November 23, 2024 05:28
Advertisement

-Advertisement-

ދެމަފިރިންގެ މެދުގައި މިނިވަންކަން އޮންނަންޖެހޭ ސަބަބު ދެނެގަތުން

މިނިވަންކަމަކީ ކޮންމެ އިންސާނަކަށްވެސް ލިބިގެންވާ ހައްގެކެވެ. ކައިވެނިކޮށްގެން އުޅޭ ދެމަފަރިންނަށް ދިމާވާ ބައެއްކަހަލަ މައްސަލަތަކަކީ އެކަމުގެ ސަބަބުން މުޖުތަމައުއަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަންކަމެވެ. ކައިވެންޏެއްގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ޝައްކު ކުރުމެވެ. ޝައްކު ކުރާ ދެމަފިރިއަކަށް ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅެވިދާނެކަމާމެދު ސުވާލު އުފެދެއެވެ.

ދިރިއުޅުމުގައި އަމިއްލަ މިނިވަންކަން ނުލިބި އުޅެން މަޖުބޫރުވެފައިވާ ދެމަފިރިންވެސް މަދެއްނޫނެވެ. މިނިވަންކަން ނެތި މީހަކު ހެދިހާ ގޮތެއް ހެދިގެން އުޅެންޖެހުމުން ދިމާވާ ހިތްދަތިކަމުގެ ސަބަބުން ދެން އިންސާނާ ހުޅަހެޅިގެންދަނީ ވަރަށް ނުބައި ފައްތަރަކަށެވެ. އެކަމުގެ ސަބަބުން އިންސާނާ މާބޮޑަށް ފިކުރުބޮޑުވެ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ގެއްލިގެންދެއެވެ. ގިނަފަހަރަށް މިކަންކަން ދިމާވަނީ އަންހެނުންނަށެވެ. އެހެންނަމަވެސް މަދުންނަމަވެސް ފިރިހެނުންނަށްވެސް މިކަންކަން ދިމާވެއެވެ. ފޯނެއް އަންނައިރަށް ވާހަކަދައްކަނީ ކާކުތޯ ބަލައި، ކޮފީއަކަށް ދިޔަކަމުގައިވާނަމަ އެކަމަށް ފާރަލާ އަބަދު އުޅޭހާތަނެއް ބަލަމުންދާނަމަ އެއްވެސް ދެމަފިރިއަކަށް ހިތްހަމަޖެހުމެއް ނެތެވެ. 24 ގަޑިއިރު ދެމީހުން ދެމީހުންނަށް ޝައްކުކޮށް އުޅޭ ހުރިހާތަނެއް ބަލާނަމަ ހަޔާތުންވެސް އެގެއްލެނީ ގިނަ ވަގުތުތަކެކެވެ. 

ކައިވެނިކޮށްގެން އުޅޭ މީހުންނާއި، ރައްޓެހިވެގެން އުޅޭ ދެމީހަކު ކަމުގައިވިޔަސް ދެމީހުން އެކަކު އަނެކަކަށް އިހްތިރާމް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެކަކު އަނެކަކު ހިތްހަމަޖެހޭ ކަންކަމާއި ހިތްހަމަނުޖެހޭ ކަންކަން ހުންނާނެކަން ދަންނަންވާނެއެވެ. ދެމަފިރިއެއް ކަމުގައިވިޔަސް އެމީހެއްގެ އަމިއްލަ މިނިވަންކަމަކީ ވަރަށް މުހިއްމު އެއްޗެކެވެ. އަންހެނެއްނަމަ ގިނަފަހަރަށް އަންހެނުންގެ އަތްދަބަހުގައި އެއްވެސް މީހަކު އަތްލުމުން ހިތްހަމަ ނުޖެހިދާނެއެވެ. އެކަހަލަ ކަންކަމަށްވެސް ފިރިމީހާ އިހްތިރާމް ކުރަންޖެހެއެވެ.

