އަޟްޙާ ޢީދަކީ އިސްލާމްދީނުގައި ޝިޢާރެއްގެ ގޮތުން އުފާ ފާޅުކުރަން އޮންނަ ދެ ޢީދުގެ ތެރެއިން އެއް ޢީދެވެ. އެއީ ކޮންމެ ހިޖުރީ އަހަރެއްގެ ޛުލްޙިއްޖާ މަހުގެ ދިހަވަނަ ދުވަހަށްވާއިރު، މިއީ ޙައްޖުގެ އަޅުކަމަށްފަހު ފާހަގަކުރާ އުފާވެރި ދުވަހެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ މުސްލިމުން ދީނީ ޝިޢާރުތައް ފާޅުކޮށް އެމީހުންގެ އުފާތައް އެކަކު އަނެކަކާ ޙިއްޞާކޮށް، އެއްބައިވަންތަކަން ފާޅުކުރާ އުފާވެރި ދުވަހެވެ.
ބަހުގެ ގޮތުން ބަލާއިރު ޢީދަކީ ތަކުރާރުކޮށް އަންނަ ކޮންމެ އެއްޗަކަށް ކިޔާ ނަމެކެވެ. އެއީ އެނބުރި އަންނަ އަދި ކޮންމެ އަހަރަކު ތަކުރާރުވާތީއެވެ. ޣައިރު މުސްލިމުންނަށް އަހަރީ ގިނަ ދީނީ ބަންދު ދުވަސްތަކެއް އައި ނަމަވެސް، އިސްލާމްދީނުގެ އަހުލުވެރިންނަށް ކަނޑައެޅިފައިވަނީ އަހަރީ ދެ ޢީދެވެ. ދީނީ މަތިވެރި ދެ ރުކުން ފުރިހަމަ ކުރުމުގެ ފަހުގައި އަންނަ ބޮޑު ދެ އުފަލެވެ. އެއީ ރަމަޟާންމަހާ ގުޅިގެން އަންނަ ފިޠުރު ޢީދު ދުވަހާއި ޙައްޖުގެ މަތިވެރި އަޅުކަމާ ގުޅިގެން އަންނަ ބަރަކާތްތެރި އަޟްޙާ ޢީދެވެ. މި ދުވަސް އަންނަނީ ޙައްޖުގެ މަތިވެރި އަޅުކަމުގައި ހިމެނޭ ޢަރަފާތުގައި ތިބުމަށްފަހު އަންނަ ޤުރުބާނުގެ ދުވަހުގެ ގޮތުގައެވެ.
ތާރީޚް
އަޟްޙާ ޢީދު ޝަރުޢުކުރެއްވީ ހިޖުރައިން ދެވަނަ އަހަރުގެ ތެރޭގައެވެ. ނަބަވީ ސީރަތުގެ ފިޤުހުވެރިން ވިދާޅުވާގޮތުގައި ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ކުރެއްވި ފުރަތަމަ ޢީދު ނަމާދަކީ ފިޠުރު ޢީދު ނަމާދެވެ. އެއީވެސް ހިޖުރައިން ދެވަނަ އަހަރުއެވެ.
ޞައްޙަ ސަނަދުން ސާބިތުވެފައިވާ ގޮތުގައި ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި އިރު މަދީނާގެ އަހުލުވެރިން ދެ ޢީދެއް ފާހަގަކުރަމުން ދާތީ ފެނިވަޑައިގަތެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ﷲ ތިޔަބައި މީހުންނަށް މާ ހެޔޮކަން ބޮޑު ދެ ޢީދެއް ދެއްވައިފިއެވެ. އެއީ ފިޠުރު ޢީދާއި ޢަޟްޙާ ޢީދެވެ.
