November 24, 2024 05:05
Advertisement

-Advertisement-

ވާހަކަ: އާދޭސް (ފުރަތަމަބައި)

އެނދުން ތެދުވެ ވަށައިގެން ހޯދާލީ އެއްޗެއް ވެއްޓުނު އަޑަށެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުފެނުމުން އަރޫމާ ގޮސް އެނދުގައި އޮށޯވެލީ އެއީ އަރޫމާއަށް ހީވި ގޮތް ކަމަށް ހިތައެވެ. ނަމަވެސް ދެވަނަ ފަހަރަށް ވެސް އެއަޑު ތަކުރާރުވިއެވެ. މިފަހަރު ކޮޓަރިން ބޭރުންނެވެ. އަރޫމާ ބާރު ބާރަށް ގޮސް ކޮޓަރީގެ ދޮރު ހުޅުވައި ބަލައިލިއިރު ބޭރުގައިވެސް އެއްވެސް މީހަކުފެންނާކަށް ނެތެވެ. އަރޫމާ ހުރީ ބިރުން ތުރުތުރު އަޅައެވެ.

"މަންމާ.މަންމާ" އަރޫމާ ގޮސް މަންމަގެ ކޮޓަރީގައި ތަޅަން ފެށިއެވެ.

"ކިހިނެއްވީ ދަރިފުޅާ" އަރޫމާގެ މަންމަ ހުރީ ހާސްވެފައެވެ.

Advertisement

"ކަމެއް ނުވޭ. ނިދިނައިސްގެން މިކޮޓަރިއަށް މިއައީ" މަންމަ ހާސްވެފައި ހުރި މަންޒަރު ފެނުމުން އަރޫމާ ބުނެލިއެވެ.

އަރޫމާގެ ބައްޕަ ނިޔާވިފަހުން އެގޭގައި އުޅެނީ މަންމަ އާއި އަރޫމާ ދެމީހުން އެކަންޏެވެ. ބައްޕަ އާއި މަންމަގެ އާއިލާ މީހުންގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބެއެވެ. ސަބަބަކަށް ވަނީ މަންމަ އާއި ބައްޕަ ކައިވެނި ކުރީ ދެފަރާތުގެ ނުރުހުމާއި އެކުގައެވެ. މަންމަ އާއި ބައްޕަ ކައިވެނި ރޫޅާލުމަށް އެމީހުން ނުކުރާ ކަމެއް ނެތެވެ. ސިހުރު ހާހޫރަ ހެދުމަކީ އެމީހުންގެ އާދައަކަށް ވަނީ ވެފައެވެ. ގިނަ ރޭރޭ ނުނިދި އޮތަސް އެކަމެއް މަންމައަށް އަންގާކަށް އަރޫމާ ބޭނުމެއް ނޫނެވެ.

ހެނދުނު އަރޫމާއަށް ހޭލެވުނުއިރު އޮތީ ހުން ފާޑަކަށް ވެފައެވެ. ނަމަވެސް މަންމައަށް އެކަންވެސް ސިއްރު ކުރުމުގެ ގޮތުން ހިތްވަރާއި އެކު އެނދުން ތެދުވެ ލޯ އުގުޅަމުން ބަދިގެއާއި ދިމާއަށް ހިނގައިގެންފިއެވެ. ބަދިގޭގައި ސައިހެދުމަށް މަންމަ އަވަދިނެތި އުޅެއެވެ.

"ހޭލެވުނީ ދޯ. ތިހެން އުޅެގެން އިންނާނެ މީހަކުވެސް ނުވާނެ" އަރޫމާ ފެނުމާއި އެކު މަންމަ ވާހަކަ ފެށިއެވެ. ތެދެކެވެ. އަރޫމާ މީހަކާއި ނީނދެ ހުންނަތާ ވަރަށް ދުވަސް ވެއްޖެއެވެ. ފުތަރަމަ އަރޫމާ އިންނަން އުޅުނު ކުއްޖާ އާއި މަންމަ ވަނީ ނުޤަބޫލުން ދުރު ކުރުވާފައެވެ. ސަބަބަކަށްވީ އޭނާ އަށް އަރޫމާ ގެންގުޅެވޭނެހާ ތަނަވަސް ކަމެއް ނެތުމެވެ. އަރޫމާ މަންމައަށް ވަރަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ނަމަވެސް އެކަމެއް މަންމަ ޤަބޫލެއް ނުކުރިއެވެ. އެންމެފަހުން އެމީހުންނަށް ޖެހުނީ ވަކިވާށެވެ. މަޖުބޫރުންނެވެ. އެފަހުން އެއްވެސް މީހަކާއި ގުޅުމެއް ބާއްވާކަށް އަރޫމާ ބޭނުމެއް ނުވެއެވެ. ގެއިން ބޭރަށް ވެސް ނިކުންނަނީ ވަރަށް މަދުންނެވެ.

"މަންމައަށް ހީވޭ މިގޭތެރޭ ކަންތައްގަޑެއް ހިނގާހެން" މަންމަ އަރޫމާ ގާތުގައި ބުނެލިއެވެ.

"ކޮންކަމެއް" އަރޫމާ ހުރީ ހާސްވެފައެވެ.

"ހީވޭ މިގޭތެރޭ ނޭގޭ ކޮންމެވެސް ކަންތަކެއް އުޅޭހެން" އަނެއްކާވެސް އަރޫމާގެ މަންމަ ބުނެލިއެވެ.

"ކޮންކަމެއްހޭ. ކޮންކަމެއްހޭ" އަރޫމާ އިހުނަށްވުރެ ހާސްވިއެވެ.

"މިބުނީ ރޫހާނީ ކަމެއް އުޅޭހެންނޭ" މަންމަވެސް ހުރީ ހާސްވެފައެވެ.

ތެދެކެވެ. އަރޫމާއަށް މިހާރު ފެންނަމުން އެދަނީ އެކަހަލަ ކަންތަކެކެވެ. ކޮންމެ ރެއަކު ކަހަލަ ގޮތަކަށް އެކަހަލަ ކަމަކާއި އެބަ ދިމާވެއެވެ. ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް މިކަންތައްވެސް ދަނީ އިތުރުވަމުންނެވެ.

މިފަހަކަށް އައިސް އަރޫމާ ބަލިވާންފެށީ ބުނަންވެސް ނޭގޭ ކަހަލަ ގޮތަކަށެވެ. ވާނުވާއެއް ނޭގެއެވެ. ޑޮކްޓަރަށް ދައްކައިގެން ލިބުނު ކުރިއެރުމެއް ނެތެވެ. ކޮންމެ ޑޮކްޓަރަކުވެސް ދެނީ ކޮންމެވެސް ކަހަލަ ބޭހެކެވެ. މިކަމާއި އަރޫމާ އިންތިހާއަށް ކަންބޮޑުވެ ފިކުރު ކުރެއެވެ. ވާނުވާ ނޭގޭތީއެވެ. އަރޫމާގެ ހަށިގަނޑަށް އަންނަ ބަދަލުތައް މަންމަ ދެނެގަތެވެ. ނަމަވެސް ރޭގަނޑަށް ބަލިވުމަކީ އަރޫމާގެ ބަލީގެ އެއް ވައްތަރެވެ.

ކޮންމެ ރެއަކުވެސް އަރޫމާ ވަރަށް އަވަހަށް ނިދަން ބޭނުންވެއެވެ. ހަށިގަނޑަށް ކޮންމެވެސް ކަހަލަ ލުޔެއް ލިބޭނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް ލޮލަށް ނިންޖެއް ނައެވެ. ދެއަތަށް ފުރޮޅި ފުރޮޅި އޮތީއެވެ. އަރޫމާ ސިއްސައިގެން ދިޔައީ މޭޒުމަތީގައި ބަހައްޓާފައި ހުރި ބިއްލޫރިތަށި ވެއްޓުނު އަޑަށެވެ. އަވަސް އަވަހަށް ތެދުވެ ތަށި ނަގަން މަސައްކަތް ކުރިއެވެ.

"ތި ތަށި ނުތެޅޭ" ކޮޓަރި ތެރެއިން ފިރިހެނެއްގެ އަޑު އިވުނެވެ. އަރޫމާ ވަށައިގެން ހޯދައިލިއެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން ގޮސް ކުޑަދޮރު ހުޅުވައިލިއެވެ.

"ބަލަ މިތާ މިހުރީ" އަރޫމާއަށް ކުޑަދޮރު ކައިރިން މީހަކު ފެނުނެވެ. ނަމަވެސް އެއީ ކާކުކަމެއް ނޭގޭތީ އަވަހަށް ދޮރު ލައްޕަން އުޅުނެވެ. ނަމަވެސް އެކަންވެސްވީ ބޭކާރެވެ. ނޭގޭ ބާރެއް އަރޫމާގެ މައްޗަށް ވަނީ ފޯރާފައެވެ. އަރޫމާއަށް ހުރިތަނުން ހިރިވެސް ނުލެވުނެވެ. ހަޅޭލަވަން އުޅެ ހަޅޭކެއް ނުލެވުނެވެ.

"ކޮންތާކަށް ދާން ތިއުޅެނީ" އެ ފިރިހެން މީހާ އަރޫމާގެ އަތުގައި ހިފެހެއްޓި ވަގުތު އޭނާ ހުރީ ކޮޓަރި ތެރޭގައެވެ.

"އަތުން ދޫކުރޭ. ތީ ކާކު" އަރޫމާ ހުރީ ހާސްވެ ބިރުން ތުރުތުރު ލަނީއެވެ.

"ބަލަ މިއީ އަރޫމާގެ ލޯބިވެރިޔާ" އެމީހާ ބުނެލީ ވަރަށް ލޯތްބާއި އެކުގައެވެ.

"ލޯބިވެރިޔާއޭ. އަދި ކިރިޔާ މި ފެނުނީ. ވެދާނެ ތިއީ ޖިންނިއެއް ކަމަށް ވެސް" އަރޫމާ ހުރީ ރުޅިގަދަވެފައެވެ.

އެވާހަކައިގައި ތިއްބާ ފަތިސްނަމާދަށް ގޮވިތަނާހެން އެފިރިހެން މީހާ ދިޔުމުން އަރޫމާ ހިތްހަމަޖެހުމުގެ ފުން ނޭވާއެއް ލިއެވެ. މަޑުމަޑުން އައިސް އެނދުގައި އޮށޯތެވެ. އެއީ ކާކުބާއެވެ. އަހަރެންގެ ހުރިހާ މަޢުލޫމާތު ލިބުނީ ކިހިނެތް ހެއްޔެވެ. އެހުރިހާ ވިސްނުމުގައި އޮއްވައި އަރޫމާ އަށް ނިދުނެވެ. އަރޫމާ އަށް ހޭލެވުނީ މަންމަ އައިސް ކޮޓަރީގައި ތަޅައިގަތް އަޑަށެވެ. އަރޫމާ އަވަސް އަވަހަށް ތެދުވެގެން ގޮސް ދޮރު ހުޅުވިއިރު ކުރިމަތީގައި މަންމަ ހުއްޓެވެ. އަރޫމާ ހިތް ތެޅެން ފެށިއެވެ. ރޭގައި ހިނގި ކަންތައް މަންމައަށް ކިޔައި ދޭނީބާއޭ ނުވަތަ ނުދަންނަ ކަމަށް ހެދިގެން ހުންނާނީ ބާއޭ ހިތަށް އަރަމުން ދިޔައެވެ.

"ދަރިފުޅާ. ތިހާ ލަހުން ހޭލާކަށް ނުވާނޭ" އަރޫމާއަށް ނަސޭހަތްތެރިވުމުގެ ގޮތުން މަންމަ ބުނެލިއެވެ.

"މަންމާ. ރޭގައި މާގަދައަށް ނިދުނީއޭ" އެހެން ބުނެލުމާއިއެކު އަރޫމާ ކޮޓަރީގެ ދޮރު ލެއްޕިއެވެ.

އަދިވެސް ރޭގައި ހިގައި ދިޔަ ކަންތަކާއި މެދު އަރޫމާއަށް ވިސްނެނީއެވެ. އެއީ ކީއްވެކަން އަރޫމާއަކަށް ވެސް ނޭގެއެވެ. އަވަސް އަވަހަށް މޫނު ދޮވެލައިގެން ބޭރަށް ނިކުތީ މަންމައަށް އެކަންތައް ސިއްރުކުރަން ހިތުލައިގެނެވެ. ނަމަވެސް ބޭރަށް ނިކުމެވުނީ ހަމަ ކިރިޔާއެވެ. މަންމަގެ ސުވާލުތަކާއި ކުރިމަތިލާން ޖެހުނީއެވެ.

"މަންމައަށް ހީވޭ މިހާރު ކޮންމެވެސް ކަންތަކެއް ދަރިފުޅު ހިންގާހެން" މަންމަ އެހެން ބުނެލުމާއިއެކު އަރޫމާ ދިޔައީ ސިއްސައިގެންނެވެ. މަންމައަށް ރޭގެ ކަންތައް އެނގުނީބާއެވެ.

"ވަރަށް ބަނޑުހައި ވެއްޖެ" އަރޫމާ އަވަހަށް މަޢުލޫ ބަދަލުކޮއްލިއެވެ.

އިރުއޮއްސުނުއިރު ވެސް އަރޫމާ ހުރީ ރޭގައި ދިމާވި ކަންތަކަށް ގެއްލިފައެވެ. ގޯތިތެރެއަށް އަނދިރިވަމުން ދިޔައިރު އަރޫމާގެ ހިތް ބާރަށް ތެޅެމުން ދިޔައިރުވެސް ގޭތެރެއަށް ވަންނާކަށް ބޭނުމެއް ނުވިއެވެ. އެ ހަމަހިމޭން ވަގުތު އެކަނި ހޭދަކޮއްލަން ބޭނުންވިއެވެ. މަޑުމަޑުން ގޮސް ގޯތިތެރޭގައި ހުރި ޖޯލިފަތީގައި އިށީނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތުމުން ފުންނޭވާއެއް ދޫކޮއްލިއެވެ. ޖެހެމުން ދިޔަ މަޑު ވައިރޯޅި އައިސް އަރޫމާގެ އިސްތަށިގަނޑާއި ކުޅެމުން ދިޔައެވެ. ކައިރީގައި ހުރި ކަށިކެޔޮގަހުގެ ފަތްތަށް އަރޫމާއާއި ބައިވެރި ވަމުން ދިޔަކަހަލައެވެ. އަރޫމާ ފުން ނޭވާއެއް ލުމަށްފަހު ޖޯލިފަތީގައި އޮށޯތެވެ. އުޑުމަތީގައި ވިލާ މަޑުވެލާފައި ހުރިއިރު ތަރިތައް ފިޔަޖަހާ އަރޫމާ އާއި ބައިވެރިވަމުން ދިޔައެވެ. ވައިރޯޅި ބާރުވެ އުޑުމަތިން ބަނަވިހެން ހީވިއެވެ. އަރޫމާ ޖޯލިފަތިން ތެދުވެ ގޭތެރެއަށް ވަންނަން ހިނގައިގަތީ ވަރަށް ބާރަށެވެ. ހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް އުފެދެމުން ދިޔައެވެ.

"މަޑުކޮއްލަފާނަންތަ" ވަރަށް އަދަބު އިޚްތިރާމާއި އެކު މީހަކު ގޮވައިލި އަޑަށް އަރޫމާ ސިހިފައި ފަހަތް ބަލައިލިއެވެ. ފަހަތުގައި އެއްކަލަ ޒުވާނާ ހުއްޓެވެ.

"އަނެއްކާ މިތަނުންވެސް ކަލޭތަ" އަރޫމާ ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ.

"މަޑުކޮއްބަލަ. އަދި ނުބުނެވި ނެތެއްނު" އެޒުވާނާ އައިސް އަރޫމާގެ އަތުގައި ހިފެހެއްޓިއެވެ. އަރޫމާވެސް ދެކޮޅެއް ނުހަދައެވެ. އޭނާގެ ވާހަކަ އަޑުއަހަން މަޑުކޮއްލައިގެން ހުރީއެވެ.

"ދެން ތިކިޔާ އެއްޗެއް ކިޔާބަލަ. އަޑުއަހަން މިހުރީ" އަރޫމާ ތުން ދަމައިލިއެވެ.

އެޒުވާނާ އައިސް އަރޫމާގެ އުނަގަނޑުގައި ހިފެހެއްޓީ ވަރަށް ލޯބިންނެވެ. އެއްވެސް ކަހަލަ ނުގަބޫލުވުމެއް އަރޫމާގެ ކިބައަކުން ނުފެނެއެވެ.

"އަރޫމާ" މަންމަ ގޮވައިލި އަޑަށް އަރޫމާ ސިހިގެން ދިޔައެވެ.

"ތިތާ ބޭރުގައި މިގަޑީ ކީއްކުރަނީ. ހަމަ މިހާރު ގޭތެރެއަށް ވަދޭ" އަރޫމާ ގޭތެރެއަށް ވަންނަން ދުއްވައިގަތީ ދާ ހިތަކުންނޫނެވެ. އަދި މިކަންތައް މަންމައަށް އެގެން ބޭނުން ނުވާތީއެވެ. އަރޫމާ ގޮސް ކޮޓަރިތެރެއަށް ވަނީ އަދިވެސް އެޒުވާނާ ދެކިލުމަށް ކެތްމަދުވެފައި ހުރެއެވެ. ކޮޓަރިއަށް ވަދެ އަރޫމާ އޮށޯތީ މަންމަ ނިދަންދެނެވެ. މަންމަ ނިދިކަން ޔަގީންވުމާއި އެކު އަރޫމާ ތެދުވެގެންގޮސް ގޯތިތެރެއަށް ނިކުތެވެ. ވަށައިގެން ހޯދައިލުމަށްފަހު ގޮސް ކަށިކެޔޮ ގަސްދޮށުގައި ހުއްޓުނެވެ. އަރޫމާ ހިތް ތެޅެމުން ދިޔައީ ވަރަށް ބާރަށެވެ. މިގަޑީ މަންމަ ހޭލައިގެން ބޭރަށް ނިކުމެފާނެތީއެވެ.

"އޭ މަ މިހުރީ އިންތިޒާރުގައި" އެޒުވާނާ އައިސް އަރޫމާގެ އަތުގައި ހިފެހެއްޓިއެވެ.

"އަހަރެންގެ ނަމަކީ ބިލާލް. ދެން އަހަރެންގެ ނަމުން ގޮވާތި އިނގޭ" އެޒުވާނާ ފުރަތަމަ ފަހަރަށް ތަޢާރަފްވެލިއެވެ.

"ވަރަށް ލޯބި ނަމެއް" އަރޫމާއަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.

ދެމީހުންގެ އެރޭގެ ބައްދަލުވުން ދިޔައީ ކުރިއަށް ހުރި ފިޔަވަޅުތަކަށް ވެސް މަޝްވަރާ ކޮއްފައެވެ.

ބިލާލަކީ މާލޭގެ ގެދޮރު ހުރި ރަނގަޅު އާއިލާއެއްގެ ޒުވާން ފިރިހެން ކުއްޖެކެވެ. ބަލާބެލުމަށް އަންހެން ކުދިންގެ ހިތް ކަތިލާ ކަހަލައެވެ. ވިޔަފާރި ދަތުރުތަކުގައި އެކި ރަށްރަށަށް ދަތުރު ކުރުމަކީ ބިލާލް ވަރަށް ކުރާ ހިތުން ކުރާ ކަމެކެވެ. އޭނާއަށް ހިތް ނުކިޔާނީ ކޮންކުއްޖެއް ހެއްޔެވެ.

ހެނދުނު ހޭލެވުނުއިރު މަންމަ ކޮޓަރީގައި އުޅެއެވެ. ކޮންމެވެސް ތަނެއް ހާވަނީއެވެ. ހީވަނީ ކޮންމެވެސް އެއްޗެއް ގެއްލިގެން އުޅޭހެންނެވެ. ތިހޯދަނީ ކޮންއެއްޗެއްތޯ އަހަރެން އަހައިލީމެވެ. މަންމަ އަނަގައަކުން ނުބުނެއެވެ. އަރޫމާ ގޮސް މަންމަގެ ގައިގައި ބައްދައިލިއެވެ.

"މިއަދު ކޮންކަމެއް ލައިގަތީ" އަރޫމާ އުޅުނު ގޮތުން ކޮންމެވެސް ކަމެއް ވެއްޖެހެން މަންމައަށް އެގުނެވެ..

"މިއުޅެނީ ވަރަށް ރަނގަޅު އަދި އެހާމެ ރީތި ކުއްޖެއް ފެނިގެން" އަރޫމާ މަންމަގެ ކޮލުގައި ހިފައިލިއެވެ.

"ތިހެން އުޅޭހާ ކުއްޖަކާއި ހިތާވާކަށް ނުވާނެ" އަރޫމާގެ މަންމަ ނަސޭހަތްދިނެވެ.

"އޯކޭ މަންމަ އަށް ދައްކަން މިގެއަށް ގެންނާނަން އިގޭ" ކޮޑަށް ތުވާލި އެއްލައިލަމުން އަރޫމާ ފާޚާނާ އާއި ދިމާއަށް ހިގައިގަތެވެ.

އަރޫމާ ހުރީ މަންމަގެ ރުހުން ލިބިދާނެކަމަށް ވަރަށް އުފަލުންނެވެ. މަންމަ ކައިރީގައި އެއްޗެއް އަހާލުމަކީ ގިނަ ފަހަރަށް ބޭކާރު ކަމެކެވެ. އެކަމެއް މަންމަ ނިންމާނީ މަންމައަށް ފެންނަ ގޮތަކަށެވެ. ގިނަ ފަހަރަށް އެހެން މީހުންގެ ލަފާ ހޯދުމަކީ މަންމަ ލަދުގަންނަ ކަހަލަ ކަމެއްހެން ހީވެއެވެ.

ރަށުގައި ވިޔަފާރީގައި އެންމެ ކުރީގައި އުޅޭ އިސްމާއީލަކީ އަރޫމާގެ މަންމަގެ ވަރަށް ގާތް އެކުވެރިއެކެވެ. ބައްޕަ ނިޔާވިފަހުން ވަރަށް އެހީތެރިކަން ފޯރުކޮއްދެއެވެ. އަތޮޅު ކީއްކުރަން މުޅި ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިންނާއި އޭނައާއި ގުޅުން އޮންނާނެވެ. ސަކަމިޒާޖު މީހުންނާއި ވަރަށް ގުޅުން އޮންނަ މީހެކެވެ. ވަރަށް ގިނައިން އަރޫމާމެންގެ ގެއަށް އައިސް އުޅޭ ރަނގަޅު މީހެކެވެ. އަރޫމާއަށް ކިޔެވުމަށްވެސް ވަރަށް ގިނަ އެހީތެރިކަން ވަނީ ފޯރުކޮއްދީފައެވެ.

= ނުނިމޭ =

+1
3
+1
4
+1
14
+1
0
+1
3
+1
0
+1
3

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. ވަރަށް ރީތި ފެށުމެއް. ކުރިއަށްއޮތް ބައިތައް ރީތިވާނެހެން ހީވޭ.

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް