ސިއްތި ދިޔުމުން ޒުލޭޚާ ހަމަޖެހުމުގެ ފުންނޭވާއެއް ލިއެވެ. ދަރިފުޅާ ނިދާށޭ ބުނެ ޒުލޭޚާ އަރޫމާގެ ކޮޓަރިން ބޭރަށް ނިކުތެވެ. މަންމަ ނުކުތުމާއި އެކު އަރޫމާވެސް ކޮޓަރި ތަޅުލީ ނިދިއައިސްފައި ހުރިލެއް ބޮޑުކަމުން ނިދާލުމުގެ ބޭނުމުގައެވެ. ނަމަވެސް ޒުލޭޚާ އޭނާގެ ކޮޓަރިއަށް ވަނަކަސް ހިތްހަމައެއް ނުޖެހެއެވެ. މާދަމާ އިރުއެރުމާއިއެކު ދެން ވެދާނެ ގޮތަކާއި މެދު ވިސްނެނީއެވެ. ސިއްތި އަކީ ފާޑެއްގެ މީހެކެވެ. ކޮންމެފަދަ ވާހަކައެއްވެސް ރަށު ތޭރޭގައި ދައްކަފާނެއެވެ. ސިއްތި ދައްކާ ވާހަކައަކުން އިސްމާއީލާއި ކައިވެނި ނުކުރެވޭ ގޮތް ވާކަށް ޒުލޭޚާ ބޭނުމެއް ނޫނެވެ. ޒުލޭޚާގެ ވިސްނުން ހުރީ ހަމައެކަނި އިސްމާއީލް އާއި ކައިވެނި ކުރާށެވެ. އެކަމަށް އެޅޭ ކޮންމެ ހުރަހަކާއި ކެރިގެން ކުރިމަތިލާން ތައްޔާރަށެވެ.
ހެނދުނު އިރުއަރައިގެން އައި ވަގުތުވެސް ލޮލަށް ނިދިނައިސްގެން ކޮޓަރިތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ޒުލޭޚާ ހުރީ ސިއްތި ރަށުތެރޭގައި ފަތުރަފާނެ ވާހަކައަކާއި މެދު ފިކުރު ބޮޑުވެފައެވެ. ގަޑިން ހައެއް ޖެހުމާއި އެކު ދޮރުގައި ޓަކި ޖެހީ އަރޫމާއެވެ. މަންމަގެ ޚަބަރެއް ނުވެގެން ވީގޮތެއް ބަލާލުމަށެވެ. ދެތިން ފަހަރަކު ޓަކިދީ އަދި ގޮވާގޮވާ އަޑު ޚަބަރެއް ނުވުމުން އަރޫމާ ހިނގައިގަތީ ބަދިގެއާއި ދިމާލަށެވެ. ރޭގައި މަންމަ އަށް ނުނިދޭތީ ނިދުނީ ކަމަށް ނިންމައިގެންނެވެ. މަންމަ ހޭލަންވާއިރަށް ސައިބޯނެ އެއްޗެއް ހަދާށެވެ. މަންމަ ހޭލާއިރު ހުންނާނީ ވަރުބަލިވެ އަދި ބަނޑުހައިވެސް ވެފައެވެ. އަރޫމާ ގޮސް ބަދިގެއަށް ނުވަދެވެނީސް ފަހަތުން އިސްމާއީލް ގޮވައިލި އަޑަށް ހުއްޓުނެވެ.
"ކިހިނެއް ހާލު" އަރޫމާ ފެނުމާއި އެކު ފުރަތަމަވެސް އިސްމާއީލް އަހައިލިއެވެ.
"ވަރަށް ރަނގަޅު. ހާދަ ހެނދުނަކާއި. ކިހިނެއްވީ. އަނެއްކާ ކަމެއްވީތަ" އަރޫމާ އަހައިލިއެވެ.
"މަންމަގެ ޚަބަރެއް ނުވެގެން މިއައީ" އަރޫމާ އަށް އިސްމާއީލް ޖަވާބު ދިނެވެ.
"ނުހޭލެވެނީކަން ނޭނގެ. އަންނާނަން ބަލާފައި" އަރޫމާ ހިނގައިގަތީ މަންމައަށް ގޮވާށެވެ.
"މަންމަށް ނިދިފައި އޮތިއްޔާ ކޮންމެހެން ގޮވާނެ ކަމެއް ނެތް. އަހަރެން މިތާ މަޑުކޮއްލާނަން" އިސްމާއީލް ގޮސް ގޮނޑީގައި އިށީނެވެ.
އިސްމާއީލް އެތާނގައި އިނުމުން އިސްމާއީލް ދޫކޮއްލާފައި ދާކަށެއް ނުކެރުނެވެ. އަދި އިސްމާއީލް ގާތުގައި އިށީނީ އެކަނިވިޔަ ނުދިނުމަށެވެ. ކިތަންމެ ބަނޑުހައި ވެފައި ވިޔަކަސް އިސްމާއީލަށް އިޚްތިރާމް ކުރުމުގެ ގޮތުން އިށީނީއެވެ. އިސްމާއީލްގެ މޫނުމަތިން މާޔޫސްކަމުގެ އަސަރު ފެންނަމުން ދިޔައިރު އަރޫމާ އަށް އެކަން ވަރަށް ރަނގަޅަށް ހާމަވަމުން ދިޔައެވެ.
"ކޮބާ ދެން މިގެއަށް އަންނަންވީއޭ. ކޮއްކޮ ބޭނުންވަނީ ކޮން ދުވަހެއް" އިސްމާއީލް ވާހަކަ ދައްކަން ފެށީ ވަރަށް ލޯބިންނެވެ.
"ބޭބެއޭ ކޮއްކޮއޭ ނުކިޔާ. ދެން މާގިނަ ދުވަހެއް ނުވާނެ" އިސްމާއީލް ސިއްސައިގެން ދިޔައީ ފަހަތުން ޒުލޭޚާ ވާހަކަ ދައްކަން ފެށުމުންނެވެ.
"ދެން ކިޔަންވާނީ ބައްޕަ. އެގޮތް ކަމަކު ނުދޭތަ" ޒުލޭޚާ އައިސް އިސްމާއީލްގެ ކޮނޑުގައި އަތް ބޭއްވިއެވެ.
އިސްމާއީލާއި ޒުލޭޚާ ވާހަކަ ދައްކަން އިށީނުމުން އަރޫމާ ދިޔައީ ބަދިގެއަށެވެ. ސައިބޯނެ އެއްޗެއް ތައްޔާރު ކޮއްލުމަށެވެ.
"ދަރިފުޅާ. އިސްމާއީލަށް ވަރަށް މީރު ކޮފީއެއް ގެންނާތި" އަރޫމާ ހިނގައި ގަތުމުން މަންމަ ގޮވާލައިފައި ބުނެލިއެވެ.
"ކިހިނެއްވީ މާލަހުން ތިހޭލެވުނީ" އަރޫމާ ދިއުމާއި އެކު އިސްމާއީލް ވާހަކަ ދައްކަން ފެށިއެވެ.
"އެއުޅޭ ސިއްތި އައީ މިގެއަށް ދަންވަރު. އޭނަ ނުގޮސްގެން ނުނިދިފައި ތިބީ" ޒުލޭޚާ ރޭގައި ކަންތައް ވީގޮތް ކިޔައިދޭން ފެށިއެވެ.