މުސްލިމުން އަޟްޙާ ޢީދު ދުވަހު އިޙްޔާކޮށް އާލާކުރަނީ އިބްރާހީމް (ޢަލައިހިއްސަލާމް) ގެ ދަރިކަލުން އިސްމާޢީލް (ޢަލައިހިއްސަލާމް)، އެކަލޭގެފާނު ޤުރުބާން ކުރައްވާތަން ހުވަފެންފުޅުގައި ފެނިވަޑައިގެން އެކަން އިސްމާޢީލްގެފާނުގެ އަރިހުގައި ވިދާޅުވުމުން އެކަލޭގެފާނު ކިޔަމަންތެރިކަން އަދާކުރެއްވި ގޮތުގެ ވާހަކައެވެ. އެ ދެބަފައިކަލުން ﷲ ގެ އަމުރުފުޅަށް ކިޔަމަންވެ ވަޑައިގެންނެވުމުގެ ސަބަބުން، ކަންބަޅިއެއް ޤުރުބާންކުރައްވަން އަމުރުކުރައްވައި އިސްމާޢީލްގެފާނު ނަޖާކުރެއްވި މަތިވެރި ޛިކްރާ އާކުރުމުގެ ގޮތުންނެވެ.
މިކަން ކީރިތި ޤުރުއާނުގެ އައްޞާއްފާތު ސޫރަތުގެ 102-109 ވަނަ އާޔަތުގައި ބަޔާންކުރައްވާފައި އެވަނީއެވެ. އެ އާޔަތްތަކުގެ މާނައިގައިވަނީ، [ފަހެ، އެކަލޭގެފާނުގެ އަރިހުގައި އެ ދަރިކަލުން މަސައްކަތް ކުރައްވައި އުޅުއްވާ ފުރާވަރަށް އެރިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން، އަހުރެން ތިބާ ޤުރުބާން ކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނެތެވެ. ފަހެ، ތިބާޔަށް (އެކަމާމެދު) ފެންނަގޮތެއް ވިސްނައި ބަލާށެވެ! އެ ދަރިކަލުން ދެންނެވިއެވެ. އޭ ބައްޕާއެވެ! ކަލޭގެފާނަށް އަމުރު ކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަނީ، ކެތްތެރިންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ.
ފަހެ، އެ ދެބަފައިކަލުން (ﷲއަށް) ބޯލަނބައި ކިޔަމަންވެ، އެ ދަރިކަލުން ނިތްކުރިވަތަށް ބޭއްވެވިހިނދު، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ނިދާއިއްވެވީމެވެ. އޭ އިބްރާހީމުގެފާނެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ހުވަފެންފުޅު ތެދުކުރައްވައިފީމުއެވެ. އިޙްސާންތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާދެއްވަނީ އެފަދައިންނެވެ.
ހަމަކަށަވަރުން، މިއީ ފާޅުވެ ބަޔާންވެގެންވާ އިމްތިޙާނު ކަން ކަށަވަރެވެ.
އަދި ޤަދަރު ބޮޑުވެގެންވާ (ކަންބަޅި ބަކަރިއެއް) ކަތިލައްވައިގެން ތިމަންރަސްކަލާނގެ، އެކަލޭގެފާނު ސަލާމަތް ކުރެއްވީމެވެ. އަދި ފަހުން އަންނަނިވި އުއްމަތްތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ޘަނާ ލެހެއްޓެވީމެވެ. އިބްރާހީމުގެފާނުގެ މައްޗަށް ސަލާމް ހުއްޓެވެ.]
ޢީދުގެ ޝިޢާރުތައް
ދުނިޔޭގެ މުސްލިމުން އުފާވެރިކަމުގެ މާހައުލެއްގައި ބަރަކާތްތެރި އަޟްޙާ ޢީދު ފާހަގަކުރާއިރު، މިސްކިތްތަކާއި ދަނޑުތަކާއި މައިދާންތަކުގައި ޢީދު ނަމާދު ކުރިއަށް ގެންދެއެވެ. އެއާއެކު ތަކްބީރުގެ އަޑު ޖައްވުގައި ގުގުމާލަ ގުގުމާލާ ހުރެއެވެ.
މުސްލިމުން ޢީދު ދުވަސްތަކުގައި ޤުރުބާނީ ކަތިލައި، އާ ހެދުންތަކުން ޒީނަތްތެރިވެ، ޢީދުގެ މުނާސަބަތުގައި އެކަކު އަނެކަކާ ސަލާމްކޮށް ހަދިޔާ ބަދަލުކޮށް ﷲ ގެ ނިޢުމަތްތަކަށް ޝުކުރުކުރުން މަތީ ދެމިތިބެއެވެ.
އިސްލާމްދީން ވަނީ އަޟްޙާ ޢީދުގައި މުސްލިމުން ޖަމާޢީގޮތެއްގައި އަދާކުރުމަށް ޝިޢާރުތަކެއް ކަނޑައަޅުއްވާފައެވެ. މީގެ ތެރެއިން މުހިންމު ބައެއް ޝިޢާރުތަކަކީ:
1- ތަކުބީރު ކިޔުން
ޢަރަފާތް ދުވަހުގެ ފަތިސްނަމާދުން ފެށިގެން އައްޔާމު ތަޝްރީޤުގެ އެންމެ ފަހު ދުވަހުގެ (ޛުލްޙިއްޖާ މަހުގެ 13 ވަނަ ދުވަހު) ޢަޞްރު ނަމާދުގެ ނިޔަލަށް ތަކްބީރު ކިޔުން ކަނޑައެޅިފައިވެއެވެ. ތަކްބީރުގެ ސީޣާތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއް ސީޣާއަކީ: "الله أكبر الله أكبر، لا إله إلا الله، والله أكبر الله أكبر ولله الحمد". މި ތަކްބީރެވެ. އެއީ ﷲ ގެ ބަސްފުޅު ﴿وَاذْكُرُوا اللَّهَ فِي أَيَّامٍ مَّعْدُودَاتٍ ۚ﴾ (އަލްބަޤަރާ- 202) މާނައަކީ، ޢަދަދު ކަނޑައެޅިގެންވާ ދުވަސްތަކެއްގައި ﷲ ހަނދުމަކޮށް ތަކްބީރު ކިޔައި އުޅޭށެވެ! މިފަދައިން އޮންނަ ބަސްފުޅާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
2. ޢީދު ނަމާދުކުރުން
އެއީ އިމާމުމީހާ ނަމާދަށް ޙާޒިރުވެ ތިބި މީސްތަކުންނާއެކު ޢީދު ނަމާދުގެ ދެރަކްޢަތްކޮށް ދެ ޚުޠުބާ ކިޔުމެވެ. ކުޑަ ތަންކޮޅަކަށް އިރުއަރައި، އިރުގެ ހޫނުކަން ލިބޭ ހިނދު ޢީދު ނަމާދުކުރުން ސުންނަތްވެގެން ވެއެވެ. ބައެއް މަޛްހަބްތަކުގައި ޢީދު ނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ނަމާދަކަށް ވިޔަސް އަނެއްބައި ޢިލްމުވެރިންގެ ނަޒަރުގައި އެއީ ކިފާޔަތުގެ ފަރުޟެކެވެ. ޢީދު ނަމާދުގެ ޚުޠުބާ އަޑުއަހަން ތިބުމަކީ ސުންނަތެކެވެ. ވާޖިބެއް ނޫނެވެ.
ޢީދު ނަމާދުގައި ބަންގި ގޮވުމެއް ޤަމަތް ދިނުމެއް ނޯވެއެވެ. ނަމަވެސް އިމާމު މީހާ މީސްތަކުންނާއެކު އަޑުހަރުކޮށް ދެ ރަކްޢަތް ކުރާނީއެވެ. ފުރަތަމަ ރަކްޢަތުގައި ހަތް ތަކްބީރެވެ. ދެވަނަ ރަކްޢަތުގައި ފަސް ތަކްބީރެވެ.
ނަމާދުކޮށްގެން ގެއަށް އަންނައިރު މިސްކިތަށް ދިޔަ މަގު ފިޔަވައި އެހެން މަގަކުން އައުމަކީ ސުންނަތްވެގެންވާ ކަމެކެވެ. ހަމައެއާއެކު ޢީދު ނަމާދަށް ދިއުމަށް ހިނައިގަނެ (ފެންވަރާ) އެމީހެއްގެ ކުޅަދާނަކަން ހުރި މިންވަރަކުން ރީތި ހެދުމެއް ލައިގެން ދިއުމާއި، ހުވަނދުލުން ވެސް ސުންނަތްވެގެންވެއެވެ.
3. އުޟުޙިޔާ ކަތިލުން
ޢީދު ދުވަހުގެ އެންމެ މާތް އެއް ސުންނަތަކީ ޤުރުބާނީތައް ނުވަތަ އުޟުޙިޔާ ކަތިލައި، ފަޤީރުންނާއި ނިކަމެތިންނަށް ހަދިޔާ ކުރުމެވެ. އުޟުޙިޔާގެ ބާވަތާއި، އުމުރާއި، ސިފައާއި، ޞައްޙަވުމުގެ ޝަރުޠުތައް އިސްލާމީ ފިޤުހު ފޮތްތަކުގައި ކަނޑައެޅިފައިވެއެވެ. އަދި ކަތިލުމަށް ކަނޑައަޅާ ޖަނަވާރުތަކަކީ ޢައިބުތަކުން ސަލާމަތްވެފައިވާ ތަކެއްޗަށްވުން ލާޒިމުވާނެއެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އުޟުޙިޔާ ކަތިލުމުގެ ވަގުތަކީ ކަތިލާ ދުވަސް، ޛުލްޙިއްޖާ މަހުގެ 10 ވަނަ ދުވަހުން ފެށިގެން އައްޔާމު ތަޝްރީޤުގެ އެންމެ ފަހު ދުވަހުގެ ނިޔަލަށެވެ.
އުޟުޙިޔާ ކަތިލާ މީހާ އޭނާ އެއިން ކެއުމާއި އޭނާގެ ޢާއިލާގެ މީހުންނަށް އެއިން ކާންދިނުމާއެކު އެއިން ފަޤީރުންނާއި ބޭނުންޖެހިފައިވާ މިސްކީނުންނަށް ދިނުން ސުންނަތްވެގެންވެއެވެ.
4. ޢީދު ތަހުނިޔާކިޔުން
ޢީދު ދުވަހުގެ އުފަލުގައި އެކަކު އަނެކަކަށް ތަހުނިޔާ ކިޔައި ހިތްހެޔޮކޮށް ޝަރީޢަތް ހުއްދަކުރާ ޙުދޫދުގެ ތެރޭގައި މުނިފޫހި ފިލުވުމާއި، ޢާއިލާއާއެކު އުފާކުރުމަކީ އެންމެ ރަނގަޅު ކަންތައްތަކެވެ.
އަވަށްޓެރިންނާއި ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ޒިޔާރަތްކޮށް، [ޢީދު މުބާރަކް] އަދި [އަހަރެމެންގެ ކިބައިންނާއި ތިބާގެ ކިބައިން މާތް ﷲ ހެޔޮޢަމަލުތައް ޤަބޫލުކުރައްވާށި] ފަދަ މަޝްހޫރު ޢިބާރާތްތަކުން ތަހުނިޔާކިޔައި އުޅުން އެދެވިގެންވެއެވެ. ޢީދު ދުވަސް ބައްދަލު ކޮށްފިނަމަ "تقبل الله منا ومنكم". މިފަދައިން ކިޔުމަށް ކީރިތި ރަސޫލާ އެކަލޭގެފާނުގެ ޞަޙާބީންނަށް އިރުޝާދު ދެއްވާފައިވެއެވެ.