެ.

  • މުސްތަގުބަލަށް ވިސްނާ

ދިރިއުޅުމުގައި ލޯތްބަށް ލަނޑު ލިބުމަކީ އަދި ދިރިއުޅުން ހުއްޓުމެއް ނޫނެވެ. ފަހަރެއްގައި އެގޮތަށް މެދުވެރިވީ އޭގެ ސަބަބުން ތިމާއަށް ކޮންމެވެސް ރަނގަޅެއް އޮތުމުން ކަމަށްވެސް ވެދާނެއެވެ. ވިސްނަންވީ މުސްތަގުބަލަށެވެ. ދެން ތިމާގެ ދިރިއުޅުން ކުރިއަށްގެންދާނެ ގޮތަކަށެވެ. އަމިއްލަފައިމައްޗަށް ތެދުވުމަށް ވަޒީފާއެއް އަދާކުރުން ނޫނީ އާމްދަނީ ހޯދުމަށް މަސައްކަތެއް ކުރުން މިއީ ކުރީގެ ހިޔާލުތަކާއި ދުރަށް ދިއުމަށް ކުރެވޭނެ ވަރަށް ރަނގަޅު ކަމެކެވެ. ސަބަބަކީ އެއިރުން ތިމާގެ ސިކުނޑި ބޭކާރު ކަންތައްތަކަށް ވިސްނާވަރު ކުޑަވެ އަމިއްލައަށް ހޯދާ އާމްދަނީއިން އަމިއްލައަށް އުޅެވެން ފެށުމުން ލިބޭ ހިތްހަމަޖެހުން ބޮޑުވާނެތީއެވެ.

  • ވަގުތުނަގާނެކަން ގަބޫލުކުރޭ

ކުރިން ލިބެމުން ދިޔަ ލޯބި ކުއްލިއަކަށް އުނިވުމުން މީހާއަށް އެކި ގޮތްގޮތުން އޭގެ އަސަރު ކުރާނެއެވެ. ކާހިތް ނުވެދާނެއެވެ. މީހުންނާއި ވާހަކަދައްކާހިތް ނުވެދާނެއެވެ. އެކަނިވެރިވުމަށް އެދޭނެއެވެ. އެކަމަކު ހިތްވަރު ކުރާށެވެ. އިތުބާރުކުރެވޭ މީހަކާއި ވާހަކަތައް ހިއްސާކުރާށެވެ. އަމިއްލަ ނަފްސަށް އެއަންނަ ބަދަލުތަކަށް ހޭނެން ވަގުތުނަގާނެކަން ގަބޫލުކުރާށެވެ. ކުއްލިއަކަށް މީހާގެ ދިރިއުޅުން ފުރިހަމަ ނުވެދާނެއެވެ. މަޑުމަޑުން ދިރިއުޅުން ހަމައަކަށް އެޅުވުމަށް އާއިލާއާއި ގާތް ރަހުމަތްތެރިންގެ ހިޔާލާއި އެހީތެރިކަން ހޯދާށެވެ.

ފޮޓޯ: ޕީއެންޖީއެގް
  • ދިރިއުޅުން އުފާވެރި ކުރުމަށް މަސައްކަތްކުރަމާ

ދިރިއުޅުން އުފާވެރި ކުރުމަށް ގާތްތިމާގެ މީހުންނާއި ބައްދަލު ކުރެވިދާނެއެވެ. ދަރިން ތިބިނަމަ އެ ދަރިން ގޮވައިގެން ޕާކަށް ނުވަތަ މޫދަށް ދެވިދާނެއެވެ. އެކަނި ހިތްދަތިކަމުގައި އުޅުމުގެ ބަދަލުގައި ތިމާގެ ނަފްސަށް އުފާވެރިކަން ގެނެސްދޭނެ ފަދަ ކަންތައްތައް ކުރުމަށް ބާރުއެޅިދާނެއެވެ. މިސާލަކަށް ވާހަކައެއް ކިޔާލުން، ހެއްވާމަޖާ ވީޑިއޯއެއް ބަލާލުން، ތަފާތު ކަންކަމުގެ މައުލޫމާތު އިންޓަނެޓުން ކިޔާލުން ފަދަ ކަންތައްވެސް ކުރެވިދާނެއެވެ.

  • ނަމާދާއި ދުޢާ އިން ހިތްވަރު ހޯދަމާ

ދިރިއުޅުމުގައި ކިތަންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވިއަސް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ ނަމާދުކޮށް ދުޢާ ކުރުމުންނެވެ. ދިރިއުޅުމުގެ ހާލަތު ބަދަލުވޭތޯ ގިނަގިނައިން ދުޢާ ކުރާށެވެ. އިރާދަކުރެއްވިއްޔާ ރަނގަޅުގޮތެއް މެދުވެރިވެދާނެއެވެ. ނަމާދުކޮށް ދުޢާ ކުރުމުން ދިރިއުޅުން އުފާވެރިވާނެއެވެ. އެކަނިވެރިކަން އިހުސާސްކުރެވޭ މިންވަރު ކުޑަވެ ސިކުނޑިއަށް ހަމަޖެހުން ލިބޭނެއެވެ.

  • އަމިއްލަ ނަފްސު ކޮންޓްރޯލު ނުކުރެވޭނަމަ ފަރުވާހޯދާ

ލޯބީގައި އެކި މީހުން ތަޖުރިބާ ކުރަނީ އެކި ކަންކަމެވެ. ހިތްދަތިކަން އިންތިހާއަށް ކުރިމަތިވެ ނަފްސާނީގޮތުން މީހާ އަށް އަސަރުކުރާ ހިސާބަށް ބައެއް މީހުންގެ ހާލަތު ދެއެވެ. މިފަދަ ހާލަތެއްގައި ފަރުވާ ހޯދަން އެބަޖެހެއެވެ. އެމަންޒަރު ފެންނަ ބަޔަކުވެސް އެފަދަ މީހަކަށް އެހީތެރިކަން ފޯރުކޮށްދޭން އެބަޖެހެއެވެ.

  • އާއިލާގެ އެހީތެރިކަން މުހިންމު

މިފަދަ ހާލަތްތަކުގައި މަންޒަރު އެންމެ ކައިރިން ފެންނާނެ އެއްބަޔަކީ އާއިލާގެ މެންބަރުންނެވެ. މީހަކަށް ހިތްދަތިކަން ކުރިމަތިވާއިރު އެމީހާ އެކަމުން އަރައިގަތުމަށް އާއިލާގެ އެހީތެރިކަން ވަރަށް މުހިންމެވެ. އަބަދު ރޮއެ ހިތާމަކުރަން ދޫކޮށްލުމުގެ ބަދަލުގައި އެ ހިތާމައިން އަރައިގަތުމަށް އެހީތެރިއަކަށްވާށެވެ.

ލޯބީގެ ނިމުމަކީ އަދި ދިރިއުޅުމުގެ ނިމުމެއް ނޫނެވެ. ދިރިއުޅުން ކުރިއަށްގެންދިއުމަށް ކުރެވެންހުރި މަސައްކަތެއް ކުރަން އެބަޖެހެއެވެ. ދަރިން ތިބިނަމަ އެ ދަރީންގެ ހައްގުގައެވެ. ނުވަތަ މައިންބަފައިންގެ ހައްގުގައި ނަމަވެސް ދިރިއުޅެން މަސައްކަތް ކުރަންޖެހެއެވެ. ކުރިން ހިތްދަތިކަން ލިބުނު މީހުންނަށް ފަހުން ލިބޭ އުފާވެރިކަން ބޮޑުވާފަހަރުވެސް އާދެއެވެ. ހިތްވަރުދޫކޮށް ނުލާށެވެ. 

+1
0
+1
4
+1
7
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް