November 23, 2024 05:17
Advertisement

-Advertisement-

މަސައްކަތުގެ މާހައުލުން ދިމާވި ޑިޕްރެޝަނުން އަރައިގަންނަން ކުރި މަސައްކަތް

ދިރިއުޅުމުގައި ކޮންމެކަމެއްވެސް ގުޅިފައި އޮންނަނީ ތިމާގެ ހިތްހަމަޖެހުމަށެވެ. އަމިއްލަ ހިތްހަމަޖެހުމާއި އުފާވެރިކަން ނެތް މީހަކަށް ދިރިއުޅުމުގެ ފޮނި މީރު ރަހައެއް ނުފެންނާނެއެވެ. ތިމާއަށް ކިތަންމެ ބޮޑު މުސާރައެއް ލިބުނަސް ތިމާގެ އަމިއްލަ ސިކުނޑިއަށް ލިބޭ ހިތްހަމަޖެހުމަކީ ވަރަށް މުހިންމު އެއްޗެކެވެ. އެ ހިތްހަމަޖެހުން ނުލިބޭނަމަ އެމީހަކީ ގެއްލި ހަލާކުވެގެންދިއުމުގެ ފުރުސަތު އޮތް މީހެކެވެ. ކިތަންމެ މޮޅަށް ތައުލީމު ހާސިލުކޮށް ދުނިޔޭގެ ބޮޑެތި ޔުނިވަރސިޓީ ތަކުން މޮޅެތި ފާސްތައް ނަގާފައި ހުއްޓަސް ކުރާނެ މާބޮޑު ފައިދާއެއް ނެތެވެ. މަސައްކަތުގެ މާހައުލުގައި އުޅޭއިރު ހިތްހަމަޖެހޭތޯ ބެލުންވެސް ވަރަށް މުހިއްމެވެ. އެހެންނޫންނަމަ ދެން ކުރިމަތިލާންޖެހޭ ކަންތައްތައް މާގިނަ ވާނެއެވެ.

މަޝްހޫރު "ހާވަރޑް ޔުނިވަރސިޓީ" އިން ލޯ ކިޔަވައިގެން މަސައްކަތުގެ ދާއިރާއަށް ނުކުތް އުމުރުން 28 އަހަރުގެ ޖޫލިއަން ސަރަފިއަން އަށް ކުރިމަތިލާންޖެހުނު ކަންތަކުގެ ވާހަކަ ހިމަނާލާނަމެވެ. 2018 ވަނަ އަހަރު ޔުނިވަރސިޓީއިން ގްރެޖުއޭޓް ވުމަށްފަހު އުމުރުން 24 އަހަރުގައި އެންމެ ދާން ބޭނުންވި ވަޒީފާއަށް ގޮސްގެން އަހަރަކު 200،000 ޑޮލަރު ލިބެއެވެ. ފެންނަފެނުމަށް މިއީ ވަރަށް އުފާވެރި މީހެއްކަމަށް ހީވެދާނެއެވެ. ހަގީގަތުގައި ފަރުދާގެ އަނެއްފަރާތުގައި އަނދަމުންދާ އަލިފާނުގެ ހޫނުމިން އިހްސާސް ކުރެވޭނީ އެކަމުގައި އުޅޭ މީހަކަށްތާއެވެ.

މީނާގެ ގާތް އެކުވެރިޔާއަކީ މާމައެވެ. އެހެންނަމަވެސް މާމަ ނިޔާވުމާއި ގުޅިގެން އޭނާގެ ދުނިޔެ އެކަނިވެރިވީއެވެ. ކިޔެވުމުގެ އެންމެފަހު އަހަރު އޭނާއަށް ތަފާތު ބަދަލުތަކެއް އަންނަކަން ފާހަގަ ކުރެވެން ފެށިއެވެ. ކުއްލިކުއްލިއަށް 'ޕެނިކް އެޓޭކް' އައުމާއި 'ގޭސްޓްރިކް'ގެ މައްސަލަ ދިމާވާންފެށިއެވެ. މިހެން ދިމާވުމުން ވަރަށް ބޮޑަށް ބަލިވެ މީހާ މުޅިން ހަލާކުވާން ފެށިއެވެ. މިކަމާގުޅިގެން ޑޮކްޓަރަށް ދައްކައި ސްކޭންހަދައި އަދި ނުވިތާކަށް 'އެންޑޮސްކޯޕީ'ވެސް ހެދިއެވެ. ހާލުދެރަވެ ނުކެވި މީހާ ވަރަށްބޮޑަށް ބަލިވެ ސިއްހީގޮތުން ވަރަށް ބޮޑެތި ގެއްލުންތައް ލިބެންފެށިއެވެ. އެއްވެސް ވަރަކަށް ކަސްރަތު ނުކުރެވުމުން ތަފާތު ކަންކަން ދިމާވިއެވެ. މިހުރިހާ ކަމެއް މިހެން ދިމާވުމުން އޭނާއަށް ހީވީ ހަގީގަތުގައި ވަރަށް ބޮޑު ބައްޔެއް އުޅެނީ ކަމަށެވެ. އޭރުވެސް ޑޮކްޓަރުން ބުނަމުން އައީ އޭނާގެ އެއްވެސް ސިއްހީ މައްސަލައެއް ނެތް ކަމަށެވެ. ހުރިހާވެސް ކަމަކީ 'ސްޓްރެސް' ކަމަށެވެ. ނަމަވެސް ހަގީގަތުގައި ކަންބޮޑުވެގެން ދިމާވާ ކަމެއްކަމެއް އޭރުގައި ނޭނގެއެވެ. ސްޓްރެސް ނުވަތަ ކަންބޮޑުވުމަކީ ކިހިނެއްވެގެން ދިމާވާން ޖެހުނު ކަމެއްކަމެއްވެސް ނޭނގެއެވެ.

Advertisement

2020 ގައި ކޮވިޑްގެ ބަލިމަޑުކަމުގައި އިތުރަށް ހާލަތު ގޯސްވެގެން ދިޔައެވެ. އޮފީހުގެ އެއްވެސް މަސައްކަތެއް ނުކުރެވި ސިކުނޑި ސުމަކަށް ދާންފެށިއެވެ. އަސްލު މައްސަލައަކީ ކޮބައިކަން ނޭނގި މީހާ ހަލާކުވެގެންދާން ފެށިއެވެ. ކޮންމެއަކަސް މިހެން އުޅެމުން 'ސައިކޭޓްރިސްޓެއްގެ' އެހީގައި އޭނާގެ އަސްލު ބަލީގެ ހަގީގަތް އެނގުނެވެ. 'އެންޒައިޓީ' އާއި 'ޑިޕްރެޝަން' ދިމާވުމުގެ ސަބަބުން މީހާ ބަލިކަށިވެގެން ދިޔައީ ހީވެސް ނުކުރާ ގޮތަށެވެ. ދިމާވާންފެށި ކަންކަމުން މީހާ އިތުރަށް ހާސްވެސްވިއެވެ. އެހެންނަމަވެސް އަސްލު ބަލި ދެނެގަނެވުމުން ވަރަށް ހިތްހަމަޖެހުނު ކަމުގައި ބުންޏެވެ. 2021 ވަނަ އަހަރު ޖުލައިމަހު ވަޒީފާއިން ވަކިވިއެވެ. ވަޒީފާ އާއި ފައިސާއަށްވުރެ އޭނާގެ 'މެންޓަލް ހެލްތް' މާބޮޑަށް މުހިއްމުވިއެވެ. ވަޒީފާގައި އުޅެންޖެހުނު ބުރަކަމާއި ދުވަހުން ދުވަހަށް ކަންކަން ނުނިމިއްޖެނަމަ ބޮޑުމީހާގެ ފަރާތުން އަންނާނެ 'ރޯޅި' އަކަށްވެސް ވިސްނަންޖެހުމާއި ދުވާލާއި ރޭގަނޑުގެ ގިނަވަގުތު މަސައްކަތްކުރަން ޖެހުމުން ސިކުނޑިއަށް މާބޮޑަށް ބާރުބޮޑުވީއެވެ. އެހިސާބުން ސިކުނޑި ހުއްޓުމަކަށް އައިކަހަލައެވެ. އެހެންނަމަވެސް އޭނާ ބޭނުންވީ އޭނާގެ ބަލިހާލަތުން އަރައިގަނެގެން އެއަށްވުރެ މަދު މުސާރައެއް ލިބުނަސް އެހެންތަނަކަށް ބަދަލުވާށެވެ.

ވަޒީފާ ބަދަލުކޮށްލުމަށްފަހު އެހެން ތަނެއްގައި މަސައްކަތްކުރަން ފެށުމުން އޭނާގެ ސިކުނޑިއަށް ވަރަށް ބޮޑު ލުއިކަމެއް ލިބިގެންދިޔައެވެ. 'މެންޓަލް ވެލްނަސް' ރޫޓިން ފެއްޓުމަށްފަހު ބަރާބަރަށް މަސައްކަތްކުރަން ވަގުތު ލިބެން ފެށިއެވެ. އެގޮތުން ފޮތް ކިއުމާއި ކަސްރަތު ކުރަންފެށިއެވެ. 'މެންޓަލް ހެލްތަށް' ސަމާލުކަން ދެމުން މަސައްކަތްކުރުމަކީ އެއްގޮތަކަށްވެސް ތިމާގެ ވަޒީފާ ތިމާއަށް މުހިއްމު ނުވުމެއް ނޫނެވެ. މީނާ ކިޔައިދިންގޮތުގައި އެންޒައިޓީ ދެނެގަނެ އެކަމަށް ހައްލު ހޯދަން މަސައްކަތް ކުރަންޖެހެއެވެ. 

ސްޓްރެސް ތިމާގެ ހަށިގަނޑަށް އަންނަގޮތާއި ސްޓްރެސް ބޮޑުވާކަން ފާހަގަވާނެއެވެ. މެންޓަލް ހެލްތާއި ބެހޭ އެއްޗެހި ކިޔުމާއި ބްލޮގްތަކުގައި ހުންނައެއްޗެހި ކިއުންވެސް ހިމެނެއެވެ. އަދި އެކަންކަން ރަނގަޅުކުރާނެ ގޮތްތައް ދެނެގަތުންވެސް ހިމެނެއެވެ. ނޭވާލުންވެސް ފަރިތަކޮށް މިކަމުން ސަލާމަތްވާނެ ގޮތްތަކެއްވެސް ދަސްކުރަންޖެހެއެވެ.

މިކަމުން ދޭހަވީ ތިމާގެ ހަށިގަނޑަށް ދޭންޖެހޭ ސަމާލުކަން ނުދެވި ފަރުވާ ކުޑަކޮށްލައިފިނަމަ މިކަހަލަ ބަލިތަކުން އަރައިނުގަނެވޭނެ ކަމެވެ. އެހެންނަމަވެސް މިކަމުން އިބްރަތް ހާސިލްކޮށް ތިމާގެ އަމިއްލަ ސިކުނޑިއަށް ވަގުތުދޭން ދަސްކުރާށެވެ.

+1
1
+1
6
+1
4
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް