ކުޑަކުދިންނަށް ކާންދިނުމަށް ބޭނުންކުރާ ތަފާތު ބަކުން ދިވެހިން އަމިއްލައަތުން ތައްޔާރުކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް ވިއްކަމުންދާއިރު، ސޯޝަލް މީޑިއާގައި އެންމެހިނގާ އެއް ޕޭޖަށް 'ކޮއްކޮގެ ބަކުން' މި ޕޭޖް ވާނެއެވެ. 14000 އެއްހާ ލައިކް ހުރި މިޕޭޖް މެދުވެރިކޮށް ކުޑަކުދިންނަށް ބަކުންގެ ގޮތުގައި ކާންދެވިދާނެ 50އަށް ވުރެ ގިނަ ބާވަތް ދަނީ ވިއްކަމުންނެވެ. މިޕޭޖްގެ ވެރިފަރާތަކީ ކޮބައިތޯ ބަލާލުމުގެ ޝައުޤު އުފެދުނީ އެހެންވެގެންނެވެ.
'ކޮއްކޮގެ ބަކުން' ހިންގަމުން ގެންދާ ޒުވާން މަންމަ ޅ.ނައިފަރަށް އުފަން އައިމިނަތު މުޝްރިފާ 'ޒީޓައިމްސް' އަށް ވަނީ މި ވިޔަފާރި ފެށުނުގޮތް ހިއްސާކޮށްފައެވެ. "އަޅުގަނޑުގެ 3ވަނަ ދަރިފުޅު ވިހައިގެން ކާންދޭން ފަށަންވާއިރަށް ބެލިން ދަރިފުޅަށް ރަނގަޅު ކާނާ ތައްޔާރު ކުރާނެ ގޮތްތައް. ދޮށީ ދެބެއިންނަށް އުދަގޫވި ތަފާތު އެއްޗެހި ކާންދޭން. ކުޑަދަރިފުޅަށް ހުރިހާ ބާވަތެއްގެ ކާއެއްޗެހިވެސް ދޭން ބޭނުންވާތީ ތަފާތު އެއްޗެހި ތައްޔާރުކޮށްފަ ދޭންފެށީ. ވަރަށް ކުރާހިތްވާ މަސައްކަތަކަށް މިކަންވީ. ވަޒީފާއަށް ދާ މަންމައިންނަށް ނޫނީ ބުރަކޮށް ގޭތެރޭގައި އުޅޭ މަންމައިންނަށް ފަސޭހަވާނެތީ މިގޮތަށް ކުޑަކުދިންގެ ބަކުން ތައްޔާރުކޮށްފަ ވިއްކަންފެށީ"
2020ވަނަ އަހަރު ފެބުރުއަރީ މަހުގަ މާލޭގައި ފެށި 'ކޮއްކޮގެ ބަކުން' ޕޭޖްގައި ކުޑަކުދިންގެ ބަރުދަން އިތުރުކުރުމަށް ދެވިދާނެ ބާވަތްތަކާއި، ތަފާތު އެކިބާވަތްތަކުގެ އުފެއްދުންތައް ލިބެން އެބަހުއްޓެވެ. މީގެތެރޭގައި އެންމެގިނަ މީހުން ގަންނަނީ "ހެލްތު މިކްސް، މަލްޓި ގުރެއިން، އޯޓް މީލް ބަކުން" މިބާވަތްތައް ކަމަށް މުޝްރިފާ ވަނީ ބުނެފައެވެ.
ކުޑަ ދަރިފުޅަށް ކާއެއްޗެހި ދޭއިރު އެއެއްޗަކީ ކިހިނެއް ތައްޔާރުކޮށްފަ ހުރި ކިހާވަރެއްގެ ފައިދާއެއް ލިބޭ އެއްޗެއްތޯ ބެލުން މުހިއްމެވެ. މުޝްރިފާ ވިއްކާ ބާވަތްތަކާ ގުޅޭ ގޮތުން ސުވާލު ކޮށްލުމުން ބުނީ 4މަސް ދުވަސް ވަންދެން ހަލާކުނުވެ ޕައުޑަރ ބެހެއްޓޭ ކަމަށެވެ. ސިރަޕް 2 ހަފްތާވަރު ބެހެއްޓޭއިރު ވިއްކާ އެއްޗެހީގެ ފެންވަރު ހިފަހައްޓަން އަބަދުވެސް މަސައްކަތްކުރާ ކަމަށްވަނީ ބުނެފައެވެ.
" މަންމައިންގެ ކޮމެންޓްސް ވަރަށް ރަނގަޅު. ބައެއްފަހަރު އުފަލުންރޮވޭ މަންމައިން އުފަލުން ބުނާ އެއްޗެހިން. ވަރަށް އުފާވޭ އެވަރަށް އިތުބާރުކުރާތީ. މާލޭގެ ހުރިހާ ހިސާބަކަށް ޑެލިވަރީކޮށްދެން. އަދި ރަށްރަށަށް ވެސް ފޮނުވަދެން އޯޑަރ ލިބޭވަރަކުން" އުފަލުންހުރެ މުޝްރިފާ ހިއްސާކުރިއެވެ.
އަހަރެއްހާ ދުވަސްތެރޭގައި ވިޔަފާރީގައި ބޮޑު ކުރިއެރުމެއް ލިބުމުން 'ކޮއްކޮގެ ބަކުން' އިން އެއްޗެހި ގަންނަ ފަރާތްތަކަށް މުޝްރިފާ ވަނީ ޚާއްސަ މެސެޖެއް ދީފައެވެ. "އަޅުގަނޑު ވިއްކާ ބާވަތްތައް ގަންނަ މަންމައިންނަށް ޝުކުރު ދަންނަވަން. ތިޔަ މަންމައިންގެ ހިތުގެ ފިނިކަން ކަމުގައިވާ ތުއްތު ތުއްތު ދަރިންނަކީ ހަމަ އަޅުގަނޑުގެ ދަރިންގޮތަށް ދެކެނީ. އެކުދިންނަށް ތައްޔާރު މިކޮށްދޭ ކުޑަކުދިންގެ ބަކުން އަކީ ވަރަށް ލޯބިން ތައްޔާރުކުރާ އެއްޗެއް"
އުމުރުން 2 އަހަރުގެ ކުދިން ތަފާތު ފައިދާހުރި ބާވަތްތައް ކެއުމުގައި ބޭނުންކުރާ މިންވަރު މަދުވުން މިއީ ވަރަށްގިނަ މަންމައިންގެ ޝަކުވާއެއްކަން ސޯޝަލް މީޑީއާ ބަލާލުމުން ފާހަގަވެއެވެ. މިފަދަ މަންމައިންނަށް ކުޑަކުދިންގެ ބަކުން ތައްޔާރުކުރާ މީހެއްގެ ހައިސިއްޔަތުން މުޝްރިފާ ބުނީ "އެކި ކުދިން ކާނީ އެކިއެއްޗެހި އެކި މިންވަރަށް. އެއްފަހަރު ނުކެއީމަ އެބާވަތެއް ނުދީ ހުއްޓާލުމުގެ ބަދަލުގައި އެކިގޮތްގޮތަށް ނުކާންއުޅޭ ބާވަތް ބޭނުންކޮށްގެން ކާއެއްޗެހި ތައްޔާރުކޮށްފަ ދޭން މަސައްކަތްކުރާށޭ. ދަޅުގަ ބަންދުކޮށްފަ ހުންނަ އެއްޗެހީގެ ބަދަލުގައި ފައިދާހުރި ކާނާ ދެވޭތޯ ބަލާށޭ" މިހެންނެވެ.