އިސްމާއީލް ބޭނުންވީ ކައިވެނީގެ ކަންތައް އަވަސް ކޮއްލާށެވެ. ޒުލޭޚާ އާއި އިސްމާއީލް މަޝްވަރާ ކުރަމުން ދިޔައީ އެމީހުންގެ ކައިވެނީގެ ކަންތަކާއި މެދުގައެވެ. ނަމަވެސް ދެމީހުންނަށް އެއްބަސް ނުވެވުނު އެއް ކަމެއް އޮތެވެ. އެއީ ކައިވެންޏަށް ފަހު ދެމީހުން ދިރިއުޅޭނެ ގެއަކާއި މެދުގައެވެ. ދެމީހުންވެސް ބޭނުންވީ އެމީހެއްގެ ގޭގައި ދިރި އުޅޭށެވެ. ޚާއްސަކޮށް ޒުލޭޚާއެވެ. އަރޫމާ އެކަނި ކޮއްލާފައި ވަކިން ތާކަށް ދާކަށެއް ބޭނުމެއް ނުވެއެވެ. އަރޫމާ އަކީ އަމުދުން އަންހެން ކުއްޖަކަށް ވާތީ އެކަނި ދޫކޮއްލުން އެހާ ރަނގަޅު ކަމަކަށް ނުވާނެތީއެވެ. ދެމީހުންގެ ވާހަކަގައި ތިއްބާ އަރޫމާ ކޮފީ ހިފައިގެން އައިސް އެމީހުންގެ ކުރިމަތީގައި ހުރި މޭޒުމަތީގައި ބެހެއްޓިއެވެ.
"މިއައީ ސައިވެސް ހަދާފައި. ސައިވެސް ބޮއިގެންދޯ ދާންވާނީ" އަރޫމާ އިސްމާއީލަށް ބަލައިލިއެވެ.
"ދަރިފުޅު ހާދަ މޮޅޭދޯ. އަދި އެހާ ފާސްޓް. ހީވަނީ މަންމައަށް ވުރެ މޮޅުވާނެހެން" އިސްމާއީލްގެ ތައުރީފުގެ ބަސްތައް އަމުނައިލިއެވެ.
"މޮޅު އަދި ކުޅަދާނަ މަންމައެއްގެ ދަރިއެކޭ. ދެން ކީއްވެ ދެރަވާންވީ" އަރޫމާގެ މަންމަ ޒުލޭޚާ ހީލިއެވެ.
ކޮފީތަށި ހިފައިގެން ޒުލޭޚާ ހިނގައިގަތީ ކާމޭޒާއި ދިމާލަށެވެ. ފަހަތުން އިސްމާއީލްވެސް ދިޔުމުން އަރޫމާ ދިޔައީ އެމީހުނަށް ކަޅުސައި ހަދާށެވެ. މަންމައަށް ކަޅުސަޔާއި ނުލައި އެއްވެސް އެއްޗެއް ނުކެވޭނެތީއެވެ. ސައިތަށި ހިފައިގެން އައިސް އަރޫމާވެސް މޭޒު ދޮށުގައި އިށީނެވެ. މަންމަ ބޭނުންވަނީ އެމީހުންގެ މަޝްވަރާގައި އަރޫމާވެސް ބައިވެރިކުރާށެވެ. އެއީވެސް އެމީހުންގެ ދަރިއެއް ކަމަށް ދެކޭތީއެވެ. އިސްމާއީލް އާއި ޒުލޭޚާގެ އެއްވެސް ނިންމުމަކަށް ދެކޮޅު ހަދާކަށް އަރޫމާ ބޭނުމެއް ނުވެއެވެ. އަރޫމާގެ ސަބަބުން އެމީހުންގެ ދިރިއުޅުމަށް އެއްވެސް ހުރަހެއް އެޅުނަ ނުދޭށެވެ. އެމީހުން ސައިބޯން ތިއްބާ ބޭރުން މީހަކު ސަލާމް ގޮވައިލި އަޑަށް އަރޫމާ ގޮނޑިން ތެދުވުމުން މަންމަ އަރޫމާއަށް ބަލައިލިއެވެ.
"ސިއްތި ވިއްޔާ އަޅާނުލާ. ބުނޭ އަހަރެން ނެތޭ" ޒުލޭޚާ އަރޫމާ ގާތު ބުނެލިއެވެ.
"ޒުލޭޚާ. ހާދަ ލަހަކުން ތި ސައިބޮނީ" އަރޫމާއަށް ދޮރާއި ހަމައަށް ދެވުމުގެ ކުރިން ސިއްތި އައިސް ދޮރުން ވަނެވެ.
"އަނެއްކާވެސް ސިއްތި އައީތަ އަޅެ. ދެން ދޭބަލަ ނިދަން. އަދި ރޭގައި ނުނިދާ ތިހުންނަނީ" ސިއްތިއަށް ޖަވާބު ދިނީ ޒުލޭޚާއެވެ.
"އޯހް. އިސްމާއީލް އިނީމަ އަވަހަށް ފޮނުވާލަނީދޯ. އަހަންނެއް ނުދާނަން" ސިއްތި އައިސް މޭޒު ކައިރީގައި ހުއްޓުނެވެ.
"އެހެންވިއްޔާ ސައިބޯން އާދޭ" ސިއްތި ވާހަކައެއް ފަށައިފާނެތީ ޒުލޭޚާ ހުރީ ވަރަށް ބިރުންނެވެ.
"ސައޭ. އަހަންނެއް ނޫޅެން ސައިބޯކަށް. ގާތުގައި ތިއިން މީހާއަށް ސައިދީބަލަ" އިސްމާއީލަށް ދިމާލަށް ލޯ އަޅަމުން ސިއްތި ބުނެލިއެވެ.
"ކީއްވެ އަނގައިން ނުބުނީ. އިސްމާއީލް ގާތުގައި އަހާބަލަ ކަލޭ ރައްޓެހިވެގެން އުޅެނީ ޒުލޭޚާ އާއި ތޯ ނުވަތަ އުތުރު ކޮޅު ޝަރުމީލާ އާއިތޯ. އަހަންނަށް އެނގެނީ ޔަގީނުންވެސް ޝަރުމީލާގެ ގާތަށް ދާކަން" ސިއްތި އެވާހަކަ ދައްކަން ފެށުމުން ޒުލޭޚާ ރުޅިގަދަވިއެވެ. އިށީނދެ އިން ގޮނޑިން ތެދުވެގެން ގޮސް ސިއްތިގެ އަތުގައި ހިފައިގެން ގޮސް ދޮރާށިން ބޭރަށް ލުމުން ސިއްތި ދިޔަގޮތަށް ދިޔައީ އެވެ. ޒުލޭޚާ ގޭތެރެއަށް ވަދެގެން އައީ ބާރުބާރަށެވެ. ކާމޭޒު ދޮށުގައި އިސްމާއީލް އެކަނިމާ އެކަނި އިނެވެ.
"ކޮބާ ސިއްތި ދިޔައީތަ" ޒުލޭޚާ ފެނުމާއި އެކު އިސްމާއީލް އަހައިލިއެވެ.
"ޝަރުމީލާ އެއީ ކާކު" ޒުލޭޚާ އިސްމާއީލްގެ ގާތުން އަހައިލިއެވެ.
"އެއީ އިންސާނެއް" އިސްމާއީލް ހޭންފެށިއެވެ.
"ބަލަ އަހަންނަށްވެސް އެނގޭ އިންސާނެއްކަން. މިއަހަނީ އިސްމާއީލާއި އޮތީ ކޮން ގުޅުމެއްހޭ" ޒުލޭޚާ ހުރީ ހުއްޓާލާ ގޮތަކަށް ނޫނެވެ. ޝަރުމީލާ އާއި އޮންނަނީ ކޮންކަހަލަ ގުޅުމެއްތޯ ބަލަން ބޭނުމެވެ.
"ބަލަ ޒުލޭޚާވެސް ބުނީމެއްނު އެއީ ހަމަޖެހޭ މީހެއް ނޫނޭ. ދެން ކީއްވެ އޭނަ ދައްކާ ވާހަކަ ގަބޫލު ކުރަނީ" ޒުލޭޚާ ހަމަޖެއްސޭތޯ އިސްމާއީލް މަސައްކަތް ކުރަމުން ދިޔައެވެ.
އެންމެފަހުން މޫނުގައި އަތް އަޅައިގެން މޭޒު ދޮށުގައި ޒުލޭޚާ އިނެވެ. އިތުރަށް ޒުވާބު ކުރަން ބޭނުން ނުވާތީއެވެ. ކައިވެންޏަށް މިހާ ގާތްވެފައި އޮތް ވަގުތެއްގައި ދެމީހުން ދެމެދު މައްސަލަ ޖެހުމަކީ އެކަކުވެސް ބޭނުންވާ ކަމެއް ނޫނެވެ. ނަމަވެސް ޒުލޭޚާގެ ހިތުގައި ޝައްކު އިތުރުވަމުން ދިޔައެވެ. އަދި އެއީ ތެދެއްތޯ ބަލަން ބޭނުންވިއެވެ. އެކަން ރަނގަޅަށް ބަލާފައި ނޫނިއްޔާ ހިތްހަމަވެސް ނުޖެހެވޭނެއެވެ. އެއްވެސް މީހެއްގެ ހިޔަންޏެއް މިދެމެދަށް އެޅޭކަށް ބޭނުމެއް ނުވާތީއެވެ. ހިތުގައި ޝައްކެއް އޮތް ނަމަވެސް އެކަން ހިތުން ފިލުވާލަން ބޭނުމެވެ. ނަމަވެސް އެކަން ވާނީވެސް ރަނގަޅަށް ބެލީމައެވެ. ޒުލޭޚާ ވާހަކަ ނުދައްކައި އިންނަން ފެށުމުން އިސްމާއީލް ގޮނޑިން ތެދުވެގެން ދާން ހިނގައިގަތުމާއި އެކު ޒުލޭޚާވެސް އިސްމާއީލްގެ ފަހަތުން ދުއްވައިގެންފިއެވެ.
"ކީއްވެ ރުޅިއައިސްގެން ތިދަނީ" އިސްމާއީލްގެ އުނަގަނޑުގައި ޒުލޭޚާ ބައްދައިލިއެވެ.
"ނޫން. ރުޅިއެއް ނޫން. ދެން މިވަގުތަށް ގެއަށް ގޮސްލަނީ" އިސްމާއީލްވެސް ޒުލޭޚާގެ އުނަގަނޑުގައި ހިފައިލަމުން ބުނެލިއެވެ.
"އޯކޭ. ދޭ" އިސްމާއީލް ގޮސް ގެއްލެންދެން ޒުލޭޚާ ބަލަހައްޓައިގެން ހުއްޓެވެ. އިސްމާއީލް ލޯމަތިން ގެއްލުމުން ގޭތެރެއަށް ވަންނަން ޒުލޭޚާ ހިނގައިގަތެވެ. ޒުލޭޚާ ގޭތެރެއަށް ވަން އިރު އަރޫމާ ސައި ބޮއިގެން މޭޒުމަތި ސާފު ކުރުމުގައި އުޅުނު މަންޒަރު ފެނިގެންގޮސް އަރޫމާގެ ގާތަށް ހުއްޓުނެވެ.
"ދަންނަންތަ އުތުރުކޮޅުގައި އެއުޅޭ ޝަރުމީލާ. އެއީ ކާކު. ކިހިނނެއް އުޅޭ މީހެއް. ކޮން ފެންވަރެއްގެ މީހެއް" ޒުލޭޚާ އަރޫމާ އާއި ސުވާލު ކޮއްލިއެވެ.
"ކުއްލިއަކަށް ކިހިނެއްވީ" އަރޫމާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
"އެއީ އިސްމާއީލްގެ ފަހަތުން ނެއްޓެން ނޭނގިގެން އުޅޭ އަންހެނެކޯ. އަހަރެން ބަލާލަން ބޭނުންވަނީ އެއީ ކިހާ ފެންވަރެއްގެ އަންހެނެއްތޯ" ޒުލޭޚާ ރުޅިގަދަވަމުން ދިޔައެވެ.
= ނުނިމޭ =
ކިޔުންތެރިންގެ ހިޔާލު
L n lllll💞💞💞💞💞
ކޮމެންޓްސް ބަންދުކުރެވިފައި