November 24, 2024 03:17
Advertisement

-Advertisement-

ވާހަކަ: އާދޭސް (އަށްވަނަބައި)

އެމީހުން ބާރަކަށް އައިސް ޒުލޭޚާ އާއި އިސްމާއީލްގެ ގާތަށް ހުއްޓުނެވެ. އަދި ވަރަށް ރަނގަޅަށް ދެމީހުންނަށް ވަކި ވަކިން ބަލައިލިއެވެ.

"މިތިބީ އެމީހުން. އަހަންނަށް ބައިވަރު ލާރި ދޭންވެސް މީނަ ބުނި" ޒުލޭޚާއަށް އިޝާރާތް ކޮށް ސިއްތި ބުނެލިއެވެ.

ސިއްތި އާއި ކުރިމަތިލާން ޒުލޭޚާ އޭނަގެ ގާތަށް ހިނގައިގަތެވެ. ސިއްތިވެސް ހުރީ އެމީހުންނާއި ކުރިމަތިލާން ތައްޔާރުވެގެންނެވެ. އެތިން އަންހެނުންގެ މެދަށް ވަންނަން ބޭނުން ނުވާތީ އިސްމާއީލް އެއްވެސް އެއްޗެއް ނުބުނެ މަޑުކޮއްލައިގެން ހުއްޓެވެ. އިސްމާއީލް ބޭނުންވީ އެމީހުން އަމިއްލައަށް އެކަން ހައްލު ކުރާށެވެ.

Advertisement

"ކަލޭ ސިއްތި ގޮވައިގެން ތިއައީ ކާކު ބިރުގަންނަވަންތަ" ޒުލޭޚާ ދިޔަގޮތަށް ގޮސް ޝަރުމީލާގެ ގާތަށް ހުއްޓުނެވެ.

"އަހަރެން މިއައީ ޔަގީން ކުރަން. އިސްމާއީލާއި ހެދި ކަލޭ އުޅޭވަރެއް" ޝަރުމީލާ ވާހަކަ ދައްކަމުން ދިޔައީ ވަރަށް ހަމަޖެހިލައިގެންނެވެ.

"ކޮންވަރެއް. ވަރު ފެނިއްޖެއެއްނު. ތި އުޅެނީ އިސްމާއީލްގެ ފަހަތުން ނެއްޓެން ނޭނގިގެން ވިއްޔާ" ޒުލޭޚާ އެންމެ އެއްޗަކަށްވެސް ދުލެއް ނުކުރެއެވެ.

"ބަލަ މިއޮތީ އަހަރެންގެ އަތުގައި އިސްމާއީލް އެޅުވި ރަން އަނގޮޓި. ކޮބާ ކަލޭ އަތުގައި އެޅުވި އަނގޮޓި. އެކަމަކު އިންނަންށޯ މި އުޅެނީ. ކާކާއި އިންނަން ތި އުޅެނީ" ޝަރުމީލާގެ އިނގިލީގައި އޮތް ރަން އަނގޮޓި ފެނުމުން ޒުލޭޚާ މައިތިރިވިއެވެ.

އެމަންޒަރު ބަލަން ހެވިލާފައި ޝަރުމީލާ ހުރީ ވަރަށް ހަމަޖެހިލާފައެވެ. އަނގޮޓި ދެއްކުމާއި އެކު އިސްމާއީލް އައިސް ދެމީހުންގެ މައްސަލަ ހައްލު ކުރެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެކަމަށް އެއްވެސް ކުރިއެރުމެއް ލިބޭ ގޮތެއް ނުވެއެވެ. އިސްމާއީލް ފަޟީހަތް ވެދާނެތީ އެކަމުން ސަލާމަތް ވާން ބޭނުމެވެ. ގިނައިރު ވާ ވަރަކަށް ވާހަކަވެސް ދާނީ ގިނަވަމުންކަން އިސްމާއީލަށް އެނގެއެވެ. ނަމަވެސް އެއްވެސް ކަމެއް ނޭނގޭކަމަށް ހަދާފައި އެކަން ހައްލު ކުރަން މަސައްކަތް ކުރަމުން ދިޔައެވެ.

