November 21, 2024 22:24
Advertisement

-Advertisement-

މާޖިދު: ވަޑާންކުރުމުގައި ފާހަގަކުރެވޭ ހުނަރުވެރިއެއް

ނ. އަތޮޅު ޅޮހި އަށް އުފަން މުހައްމަދު މާޖިދު އަކީ ވަޑާމުގެ މަސައްކަތުގައި ހުނަރުވެރި މީހެކެވެ. ނ އަތޮޅަށް މަޝްހޫރު ކުޅަދާނަ މާވަޑިއެއްކަމުގައިވާ މަރްހޫމް މުހައްމަދުފުޅު ކަތީބަކީ މާޖިދުގެ ކާފައެވެ. މާޖިދުގެ ބައްޕައަކީ ކިއްސަރު ވަޑާމާއި ތެދުއި ވަޑާން އަދި ދަނގަޑުން ތަފާތު ތަކެތި ހެދުމުގެ މަސައްކަތްވެސް ކުރި މޮޅު މަސައްކަތްތެރިއެކެވެ. ވަޑާމުގެ ހުނަރުން ފުރިގެންވާ މާހައުލެއްގައި މާޖިދު ބޮޑުވުން ވެގެންދިޔައީ މިމަސައްކަތަށް ލޯބި ޖެހުނު ސަބަބަކަށެވެ.

މާޖިދުގެ މަންމަ އާއި ބައްޕަ

'ޒީޓައިމްސް' އަށް ދިން އިންޓަވިއުގައި މާޖިދު ފާހަގަކުރިގޮތުގައި ކުޑައިރުއްސުރެ ގޭތެރެއިން ފެންނަމުންދިޔައީ ވަޑާމުގެ މަސައްކަތްކުރާތަނެވެ. ކާފަމެންގެ ގެއަކީ އޮޑިދޯނިފަހަރު ބަނދެ އެމަސައްކަތްކުރާ ގެއެކެވެ.

މާޖިދު އޭނާ ތައްޔާރުކުރި އެއްޗެއް ދައްކާލަނީ

" ބައްޕައަކީވެސް މާވަޑިއެއް. އެމަސައްކަތްކުރާ އާއިލާއަކުން އައީމަ ފަސޭހަވާނެތާ ދަސްކުރަންވެސް. ފަސޭހައިން މިމަސައްކަތުގެ ތެރެއަށް ވަދެވި އެއްޗެއް ފެންނައިރަށް އެއެއްޗަކާ ވައްތަރުއެއްޗެއް ތައްޔާރުކޮށްލެވޭ". މާޖިދު ފާހަގަކުރިއެވެ.

Advertisement

ޔޫއެންޑީޕީ މެދުވެރިކޮށް ކޮލެޖަކުން ހިންގި 3 މަސްދުވަހުގެ ބޭސިކް މާވަޑިކަމުގެ ކޯހެއް ހެދުން މިއީ ރަނގަޅަށްވެސް މިމަސައްކަތުގައި ފައިތިލަ ސާބިތުކޮށްލަން ލިބުނު ފުރުސަތަކަށް ވެގެން ދިޔައެވެ. ވޭތުވެދިޔަ 21 އަހަރު މަސައްކަތްކުރަމުން އައީ މިދާއިރާގައެވެ. 'ޗެވަލް ބްލޭންކް ރަންދެލި ރިސޯޓް' ގައި ވަޒީފާ އަދާކުރާތާ 7 އަހަރު ވީއިރު މަގާމަކީ 'ހެޑް ކާޕެންޓަރ' އެވެ. އެހެނިހެން ރިސޯޓުތަކުގައާއި ސަފާރީ އަދި ބޯޓު ބިލްޑިންގައި ވަނީ މަސައްކަތްކޮށްފައެވެ.

މާޖިދު މަސައްކަތްކުރާ ރިސޯޓުގެ ކުރީގެ ޖެނެރަލް މެނޭޖަރގެ އުފަންދުވަހުގެ ހަދިޔާއަށް މާޖިދު ތައްޔާރުކުރި އުޅަނދު

" ވިޔަފާރި އުސޫލަށްވުރެ ބޮޑަށް ރިސޯޓަށް ތަކުރާރުކޮށް އަންނަ ގެސްޓުންނަށް ސްވެނިއަރ ގިފްޓްގެ ގޮތުގައި މެނޭޖްމަންޓްގެ ފަރާތުން ދޭނެ ތަކެތި މިތައްޔާރުކުރަނީ. މަސައްކަތް އިތުރަށް ފުޅާކުރުމަށް އިންސްޓަގްރާމްގައި 'ވަޑިމާ' ނަމުގައި ޕޭޖެއް ހަދައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ޕޭޖެއް ހަދައި އެ 2 ޕޭޖުގައި ދަނީ އަޅުގަނޑު ތައްޔާރުކުރާ ތަކެތީގެ ފޮޓޯ ހިއްސާކުރަމުން". 41 އަހަރުގެ މާޖިދު ބުންޏެވެ.

މާޖިދު އަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާއިރު އޭނާގެ މާވަޑިކަމުގެ ހުނަރު ފެނި އެލިބޭ ހިތްވަރުގެ މެސެޖުތަކެވެ. އެހެންނަމަވެސް ހުރި ކަންބޮޑުވުން ވެސް ވަނީ ހިއްސާކޮށްފައެވެ.

މާޖިދުގެ ހުނަރުވެރި މަސައްކަތްތަކެއް

" ދާއިރާގައި އުޅޭ ތަޖުރިބާކާރު މީހުން މި މަސައްކަތްފެނިފަ ބުނާނެ. އުމުރާއި ނުގުޅޭ ތަޖުރިބާއާއި ހުނަރު އެބަހުއްޓޭ ލިބިފައި ފަންނުވެރިކަމުން. ސަރުކާރުތަކުން އެކަމަކު ނުހުރޭ އެހާބޮޑަށް މިފަދަ މަސައްކަތްކުރާ މީހުންގެ ހުނަރު ފާހަގަކުރެވިފައެއް. އެހެންވެ ފާޑަކަށް މިތިބެނީ ފަރުދާގެ ފުރަގަހުގައި. މީހާ އެހާބޮޑަކަށް ނުހުރޭ ކުރިއަރާނެގޮތެއް. އެންމެ ބޮޑު ބަލިފަޔަކީ މިކަހަލަ މަސައްކަތްތެރިންނަށް ފުރުސަތުތައް ހަނިވުން". މާޖިދު ބުންޏެވެ.

މާޖިދު ތައްޔާރުކޮށްފައިވާ ތަކެތި

މާޖިދު ފާހަގަކުރިގޮތުގައި އޭނާ އުޅޭ ރިސޯޓުގެ މަސައްކަތުގެ އިތުރަށް ގާތް ރައްޓެހިންގެ އެދުމަށް ވަރަށްގިނަ ތަކެތި ވާނީ ތައްޔާރުކޮށްފައެވެ. "މި މަސައްކަތްކުރަނީ ވިޔަފާރި އުސޫލަށްވުރެ ބޮޑަށް ގާތް ރައްޓެހިން ބުނީމަ އެބުނާ އެއްޗެއް ތައްޔާރުކޮށްދެނީ. އަގެއް ކިޔައިގެން ކުރެވިފަ ހުރި މަސައްކަތްތައް ވަރަށް މަދުވާނެ. އެކަމަކު އެބަ ވިސްނަން ކުރިއަށްއޮތްތާގައި މިމަސައްކަތް އިތުރަށް ފުޅާކުރުމަށް. މުޅި އުމުރު ރިސޯޓު ދާއިރާގައިވެސް ނުއުޅެވިދާނެތާ".

ވަޑާމުގެ މަސައްކަތުގައި މާޖިދު ދެކޭ ހުވަފެނެއްވެސް އެބައޮތެވެ.

" ވަރަށް ބޭނުން ޒުވާނުން ބޭނުންވާނެކަހަލަ 'ސްޕޯޓްސް ފިޝިންގ' އަށް ޚާއްސަ ބޯޓެއް ބަންނަން. އަޅުގަނޑު ތައްޔާރުކުރި 'ސްޕީޑް ބޯޓް' ގެ ފަރުމާ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެބަ ބޭނުންކުރޭ. އަޅުގަނޑުގެ ބޭބެގެ ކުންފުނި 'ވައިޑް އޯޝަން މޯލްޑިވްސް' ގެ ބޯޓްޔަރޑްގައި އެ ސްޕީޑް ބޯޓުތައް ތައްޔާރުކުރީ". ހިތްހަމަޖެހުމާއެކު ފާހަގަކުރިއެވެ.