Advertisement

އިސްލާމްދީނާއި އަދި ޤާނޫނާއި ގަވާއިދާއި ޚިލާފު ނުވާ ކޮންމެ ކަމަކީ ދެމަފިރިން ކުރެ ކޮންމެ މީހަކަށްވެސް ހުއްދަ ކަމެކެވެ. ފިރިމީހާ ބުނާބަސް އަޑުއެހުމާއި އަމުރަށް ކިޔަމަން ވުމަކީ އަނބިންގެ މައްޗަށް ވާޖިބެކެވެ. އެހެންނަމަވެސް އަނބިމީހާ ގެއިން ބޭރަށް ނުފޮނުވާ އާއިލާއާއި ބައްދަލުކުރުމުގެ ހުއްދަނެތި ގޭތެރޭގައި ބަނދެގެން ގެންގުޅޭނަމަ އެއީ ޤާނޫނީ ކުށެކެވެ. އެކަމުގައި މައްސަލަ ޖައްސައިފިނަމަ ފިރިމީހާ ކުށްވެރިވާނެއެވެ. އަނބިމީހާ ނުވަތަ ފިރިމީހާގެ ފޯނުވެސް އެކަކު އަނެކަކުގެ ނުރުހުމުގައި ބަލަން އުޅެފިނަމަ އެކަމަކީވެސް ކުށެކެވެ. އެއްވެސް ހާލަތެއްގައި އެކަންކަމަކީ ގަދަބާރުން ކުރުމަށް އޮންނަ ކަމެއް ނޫނެވެ. ބައެއްފަހަރު ބައެއް ދެމަފިރިން، ފޭސްބުކް އަދި އިންސްޓަގްރާމްގެ ޕާސްވަރޑް ނުދިނުމުން އެކަމާމެދު ބޮޑެތި މައްސަލަތައްޖެހި ވަރިފަށަށްވެސް އަރައެވެ. އެހިސާބުން އެއީ ޝައްކުކުރުމަށް އެޅޭ ފާލެކެވެ. ޝައްކުކުރަން ފަށައިފިނަމަ ދެން އެދިރިއުޅުމެއްގައި ދިމާވާނީ ގިނަފަހަރަށް މައްސަލައެވެ. އަނބިމީހާ އަދި ފިރިމީހާވެސް އެކަކު އަނެކަކުގެ ހުއްދަ ނެތި ފޯނަށް އަންނަ މެސެޖުބަލައި ފޯނަށް އަންނަ ކޯލްތަކަށް ޖަވާބުދިނުން އެއީ ރަނގަޅުކަމެއް ނޫނެވެ. މިސާލަކަށް ރައްޓެއްސަކާއެކު ދައްކާފައިވާ މަޖާ ވާހަކައަކުންވެސް ގޯސް މާނައެއް ނެގި އެކަން ބޮޑު މައްސަލައަކަށްވެސް ދިމާވެދާނެއެވެ. މުސްކުޅިން ބުނާހެން 'ކޮނުނު ކޮނުނުހެން ފަސްގިނަވާ' އުސޫލުން ކަންކަމުގެ އަޑިހޯދައި ބަލަން އުޅެފިނަމަ ދެން ދިމާވާ ހިތްދަތިކަން މާބޮޑުވެދާނެއެވެ.

ހަގީގަތުގައި ބުނާނަމަ މިބުނާ "މިނިވަންކަން" ނުވަތަ "ޕްރައިވެސީ ވައިލޭޝަން އިން ރިލޭޝަންޝިޕް" މިކަމުގައިވެސް ހައްދުފަހަނައަޅައިގެންދާ ފަހަރުތައްވެސް ބައެއް މީހުންގެ ދިރިއުޅުމުގައި ދިމާވެއެވެ. މިގޮތަށް ދިމާވުމުން ދިރިއުޅުމުގައި ކަންކަން ބޮއްސުންލައިގެންދެއެވެ. ދެމަފިރިންނަކީ އެކަކު އަނެކަކުދެކެ ލޯބިން އެކުގައި ކަންކަން ހިއްސާކުރަމުން އަންނަންވާނެ ބައެކެވެ. ދިރިއުޅުމުގައި މިކަންކަން ހިއްސާނުކުރާނަމަވެސް މައްސަލަތައް ޖެހެން ފަށައެވެ. ތިމާގެ ފިރިމީހާ ނުވަތަ އަނބިމީހާއަކީ ތިމާގެ އެންމެ ގާތް ރަހުމަތްތެރިޔާ ކަމުގައި ހަދައިގެން އުޅެވިއްޖެނަމަ އޭރުން އެއުޅެވެނީ ހާދަހާވާ ހިތްހަމަޖެހޭ ދިރިއުޅުމެކެވެ. ކޮންމެ މީހެއްގެ ހަޔާތުގައިވެސް ސިއްރުތަކެއް ހުންނާނެއެވެ. އެސިއްރުތައް އެއްވެސް މީހަކާ ހިއްސާނުކޮށް ބެހެއްޓުން އެއީ އެންމެ ބުއްދިވެރިގޮތެވެ. މިޒަމާނުގައި ގިނަފަހަރަށް އިތުބާރު ކުރެވޭ މީހުން މަދެވެ. މިގޮތަށް ހިއްސާކުރެވޭ ވާހަކައެއްގެ ސަބަބުންވެސް ދިރިއުޅުމުގައި މައްސަލަޖެހުނަ ނުދޭށެވެ. 

ބައެއް މީހުންނަކީ އެމީހެއްގެ އަމިއްލަ ހުސްވަގުތު ބޭނުންވާ ބައެކެވެ. އެކަނިވެލަން ބޭނުންވެއެވެ. އެކަނި ތަންތަނަށް ގޮސްލާ އެކަނި ހިތްހަމަ ޖައްސާލަން އަމިއްލަ ވަގުތުކޮޅެއްވެސް ބޭނުންވާ މީހުން ތިބެއެވެ. އެކަހަލަ މީހުންނަށް އެބޭނުންވާ އަމިއްލަ ވަގުތު ދިނުން މުހިއްމެވެ. އެއިރުން އެމީހުންގެ ސިކުނޑިއަށް ހިތްހަމަޖެހުން ލިބޭނެއެވެ. 

ދެމަފިރިންގެ މެދުގައި ހުރިހާ މާނައެއްގައި ވެސް މިނިވަންކަން އޮންނަންޖެހެއެވެ. އެމިނިވަންކަން ނެތް ހާލަތެއް މެދުވެރިވެއްޖެނަމަ ކައިވެނީގެ އުފަލުން މަހްރޫމްވެ މައްސަލަތައް ޖެހެން ފަށައެވެ. އުޅެންޖެހޭ ހާލަތުގެ ސަބަބުން މިނިވަންކަން ނުލިބޭ ދެމަފިރިންވެސް އުޅެއެވެ. ވަގުތު ފާއިތުވުމުގެ ކުރިން ވިސްނާ ކައިވެނީގައި ދެމިހުރެވޭތޯ މަސައްކަތް ކުރަމާ ހިނގާށެވެ. 

+1
0
+1
0
+1
4
+1
0
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް