November 24, 2024 03:28
Advertisement

-Advertisement-

ވާހަކަ: އާދޭސް (ހަތްވަނަބައި)

އަރޫމާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. މަންމަ ދައްކާ ވާހަކައަށް އެއްޗެކޭ ބުނުމަށްވުރެ ނުބުނުން މާބުއްދިވެރި ވާނެތީއެވެ.

"އަހަރެން މިވަރަށް ވާހަކަދައްކާ އިރުވެސް ކަލޭ ތިހުންނަނީ އަނގައިންވެސް ނުބުނެ. ރަނގަޅު. ކަލޭ އިންނަން ހުރި މީހާ މަރުވީވިއްޔާ" އަރޫމާ އާއި ދިމާލަށް ހެއްދެވި ނުހެއްދެވިއަށް ގޮވާފައި މަންމަ ހިނގައިގަތެވެ. މަންމަ ދިޔަތާ މާ ގިނަ އިރެއް ނުވަނީސް ބޭރުތެރެއިން އަޑުގަދަވާހެން ހީވެގެން އަރޫމާ ބޭރަށް ނިކުތެވެ. ބޭރުގައި މީހަކު ފެންނާކަށް ނެތެވެ. އަދިވެސް ބޭރަށް ނިކުމެ ރަނގަޅަށް ވަށައިގެން ހޯދައިލިއެވެ. ތަންކޮޅެއް ދުރުން އާދަނު ފެނުނެވެ. އާއިލީ ގޮތުން ތިމާގެ މީހެކެވެ. އަރޫމާ ގޮސް އާދަނުގެ ގާތަށް ހުއްޓުނެވެ.

"ކިހނެއްވީ އާދަންބެ" އަރޫމާ އަހައިލީ ވެގެން އުޅޭ ކަމެއް ބަލާލާށެވެ. އަޑުގަދަވީމައެވެ. އެހެން ނޫނަސް އާދަނަކީ ކުޑަކޮށް ކަންފަތް ބީރު މީހެކެވެ. ތަންކޮޅެއް ބާރަށް ބުނެގެން ނޫނިއްޔާ އަޑެއް ނީވޭނެއެވެ.

Advertisement

"ކޮއްކޯ. އެއީ މިހެން ދިޔަ ބަޔަކާއި ވާހަކަ ދައްކާލީ. އެމީހުންނަށް މަސް ނުބޭނެނީޔޯ" އާދަނު ބުނެލީވެސް އެހާ ބާރަށެވެ.

ވީގޮތެއް ސާފުވުމުން އަރޫމާ އެނބުރި ގެއާއި ދިމާލަށް ހިނގައިތީ ހިތްހަމަޖެހުމުގެ ނޭވާއެއް ލުމަށް ފަހުގައެވެ. އަރޫމާ ހީކުރީ މަންމަ ކޮންމެވެސް މީހަކާއި ޒުވާބު ކޮއްލީ ކަމަށެވެ. މިއަދު މަންމަ އެހުންނަނީ ކޮންޓްރޯލުން ނައްޓައިފައެވެ. އިސްމާއީލް އެހެން އަންހެނަކާއި ގުޅުން އޮންނަ ވާހަކައެއް އަޑު އިވުމުންނެވެ. އަރޫމާ މަޑު ހިނގުމެއްގައި ގޮސް ގޭ ދޮރުން ވަންތަނާހެން ފަހަތުން މީހަކު ގޮވައިލި އަޑަށް ބަލައިލިއެވެ. ފަހަތުގައި ޝަރުމީލާ ހުއްޓެވެ.

"ކޮބާ ކޮއްކޮގެ މަންމަ" އަރޫމާ ފެނުމާއި އެކު ފުރަތަމަވެސް އަހައިލީ މަންމަ ކޮބައިތޯއެވެ.

"ގޭތެރޭގައި އެބައުޅޭ" އަރޫމާ ބުނެލިއެވެ.

އަރޫމާ އެހެން ބުނެލުމާއި އެކު ޝަރުމީލާ ގޭތެރެއަށް ދާން ހިނގައިގަތެވެ. އަރޫމާވެސް ފަހަތުން ދުއްވައިގަތެވެ.

"މަޑުކޮއްބަލަ. ކީއްކުރަން ތިއުޅެނީ. އަހަރެން މަންމަ އަށް ގޮވާފާނަން. މަޑުކޮއްލާ" އަރޫމާ ބާރަށް ގޮސް ޝަރުމީލާގެ އަތުގައި ހިފެހެއްޓިއެވެ.

"ދޫކޮއްލާ. އަހަންނަށްވެސް ޒުލޭޚާއަށް ގޮވިދާނެ" އަރޫމާ ޝަރުމީލާގެ އަތުން ދޫނުކުރުމުން ބުނެލިއެވެ.

އެވަގުތު އެތަނަށް ޒުލޭޚާވެސް ނިކުތީ އަޑުގަދަވާތީއެވެ. ޒުލޭޚާ ބާރަކަށް އައިސް ދެމީހުންގެ ގާތަށް ހުއްޓުނެވެ. އަދި ވަކިވަކިން ދެމީހުންގެ މޫނަށް ބަލަމުން ދިޔައެވެ.

"އޭތް. ޝަރުމީލާ. ކަލޭ މިގެއަށް ވަދެގެން ތިއުޅެނީ ކީއްވެގެން. މީ ކަލޭގެ ގެ ތަ" ޒުލޭޚާ ހުރީ ވަރަށް ރުޅި އައިސްފައެވެ.

"އަހަރެން މިއައީ ތީނަ އާއި ވާހަކަ ދައްކާލަން. އައިތަނާހެން ތީނަގެ ދަރި އަހަރެންގެ ބޮލަށް އެރީ" ޝަރުމީލާގެ ރުޅި ކޮންޓްރޯލް ކުރެވޭތޯ އަމިއްލައަށް މަސައްކަތް ކުރިއެވެ.

"އަދިވެސް ނުނިކުމެވޭދޯ. ނިކުންނާށޭ. ނިކުންނާށޭ" ޒުލޭޚާ ތަކުރާރުކޮށް ކިޔަމުން ދިޔައެވެ.

"އޯކޭ އަހަރެން ހިނގައިދާނަން. އެކަމަކު އިސްމާއީލް ގޮވައިގެން މިގޭތެރޭގައި އޮންނައިރޯ" ޝަރުމީލާ އޭނަގެ އަސްލު މަޢުޟޫ ފެށިއެވެ.

"ކޮން އިސްމާއީލެއް. އިބްރާހީމެއް. ނިކުންނާށޭ" އެންމެފަހުން ޒުލޭޚާ ގޮސް ޝަރުމީލާގެ އަތުގައި ހިފެހެއްޓިއެވެ.

"އޭތް ގަޔަށް ބޮލަށް ނާރާ. ކިޔާ އެއްޗެއް އަނގައިން ކިޔާ" ޝަރުމީލާ ޒުލޭޚާގެ އަނގަމަތީގައި ޖެހިއެވެ.

އަނގަމަތީގައި ޖެހިލެއް ބާރުކަމުން ޒުލޭޚާގެ ބޮލަށް އެނބުރުން އެރިއެވެ. އަދި ވެއްޓެން ދަމުން އެއްލި އަތުން ޝަރުމީލާގެ އިސްތަށިގަނޑަށް ދަމައިލުމުން ދެމީހުން އެކީގައި ބިންމައްޗަށް ވެއްޓުނެވެ. ބިންމައްޗަށް ވެއްޓުމާއި އެކު އެދެމެދަށް ވަނީ އަރޫމާއެވެ. މައްސަލަ ހައްލު ކުރެވޭތޯއެވެ. އަރޫމާ ގޮސް އޭނަގެ މަންމަގެ އަތުގައި ހިފިއެވެ. އަދި ކޮޅަށް ނެގޭތޯ އާއި ދެމީހުން ދުރު ކުރެވޭތޯ ބެލިއެވެ.

"އަދިވެސް އަހަރެން ދުރުކުރެވޭތޯތަ ތިބަލަނީ. ކަލެއަށް ހެޔޮ ދޯ އަހަރެން މަރުވިޔަސް" ޒުލޭޚާ ކޮޅަށް ތެދުވެ އަރޫމާ އާއި ދިމާލަށް ނުރުހުމުގެ ގޮތުން ބުނެލިއެވެ.

ޝަރުމީލާވެސް ތެދުވެ ދުރަށް ޖެހިލިއެވެ. އުނަގަނޑަށް ކޮންމެވެސް ވަރަކަށް ތަދުވެގެން އުޅޭ ކަހަލަ ގޮތަކަށް އުނަގަނޑުގައި އަތް އަޅައިގެން ހުއްޓެވެ. އެކަމަކުވެސް ޒުލޭޚާ ދިޔައީ ހުއްޓުމެއް ނެތި އެއްޗެހި ގޮވަމުންނެވެ. ދުރުގައި ޝަރުމީލާ ހެވިފައި އަނގައިންވެސް ނުބުނެ ހުރީ ޒުލޭޚާ ކިޔާނެ އެއްޗެއް ކިޔަން ދެނެވެ. އަރޫމާ އޭނަގެ މަންމަ ގޮވައިގެން އެތެރެއަށް ދާން މަސައްކަތް ކުރަމުން ދިޔައިރު އެކަމުގެ ތެރޭގައި އަރޫމާއަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއްވެސް ވަނީ ވެފައެވެ. ޒުލޭޚާ ގޮތް ދޫކޮއްލާފައި ދާކަށް ބޭނުމެއް ނުވިއެވެ. ޒުލޭޚާ ބޭނުންވީ ޝަރުމީލާ އެގެއިން ނެރެލާށެވެ. އެގެއިން ޝަރުމީލާ ނުކުމެގެން ދިޔައީ އޭނާގެ ހިތުގެ ހުރިހާ އުދާސްތައް ބޭރުކޮއްލާފައެވެ. ޝަރުމީލާ ނިކުމެގެން ދިޔަ މަންޒަރު ބަލަން ޒުލޭޚާ ހުރީ ރުޅިއައިސްފައެވެ.

"ކަލޭ ނެތްނަމަ އެ ޝަރުމީލާ ހޭއަރުވައިލާނަން" ޒުލޭޚާ ގޭތެރެއަށް ވަންނަމުން އަރޫމާ އާއި ދިމާލަށް ބުނެލިއެވެ.

"ދެންވެސް ރުޅި މަޑުކޮއްލަބަލަ" އަރޫމާ ބޭނުންވީ މަންމަ ހަމައަކަށް އަޅުވާށެވެ.

"އަހަރެން ބަލާނަން އެޝަރުމީލާތޯ އަހަރެންތޯ ގަދަވާނީ. ލާހިކެއްނު އިސްމާއީލާއި ވައިވެސް އެޅޭކަށް" ޒުލޭޚާ ރުޅި މަޑުވާ ގޮތެއް ނުވެއެވެ.

ޒުލޭޚާ ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެ ބާރަކަށް ދޮރު ލައްޕައިލިއެވެ. މަންމަގެ ހަރަކާތަށް ބަލަން އަރޫމާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ހަށިގަނޑަށް ލިބިފައިވާ އަނިޔާއަށް ކެތްކޮއްލާފައި އަރޫމާވެސް ހިނގައިގަތީ ކޮޓަރިއަށް ވަންނާށެވެ. ކޮޓަރިއަށް ވަދެ އެނދުގައި އިށީނީ ގައިގައި ރިއްސާތީއެވެ. މިއަދު މި ހިނގި ކަންތައް ދެވަނަ ފަހަރަށް ހިނގިޔަ ނުދޭން އެޅޭނީ ކޮން ފިޔަވަޅެއްތޯ އަރޫމާ ދިޔައީ ވިސްނަމުންނެވެ. އަރޫމާ ވިސްނުމެއްގެ ތެރޭގައި އިންދާ ސިއްސައިގެން ދިޔައީ މަންމަގެ ކޮޓަރި ދޮރު ހުޅުވައިލި އަޑަށެވެ. އަރޫމާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ދޮރު ހުޅުވައިލިއެވެ. އެވަގުތު ޒުލޭޚާ ކޮޓަރިން ނިކުންނަނީއެވެ. ހީވަނީ ކޮންމެވެސް ތާކަށް ދާން އުޅޭ ހެންނެވެ. ވަރަށް ނަލަވެލައިގެން ހުރި ޒުލޭޚާ ދާން ހިނގައިގަތެވެ.

"މަންމާ. މަންމަ ކޮންތާކަށް ތިދަނީ" ޒުލޭޚާ ހިނގައިގަތުމާއި އެކު އަރޫމާ އަހައިލިއެވެ.

"އިސްމާއީލް މެންގެ ގެއަށް" ޒުލޭޚާ ކުރު ޖަވާބެއް ދިނުމަށްފަހު އަނެއްކާވެސް ހިނގައިގަތެވެ.

"މަންމާ. މަންމަ ކީއްކުރަން ތިދަނީ. ދެންމެ ބޮޑު ހަމަނުޖެހުމެއްވެސް ތި ނިންމާލީ" އަރޫމާ އޭނާގެ މަންމަ ހުއްޓުވޭތޯ ބެލިއެވެ. އެއަޑު އެހުމެއް ނެތި ޒުލޭޚާ ހިނގައިގަތެވެ.

"އިސްމާއީލް އަންނާނެއެއްނު މިގެއަށް. މަޑުކޮއްބަލަ. މަންމައަށް ކޮންމެ ފަދަ އަނިޔާއެއްވެސް އެ ޝަރުމީލާ ކޮއްފާނެ" އަރޫމާ ހުރީ ބިރުންނެވެ. ނަމަވެސް އަރޫމާ ދެއްކި އެއްވެސް ވާހަކައެއް އަޑު އެހުމެއް ނެތި ޒުލޭޚާގެ ހިނގުމުގެ ފިޔަވަޅުތައް އަވަސްކޮއްލިއެވެ. އަރޫމާ ގޮތް ހުސްވެ މަންމައަށް ބަލަހައްޓައިގެން ހުރެވުނީ ފެންކަޅިވެފައެވެ. ޒުލޭޚާ ބާރު ހިނގުމެއްގައި ގޮސް އިސްމާއީލްގެ ގެއަށް ވަނީ ކުޑަމިނުން ސަލާމް ވެސް ނުގޮވައެވެ. އިސްމާއީލް ގޭތެރޭގައި ފެންނަން ނެތުމުން ގަސްތަކާއި ދިމާލަށް ހިނގައިގަތެވެ. އިސްމާއީލް އެތާގައި ކޮންމެވެސް ކަމެއްގައި އަވަދިނެތި އުޅުނެވެ.

"މިގަޑީގައި ކީއްކުރަން" ޒުލޭޚާ ފެނުމާއި އެކު އިސްމާއީލް އަހައިލިއެވެ.

"އެކަނިތަ ތިއުޅެނީ" ޒުލޭޚާ ވެސް ކުރީ ސުވާލެވެ.

"ދެން ކާކު. މަންޖެއަށްވެސް ފެންނާނެދޯ. ހިނގާ އަވަހަށް އައިނެއް ހައްދަންދޯ. އިސްމާއީލް ހޭންފެށިއެވެ.

"އަހަރެން މިއައީ މަޖާކޮށް ސަމާސަ ކުރާކަށް ނޫން" ޒުލޭޚާ ބުނެލިއެވެ.

"ދެން ކޮންކަމެއްގައި. އަހަރެން ދެކޭ ހިތުންތަ" ޒުލޭޚާ މޫޑު ހުރި ގޮތް އިސްމާއީލަށް އިހުސާސްވިއެވެ.

"ޝަރުމީލާ އުޅޭތޯ ބަލަން. އޭނަ ބުނި ތިމަންނަ ނޫން މީހަކަށް އިސްމާއީލެއް ނުލިބޭނެއޭ. ތެދެއްތަ" ޒުލޭޚާ ރުޅިން ތުރުތުރު އަޅަމުން ދިޔައެވެ.

"ޝަރުމީލާ އުޅެނީ މިގެއަކު ނޫން. އެހެން ނޫނަސް ކީއްކުރަން މަންޖެ ހުއްޓާ އެހެން މީހަކާއި އިންނަންވީ" އިސްމާއީލް ބޭނުންވީ ޒުލޭޚާގެ ރުޅި މައިތިރި ކުރެވޭތޯއެވެ.

"އަހަރެމެންގެ ގެއަށް ގޮސް އަހަންނަށް އަނިޔާވެސް ކޮއްފައި އެދިޔައީ. އަހަރެން ހީކުރީ ދެން އަންނާނީ މިގެއަށް ކަމަށް. އެހެންވެ މިއައީ" ޒުލޭޚާ އަށް ރޮވުނެވެ. ރުޅިވެރިކަމާއި އެކު ވާހަކަ ދައްކަމުން ދިޔަ ޒުލޭޚާއަށް ރޮވެމުން ދިޔައެވެ. އިސްމާއީލް އައިސް ޒުލޭޚާގެ އަތުގައި ހިފަހައްޓައިގެން ގޮސް ކައިރީގައި ހުރި ގޮނޑިއެއްގައި ބޭންދިއެވެ. އަދި ވަރަށް ލޯބިން ވާހަކަ ދައްކަމުން ދިޔައީ ޒުލޭޚާއަށް ޔަގީންކަން ދެމުންނެވެ. ޒުލޭޚާ ނޫން މީހަކާއި ކައިވެނި ނުކުރާނެ ކަމަށް ކުރިންވެސް ވަމުން ދިޔަ ވަޢުދުތައް ވަމުން އެވާހަކަތައް ތަކުރާރު ކުރަމުން ދިޔައީ ޒުލޭޚާ އަށް ހިތްވަރު ދިނުމުގެ ބޭނުމުގައެވެ. އިސްމާއީލް ދައްކަމުން ދިޔަ ވާހަކަތަށް ގަބޫލު ކުރަމޭ ބުނާ ގޮތަށް ކޮންމެ ވާހަކައަކަށް ވެސް ޒުލޭޚާ ބޯ ޖަހަމުން ދިޔައެވެ. އިސްމާއީލް ވާހަކަ ދައްކަމުންދާ ވަރަކަށް ޒުލޭޚާ ހަމައަކަށް އެޅެމުން ދިޔައީ އިސްމާއީލް އެދައްކަނީ ތެދު ވާހަކަތަކެއް ކަމަށް ގަބޫލު ކޮއްގެންނެވެ. ދެމީހުންގެ ވާހަކައަށް ހުރަސް އެޅުނީ ބާރަކަށް މީހަކު ގޮވައިލި އަޑަށެވެ. ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. އެއިރު ޝަރުމީލާ އާއި ސިއްތި ގޯތި ތެރެއަށް ވަދެގެން އާދެއެވެ. އިސްމާއީލާއި ޒުލޭޚާ ވެސް ކޮޅަށް ތެދުވިއެވެ.

= ނުނިމޭ =   

+1
0
+1
0
+1
12
+1
4
+1
3
+1
0
+1
2

Advertisement

ގުޅުންހުރި ލިޔުންތައް