ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކާނާ ކެއުމުގެ އިތުރަށް ދުޅަހެޔޮ ސިއްހަތަކަށް ކާންޖެހޭ ރަނގަޅު ކާނާ ކެއުމަށް ސަމާލުވާންޖެހެއެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި އިންސާނާގެ ހަށިގަނޑަށް ބޭނުންވާ މާއްދާ ލިބިދޭ ކާނާ ކެއުންވެސް މުހިއްމެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް ރަނގަޅު ކާނާ ހިމެނޭ ބާވަތް ބޭނުންކުރުމުގައި ސަމާލުކަން ދޭންޖެހެއެވެ. ހިކެން ބޭނުންވާ މީހަކުނަމަ 3 އިރުގެ ބަދަލުގައި 1 އިރު ކެއުމުން އެއީ އެންމެ ރަނގަޅު އަދި ސިއްހީގޮތުން އެންމެ ފައިދާހުރި ގޮތެއް ނޫނެވެ. 3 އިރު ކެއުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއްއިރުގެ ކެއުންވެސް ނުކައި ދޫކޮށްލައިފިނަމަ ދިމާވެދާނެ ސިއްހީ މައްސަލަތައްވެސް ގިނައެވެ.
3 އިރު ކެއުމުގެ ބަދަލުގައި 1 އިރު ނުވަތަ 2 އިރު ކާނަމަ ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި ބްލަޑް ޕްރެޝަރ މަތިވުން ނުވަތަ ޝުގަރ ލެވެލް ދަށްވުން ކަހަލަ ކަންކަން ހިމެނެއެވެ. ނުކައި މާގިނައިރު ހުރެފައި މާބޮޑަށް ބަނޑުހައިވެ ހުރުމުގެ ސަބަބުން އެއްފަހަރާ މާގިނައިން ކެއުމުން ދެން ދިމާވާނެ މައްސަލަތައްވެސް ހުރެއެވެ. ނުކައި ގިނައިރު ހުރުމަށްފަހު ކެއުމުން ގޭސްވުމުގެ މައްސަލަވެސް ދިމާވެއެވެ. އަދި ހިކެން ބޭނުންވާ މީހެއްނަމަ އެއްފަހަރާ މާގިނައިން ކެއުމުގެ ސަބަބުން ކެވޭ މިންވަރު އިތުރުވެގެންވެސް ދެއެވެ. އެގޮތަށް ކެއުމުން ހަށިގަނޑު ލޮޑުވެ ހަށިގަނޑަށް އުދަގޫވެސް ވެއެވެ.
ކެއުން ބައްޓަންކުރާ ގޮތުން މީހާގެ މިޒާޖަށްވެސް ބަދަލު އާދެއެވެ. ގިނައިރު ނުކާ ހުރުމުގެ ސަބަބުން ކޮންމެވެސް އެއްޗެއް ކަވައިގަނެގެން ކުދި ކުދި އެއްޗެހި ކެވެއެވެ. މިހެން ކެވޭއިރު ގިނަފަހަރަށް ކެވެނީ ސިއްހީގޮތުން ގެއްލުން ހުރި އެއްޗިއްސެވެ. ދަޅުގައި ބަންދުކޮށްފައި ނޫނީ ޕެކެޓުގައި ބަންދުކޮށްފަ ހުންނަ ތައްޔާރީ ކާނާއެވެ. ނޫންނަމަ ޗޮކްލެޓް ކަހަލަ އެއްޗެކެވެ. މިގޮތަށް ކާން ފެށުމުން މާބޮޑަށް ފަލަވާން ފަށައެވެ. ކާގަޑީގައި ރަނގަޅަށް ކައިގެން ހުންނަނަމަ މިކަހަލަ މައްސަލަތައް ދިމާވުން މަދުވެއެވެ. މާބޮޑަށް ބަނޑުހައިވުމުގެ ސަބަބުން ރުޅިގަދަވެ ކުރަން ބޭނުންވާ ކަންކަން ރަނގަޅަށް ނުކުރެވޭ ފަހަރުވެސް ދިމާވެއެވެ.
ބައެއް މީހުންނަށް ދިމާވާ މައްސަލައަކީ 3 އިރު ކެއުން އޮންނަނީ ބުރައަކަށް ވެފައެވެ. ނުވަތަ 3 އިރު ކާނެ އެއްޗެހި ތައްޔާރުކުރުމަކީވެސް ބައެއް މީހުންނަށް ބުރައެކެވެ. އޮފީހެއްގައި މަސައްކަތް ކުރަމުން އާއިލާއަކާ ކުދިން ބަލަހައްޓަމުން ހުރިހާ ކަމަކަށް ވަގުތު ނުދެވެމުގެ ސަބަބުން ބައެއްފަހަރު ކާންވެސް ހަނދާން ނެތޭ މީހުން އުޅެއެވެ. އެހެންނަމަވެސް ތިމާގެ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ޕްރޮޓީންސް މިނަރަލްސް، ވިޓަމިންސްގެ މާއްދާ ލިބެނީ އެގޮތަށް ކެއުން ބައްޓަން ކުރެވިގެންނެވެ. މިންހެޔޮ ކެއުމެއް ކާނަމަ ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓި ތަފާތު ބަލިތަކުން ރައްކާތެރިވެ ހުރުމަށްޓަކައި ރަނގަޅު 3 މީލްގެ ބޭނުން ވަރަށް ފުރިހަމައަށް ހިފަންޖެހެއެވެ. މިޒަމާނަކީ ކޮލޮސްޓްރޯލްއާއި ހަކުރުބަލީގެ އިތުރުން މާބޮޑަށް ފަލަވުން ފަދަ ސިއްހީ މައްސަލަތައް ގިނަ ޒަމާނަކަށް ވާތީ މިންހެޔޮ ކެއުމެއް ވަރަށް މުހިއްމެވެ.
މައުލޫމާތު: ސީނެޓް. ކޮމް/ހެލްތް/ ނިއުޓްރިޝަން