ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދިޔަނަމަވެސް އިސްމާއީލް ޒުލޭޚާގެ ހިތްވަރެއް ދުލެއް ނުކުރެއެވެ. އިސްމާއީލް ޒުލޭޚާ އާއި ކައިވެނި ކުރާނެ ކަމުގެ ޔަގީންކަން އޮވެއެވެ. އިސްމާއީލް ކުރިންވެސް ބުނަމުން އައި ގޮތަށް ކައިވެނީގެ ކަންތައް ލަސްކުރާކަށް ބޭނުމެއް ނުވެއެވެ. ވީހާވެސް އަވަހަކަށް އެކަން ނިންމާލުމައްޓަކައި ދެފަރާތުންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ޒުލޭޚާގެ އުންމީދުތަކަށް ނިމުން އައީއެއެވެ. ކައިވެނީގެ ހަފްލާ ބާއްވަން ހަމަޖެހިފައިވާ ރޭ އައިސް ޖެހުނީއެވެ. އިރު އޮއްސެން ގާތްވި ވަރަކަށް ޒުލޭޚާގެ ހިތް ތެޅެމުން ދިޔައީ އުފަލުންނެވެ. ހަފްލާގައި ލާނެ ހެދުން ތައްޔާރުކޮށް ހުރިހާ ކަމެއް ނިންމައިފިއެވެ. އެހަފްލާގައި އުޅެންވީ ގޮތް ގޭތެރޭއި ޕްރެކްޓިސް ކުރާތާ ކިތަންމެ ދުވަހެކެވެ. އިސްމާއީލަކީ ރަށުގެ ވިޔަފާރިވެރިއަކަށް ވުމުން ކައިވެނި ޕާރޓީގައި ބައިވެރި ވާނެ މީހުން ތަފާތު ވާނެކަން ޒުލޭޚާއަށް އެނގޭތީއެވެ.
ގަޑިން ހަތެއް ޖެހިއިރު ޒުލޭޚާ ހުރީ އެހަފްލާ ބާއްވާ ހޯލުގައެވެ. ކައިވެނީގެ ކަންތައް ފެށެނީ އަށެއް ޖަހާއިރު ނަމަވެސް އަވަހަށް އެތަނަށް ޒުލޭޚާ އައީ ހިތް ތެޅޭވަރުންނެވެ. އިސްމާއީލްގެ މީހަކަށް ވެވޭތީއެވެ. ގަޑިން އަށެއް ޖެހުމާއިއެކު ކައިވެނީގެ ހަފްލާއަށް ވަދެގެން އައީ ކޯޓުގެ ގާޒީއެވެ. ފަހަތުން ދެ އަންހެން ކުދިންވެސް އައިސް މޭޒު ދޮށުގައި އިށީނެވެ. އެމީހުންނަށް ކުރިމަތިވާ ގޮތަށް އިސްމާއީލާއި ޒުލޭޚާ އިށީނީ ޖެހިގެން ހުރި ދެ ގޮނޑީގައެވެ. އެމީހުންގެ ފަހަތުގައި އަރޫމާ އިނީ ވަރަށް އުފަލުންނެވެ. ރަނގަޅު ތަނަވަސް ބައްޕައެއް ލިބުނީތީއެވެ. ކައިވެނީގެ ކަންތައް ނިންމާލުމަށްފަހު އެ ކޮޓަރިން ޒުލޭޚާ އާއި އިސްމާއީލް ބޭރަށް ނިކުތީ އަތް ގުޅާލައިގެންނެވެ. ކައިވެނީގެ އުފަލުގައި ބާއްވާ ކެއުން ތައްޔާރުކޮއްފައިވާ ހޯލަށެވެ. ދަޢުވަތު ދީގެން އައިސް ތިބި މީހުން ޒުލޭޚާގެ ދެމަފިރިންނަށް މަރުހަބާ ކިޔަމުން ދިޔައިރު މުޅި ހޯލު އޮތީ މަރުހަބާގެ އަޑުން ގުގުމާލައިފައެވެ. އަރޫމާވެސް އެމީހުންގެ ފަހަތުން ގޮސް ހޯލުތެރެއަށް ވަނެވެ. އުފާވެރި މާހައުލެއްގައި ޒުލޭޚާ އާއި އިސްމާއީލް އެކި މީހުންނާއި ބައްދަލު ކުރަމުން ދިޔައީ ހިނިތުންވެފައިވާ މޫނަކާއިގެންނެވެ. ހަފްލާ ނިމި އިސްމާއީލާއި ޒުލޭޚާ އަދި އަރޫމާއަށް ގެއަށް އާދެވުނީ ވަރަށް ލަސްވިފަހުންނެވެ. ވެފައިވާ ވަރުބަލިން އެނދުގައި އޮށޯވެލެވުނުކަން އަރޫމާއަށް އެނގުނެވެ. ދެންވީ ގޮތެއް ނޭނގެއެވެ. ހޭލެވުނީ ދޮރުގައި މަންމަ ޓަކިޖެހި އަޑަށެވެ. ސިއްސައިގެން ގޮސް ފާރުގައި ހަރުކޮއްފައި ހުރި ގަޑިއަށް އަރޫމާ ބަލައިލިއެވެ. ގަޑިން ހަތެއް ޖަހަނީއެވެ. ވެފައިވާ ވަރުބަލިން މާބޮޑަށް ނިދުނީއެވެ. އެވެސް ފަތިސް ނަމާދުވެސް ނުކޮށެވެ. މަޑުމަޑުން އެނދުން ތެދުވެގެން ގޮސް ދޮރު ހުޅުވައިލިއެވެ. މަންމަ ހުރީ ސައި ހަދައިގެންނެވެ. އަރޫމާ ލަސްވީމަ ގޮވައިލީއެވެ. އަރޫމާ ފާޚާނާ އަށް ވަދެ އަވަސް އަވަހަށް މޫނު ދޮވެލައިގެން ބޭރަށް ނިކުތެވެ. ކާމޭޒު ދޮށުގައި އިސްމާއީލް އިނެވެ. ކާ ތަކެތި މޭޒުމަތީގައި ތަރުތީބަކުން އަތުރަމުން ޒުލޭޚާ ދިޔައީ ވަރަށް ޝައުގުވެރިކަމާއި އެކުގައެވެ.
"ދަރިފުޅާ ހާދަ ލަސްވީ" އަރޫމާ ފެނުމާއި އެކު ވަރަށް ލޯބިން އިސްމާއީލް އަހައިލިއެވެ.
"ލައްބަ" ލޯބިވާ ބައްޕައެއްގެ ލޯބި ލޯބި ބަސްތައް އަޑުއިވުމުން އަރޫމާގެ ހިތް އުފަލުން ފޮޅުނެވެ.
އަރޫމާ ދިޔައީ މަންމައަށް އެހީތެރިވާށެވެ. ނަމަވެސް މަންމަ ބޭނުންވީ އިސްމާއީލް އެކަނި ވެދާނެތީ އޭނާގެ ގާތަށް އަރޫމާ ފޮނުވާލާށެވެ. މަންމަގެ ބަސްއަހައިގެން ގޮސް އަރޫމާ އިސްމާއީލްގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. އިސްމާއީލްގެ އަގު ހުރި ނަސޭހަތާއި ލޯބި ބަސްތަކުން އަރޫމާއަށް އެހެން ދުނިޔެކަށް އާދެވުނު ކަހަލައެވެ. ބައްޕައެއްގެ ލޯބިން މަހުރޫމް ވެފައިވާ އަރޫމާއަށް އަލުން އެލޯބި ލިބުނު ކަހަލައެވެ. އޯގާތެރި ކަމާއި ހަމްދަރުދީން ފުރިފައިވެއެވެ. ބޭނުން ކޮންމެ ކަމެއް ކަމެއް ކުރުމުގެ އަދި ޚަރަދު ކުރުމުގެ އިޚްތިޔާރު އަރޫމާއަށް ދިނެވެ. އެއްވެސް ކަމަކަށް ދަތި ވެގެން ހުންނާކަށް ނުޖެހޭނެ ކަމަށް ބުނެ ދަރިއަކަށް ދޭނެ އެންމެ ފުރިހަމަ ލޯބި ދޭނެ ކަމަށް ބުނަމުން ދިޔައެވެ.
"ކޮން ފޮންޏެއް މަގޭ ދަރި ގާތުގައި ތި ކަނޑަނީ" ޒުލޭޚާ ރިހަ ބޯތަށި މޭޒުމަތީގައި ބަހައްޓާފައި ގޮސް އިސްމާއީލް ގާތުގައި އިށީނެވެ.
"އަރޫމާ ބޭނުމިއްޔާ އަހަރެންގެ ވިޔަފާރީގެ ތެރޭގައިވެސް އުޅެވޭނެ" އިސްމާއީލް އިތުރު ފުރުސަތުވެސް ހުޅުވަމުން ދިޔައެވެ.
"ނޫން. އަދި އަރޫމާ މަޑުކޮއްލާނީ ގޭގައި. އަހަރެން އުޅޭނަން އިސްމާއީލަށް އެހީވާން" ޒުލޭޚާ ބޭނުންވީ އަރޫމާ ގޭގައި ބައިންދާށެވެ. އަދި އިސްމާއީލްގެ ކަންތަކުގައި ސީދާ ޒުލޭޚާ ބައިވެރި ވުމަށެވެ.
"އޯކޭ. މަންމަ އާއި ބޭބެ އުޅޭ ވިޔަފާރީގައި. އަޅުގަނޑު ގޭތެރޭގެ ކަންތަކުގައި އުޅޭނަން. ގޭތެރެ ހަމައަކަށް އަޅުވަން މަންމައަށް ވުރެ އަޅުގަނޑު މޮޅުވާނެ" އަރޫމާވެސް ހުރީ ވަޒީފާއަކަށް ދާ ހިތަކުން ނޫނެވެ. އަރޫމާވެސް ބޭނުންވަނީ ގޭގައި އިނދެގެން ލާރި ލިބޭ ކަހަލަ ކަމެއް ކުރާށެވެ. އެކަމަކު ނަސީބު އަތުގައި ހިފީ އެއްވެސް މަސައްކަތެއް ނުކޮށް ލާރި ލިބޭނެ ގޮތެކެވެ. ހާސްވާނެ އެއްވެސް ކަމެއް ނެތެވެ. ދެއަތް އުރާލާއިގެން އުފަލުގައި އުޅެންވީއެވެ.
ޒުލޭޚާ އާއި އިސްމާއީލް ސައި ބޮއިގެން ދިއުމުން އަރޫމާގެ ތަށިތަށް ހިފައިގެން ދޮންނަން ހިނގައިގެންފިއެވެ.
"އޭތް މަޑުކޮއްބަލަ. ކޮބާ ކަލޭގެ މަންމަ. ހަނީމޫނުގައި ދޯ" ފަހަތުން މީހަކު ގޮވައިލި އަޑަށް އަރޫމާ ފަހަތަށް އެނބުރި ބަލައިލިއިރު ސިއްތި ބާރު ހިނގުމެއްގައި އާދެއެވެ.
"ކަލޭމެން ދެން މިގެއަށް ނުވަންނާތި. ނިކުމޭ. ނިކުންނާށޭ މި ބުނީ" އަރޫމާއަށް ވުރެ ކުރިން އިސްމާއީލް އެއަށް ޖަވާބު ދިނެވެ. ސިއްތި ވަދެގެން އައި މަންޒަރު ބަލަން އިސްމާއީލް ހުއްޓެވެ.
"ދެން ކަލޭމެން މި ގޯތިތެރެއަށް ވަދެއްޖެއްޔާ ދެފައި ބިންދާލާނަން" ޒުލޭޚާ ސިއްތި އާއި ދިމާލަށް ހިނގައިގަތެވެ. ނަމަވެސް އެކަމަށް ހުރަސްއެޅީ އިސްމާއީލެވެ. ޒުލޭޚާގެ އަތުގައި ހިފެހެއްޓުމުން އޭނަ މަޑުޖެހުނެވެ.
"ކަލޭ ހާދަ ގަދައޭ. ތި ބުނީވިއްޔާ. ދެފައި ބިންދާލާނަމޭ. ދެން އަހަރެންނަށް އެއްވެސް ކަމެއް ނުވާނެ. ދެފައި ބިނދިފައި ތިބޭނީ ގޭގައި" ސިއްތި ދޮރާއްޓާއި ދިމާލަށް ހިނގައިގެންފިއެވެ. އެމަންޒަރު ބަލަން ޒުލޭޚާ ހުރީ ދަތްކުނޑި ވިކިފައެވެ.
"ހުވާ މިބުނީ ދެން މިގޭ ގޯތި ތެރެއަށް ވަދެއްޖެއްޔާ ހޭއަރުވައިލާނަން. އަހަންނެއް ނުހުންނާނަން ބަލަން ބަލަން" ޒުލޭޚާ އޭނަގެ ކެރޭ ވާހަކަ ދައްކަމުން ދިޔައެވެ.
އިސްމާއީލް ޒުލޭޚާ ގޮވައިގެން ގޭތެރެއަށް ވަދެފައި ބޭރަށް ނިކުތީ ފިހާރަށް ގޮސްލުމަށެވެ. ޒުލޭޚާ ވެސް ތަންކޮޅެއް ފަހުން ފިހާރައަށް އައުމަށް ބުނެފައެވެ.
އިސްމާއީލް ދިޔަތާ ގިނައިރެއް ނުވަނީސް ޒުލޭޚާވެސް ބޭރަށް ދާން ހިނގައިގަތެވެ. ގޭގައި އަރޫމާ ހުރުމުން ގޭތެރޭގެ ކަންތައް ކޮއްލަން ހަވާލު ކޮއްފައެވެ. މަންމަ ހިނގައިގަތުމާއި އެކު އަރޫމާ އަވަސްވެގަތީ ކުނި ކަހާ މެންދުރަށް ކެއްކުމަށެވެ. މަންމަމެން މެންދުރަށް ގެއަށް އަންނަންވާއިރަށް މީރު އެއްޗެއް ހެދޭތޯއެވެ. ގޭގައި ހުރި އެއްޗަކުން ކޮންމެވެސް އެއްޗެއް ހަދައިލެވޭތޯއެވެ. އިސްމާއީލްމެން ގެއަށް އަންނަންވާއިރަށް ކޮންމެ ދުވަހަކުވެސް ރަނގަޅު ކާއެއްޗެއް ހަދައިލެވޭތޯ ބެލުމަށް އަރޫމާ ވަނީ އަޒުމް ކަނޑައަޅައިފައެވެ.
"ކޮބާ ދަރިފުޅާ މިއައީ މަސްކޮޅެއް ހިފައިގެން މެންދުރަށް ފިހެލަން" ބަދިގެ ތެރެއަށް ވަންނަމުން އިސްމާއީލް ބުނެލިއެވެ.
"ލައްބަ" އަރޫމާ ވަރަށް އަދަބުވެރިކަމާއިއެކު ބުނެލިއެވެ. އަރޫމާވެސް ހުރީ ކައްކަން މަސްކޮޅަކަށް ބޭނުންވެފައެވެ. ނަމަވެސް އިސްމާއީލްގެ ގާތުގައި ބުނަން ނުކެރުނީއެވެ.
"ދެން ކޮންއެއްޗެއް ހުރީ ހުސްވެފައި ނުވަތަ ބޭނުންވެފައި" އިސްމާއީލް އައިސް އަރޫމާގެ ގާތުގައި ހުއްޓުނެވެ.
"އެހެން ވަކި ބުނާކަށް ނޭނގެ. އެއްޗެއް ބޭނުމިއްޔާ ބުނެލާނަން" އަރޫމާ ޖަވާބު ދިނެވެ. އަދި ބަދިގެ ތެރެއިން ނިކުންނަން ހިނގައިގަތްތަނާހެން އިސްމާއީލް އައިސް އަރޫމާގެ އަތުގައި ހިފެހެއްޓުމުން އަރޫމާ ހުއްޓުނެވެ.
"ކިހިނެއްވީ" އަރޫމާ ހައިރާންވެފައި ހުއްޓެވެ.
"ހަމަ ދަރިފުޅާއި ވާހަކަ ދައްކާލަން. ދެން ހިތަށް އެރީ ދަރިފުޅުވެސް އެންމެ ފްރީ ގަޑިއަކަށް ވާނީ މިގަޑިއޭ. މަންމަވެސް ނެތެއްނު" އިސްމާއީލް އެހެން ބުނުމުން އަރޫމާ އެތާގައި ހުރި ގޮނޑިއެއްގައި އިށީނެވެ. ޖެހިގެން ހުރި ގޮނޑީގައި އިސްމާއީލްވެސް އިށީނެވެ.
"ކޮބާ އިތުރަކަށް ކިޔަވާކަށް ނުވިސްނަންތަ. އެހެންނޫނީ އަހަރެންގެ ވިޔަފާރީގައި އުޅެންވީނު. އެއިރުން އަހަރެންނާއި އެކު ރާއްޖެއިން ބޭރަށްވެސް ދެވޭނެ. ރީތި ތަން ތަން ބަލާލެވޭނެ" އިސްމާއީލް ނަސޭހަތް ދިނެވެ.
"މަންމަ ތިކަމުގައި ބައިވެރި ކުރޭ. މަންމަ ތިކަހަލަ ކަންތަކުގައި އުޅެންވެސް ބޭނުންވާނެ. އެހެން ނޫނަސް ބޭބެއަށްވެސް ފަސޭހަ ވާނީ މަންމަ އުޅުނީމަ. އަޅުގަނޑު ހުންނާނަން މަންމަމެން ބޭރަށް ދިޔައީމަ އެތަން ފޫބައްދަން. އެދުވަސްތަކުގައި ވިޔަފާރީގެ ކަންތަކުގައި އަޅުގަނޑުގެ އެހީތެރިކަން ލިބޭނެ" އަރޫމާގެ ޚިޔާލު ހިއްސާ ކުރިއެވެ. އެހެން ނަމަވެސް އިސްމާއީލް ބޭނުންވީ އަރޫމާވެސް ވިޔަފާރީގެ ތެރެއަށް ވެއްދުމަށެވެ. އެއީ އިތުރަށް ލިބިގެންދާނެ ފަސޭހައެއް ކަމަށް ވާތީއެވެ. އަރޫމާގެ އެހީތެރިކަން ލިބިއްޖެއްޔާ ވިޔަފާރީގައި އިތުރަށް ކުރިއަށް ދިއުމަށް މަގު ފަހިވާނެއެވެ.
"ކޮބާ އެއްކަލަ އައިގޮތަށް ގޭގައި ދޯ" އިސްމާއީލް ސިއްސައިގެން ދިޔައީ ޒުލޭޚާގެ އަޑަށެވެ.
"މިއައީ މަސްކޮޅެއް ހިފައިގެން މެންދުރަށް ފިހެލަން" ޒުލޭޚާ އައިސް އިސްމާއީލްގެ ކޮނޑުގައި އަތް ބާއްވާލުމުން އިސްމާއީލް ބުނެލިއެވެ.
"މިހާރު މި ކިޔަނީ އިތުރަށް ކިޔަވަންވީ ނޫންހޭ. ނުވަތަ އަހަރެމެންނާއި އެކު ވިޔަފާރީގައި އުޅެންވީ ނޫންހޭ. އެކަމަކު އެކަމާއި އެއްބަސް ނުވެގެން މި އުޅެނީ" އިސްމާއީލް ބުނެލިއެވެ.
"ކީއްކުރަން އޭނަ ބޭނުން ނުވާ ކަމެއް އޭނަ ލައްވާ ކުރުވަންވީ ދޯ ދަރިފުޅާ" އެހެން ބުނެފައި އިސްމާއީލްގެ އަތުގައި ހިފައިގެން ޒުލޭޚާ ގޭތެރެއަށް ދާން ހިނގައިގަތެވެ.
= ނުނިމޭ =