މާޖިދު ފަރުމާކޮށް އަމިއްލައަށް މަހަށް ދިއުމަށް ބޭނުންކުރާ ކުޑަލޯންޗެއް

މާޖިދުގެ ކޮއްކޮ އަދި މަޝްހޫރު ޑިޒައިނަރެއް ކަމުގައިވާ ހުސައިން ނިޔާޒު ފާހަގަކުރިގޮތުގައި މާޖިދު އަކީ ބައްޕައާއެކު ވަޑާމުގެ މަސައްކަތުގައި އަތޮޅުގެ އެކި ރަށްރަށަށް ދަތުރުކުރި މީހެކެވެ.

" އަމިއްލައަށް މަސައްކަތް ދަސްކުރުމަށް ގިނަ ވަގުތު ހޭދަކުރޭ. މަސައްކަތުގެ ދާއިރާގައި ގިނަ ފަރާތްތަކާއި ގާތްގުޅުން ބާއްވާ. ރަހުމަތްތެރިންނާއިމެދު ހެޔޮކޮށް ހިތާ އާއިލީ ގުޅުންތަކަށް އިސްކަންދޭ މޮޅު ޒުވާނެއް. އެއްވެސް ކަމެއް ނުވާނެކަމަށް ގަބޫލުކޮށް ދެއަތް އުރާލައިގެން ނުހުރެ ބޭނުންވާކަމެއް ހިތްވަރާއެކުކޮށް ނަތީޖާ ދައްކާނެ". ނިޔާޒު އޭނާގެ ބޭބެއާއި ގުޅޭގޮތުން ބުންޏެވެ.

ޅޮހީގައި ހުންނަ މާޖިދުގެ އަމިއްލަ ގެ. މިގޭގައި ކޮށްފަހުރި މަސައްކަތްތަކަކީވެސް މާޖިދުގެ ހުނަރު ފެނިގެންދާ މަސައްކަތްތަކެއް

ނިންމުން

އިންޓަވިއު ނިންމާލަމުން ވަނީ މިހާތަނަށް ވަޒީފާ އަދާކުރި ތަންތަނުން މާޖިދުގެ މަސައްކަތަށް ދިން ހިތްވަރާއި އެހީތެރިކަން ފާހަގަކޮށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ. އަދި 5 ބެއިން ހިމެނޭ އާއިލާގެ އެންމެން ދޭ ހިތްވަރަކީ ކުރިއަށްދާން ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަން ފާހަގަކުރިއެވެ.

މާޖިދު އޭނާގެ އާއިލާއާއެކު

" ވަޒީފާ އަދާކުރި 3 ރިސޯޓުގެ ވެރިންނަށް ޚާއްސަ ޝުކުރެއް. އަދި ފުރަތަމަ ވަޑާން ކޯސް ނިންމިއިރު ކޯހުގެ އިންޗާޖަކަށް ހުންނެވި ގދ. ގައްދޫ މުހައްމަދު ނަސީރު އަށް ވެސް ޝުކުރު ދަންނަވަން. މީގެ އިތުރުން ބޭބެ އަބްދުﷲ ޝަރީފް އަދި ކުރިން މަސައްކަތްކުރި ރިސޯޓުގެ ޗީފް އިންޖިނޭރު ހަސަން ނާފިޢު އާއި އަހްމަދު ވިސާމް އަށް ވެސް ވަރަށް ޚާއްސަ ޝުކުރެއް". މާޖިދު ދެކޭގޮތުގައި އޭނާއަށް ވަޑާމުގެ މަސައްކަތުގައި ކުރިއަށް ދެވުނީ މި ބޭފުޅުންނާއި އާއިލާގެ އެހީތެރިކަން ލިބުމުންނެވެ.

+1
0
+1
7
+1
9
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް