ސަލާމްލެއްވި އިބްރާހީމްގެފާނު، އެކަލޭގެފާނުގެ ގެކޮޅަށް ޒިޔާރަތްކުރި މެހްމާނަކަށް ކަންތައް ކުރެއްވި ގޮތާމެދު ﷲ ގެ ޢިތާބު އެކަލޭގެފާނަށް ރައްދުވިއެވެ. އެއީ އެކަލޭގެފާނުގެ މެހްމާންދާރީ އެ މީހާއަށް ނުލިބުނީ އޭނާ މާތް ﷲ އަށް އީމާންވުމަށް އިންކާރުކުރުމުގެ ސަބަބުންކަމުގައި ވުމުންނެވެ. އިބްރާހީމްގެފާނަށް ވަޙީކުރެއްވުނެވެ. ކަލޭގެފާނުގެ މެހްމާންދާރީކަމުގެ ދަށުގައި އެންމެ ރެއެއް ހޭދަކޮށްލުމުގެ ބަދަލުގައި ކަލޭގެފާނުގެ އަރިހަށް ޒިޔާރަތްކުރި މީހާގެ ދީން ބަދަލުކުރުމަށް ކަލޭގެފާނު އެދިވަޑައިގަންނަވަނީ ތޯއެވެ؟ ތިމަންކަލާނގެ ސާޅީސް އަހަރުވަންދެން އޭނާއަށް ރިޒުޤު ދެއްވީމެވެ. ތިމަން ކަލާނގެއަށް އީމާންނުވާ ކާފަރެއްގެ ގޮތުގައި ހުއްޓައެވެ.
ދެން އިބްރާހީމްގެފާނު ކަންތައް ކުރެއްވީ ކިހިނެއްތޯއެވެ؟ ދުވެވަޑައިގެން އެމީހާ ހޯއްދެވިއެވެ. އެ މީހާ ސުވާލު ދެންނެވިއެވެ. ކަލޭގެފާނުގެ ވިސްނުންފުޅު ތިމަންނައާމެދު ބަދަލުވީ ކޮން ސަބަބަކާ ހުރެތޯއެވެ؟ އިބްރާހީމްގެފާނު ވިދާޅުވިއެވެ. ތިބާއާމެދު ތިމަންކަލޭގެފާނު ކަންތައް ކުރެއްވި ގޮތާމެދު މާތް ﷲ ޢިތާބުގެ ބަސް ވަޙީކުރެއްވިއެވެ. ތިމަންކަލޭގެފާނަށް ކަންތައް ކުރެއްވުނީ ރަނގަޅަށް ނޫންކަން އެނގިވަޑައިގެންފިއެވެ. ދެން އެ މީހާ ދެންނެވިއެވެ. ކަލޭގެފާނުގެ އިލާހު ކަލޭގެފާނަށް ޢިތާބު ރައްދުކުރެއްވީ ތިމަން ފަދަ އީމާން ނުވާ އިންސާނަކާ މެދުތޯއެވެ؟ ކަލޭގެފާނަކީ ރަސޫލަކުކަމުގައި ވާއިރުވެސް ތޯއެވެ؟ ތިޔަ ބަސްފުޅުން އެނގެނީ ކަލޭގެފާނުގެ އިލާހުގެ މާތްކަމާއި މަތިވެރިކަމެވެ. ޢަދުއްވަކަށް ރަޙްމުކުރައްވައި، އެންމެ ލޯބިވާ ފަރާތްތަކަށް ޢިތާބު ވަޙީކުރައްވާ ޢަދުލުވެރި އިލާހެކެވެ. ކަލޭގެފާނުގެ އިލާހަށާއި ކަލޭގެފާނަށް ތިމަން އީމާންވެއްޖައީމެވެ.
ދެމަފިރިންގެ ޙަޔާތުގައި މިފަދަ ވާޤިޢާތަކުން ނެގޭނެ ފިލާވަޅުތައް ވަރަށް ގިނައެވެ. އަޅުގަނޑުމެން މުސްލިމް ޢާއިލާތަށް ޚަރާބުވެގެން ނުދިއުމަށްޓަކައި ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ގެތަށް ބިނާކުރެވެނީ ކުލުނާއި އަޅާލުމުގެ މައްޗަށެވެ. ލޯތްބާއި ހަމްދަރުދީއާއި، އޯގާތެރިކަމާއި، ކުލުނު ނެތިއްޖެނަމަ ގެތަށް ސުންނާފަތި ވެގެން ހިނގައިދާނެއެވެ. އެހެންވުމުން ޢާއިލާތަކަށް ބުނަންއޮތީ ﷲ ގެ ބަސްފުޅެވެ. ﴿وَعَاشِرُوهُنَّ بِالْمَعْرُوفِ ۚ ﴾ (އައްނިސާއު: 19) މާނައަކީ، އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ!
ތިޔަ ހީކުރާ އިޝްޤީ ލޯބި ދެމަފިރިންގެ ދެމެދުގައި ނެތްނަމަ ވެސްމެއެވެ. އަނބިމީހާ ދެކެ ލޯބި ނުވެވޭ ސަބަބަކީ ޖިންސީ ޣަރީޒާއަށް އަސަރުކޮށްލާފަދަ ރީތިކަމެއް ނެތުން ކަމަށްވެސް ވެދާނެއެވެ. އެހެންކަމުގައިވާނަމަ ﷲ އަންހެނާ ހެއްދެވި ބޭނުންވެސް ނޭނގުނީއެވެ. އަނބިމީހާއަކީ ފިރިހެނާގެ ޖިންސީ ޣަރީޒާ ހޭލައްވާ މީހަކަށް ވުން ލާޒިމެއް ނޫނެވެ. ނަމަވެސް އަނބިމީހާ ވާންޖެހެނީ އެ ޣަރީޒާ ހޭލާއިފިނަމަ އެ ޣަރީޒާ މައިތިރިކޮށްދޭ މީހަކަށެވެ. ބުޚާރީއާއި ތާރީޚުލް ކަބީރު މި ދެފޮތުގައި ވެސް ބަޔާންކުރައްވާފައިވާ ޞައްޙަ ޙަދީސްފުޅެއްގެ މާނައިގައި ވެއެވެ. [ތިޔަބައި މީހުންގެ ތެރެއިން މީހަކަށް ރީތި އަންހެނަކު ފެނިގެން ހިތްކިޔައިފިނަމަ އެ މީހެއްގެ އަނބިމީހާ ގާތަށް އައިސް ބޭނުން ފުއްދާހުށިކަމެވެ.
މާތް ﷲ ރުއްސުން ލެއްވި ޢުމަރުގެފާނުގެ އަރިހަށް އައިސް މީހަކު ދެންނެވިއެވެ. ތިމަންގެ އަނބިމީހާ ދެކެ ފޫހިވެއެވެ. ބޭނުންވަނީ އޭނާ ވަރިކުރާށެވެ. ޢުމަރުގެފާނު އޭނާއަށް ވިދާޅުވިއެވެ. ޢާއިލާތައް ބިނާކުރެވެނީ ލޯތްބާއި ކުލުނުގެ މައްޗަށް ނޫންހެއްޔެވެ؟ އަޚުލާޤު ކޮބައިހެއްޔެވެ؟ އެ ފިރިހެނާ ހީކޮށްގެން ހުރީ މުޅި ޢުމުރު ވެސް އޭނާގެ ހިތުގެ ވިންދުތައް އަވަސްކޮށްލާފަދަ ޅަނދޮޅުކަމުގައި އަނބިމިހާ ހުންނާނެ ކަމަށްހެއްޔެވެ؟ އަނބިމީހާއާއި ފިރިމީހާ ގުޅުވައިދޭ އެތައްކަމެއް ވާކަން ޢުމަރުގެފާނުގެ ބަސްފުޅުން އެނގިގެން ދެއެވެ.
ﷲ ގެ ވަޙީ ބަސްފުޅުގައިވަނީ މިފަދައިންނެވެ. ﴿فَإِن كَرِهْتُمُوهُنَّ فَعَسَىٰ أَن تَكْرَهُوا شَيْئًا وَيَجْعَلَ اللَّهُ فِيهِ خَيْرًا كَثِيرًا﴾ (އައްނިސާއު: 19) މާނައަކީ، ފަހެ، ތިޔަބައިމީހުން އެކަނބަލުންނާ ނުރުހުންތެރި ވެއްޖެނަމަ ދަންނާށެވެ! ބައެއްފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުން ވެދާނެއެވެ. އަދި، އެ އެއްޗެއްގައި ﷲ ގިނަވެގެންވާ ހެޔޮކަން ލައްވައިފާނެތެވެ.
ތިމާ ހިތްނޭދޭ ކަމެއް ތިމާގެ އަނބިމީހާގެ ފަރާތުން ފެންނައިރު ހިތްހަމަޖެހޭނެ އެތައްކަމެއް ފެންނާނެކަން ހަދާންކުރަންޖެހެއެވެ. އޭނާގެ އިޙްސާންތެރިކަމާއި ކެތްތެރިކަމުން ލިބިފައިވާ ފައިދާތަކަށް ނުބަލަންވީ ކީއްވެހެއްޔެވެ؟ އެހެންވުމުން އަނބިމީހާއަކީ ތިމާ މައިތިރި ޙާލަތުގައި ހުއްޓާ ތިމާގެ ޣަރީޒާތައް ހޭލައްވާލާ ފެޝަން ޝޯވއެއްގެ ބައިވެރިއަކަށް ވާކަށް ނުޖެހެއެވެ. ޠަބީޢަތުގައި ވެސް އަނބިމީހާ ވާންޖެހެނީ ތިމާ މައިތިރިކުރާ ފޭރާމަކަށެވެ.
އަނބިމީހާއަކީ ތިމާގެ ޣަރީޒާގެ އަލިފާން ރޯކުރާ ހަކަތައަކަށް ވާން އެދޭނަމަ ބޭނުންވެގެން އެ އުޅެވެނީ އަންބެއް ނޫނެވެ. ޖިންސީ އެދުންތަކުގެ ބޭނުމުގައި ގެންގުޅެން ބޭނުންވާ ބައިވެރިއެކެވެ. އަނބިމީހާއަކީ ދިރިއުޅުމުގެ ވަރަށްގިނަ ކަންކަމުގެ ޙިއްޞާދާރެކެވެ. ކޮންމެ ކަމެއްގައި ފިރިމީހާގެ ބައިވެރި، އެކުވެރިއެކެވެ. ތަފާތު 'އެންގަލް' ތަކަކުންނެވެ.
މާތް ﷲ ގެ ފަޟްލުވަންތަކަން އަޅުތަކުންނަށް ބައްސަވާފައިވަނީ އެކި ދާއިރާތަކުންނެވެ. އެކަކަށް ޖިސްމާނީ ރީތިކަން ދެއްވިއިރު އަނެކަކަށް ބުއްދިވެރިކަން ދެއްވިއެވެ. އެކަކަށް ޙިކްމަތްތެރިކަން ދެއްވިއިރު އަނެކަކަށް އަމާނާތްތެރިކަން ދެއްވިއެވެ. އެކަކަށް ވަފާތެރިކަން ދެއްވިއިރު އަނެކަކަށް ދީލަތިކަން ދެއްވިއެވެ. ތިމާ ޢަދުލުވެރިވާން ބޭނުންނަމަ މި ހުރިހާ ދާއިރާތަކާމެދު ވެސް ވިސްނުން ބަހައްޓަންޖެހެއެވެ.
އަނބިމީހާއަށް ބަލަނީ ތިމާގެ ޣަރީޒާތައް ފުއްދަން ހުރި ބައިވެރިއެއްގެ ގޮތުގައިކަމުގައި ވާނަމަ އަނބިމީހާގެ އަގު ވަޒަންކުރާނެ ގޮތް ނޭނގުނީއެވެ. [ބައެއްފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުން ވެދާނެއެވެ. އަދި، އެ އެއްޗެއްގައި ﷲ ގިނަވެގެންވާ ހެޔޮކަން ލައްވައިފާނެތެވެ.] މި ބަސްފުޅަށް ބަލާށެވެ! ފޫހިވެ ނަފްރަތު ކުރެވެއެވެ. ފަހަރެއްގައި ނަފްރަތު ކުރަނީ ޙައްޤު ސަބަބެއް އޮވެގެން ކަމަށް ނުވަތަ ޙައްޤު ސަބަބެއް ނެތިކަމަށްވެސް ވެދާނެއެވެ. ނަމަވެސް ފޫހިވެ ނަފްރަތު ކުރާ ކަމަކާ މެދު ﷲ ވަޙީކުރައްވާފައިވަނީ އެ އެއްޗެއްގައި ﷲ ގިނަވެގެންވާ ހެޔޮކަން ލައްވައިފާނެ ކަމަށެވެ.
އަނބިމީހާ ދެކެ ނަފްރަތު ކުރާކަމަކީ ދީނީ ސަބަބެއް ނޫން އެހެން ސަބަބަކާ ހުރެކަމުގައިވާނަމަ، އެކަމެއްގެ މައްޗަށް ކެތްތެރިވުމުން އޭގެ ބަދަލުގައި މާތް ﷲ އޭނާއަށް ދެއްވާނެ އެތަކެއް ރަނގަޅު ކަންތައްތަކެއް ހުރެދާނެއެވެ.
ތިމާ ހިތް ނޭދޭކަމަކުން ވެސް ތިމާއަށް ހެޔޮގޮތާއި މޮޅުގޮތް ވެދާނެކަމަށް އަންގަވާފައިވާ އިސްވެ ދެންނެވުނު އާޔަތުގައިވާ ޙުކުމް ޚާއްސަވެފައިވަނީ ޢާއިލީ ކަންތައްތަކަށް ކަމުގައި ވިޔަސް މިއީ ޢާއްމުވެގެންވާ ޙުކުމެކެވެ. ތިމާ ނުރުހޭ ކިތަންމެ ކަމެއްގައި ތިމާއަށް ފައިދާހުރި ގޮތްތައް ﷲ ލައްވާފައި ވެދާނެއެވެ.
އަދި އެގޮތަކީ ތިމާއަށް ރަނގަޅު ކަމެއް ކަމަށް ހީވާކަމެއްގައި ތިމާއަށް ގެއްލުމާއި ދެރަގޮތްވެސް މެދުވެރިވެދާނެއެވެ. މިކަމުގައި ކަންކުރަންޖެހޭ ގޮތަކީ ޢުމަރުގެފާނު ދަސްކޮށްދެއްވި ފަދައިން ތިމާގެ އަޚުލާޤާއި ހެޔޮވިސްނުން އިސްކުރުމެވެ. އެއީ ޢާއިލާތައް ކާމިޔާބުވުމަށް އޮތް އެންމެ ހެޔޮމަގެވެ.