"ބުނެބަލަ. އަހަރެމެން ދެމީހުންގެ ތެރެއިން ކާކާއި އިންނަން ތިއުޅެނީ. އެއިރުން މި އަނގޮޓި ހަވާލު ކޮއްލާފައި ގެއަށް ހިނގައިދާނަން" ޝަރުމީލާގެ ގާތަށް އިސްމާއީލް އައިސް ހުއްޓުމުން ޝަރުމީލާ ބޭނުންވީ ކޮންމެވެސް ޖަވާބެކެވެ. ހިތް އުފާވާނެ އަދި އެޖަވާބަކީ ޒުލޭޚާއަށް އަޑުއަހާލަން ނުކެރޭނެ ޖަވާބަކަށް ވާށެވެ.

"ދެން ދޭ ދެމީހުންވެސް ގެއަށް" އިސްމާއީލް ޖަވާބެއް ނުދީ އެމީހުން ފޮނުވައިލަން އުޅުނެވެ.

"ނުދާނަން. ނުދާނަން. މިބުނީނު ނުދާނަމޭ. ޖަވާބު ދިނީމަ ދާނީ. ހެޔޮ ކިތަންމެ އިރަކު ހުންނަން ޖެހުނަސް. ގަދަކަމުން ނެރެފިއްޔާ ފާރުމަތިންވެސް އަރާނަން" ޝަރުމީލާ ބޭނުންވީ ޖަވާބެކެވެ. އިސްމާއީލަށް އެއަށް ޖަވާބު ދޭން އުނދަގޫވާނެކަން ޝަރުމީލާއަށް އެނގޭތީ ގަދަ ކޮއްލަނީއެވެ. އަދި ޝަރުމީލާ އަކީ ބުނެފި ބަހެއްގައި ހިފަހައްޓާ މީހެއްކަންވެސް އިސްމާއީލް އަށް އެނގޭތީ ހިތްބިރުގަންނަމުން ދިޔައެވެ. ޝަރުމީލާ އެބުނާހެން އޭނާ ފާރުމަތިންވެސް އަރައިފާނެއެވެ. އެހާވެސް ޝަރުމީލާ ކެރެއެވެ. އިސްމާއީލްގެ ގޮތް ހުސްވިއެވެ. ޖަވާބު ދިނުން ނޫން ގޮތެއް ނެތެވެ. ކޮންމެވެސް ޖަވާބެކެވެ. މަރު ނޫނިއްޔާ ދިރުމެވެ.

"ޖަވާބޭ ނުކިޔާ ދެންދޭ. އަހަރެން މިބުނީނު ނިކުންނާށޭ" އިސްމާއީލް ރުޅިއަންނަ ގޮތް ދައްކާލިއެވެ.

"ހަހަ. ހާދަ ފިނޑިއޭ. ކިތަންމެ ރުޅިއަޔަސް ޖަވާބު ނުދެނީސް ނުނިކުންނާން. ދެން ނެރެން ޖެހޭނީ އުރާލައިގެން. އެއިރުން މިހިރަ ޒުލޭޚާއަށް ފެންނާނެތާ. އެގޮތަށް ނެރުނަސް ހަމަ އެބާރު މިނުގައި އަންނާނަން" ޝަރުމީލާ ގަދަ ކޮއްލިއެވެ. ޝަރުމީލާ ހުރީ އިސްމާއީލްގެ ދުލުން ޖަވާބެކެވެ. އެންމެފަހުން އިސްމާއީލް ގޮސް ޝަރުމީލާގެ އަތުގައި ހިފިއެވެ. އެކަމާއި ޝަރުމީލާ ދެކޮޅެއް ނުހަދައެވެ. އިސްމާއީލް ޝަރުމީލާ އަތުގައި ހިފައިގެން ހިނގައިފައި ދިޔައިރު ޒުލޭޚާ ހެވިލާފައި ހުރީ ޝަރުމީލާ އެގެއިން ބޭރަށް ނެރެލާ މަންޒަރު ބަލާށެވެ.

"ދެން ތިކަން ހުއްޓާލަން ވެއްޖެއެއްނު. އަހަރެން މިހާރު ބޭނުންވަނީ ޒުލޭޚާ އާއި ކައިވެނި ކުރަން" ވަކި ހިސާބަކަށް ޝަރުމީލާ ގެންގޮސްފައި އިސްމާއީލް ބުނެލިއެވެ.

"އެއީ ދެން މާރީތި މީހެއްތަ. މާރަނގަޅު މީހެއްތަ" ޝަރުމީލާ ބުނެލީ ވަރަށް ހިތްހަމަ ނުޖެހިފައި ހުރެއެވެ.

"ހެވޭ. ދެން ދޭ. ދެން އުނދަގޫ ނުކުރާތި" އިސްމާއީލް ޝަރުމީލާގެ ބުރަކަށީގައި އަތް އަޅާ ކޮއްޕައިލިއެވެ.

"އުނދަގުލޭ. އަހަރެންގެ ފުރާނަ ހުރިހާ ހިނދަކު އުނދަގޫ ކުރުން ހުއްޓައެއް ނުލާނަން. އަދި ތި ދެމީހުންގެ ދެމެދަށްވެސް ވަންނާނަން. އަދި މޮޅުވަނީ ކާކުތޯވެސް ބަލާނަން. އަހަރެންގެ ހުރި ނުލަފާކަން ދައްކާލާނަން" ޝަރުމީލާ އިންޒާރު ދިނެވެ.

"ތީނަ ބުނި ވަރަކަށް މުދަލާއި ފައިސާވެސް ދީފާނަން. ތިކަން ހުއްޓާލާ" އިސްމާއީލް އާދޭސް ކުރިއެވެ.

"ކޮންފައިސާއެއް. އަހަންނަށް ދިން ދެރަ ކޮބާ. ހެދިހާ ދޮގު ކޮބާ. ދެއްކިހާ ދަޅަ ކޮބާ. ހީވަނީދޯ ފައިސާއިން ހުރިހާ ކަމެއްވެސް ކޮއްލެވިދާނެ ކަމަށް. ނުވާނެ. ވިޔަކަސް ނުދޭނަން. އަހަރެން މަރުވާނީވެސް އިސްމާއީލަށް އުނދަގޫ ކުރުމުގައި ހުއްޓާ. އަދި އަހަންނަށް ނުވިއްޔާ ސިއްތަ ލައްވާ ވެސް ކުރުވާނަން. ކަލޭމެންނަށް މިދުނިޔެއަކީ އުނދަގޫ ތަނަކަށް ހަދާނަން" ޝަރުމީލާ ހުއްޓުމެއް ނެތި އިންޒާރު ދެމުން ދިޔައެވެ.

"ބުނެބަލަ. ޕްލީސް ތިކަން ހުއްޓާލަބަލަ. ތި ދައްކަނީ މާކުރީގެ ވާހަކަތަކެއް. ތި އަނގޮޓިވެސް ޝަރޫއަށް. އަހަރެން އެއްވެސް އެއްޗެއް ބޭނުމެއް ނޫން. އަދި އެއްވެސް ކަމެއް ބޭނުމިއްޔާ އަހަރެން އެކަންތައްވެސް ކޮއްލަ ދޭނަން. އަހަރެންގެ އެދުމަކީ މި ދެމެދަށް ނުވަނުން" އިސްމާއިލް އާދޭސް ކުރަމުން ދިޔައީ ޝަރުމީލާގެ ގޮތް އެނގޭތީއެވެ. ޝަރުމީލާ އެއްވެސް ކަމެއް ކުރުމަށް އެއްވެސް ކަހަލަ ޖެހިލުމެއް ނުވާނެއެވެ. ޝަރުމީލާ އާއި އިސްމާއީލް ވާހަކަ ދައްކަން މާގިނައިރު ވާތީ ޒުލޭޚާ އައިސް އެމީހުންގެ ގާތަށް ހުއްޓުނެވެ. ޒުލޭޚާ އައިސް އެމީހުންގެ ގާތަށް ހުއްޓުމާއި އެކު ޝަރުމީލާ ގޮސް ޒުލޭޚާގެ ގާތަށް ހުއްޓުނެވެ.

"ކަލެ އާއި އިސްމާއީލްގެ ދިރިއުޅުން ރަނގަޅަށް ދޭތޯ އަހަރެން ބަލާނަން. މި އޮތީ އިސްމާއީލް އަހަންނަށް ދިން ޔަގީންކަން" ޝަރުމީލާގެ އިނގިލީގައި އަޅާފައި އޮތް އަނގޮޓި ނަގައި ޒުލޭޚާގެ މޫނުމައްޗަށް ޖެހިއެވެ. އެ އަނގޮޓި ގޮސް ޖެހުނީ ޒުލޭޚާގެ ލޯ މަތީގައެވެ. ވީ ތަދުން ޒުލޭޚާ އަށް ހަޅޭ ލަވައިގަނެވުނެވެ. އަދި ގުދުވެ ބިންމަތިން ވެލި ނަގައި ޝަރުމީލާގެ ގަޔަށް ޖެހިއެވެ. ޝަރުމީލާގެ ގަޔަށް ވެލި ޖެހުމާއި އެކު ދުވެފައި އައިސް ޒުލޭޚާގެ މޫނުމަތީގައި ބާރަކަށް ޖެހުމާއިއެކު ދުރުގައި ހުރި އިސްމާއީލް އައިސް އެގެއިން ބޭރަށް ޝަރުމީލާ ނެރުނެވެ. އެމަންޒަރު ބަލަން ދުރުގައި މަޑުކޮއްލައިގެން ހުރި ސިއްތި ދަނޑިވަޅު ބަލާފައި ދުވެފައި އައިސް ގާބުރިއަކުން ޒުލޭޚާގެ ބުރަކަށީގައި ޖަހައިފައި ދުއްވައިގަތެވެ. ސިއްތިއަކީ ސިކުނޑީގެ ބައްޔަކަށް ބޭސް ކުރަމުންދާ މީހަކަށް ވާތީ އޭނާ ކޮންމެ ކަމެއް ކުރިޔަސް އެއަށް ރައްދު ދޭން އެއްވެސް މީހަކަށް ނުކެރެއެވެ. އަދި ރައްދު ދީފިއްޔާ ދެން ފަހުން ވާނެ ގެއްލުން މާބޮޑެވެ. އިސްމާއީލް އައިސް ޒުލޭޚާގެ އުނަގަނޑުގައި ހިފެހެއްޓީ އޭނާ ތަދުވާތީ އުޅެން ފެށުމުންނެވެ. މާބޮޑަށް ރިއްސާތީ އުޅެން ފެށުމުން އިސްމާއީލް ދުވެފައި ގޮސް އައިސް ޕެކެއް ގެނެސް ޒުލޭޚާގެ އުނަގަނޑުގައި އެޅިއެވެ. އިސްމާއީލް ބޭނުންވީ ޒުލޭޚާމެންގެ ގެއަށް އޭނަ ގެންދާށެވެ. އެކަނި ފޮނުވައިފިއްޔާ މަގުމަތިން އެމީހުން ޒުލޭޚާ އާއި ދިމާކޮއްލަފާނެތީ އިސްމާއީލް ހުރީ ބިރުންނެވެ. އިސްމާއިލް ޒުލޭޚާގެ އަތުގައި ހިފަހައްޓައިގެން ގޮސް އެގޭ ގޯތިތެރެއަށް ވަންއިރު އަރޫމާ ގޯތިތެރެ ކުނި ކަހަން އުޅުނެވެ. އަދި މަންމަ ފެނުމާއި އެކު ދުވެފައި އައިސް މަންމަގެ ގައިގައި ބައްދައިލިއެވެ.

"ކިހިނެއްވީ" އަރޫމާ ސުވާލު ކުރިއެވެ.

"ޝަރުމީލާ ހަމަލަ ދިނީ. ވަރަށް އަނިޔާ ކުރި" ޒުލޭޚާއަށް ރޮވެން ފެށުނެވެ.

"އެހެން ވެގެންނޭ މަންމަ ގާތުގައި އަހަރެން ބުނީ ތިތަނަށް ނުދާށޭ. ހަމަނުޖެހުމެއް ހިނގައިފާނެއޭ. އެހެން ބުނެފައި އޮއްވައި ތި ދިޔައީ" މަންމަ ގޮވައިގެން އަރޫމާ ގޭތެރެއަށް ވަންނަން ހިނގައިގަތުމުން އިސްމާއީލް ހިނގައިގަތެވެ. ޒުލޭޚާ ހިނގަމުން ދިޔައީ ކޮރު ޖަހަމުންނެވެ. އަރޫމާ މަންމަ އަތުގައި ހިފަހައްޓައިގެން ގޮސް ކޮޓަރިއަށް ވަދެ އެނދުގައި ބޭންދިއެވެ. އަދި ބަދިގެއަށް ގޮސް އައިސް ހިފައިގެން ގޮސް މަންމަގެ އުނަގަނޑު މަސާޖް ކުރަން ފެށިއެވެ.

"މިހާރު އެ ޝަރުމީލާއަށް ހުންނާނެ އެއްޗެއް ވިސްނިފައި. ދެން ނުކެރޭނެ އަހަންނާއި ދިމާކޮއްލާކަށް. މީގެ ފަހުން އިސްމާއީލް ވާނީ އަހަރެންގެ މީހަކަށް. ހަމައެކަނި އަހަރެންގެ މީހަކަށް. ސަތޭކަ ޕަސެންޓް. އިސްމާއީލާއި އެއްވެސް މީހަކަށް ދެން ނުކެރޭނެ ވައިވެސް އެޅޭކަށް" ޒުލޭޚާ ހޭން ފެށިއެވެ.

"ކޮބާ މިހާރު ޝަރުމީލާ" އަރޫމާ ސުވާލު ކޮއްލިއެވެ.

"އޭނަ ހިނގައްޖެ ރޮއިރޮއިފައި. އަހަންނަށް ހުރެގެން ހެވެނީ އޭނާ ޖައްސާ ވައްތަރުން" ޒުލޭޚާ ފޮނި ކަނޑަން ފެށިއެވެ.

"މިހާރު ދިޔައީތަ. އެކަން ނިމުނީތަ" އަރޫމާ އިތުރަށް ސުވާލު ކޮއްލިއެވެ.

"ނިމުނީހޭ. އެއްކޮށް ނިމިއްޖެ. ދެން މިނިވަންކަން ލިބިއްޖެ. އިސްމާއީލް ބުނެފި އަހަރެމެން ދެމީހުންގެ ދެމެދަށް ނުވަންނާށޯ. މިހާރު ހުންނާނެ އެއްޗެއް ވިސްނިފައި. ދެން އޮތީ އަހަރެމެންގެ ކައިވެނީގެ ކަންތަކާއިގެން ކުރިއަށް ދިއުން" ޒުލޭޚާ އުފަލުގެ ނޭވާއެއް ދޫކޮއްލިއެވެ.

"ވަރަށް އުފާވެއްޖެ" އަރޫމާވެސް މަންމަ އާއި ބައިވެރިވެލަމުން ބުނެލިއެވެ.

ޒުލޭޚާގެ އިންތިޒާރަށް ނިމުން އަންނަން ގާތް ވަނީއެވެ. އުނދަގޫ ދުވަސްތަކަކަށްފަހު އަމާންވީއެވެ. ނަމަވެސް އަދިވެސް ޒުލޭޚާގެ ހިތުގައި ބިރުވެރިކަން އުފެދެމުން ދިޔައީ ޝަރުމީލާ ކޮއްފާނެ ކަމަކާއި މެދުގައެވެ. އޭނައަށް ނުވެއްޖެއްޔާ ސިއްތި ލައްވާވެސް ކުރުވަފާނެތީއެވެ. ސިއްތި ލައްވާ ކޮންމެ ކަމެއް ކުރިޔަސް އެއްވެސް މީހަކަށް އެއްޗެކޭ ބުނާކަށް ނުކެރޭނެކަން ޝަރުމީލާއަށް އެނގޭތީ އޭނަ އުޅެނީ ސިއްތި ބޮލަށް އެރިގެންނެވެ. ސިއްތި އަކީ ސިކުނޑި ހަމަނުޖެހޭ މީހަކަށް ވާތީ އެކަމުގެ ނާޖާއިޒް ފައިދާ ޝަރުމީލާ އަބަދުވެސް ދަނީ ނަގަމުންނެވެ. ގިނަ ކަންތައް ޝަރުމީލާ ކުރުވަނީ ސިއްތި ލައްވައެވެ. އެހެން ވުމުން ސިއްތި ލައްވާ އިސްމާއީލް ނުވަތަ ޒުލޭޚާއަށް ވެސް ކޮންމެ ކަމެއްވެސް ކޮއްފާނެތީ ޒުލޭޚާ ހިތް ބިރުގަނެއެވެ.

= ނުނިމޭ =  

+1
1
+1
3
+1
3
+1
3
+1
1
+1
0
+1
2

Advertisement

ގުޅުންހުރި ލިޔުންތައް